އެމެރިކާ

ނިއުޔޯކްގެ ގްރައުންޑް ޒީރޯ އާއި ގާތުގައި މިސްކިތެއް ބިނާކުރެވެނީ

އިބްރާހީމް ނާޒިމް

2001 ސެޕްޓެމްބަރ 11ވަނަ ދުވަހު އެމެރިކާ އަށް 'ޓެރަރިސްޓް' ހަމަލާ ދެވުނު ތަނާއި އެހާ ގާތުގައި އިސްލާމީ މަރުކަޒެއް ބިނާކުރުމަކީ ފަހަރުގައި އެތަކެއް ޣައިރު މުސްލިމުން ނުރުހޭނެ ކަމަކަށް ވެދާނެ އެވެ. އެހެންނަމަވެސް މިކަން ކުރާ ފަރާތުން ބުނަނީ މިއީ ކޮންމެހެން ބޭނުން ކަމެއް ކަމަށެވެ. މީގެ ބޭނުމަކީ އެމެރިކާ އަށް ދެވުނު މި ބިރުވެރި ހަމަލާ އާއި ގުޅިގެން މުސްލިމުންނާ ދެކޮޅަށް ހިންގޭ ދަތިކުރުންތައް ނައްތާލަން މަސައްކަތްކުރުމެވެ.

މުސްލިމް ވިޔަފާރިވެރިންގެ ބަޔަކު މިހާރު ވަނީ ނިއުޔޯކްގެ ގްރައުންޑް ޒީރޯ އާއި ވަރަށް ގާތުގައިވާ ބިމެއް ގަނެފަ އެވެ. ގްރައުންޑް ޒީރޯ އަކީ ކުރިން ވޯލްޑް ޓްރޭޑް ސެންޓަރގެ އުސް ދެ ޓަވަރު ގޮއްވާލުމާއި ގުޅިގެން މިހާރު ސާފުކޮށްފައި އޮތް ބިމެވެ. އެތަނުގައި އަލުން އެފަދަ ދެ ޓަވަރު ބިނާކުރުމަށް މިހާރު ވަނީ ޕްލޭނެއް އެކުލަވާލެވިފަ އެވެ. ނިއުޔޯކް ޓައިމްސް ބުނާގޮތުގައި މިދިޔަ ޖުލައިމަހު މުސްލިމް އިންވެސްޓަރުންގެ ބަޔަކު ވަނީ މިސްކިތް އަޅަން ބޭނުންވާ ބިން ގަނެފަ އެވެ. އެތަނުގައި އެބައިމީހުން ޤަޞްދުކުރަނީ އިސްލާމީ ޘަޤާފަތް ދައްކުވައިދޭ މަލްޓިމިލިޔަން ޑޮލަރުގެ ބޮޑު މަރުކަޒެއް ބިނާކުރާށެވެ.

މި ބިނާކުރެވޭ އިސްލާމީ މަރުކަޒުގައި ރަނގަޅު ފެންވަރަކަށް ތަޢުލީމް ދިނުމުގެ އިތުރުން، ފަންނީހުނަރުތައް ދަސްކޮށްދިނުމާއި، ހުއްދަގޮތުގައި ކުޅިވަރުކުޅުމާއި، މުނިފޫހިފިލުވުމުގެ ކަންތައްތައް ހަމަޖެހިގެންދާނެ އެވެ. މިތަނުން ފަސޭހަތައް ލިބިގަންނާނީ ހަމައެކަނި މުސްލިމުންނެއް ނޫނެވެ. ނިއުޔޯކްގެ އެންމެހައި ރައްޔިތުންނެވެ. މި މަސައްކަތުގައި ޙަރަކާތްތެރިވާ މީހެއް ކަމުގައިވާ ޝަރީފް ޖަމާލް ނޫސްވެރިންނަށް މަޢުލޫމާތު ދެމުން ބުނެފައި ވަނީ އެތަނުގައި އިސްލާމީ މަރުކަޒެއް ބިނާކުރުމަކީ ސެޕްޓެމްބަރު 11ގެ ހަމަލާގެ ކުރިންވެސް ކުރަން ހަމަޖެހިފައި އޮތްކަމެއް ކަމުގަ އެވެ. ޝަރީފް ބުނާގޮތުން ސެޕްޓެމްބަރު 11ގެ ހަމަލާގެ ކުރިން ވެސް މި ޕްރޮޖެކްޓް ވަނީ ފެށިފަ އެވެ. ފުރަތަމަ ޚިޔާލުކުރެވުނީ ހަމައެކަނީ މިސްކިތެއް ބިނާކުރަންކަމަށާއި ނަމަވެސް ފަހުން މިސްކިތް ވެސް ހިމެނިގެން މިފަދަ މަރުކަޒެއް ބިނާކުރަން ނިންމީ ކަމުގަ އެވެ. ސަބަބަކީ މެންހަޓަންގެ އެ ސަރަހައްދުގައި ގިނަ އަދަދަކަށް މުސްލިމުން ދިރިއުޅެމުންދާތީ އެވެ. އަދި އެ ހިސާބުގައި ރަނގަޅު ފެންވަރެއްގެ މިސްކިތެއް ނެތުމުގެ ދަތި އިޙުސާސްކުރަންޖެހޭތީ އެވެ. މިކަމާއި ގުޅިގެން ޕްރެސް ޓީވީ އިން ބުނެފައި ވަނީ ގްރައުންޑް ޒީރޯ އާއި އެހާ ގާތުގައި މިސްކިތެއް ހުރުމުން ޙަޤީޤަތުގައި ވެސް އިސްލާމް ދީނުގެ ހައިބަތު ރަމްޒުކޮށްދޭ ކަމުގަ އެވެ.

ކިތަންމެ ބަޔަކު ދެކޭގޮތުގައި ދުނިޔޭގެ އެތަންމިތަނުގައި މުސްލިމުން އެމެރިކާގެ ބާރުތަކާއި ދެކޮޅަށް ހަނގުރާމަކުރަމުން ދާތީ އެއީ ހައްދުފަހާއެޅުން ކަމުގައި ދެކޭ އެމެރިކާގެ ރައްޔިތުން މުސްލިމުންނާ މެދު ތަފާތުކުރުންތަކެއް ގެންގުޅޭތީ އެބައިމީހުންނަށް ވިސްނާދިނުމަށް މިއީ ރަނގަޅު ފިޔަވެޅެކެވެ. އެމެރިކާގައި މުސްލިމުން ކުރިއެރުވުމަށް މަސައްކަތްކުރާ ޖަމިއްޔާއެއްގެ ޑައިރެކްޓަރ ޑެއިސީ ކާން ބުނާގޮތުން މި ޕްރޮޖެކްޓަށް މުސްލިމުން ނޫން މީހުންގެ ފަރާތުން ވެސް އެއްބާރުލުން ލިބެމުންދެއެވެ. ކާން ޤަބޫލުކުރާ ގޮތުގައި އެހެން މީހުންނަށް (ޣައިރު މުސްލިމުންނަށް) އިސްލާމް ދީނުގެ މެސެޖް ފޯރުކޮށްދިނުމަށް މިއީ ހަމަ އެންމެ ރަނގަޅު ގޮތެވެ. މިކަމުން ނިއުޔޯކްގައި ދިރިއުޅޭ މުސްލިމުންނާއި އެނޫން މީހުންގެ މެދުގައި ގާތްކަން އުފެދޭނެ އެވެ. އަދިވެސް ކާން ބުނާގޮތުގައި މި މަރުކަޒުގެ ސަބަބުން ހަރުކަށި ޚިޔާލުތަކާއި ދެކޮޅު މުސްލިމުންގެ އަޑު ގަދަވެގެންދާނެ އެވެ. މީގެ އިތުރުން އިސްލާމް ދީނަކީ ކޮންކަހަލަ ދީނެއްކަން ނުދަންނަ މީހުންނަށް އެ ދީނުގެ މާތްކަން ބަޔާންކޮށްދެވުމުން ދެ ބައިމީހުންގެ މެދުގައި ދެނެގަތުން ބޮޑުވާނެ އެވެ. ވޯލްޑް ނެޓް ޑެއިލީގައި ބުނާގޮތުން މިވަގުތު މިފަދަ ކަމެއް ހާސިލްކުރެވެން އޮތީ ހަމައެކަނީ ނިއުޔޯކްގަ އެވެ.

މި ހުރިހާ ކަމެއްގެ އިތުރުން ނިއުޔޯކް ސަހަރުގެ ކަމާބެހޭ ފަރާތްތަކުން ވެސް މި ކަމަށް ވަރަށް ބޮޑު ތާއީދެއް ލިބެމުންދެ އެވެ. އެ ސަހަރުގެ އޮފީސް އޮފް އިމިގްރަންޓް އެފެއާޒްގެ ޑައިރެކްޓަރ ފާޠުމަތު ޝަމާ ބުނާގޮތުން ނިއުޔޯކް އަލުން ބިނާކުރުމުގައި މުސްލިމުންގެ ދައުރު އެހެން މީހުންނެކޭ އެއްވަރުވާން ވާނެ އެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *