ރާއްޖޭގެ ޚަބަރު

އައިޔޫއެމްގެ ޙަދީޘް ހިތުދަސްކުރުމުގެ މުބާރާތުން 18 އަހަރުން ދަށުގެ ބައިން އެއްވަނަ 8 އަހަރުގެ ޢައްބާދަށް

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) އިން ބޭއްވި ޙަދީޘް ހިތުދަސްކުރުމުގެ މުބާރާތުން 18 އަހަރުން ދަށުގެ ބައިން އެއްވަނަ އަށް އަހަރުގެ އަބްދުﷲ ޢައްބާދު ޢަރޫޝް ހޯދައިފިއެވެ. އަދި މުޅި މުބާރާތުން އެންމެ ފާހަގަކޮށްލެވޭ ދަރިވަރުގެ އިނާމުވެސް ޢަބްދުﷲ އަށް ވަނީ ލިބިފައެވެ. މި މުބާރާތަކީ އައިޔޫއެމްގެ ޙަދީޘް ފެކަލްޓީން ބޭއްވި ފުރަތަމަ މުބާރާތެވެ.

އިސްލާމިކް ޔުނިވަރސިޓީގެ ކުއްލިއްޔާ އޮފް ޤުރްއާން އެންޑް ސުންނަތްގައި އަލަށް އުފެއްދި ޙަދީޘް ފެކަލްޓީން ކުރިއަށް ގެންދިޔަ މި މުބާރާތް ކުރިއަށް ގެންދިޔައީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެއީ 18 އަހަރުން ދަށާއި 18 އަހަރުން މަތީގެ ބައެވެ. 18 އަހަރުން ދަށުގެ ބައިން ދެވަނަ ހޯދީ އާސިޔަތު އަބްދުއްސަލާމް ކަމަށް ވާއިރު، ތިންވަނަ ހޯދީ ހަތް އަހަރުގެ ޛުލްކިފްލް ބިން އަލީފާއި ނޫޙް އަމީން ދީދީއެވެ.

18 އަހަރުން މަތީގެ ބައިން ފަސް ބައިވެރިއަކު އެއްވަނަ ހޯދާފައިވެއެވެ. އެއީ އަބްދުﷲ ޝާޒްލީން، ޢާއިޝަތު ޒީކް ފަތުޙުއްﷲ، އާމިނަތު ޙަސަން، ފާޠިމަތު ޠުޤާ އަދި އާމިނަތު ދިމްނާ ޢިމާދު އެވެ. މި ބައިން ދެވަނަ ހޯދީ ޙުސައިން ޝަޔާޒް ކަމަށް ވާއިރު، ތިންވަނަ ހޯދީ ޙަފްޞާ އިބްރާހިމް ދީދީއެވެ.

މި މުބާރާތަށް ހުޅުވާލުމުން 200 އަށްވުރެ ގިނަ ފަރާތުން ބައިވެރިވުމަށް އެދި ފޯމު ހުށަހެޅިއެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ އިމްތިޙާނުގައި ބައިވެރިވެވުނީ 25 ފަރާތަށެވެ. މުބާރާތުގައި ބައިވެރިން ހިތުން ދަސްކުރަން ޖެހުނީ ބުޚާރީ އާއި މުސްލިމުގައިވާ ކުރު 30 ޙަދީޘެވެ. ހިތުދަސްކުރުމުގެ އިތުރުން އެ ޙަދީޘްތަކުގެ ޝަރަޙައާއި އެ ޙަދީޘްތަކަށް އަމަލުކުރާނެ ގޮތް ވެސް ބައިވެރިން ދަސްކޮށްފައިވެއެވެ. ބައެއް ދަރިވަރުން ވަނީ ޙަދީސްތައް އެ ޙަދީޘެއްގެ ނަމްބަރާ ވެސް އެކުގައެވެ. ހިތުން ދަސްކޮށްފައެވެ.

އައިޔޫއެމްއިން ބުނި ގޮތުގައި މިއީ ޙަދީޘް ދަސްކުރުމުގެ ގޮތުން ބޭއްވި ފުރަތަމަ މުބާރާތް ކަމަށާއި، ޙަދީޘް ދަސްކުރުމަށް ދަރިވަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން އަންނަ އަހަރު ވެސް މި މުބާރާތް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *