އަރަބިދުނިޔެއެމެރިކާދުނިޔެ

އިސްރާއީލާއި އެމެރިކާއާއެކު ސޮއިކޮށްފައިވާ ސުލްޙައިގެ އެއްބަސްވުންތައް ފަލަސްޠީނުން އުވާލީ ކީއްވެ؟

މިދިޔަ އަންގާރަ ދުވަހު ފަލަސްޠީނުންވަނީ އެމެރިކާއާއި އިސްރާއީލާއި ދެމެދުވެފައިވާ ހުރިހާ ޞުލްޙާއިގެ އެއްބަސްވުންތަކެއް އުވާލާފައެވެ.

ފަލަސްޠީނުގެ ނޫސް އެޖެންސީއެއްކަމަށްވާ ވަފާ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ރައީސް މަޙުމޫދު ޢައްބާސް މިކަން އިޢުލާން ކުރައްވާފައިވަނީ ރާމަ ﷲ ގައި، ފަލަސްޠީނުގެ އޮފިޝަލުންނާއި އެއްކޮށް ބޭއްވެވި ކުއްލި ބައްދަލު ވުމެއްގައެވެ. ރައީސް މަޙްމޫދު ޢައްބާސް ބައިވެރިވެވަޑައިގެންފައިވާ މިބައްދަލުވުމަކީ އިސްރާއީލުން ފަލަސްޠިނުގެ ހުޅާނގު އައްސޭރީގެ ސަރަޙައްދުތައް އިސްރާއީލުގެ ދައުލަތުގެ ބައެއްކަމަށް ހަމަޖެއްސުމަށް ރޭވިފައިވާ ޕްލޭންތަކުގެ ސަބަބުން އެކަމަށް ބަޙުޘް ކުރައްވަން ބާއްވަވާފައިވާ ބައްދަލުވުމެކެވެ.

ރައީސް މަޙްމޫދު ޢައްބާސް ވިދާޅުވާ ގޮތުގައި އެމެރިކާއާއި އިސްރާއީލާއި އެކު ވެވިފައިވާ ހުރިހާ އެއްބަސްވުންތަކެއް އުވާލައްވަން ފަލަސްޠިނުގެ ދައުލަތުންވަނީ ނިންމާފައެވެ. އަދި މިނިންމުމުގެ ފަހަތުގައިވާ ސަބަބުތަކުގެ ތެރޭގައި ޞުލްޙައިގެ އެއްބަސްވުންތަކާއި، އދ ގެ އެއްބަސްވުންތަކާއި ޚިލާފަށް އިސްރާއީލުން ފަލަސްޠީނުގެ ބިންތައް ތަކުރާރުކޮށް ފޭރިގަންނަމުންދާތީ ކަމަށާއި، ފަލަސްޠިނާއި އަސްރާއީލާއި ދެ ޤައުމުންވެސްވެވިފައިވާ ޞުލްޙައިގެ އެއްބަސްވުންތަކަށް ޢަމަލު ނުކުރާތީކަމަށެވެ.

މީގެ އިތުރުން މަޙްމޫދު ޢައްބާސް ވިދާޅުވާ ގޮތުގައި އެމެރިކާއަކީ މިދެންނެވި އިސްރާއީލުގެ ޖަރީމާތަކުގެ ބައިވެރިއެކެވެ. އަދި އެމެރިކާ ސަރުކާރުން ޤުދުސަކީ އިސްރާއީލުގެ ވެރިރަށްކަމަށް ނިންމާ، އެރަށަށް އެމެރިކާގެ އެމްބަސީ ބަދަލުކޮށް، އެއަށްފަހު "ޤަރްނުގެ އެއްބަސްވުމުގެ" ނަމުގައި އެއްބަސްވުމެއް ނެރެ، އެއެއްބަސްވުން އެއީ އިސްރާއީލުން، ފަލަސްޠީނުގެ ބިން، އެބައިމީހުންގެ ބިމަކަށް ހަދަން އެޅުނު އަސާސެއްކަމުގައި ވެގެންދިޔުމަކީ ބައިނަލް އަޤްވާމީ ޤާނޫނީ ރޫޙާއި ޚިލާފަށް ކޮށްފައިވާ ކަމެއް ކަމަށާއި، އެކަމުން ފަލަސްޠިނުގެ ބިން އިސްރާއީލު އިސްތިޢުމާރު ކުރުމަށް އެމެރިކާއިން ހިތްވަރުދޭކަމުގެ ހެއްކެކެވެ. އަދި ފަލަސްޠިނުގެ ރައްޔިތުން މިހާރު ތަޙައްމަލު ކުރަމުންދާ އަނިޔާގެ މަސްއޫލިއްޔަތު އެމެރިކާއިން އުފުލަން ޖެހޭނެ ކަމަށްވެސް މަޙްމޫދު ޢައްބާސް ވިދާޅުވިއެވެ.

މަޙްމޫދު ޢައްބާސް އިތުރަށް ވިދާޅުވި ގޮތުގައި މިއެއްބަސްވުންތައް އުވާލުމާއި އެކު އިސްރާއީލަކީ ދައުލަތެއްކަމަށް ފަލަސްޠީނުން އިޢުތިރާފުވާ އިޢުތިރާފުވުމަށްވެސް ނިމުމެއް އައީއެވެ.

އޭޕްރިލް މަހުގެ ފަހުކޮޅު އިސްރާއީލުގެ އިދިކޮޅު ކޯލިޝަންކަމަށްވާ ބްލޫ އެންޑް ވައިޓު ޕާޓީގެ ބެނީ ގަންޓްޒާއި މިހާރުގެ ސަރުކާރުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އެއްބަސްވެފައިވަނީ ކުރިއަށް އޮތް 3 އަހަރުގެ ވެރިކަން ދެބައިމީހުންގެ މައްޗަށް ބަހާލާ، ފުރަތަމަ އަހަރާއި ބައި ނަތަންޔާހޫވެ ވެރިކަމުގެ ދަށުގައި އަދި ފަހު އެއް އަހަރާއި ބައި ބެނީ ގަންޓްޒުގެ ދަށުގައި ކުރިއަށް ގެންދިޔުމަށެވެ. މިއެއްބަސްވުމުގެ ދަށުން ހިމެނިފައިވާ ނުކުތާތަކުގެ ތެރޭގައި ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ އުރްދުންގެ ވާދީތަކުގެ ސަރަޙައްދުތައް އިސްރާއީލުގެ ސަރަޙައްދުކަމަށް ނިންމާ އެބައިތައް އިސްރާއީލަށް ނެގުމަށް ވާހަކަދައްކާފަވެއެވެ. ވާދީ އުރްދުނަކީ ފަލަސްޠީނުގެ 60 ހާސް ރައްޔިތުން ދިރިއުޅެމުންދާ ސަރަޙާއްދެކެވެ. އަދި އެއީ ފަލަސްތީނަށް އާމްދަނީ ލިބޭ އެންމެ ބޮޑު ސެކްޓަރުކަމަށްވާ ދަނޑުވެރިކަމުގެ 50 އިންސައްތަ ހިއްސާ ކުރާ ސަރަހައްދެވެ. ބެންޔަމިން ނަތަންޔާހޫ ބުނާ ގޮތުގައި ވަރަށް އަވަހަށް މިބިންތަކަކީ އިސްރާއީލުގެ ސަރަޙައްދުތަކެއް ކަމަށް ނިންމާ، އެކަން އިޢުލާން ކުރެވޭނެއެވެ.

މެދުއިރުމަތީގެ ޚަބަރު ދިރާސާ ކުރައްވާ ފަރާތްތަކުން ވިދާޅުވާ ގޮތުގައި، މިހާތަނަށް މުޅިންވެސް ޞުލްޙަވެރިކަމަށް ގޮވާލައްވަމުން ގެންދެވި މަޙްމޫދު ޢައްބާސްގެ މިނިންމެވުމާއި އެކު އުރްދުން ފަދަ ޢަރަބި ބައެއް ދައުލަތްތަކުންވެސް އެމެރިކާއާއި އިސްރާއީލާއި ދެމެދުވެފައިވާ އެއްބަސްވުންތައް އުވާލުން އެކަށީގެންވެއެވެ. އުރްދުންގެ ރަސްގެފާނު، ކިންގް ޢަބްދު ﷲ 2 ވަނީ އިސްރާއީލަށް ފަލަސްޠީނުގެ ބިންތައް އަތުނުލުމަށް އިންޒާރުދެއްވާފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *