އެމެރިކާގެ ވިސްކޮންސިންގެ މުސްލިމް ދާޢީން، ނަސްލީ ތަފާތުކުރުންތަކާއި އިދިކޮޅަށް ދީނީ ނަޡަރަކުން ވާހަކަފުޅު ދައްކަވައިފިއެވެ.
މިދުވަސްކޮޅު އެމެރިކާގައި، އަދި މުޅި ދުނިޔޭގައިވެސް އެއްމެ ފުޅާކޮށް ދެކެވެނީ ނަސްލީ އިމްތިޔާޒު ތަކާއި، އަދި ޚާއްޞަކޮށް ކަޅު ނަސްލުގެ އަޚުންނާއި އުޚްތުންނަށް މިކަމުގެ ސަބަބުން ކުރާ ނޭދެވޭ އަޘަރާއި، އެކަމުން ލިބޭ އަނިޔާގެ ވާހަކައެވެ. މިގޮތުން ވިސްކޮންސިންގެ މިނިވަން، މުސްތަޤިއްލު، މުސްލިމް ނޫހެއްކަމަށްވާ ވިސްކޮންސިން މުސްލިމް ޖާރނަލް (ޑަބްލިޔު އެމް ޖޭ) އިން، އެސަރަޙައްދުގެ މުސްލިމް ދާޢީންގެ ބަހެއް، އިސްލާމީ ނަޡަރަކުން، މިކަމުގައި ހޯއްދެވިއެވެ.
ދަޢުވާ ސެންޓަރުގެ، މަސްޖިދުއްރަޙްމާނުގެ އިމާމް، ޔާސީން ޑޮމިނިކް ވިދާޅުވެފައިވެއެވެ. "މިކަމުގައި އަޅުގަނޑުމެންނަށް ހަނުހުރެވޭކަށް ނެތެވެ. މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ. ތިޔަބައިމީހުންގެ ތެރެއިން މީހަކަށް ނުބައިކަމެއް ފެނިއްޖެނަމަ އެމީހެއްގެ އަތުން އެކަން މަނާކުރާ ހުށިކަމެވެ. މިޙަދީޘްގެ މާނައަކީ ތިބާއަށް އެކަމުގައި ބާރުފޯރުވެން އޮތްނަމަ އެކަން ހުއްޓުވާށެއެވެ. އަދި ހަމަ މިފަދައިން ޙަދީޘްގައިވަނީ މިބާޜު ލިބިގެން ނުވާނަމަ، ދުލުން އެކަން ހުއްޓުވުމެވެ. އެއީ އެކަމާއި (އިދިކޮޅަށް) ވާހަކަ ދައްކައިގެންނެވެ. މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް އަންގަވާފައިވާ ގޮތުގައި، މާތް ﷲ ތަޢާލާ، އަޅުގަނޑުމެންނަށް ގެއްލުން ނުދޭ ބަޔަކާއިމެދު ރަގަޅަށް، ޢަދުލުވެރިކަމާއި އެކު މުޢާމަލާތް ކުރަން އަންގަވައެވެ. އެއީ މުސްލިމަކަށް ވިޔަސް، ނުވަތަ ނުވިޔަސް މެއެވެ. މާތް ﷲ ވަނީ މުސްލިމުންނަކީ މިބިމުގައިވާ ރައްކާތެރީން ކަމުގައި ލައްވާފައެވެ. މިގޮތުން މިބިމުގައިވާ ޚަލްޤުކުރެވިގެންވާ އެންމެހާ މީސްތަކުންނާއި ތަކެއްޗަށް އަޅުގަނޑުމެންނަށް ވީވަރަކުން ރައްކާތެރިވާން ޖެހެއެވެ. ﷲ ތަޢާލާގެ އެންގެވުމުގެ ދަށުން އަޅުގަނޑުމެން މިބިންމަތީގައިވާ މީހުންނަށް (އެބައިމީހުންގެ ރައްކާތެރިކަމުގައި) މަސްއޫލުވެރިވާން ޖެހެއެވެ."
