ޒަކާތް ދެއްކުމާއި ބަލައިގަތުމާއި ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ބެހުމުގެ ކަންކަން ހަރުދަނާ ޤާނޫނީ އޮނިގަނޑެއްގެ ދަށުން ބެލެހެއްޓުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޒަކާތުގެ ބިލް މިއަދު ވަނީ މަޖިލީހުން ފާސްކޮށްފައެވެ. މި ޤާނޫނުގެ މަޤުޞަދަކީ އިސްލާމްދީނުގައި ޒަކާތް ޝަރުޢުކޮށްފައިވާ މަޤުޞަދުތައް ޙާސިލުކުރެވޭނެ ގޮތެއްގެ މަތިން ޒަކާތުގެ ކަންކަމާ ގުޅޭ ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމާއި، ޒަކާތް ދެއްކުން ލާޒިމުވާ ފަރާތްތަކާއި މުދަލުގެ ބާވަތްތައް ކަނޑައެޅުމެވެ.
މި ޤާނޫނުގެ ދަށުން ދިރިއުޅުމުގެ ހަމަހަމަކަމާއި އިޖުތިމާޢީ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭނެ އުޞޫލުތައް ކަނޑައެޅިގެންދާނެއެވެ. ޒަކާތާބެހޭ ޤައުމީ ސިޔާސަތު ކަނޑައަޅާނީ ވަޒީރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ. އަދި ޒަކާތާ ގުޅޭގޮތުން އެއިރެއްގައި ހުންނަވާ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރެއްގެ މަސްއޫލިއްޔަތުތައްވެސް މި ޤާނޫނުގައި ކަނޑައަޅާފައިވެއެވެ. މި މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޒަކާތާގުޅޭ ސިޔާސަތުތައް ޢާންމުކޮށް، ޤާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ބޭނުންވާ އިރުޝާދާއި ލަފާ ދިނުން ހިމެނެއެވެ.
އައު ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު ޒަކާތުގެ ނިޒާމު ހިންގައި ބެލެހެއްޓުމަށްޓަކައި ވަޒީރަށާއި ޒަކާތު ހައުސްއަށް ލަފާދިނުމަށް، ޤާނޫނަށް ޢަމަލުކުރަން ފަށާތާ 60 ދުވަހުގެ ތެރޭގައި ޒަކާތު ކައުންސިލްގެ ނަމުގައި ކައުންސިލެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަންވާނެކަމަށް ބިލުގައި ބަޔާންކުރެއެވެ. މި ކައުންސިލްގައި ވަޒީރާއި މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލްގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ 2 މެންބަރުން ހިމެނިވަޑައިގަންނަވާ ގޮތަށް ޖުމުލަ 9 މެންބަރުން ތިއްބަވާނެއެވެ.
މީގެ އިތުރުން، މި ޤާނޫނާއެކު މޯލްޑިވްސް ޒަކާތު ހައުސް
ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފެދިގެންދާނެއެވެ. މި އިދާރާ ހިނގަމުންދާނީ ވުޒާރާގެ ދަށުންނެވެ. ޒަކާތު ހައުސްގެ ޒިންމާތަކުގެ ތެރޭގައި ޒަކާތް ނެގުމާއި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމާގުލޭ އެންމެހައި އިދާރީ ކަންކަން ރާވައި ހިންގައި ބެލެހެއްޓުމާއި ޒަކާތުގެ ބެހެނިވެރިންގެ ދަފްތަރުތައް އެކަލަވާލައި ބެލެހެއްޓުން ހިމެނެއެވެ. އަދި ދައުލަތުގެ އިދާރާތަކާ ގުޅިގެން ޒަކާތާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަމެއް ކުރުމަކީވެސް ޒަކާތު ހައުސްގެ މަސްއޫލިއްޔަތެކެވެ.
އައު ޤާނޫނުގެ ދަށުން ޒަކާތާބެހޭ ޝަރުޢީ އެޑްވައިޒަރީ ކޮމިޓީއެއްވެސް އުފެދިގެންދާނެއެވެ. މި ކޮމިޓީގެ މަޤުޞަދަކީ ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު އެކުލަވާލައި ހިންގުމާގުޅޭ ކަންކަމުގައި ޤާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ޝަރުޢީ ލަފަޔާއި އިރުޝާދު ދިނުމެވެ. މި ކޮމިޓީ ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަންވާނީ ވަޒީރުގެ ލަފާގެ މަތިންނެވެ.

















advertisment
ޚިޔާލު