ދިވެހިރާއްޖޭގައި ބާއްވާ ދެވަނަ ޙައްޖު ޢުމްރާ ކޮންފަރެންސް އެންޑް އެގްޒިބިޝަން 2025 މާދަމާ، ޑިސެންބަރު 11 ވާ ބުރާސްފަތި ދުވަހު ފެށުމަށް ތައްޔާރުވެއްޖެއެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބާއްވާ މި ހަރަކާތް ބުރާސްފަތި ދުވަހު ހެނދުނު 8:30 އިން ފެށިގެން ހަވީރު 17:00 އާ ހަމައަށް ކުރިއަށްދާނެއެވެ. މި ކޮންފަރެންސްގެ މައިގަނޑު މަޤްޞަދަކީ، ޙައްޖާއި ޢުމްރާގެ މާތް އަޅުކަމާ ގުޅުންހުރި ޚިދުމަތްތަކާ ބެހޭ ސާފު މަޢުލޫމާތު ޢާއްމު ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.
މި އަހަރުގެ ކޮންފަރެންސް ބާއްވަނީ ޚާއްޞަ މައުރަޒަކާ އެކުގައެވެ. މި އެގްޒިބިޝަންގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑާއި، ޢުމްރާގެ ޚިދުމަތްދޭ ކުންފުނިތަކުގެ އިތުރުން، ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަން ވެސް ބައިވެރިވެއެވެ. މި ކުންފުނިތަކުން ދޭ ޚިދުމަތްތަކުގެ މަޢުލޫމާތު ޢާއްމުންނާ ޙިއްސާކޮށް، އެ ޚިދުމަތްތައް އިސްތިހާރުކުރުމަށް ސްޓޯލުތައް ބެހެއްޓިފައި ހުންނާނެއެވެ. ޢާއްމުންނަށް ސްޓޯލުތަކަށް ޒިޔާރަތްކުރުމުގެ ފުރުޞަތު ބުރާސްފަތި ދުވަހު ހެނދުނު 9:00 އިން ހަވީރު 5:00 އަށް އަދި ހުކުރުދުވަހު ހަވީރު 4:00 އިން ރޭގަނޑު 7:00 އާ ހަމައަށް ހުޅުވާލެވިފައިވެއެވެ.
ޙައްޖު ޢުމްރާގެ ޚިދުމަތްދޭ ފަރާތްތަކަށް ޚާއްޞަ ސެޝަންތައް
ކޮންފަރެންސްގެ ތެރެއިން ޙައްޖާއި ޢުމްރާގެ ޚިދުމަތްދޭ ކުންފުނިތަކަށް ޚާއްޞަ ސެޝަންތަކެއް ކުރިއަށް ގެންދެވޭނެއެވެ. މި ސެޝަންތަކުގެ މަޤްޞަދަކީ، ޚިދުމަތާ ގުޅުންހުރި އިދާރީ އިންތިޒާމްތައް ހަރުދަނާކުރުމަށް ގުޅިގެން މަސައްކަތްކުރާނެ ގޮތްތަކާއި، ދީނީ މުހިއްމު މަޢުލޫމާތުތައް ފޯރުކޮށްދިނުމެވެ. މި ސެޝަންތައް ނަންގަވައިދެއްވާނީ ދިވެހިރާއްޖޭގެ ފުންނާބު އުސް ޢިލްމުވެރިންނާއި، މި ދާއިރާގައި ތަޖުރިބާ ހުރި ފަރާތްތަކުންނެވެ.
މި ކޮންފަރެންސުގެ ޝަރަފުވެރި ބައިވެރިއެއްގެ ގޮތުގައި ސަޢޫދީޢަރަބިއްޔާގެ އައްޞަފްވާ ފައުންޑޭޝަނުގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެއެވެ. މިއީ ސަޢޫދީ ޢަރަބިއްޔާގެ މަޝްހޫރު އައްރާޖިޙީ ބޭންކުގެ ދަށުން ދީނީ އަދި ދަރުމަވެރި މަސައްކަތްތައް ހިންގާ ފައުންޑޭޝަނެކެވެ. އެ ބޭފުޅުންގެ ފަރާތުންވެސް ކޮންފަރެންސްގައި ޚާއްޞަ ސެޝަންތައް ނަންގަވައިދެއްވުމަށް ހަމަޖެހިފައިވުމަކީ، މި ހަރަކާތަށް ބައިނަލްއަޤްވާމީ ގޮތުން ލިބޭ ބޮޑު ކުރިއެރުމެކެވެ. މި އެގްޒިބިޝަންގެ ސަބަބުން ޙައްޖާއި ޢުމްރާގެ ދަތުރުތައް ރާވައި ހިންގުމުގައި އިތުރު ފުރިހަމަކަމެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.

















advertisment
ޚިޔާލު