ހުޅަނގު އައްސޭރީގެ ބައެއް ސަރަހައްދުތައް ރަސްމީކޮށް އިސްރާއީލުގެ ބިންތަކަށް ހެދުމަށް ކުރެވޭ މަސައްކަތްތައް އިސްރާއިލުން ފަސްކޮށްފިއެވެ.
ތުރުކީގެ ނޫސް އެޖެންސީއެއް ކަމަށްވާ އަންދަލޫ ނޫހުން ވިދާޅުވާ ގޮތުގައި، އިސްރާއީލުގެ އެނެކްސޭޝަން ޕްލޭން (ފަލަސްޠީނުގެ ހުޅަނގު އައްސޭރި ރަސްމީކޮށް އިސްރާއީލަށް ހެދުމަށް ރޭވޭ ރޭވުން) ފަސްކުރެވިފައިވާ ކަމަށް، މިދިޔަ ބުދަ ދުވަހުވަނީ، އެޤައުމުގެ ރީޖަނަލް ކޯރޕަރޭޝަން މިނިސްޓަރ ވަނީ ބުނެފައެވެ.
އިސްރާއީލުގެ އާރމީ ރޭޑިޔޯއާއި، އިސްރާއީުގެ ވަޒީރު، އޯފިރު އަކޫނިސް ބުނެފައިވާ ގޮތުގައި "ހަމަ ޔަޤީނުންވެސް" މިޖުލައިމަހު މިކަމުގެ ޢަމަލީ މަސައްކަތް ކުރިއަށް ދާނެއެވެ. އެހެނަސް އެކަންވާން އޮތީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިއުލާން ކުރުމުން ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
މިދިޔަ ބުދަ ދުވަހު ރަސްމީކޮށް އިއުލާން ކުރަން ނިންމާފައިވާ ހުލަނގު އައްސޭރި ރަސްމީކޮށް އިސްރާއީލުގެ ބިމަށް ހެދުމުގެ ޕްލޭނަކީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ "ޤަރުނުގެ ޑީލްގެ" ނަމުން ނަންދެވިފައިވާ ފަލަސްޠީނު އަދި އިސްރާއީލުގެ ޞުލްޙައިގެ އެއްބަސްވުމުން އުފަންވެގެން އައިކަމެކެވެ. 2017 ވަނަ އަހަރު، ޓްރަމްޕްވަނީ ޤުދުސަކީ އިސްރާއީލުގެ ވެރިރަށްކަމަށް، އަދި 2019 ވަނަ އަހަރު (ޙަޤީޤަތުގައި ކުރިން ސޫރިޔާގެ ބިމެއްކަމަށްވާ) ޖޫލާން (ގޯލަން ހައިޓްސް) އެއީ އިސްރާއީލުގެ ބިމެއްކަމަށް ރަސްމީކޮށް އެއްބަސްވެ ޤަބޫލުކޮށްފައެވެ.
މިހާރު އިސްރާއީލުން މަސައްކަތް ކުރަމުންދަނީ، ފަލަސްޠީނުގެ އުރްދުން ވާދީއާއި ހުޅަނގު އައްސޭރީގެ ސަރަޙައްދުތައް އިސްރާއީލުގެ ބަޔަކަށް ހެދުމަށެވެ. މިހާރު ބައިނަލް އަޤްވާމީ ޤާނޫނުގެ ދަށުން، ހުޅަނގު އައްސޭރިއާއި، އިރުމަތީ ޤުދުސްގެ ސަރަޙައްދުތަކާއި، އެތާގައިވާ އިސްރާއީލުގެ ގެދޮރުތަކާއި، ފޭރިގެންފައިވާ ބިންތަކަކީ ޤާނޫނާއި ޚިލާފު ގޮތަކަށް ޖަހައިގަނެވިފައިވާ ބިންތަކެކެވެ. އަދި އެސަރަޙައްދު ބެލެވިފައިވަނީ އިސްތިޢުމާރު ކުރިވިފައިވާ ސަރަހައްދަކަށެވެ. ތުރުކީއާއި، ބައިނަލް އަޤްވާމީ ގިނަ ޤައުމުތައް، 1967 ވަނަ އަހަރަށް ފަހު އިސްރާއީލުން ފޭރިގެންފައިވާ ބިންތަކަކީ، ރަސްމީކޮށް އިސްރާއީލުގެ ބިންތަކެއްކަމަށް ޤަބޫލެއްނުކުރެއެވެ.
ފަލަސްޠީނުގެ އޮފިޝަލުންވަނީ އިސްރާއީލުން މިގޮތަށް ޢަމަލުކޮށްފިނަމަ، އެންމެހާ ޞުލްޙައިގެ އެއްބަސްވުންތައް އުވާލާނެކަމުގެ ބިރު ދައްކާފައެވެ.
ޚިޔާލު