ހަމަ މިމޭރުމުން ވާހަކަފުޅު ދައްކަވަމުން އައިއެސްއެމް މިލްވޯކީގެ ރިލިޖަސް ޑިރެކްޓަރ ދުކްތޫރު ޛުލްފިޤާރު ޝާހު ވިދާޅުވެފައިވެއެވެ. "މިއީ އިޖްތިމާޢީ އިންޞާފާއި، އިންސާނީ ޙައްޤުތަށް ރައްކާތެރި ކުރުމަށްޓަކައި މުހިއްމު މައްސަލައެކެވެ. ދާދި ފަހުން ރަމަޟާން މަހު ރޯދަ ހިފި މުސްލިމުން އެބައިމީހުންގެ އަމިއްލަ ނަފްސުތައް ޚާއްޞަކޮށްފައިވަނީ މާތް ﷲ ބާއްވާލެއްވި އަމުރުފުޅުތަކަށް ކިޔަމަންގަތުމަށެވެ. މިފަދައިން ޢަމަލުކުރާ ކޮންމެ މުސްލިމަކު އިންސާނީ ޙައްޤުތަކާއި، އިންޞާފުގެ މަގުގައި ތެދުވަން ޖެހޭނެއެވެ އަދި ޖޯޖް ފްލޮޔިޑްގެ މަރުގެ ތަޙްޤީޤު ރަގަޅަށްކޮށް، އޭނާގެ ޢާއިލާއަށް އިންޞާފު ހޯދާދޭން މަސައްކަތް ކުރަންޖެހޭނެއެވެ.
މިލްވޯކީގެ މަސްޖިދުލް ޤުރްއާނުގެ އިމާމް، ޙާފިޡް ޝަފީޤު ވިދާޅުވިއެވެ. "މާތް ﷲ ޥަޙީ ކުރައްވާފައިވަނީ، ތިމާއާއި އިދިކޮޅަށް ނިޔާ ކަނޑައެޅުނު ކަމުގައިވިޔަސް އިންޞާފުގެ މަގުގައި ހުރުމަށެވެ. މިހެންކަމުން މީސްތަކުންގެ ކިބައިން ކޮންމެފަދަ ރައްދެއް އަޔަސް، އަޅުގަނޑުމެން ބޭނުންވަނީ އިންޞާފު ޤާއިމުވުމަށެވެ... ކީރިތި ޤުރްއާނުގައި އިސްލާމް ދީނުގެ އަޞްލުތައް އައިސްފައިވަނީ ވަރަށް ސާފުކޮށެވެ. އަޅުގަނޑުމެން ތިބެން ޖެހޭނީ އިންޞާފުގެ މަގުގައެވެ. ތިބާއާއި އިދިކޮޅަށް މައްސަލަ ހިނގި ކަމުގައިވިޔަސް، ޙައްޤާއި އެއްކޮޅަށް ހުންނާށެވެ."
މިރިޕޯޓުގައި އިސްވެދިޔަ ދާޢީންގެ އިތުރުން، މިލްވޯކީގެ އިސްލާމިކް ދަޢުވާ ސެންޓަރުގެ ބަރްދަރ ވިލް ޕެރީއާއި، އެމްއެމްޑަބްލިޔުސީގެ ބޯޑު މެންބަރު ސައުސަން ނާޖީވެސް ބައިވެރިވެ ވަޑައިގެން، މިމައްސަލައިގައި ވާހަކަފުޅު ދައްކަވާފައިވެއެވެ.
މިދިޔަ މެއި މަހު، ނަސްލީ ތަފާތުކުރުންތަކުގެ ސަބަބުން މަރުވެގެންދިޔަ އެމެރިކާގެ މުވާޠިނެއް ކަމުގައިވާ ޖޯޖް ފްލޮޔިޑްގެ މަރާއި ވިދިގެން އެމެރިކާގެ ފުލުހުންގެ ކިބައިން ތަކުރާރުކޮށް ހިނގަމުންދާ ނަސްލީ އިމްތިޔާޒުތަކާއި، އަނިޔާވެރިކަމުގެ ޞިފަތައްވަނީ ޢާއްމުންނާއި މީޑިޔާތަކުގެ ސަމާލުކަމަށް އައިސްފައެވެ.

















advertisment
ޚިޔާލު