ރިޕޯޓް

އިސްލާމީ ޘަޤާފަތަކީ ވާޤިޢީ ޘަޤާފަތެކެވެ.

ލިޔުނީ: އަހުމަދު ޢާސިމް

ވާޤިޢީ ވުމޭ ބުނެވޭ ބަހުގެ މާނައަކީ ހަޤީގަތާއި އެއްގޮތް ވުމެވެ. އިންސާނީ ޠަބީއަތުން ބޭރުން އަދި އިންސާނުންގެ ކެރި ކުޅަދާނަކަން  ނުފޯރާ ވަރުން އެއްވެސްކަމެއް އިސްލާމްދީން ގެނެސްފައެއް ނުވައެވެ. އިސްލާމީ ޝަރިއަތް އެމީހަކަށް ތަންފީޒުވާނެ މީހަކީ މުކައްލަފަކަށް ވާންޖެހެއެވެ. [1] މިގޮތުން އިސްލާމްދީނުގައެ ހައްޖުވުމުގެ ޝަރުތާއި ބެހޭ ގޮތުން ވަހީކުރައްވަނީ وَلِلَّهِ عَلَى النَّاسِ حِجُّ الْبَيْتِ مَنِ اسْتَطَاعَ إِلَيْهِ سَبِيلًا وَمَنْ كَفَرَ فَإِنَّ اللَّهَ غَنِيٌّ عَنِ الْعَالَمِينَ [2] މާނައީ :" އަދި އެކަމަށް މަގެއްފެނި ކުޅަދާނަވެއްޖެ މީހާ، އަޅުކަމެއް ކުރުމަށްޓަކައި ޤަސްދުކޮށްގެން އެގެފުޅަށް ދިއުމީ، މާތްﷲ އަށްޓަކައި، މީސްތަކުންގެ މައްޗަށް އޮތް ފަރުޟެކެވެ.
އެކަމާމެދު އިންކާރުކޮށް ދެކޮޅުހަދާފި މީހާ ދަންނާށެވެ! ފަހެ، ހަމަކަށަވަރުން މާތްﷲއީ، އެއްވެސްފަރާތެއްގެ އަޅުކަމަކަށް އަދި އެއްވެސް މަޚްލޫޤަކަށް ބޭނުންވެވޮޑިގެންނުވާ،އަމިއްލަ ޒާތުގައި ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ." އިސްލާމްދީނުގައި ކަމެއް މަނާކޮށްފައިވާނަމަ އެކަމެއް މަނާކޮށްފައިވަނި އެކަމެއްގެ ސަބަބުން އިސްލާމީ ދިރިއުޅުމަށް ގެއްލުމެއް ލިބޭފަދަ ކަންކަމެވެ.
މުޖްތަމަޢުގައި ފާޙިޝް ޢަމަލުތައް ފަތުރާ އަދި ފަތުރަން މަސައްކަތް ކުރާ މީހުންނަކީވެސް ދުނިޔެމަތީގައާއި އާޚިރަތުގައި ވޭންދެނިވި ޢަޒާބު ލިބޭނޭ ބައެކެވެ. ﷲ ވަޙީ ކުރައްވައެވެ. إِنَّ الَّذِينَ يُحِبُّونَ أَنْ تَشِيعَ الْفَاحِشَةُ فِي الَّذِينَ آَمَنُوا لَهُمْ عَذَابٌ أَلِيمٌ فِي الدُّنْيَا وَالآَخِرَةِ وَاللَّهُ يَعْلَمُ وَأَنْتُمْ لا تَعْلَمُونَ  [النور : 19] މާނައީ : ހަމަކަށަވަރުން މުއުމިނުންގެ މެދުގައި ފާޙިޝުކަންތައް ފެތުރިގެން ދިޔުމަށް ލޯބިލުރާ މީހުންނަށް ދުނިޔެއާއި އާޚިރަތުގައި ވޭންދެނިވި ޢަޒާބު ހުއްޓެވެ. ކަންތައްތައް ދެނެވޮޑިގެންވަނީ ﷲ އެވެ. ތިޔަބައިމީހުންނަކަށް ނޭގެއެވެ.
އެހެން ނުވާންވީ ކީއްވެތޯއެވެ ؟  ކޮންމެ މުޖްތަމަޢެއްގައިވެސް ފާޙިޝް ކަންތައް ފެތުރި ޢާއްމު ވުމަކީ އެ މުޖްތަމަޢެއްގައި ނުރައްކާތެރި ރޯގާތަކާއި ބަލިމަޑުކަމާއި ދަތުމަޑުކަން ޢާއްމުވެ ފެތުރެން މެދުވެރިވާ ސަބަބެއްކަން ޔަޤީނެވެ. ސަލާމާއި ޞަލަވާތްލެއްވި މާތް ނަބިއްޔާ ޙަދީޘް ކުރައްވާފައިވެއެވެ : "لَمْ تَظْهَرِ الْفَاحِشَةُ فِي قَومٍ قَطّ حَتَّى يُعْلِنُوا بِهَا إلاّ فَشَا فِيْهِمْ الطَّاعُوْنُ وَالأوْجَاعُ الّتِي لَمْ تَكُنْ مَضَتْ فِي أسْلافِهِمْ الذِّيْنَ مَضَوْا " ބައެއްގެ ތެރޭގައި ޒިނޭކުރުން ޢާއްމުވެ ފާޅުގައި އެކަން ކުރަންފަށައިފި ކޮންމެ ބައެއްގެ މެދުގައި ، އެބައިމީހުންގެ ކުރިން އެއްވެސް ބަޔަކު ދެކެފައިނުވާފަދަ ބަލިތަކާއި ރޯގާތަކާއި ދަތުމަޑުކަން ފެތުރި ޢާއްމުވެދާނޭކަން ކަށަވަރެވެ. އެހެން ޙަދީޘެއްގައިވެއެވެ : "مَا َظَهَر فِي قَوْمٍ الرِّبَا وَالزِّنَا إلاّ أحَلُّوْا بِأَنْفُسِهِمْ عِقَابُ اللهِ عز وجل " މާނައީ : ބައެއްގެ ތެރޭގައި ރިބާ ކެއުމާއި ޒިނޭކުރުން ފާޅުވެ ޢާއްމުވެއްޖެ ކޮންމެ ބަޔަކަށް ﷲ ގެ ޢުޤޫބާތް ޙައްޤު ވެދާނޭކަން ކަށަވަރެވެ.
ނިކަން ވިސްނަވާބައްލަވާށެވެ! މިހާރަކަށްއައިސް މުޅި ދުނިޔެއަށްވެސް ޢާއްމުވެ ފެތުރެމުންމިދާ ރޯގާތަކާއި ނުރައްކާތެރި ބަލިތަކަކީ މީގެ ކުރިން ދުވަހަކުވެސް ދުނިޔެ ދެކެފައިވާ ބަލިތަކެއްނޫނެވެ. މުޅި ދުނިޔެ މިވަނީ މިހާތަނަށް އައިއިރުވެސް މިބަލިތަކަށް ފަރުވާއެއް ހޯދުމަށް ނުކުޅެދިފައެވެ . އެއިޑްސް ބައްޔާއި ސާސް ރޯގާ އާއި ދޫނި ރޯގާއާއި މިހެންގޮސް ކިތަންމެ ބައްޔެކެވެ. މިބަލިތަކަށް ފަރުވާއެއް ހޯދުމަށް ދުނިޔޭގެ ސައެންޓިސްޓުންނާއި ޑޮކްޓަރުން ވަނީ ނުކުޅެދިފައެވެ.
އިސްލާމް ދީނަކީ ވިސްނުމާއި ފިކުރު ކުރުމަށް ގޮވާލާ ދީނެކެވެ. މާތްﷲ ވަޙީ ކުރައްވާފައި ވެއެވެ.[3] أَفَلَا يَنْظُرُونَ إِلَى الْإِبِلِ كَيْفَ خُلِقَتْ (17) وَإِلَى السَّمَاءِ كَيْفَ رُفِعَتْ (18) މާނައީ:" ފަހެ ޖަމަލު ހައްދަވާފައިވަނީ، ކޮންފަދައަކުން ކަމާމެދު އެއުރެން ޖަމަލަށް ނުބަލަނީ ހެއެޔެވެ؟ އަދި އުޑު އުފައްދާފައިވަނީ، ކޮންފަދައަކުން ކަމާމެދު އެއުރެން އުޑަށް ނުބަލަނީ ހެއްޔެވެ." މިފަދަ އެތައް އާޔަތްތަކެއް ކީރިތި ޤުރުއާނުގައި އެބަހުއްޓެވެ. އިސްވެދިޔަ އާޔަތްތަކުންވެސް އިސްލާމްދީނަކީ ވިސްނާ ފިކުރު ކުރުމަށް ގޮވާލާ ދީނެއްކަން ވަރަށް ރަނގަޅަށް ދޭހަވެއެވެ. އިސްލާމް ދީނުގެ ހަޔަލުގައި ދުނިޔެ ނުދެނޭވަރުގެ ޢިލްމީ ހަޟާރާތެއް މުސްލިމުން ވަނީ ބިނާކޮށްފައެވެ. އިސްލާމްދީނަކީ ޢިލްމީ ހަޤީގަތްތަކަށް ފުރަގަސްދޭ ދީނެއް ނޫކަން ތާރީހުގެ ޞަފުހާތައް ހެކިދެއެވެ.
މިގޮތުން އިސްލާމުންގެ ތެރޭގައި އުފެދުނު ބޭސްވެރިންގެ ތެރޭގައި އިބުނު ސީނާފަދަ ބޭކަލުން ހިމެނެއެވެ. އަދި އަލްކިންދިއާއި ފާރާބީ ފަދަ އިސްލާމީ ފިލޯސަފަރުން އުފެދިފައިވަނީ ދުނިޔެ ޖަހާލަތުގެ އަނދިރިކަމުގައި ވީ ޒަމާނަކުއެވެ. މީގެ އިތުރުން އަޅުގަނޑުމެން މިއަދު މިދެކޭ ތަރައްޤީގެ އަސްލަކީ އެދުވަސްވަރު އެއުފެދުނު އިސްލާމީ އިލްމުވެރިންގެ މަސައްކަތެވެ. އިސްލާމީ ދައުލަތްތައް އިސްތިއުމާރުކޮށް އިސްލާމީ ލައިބުރަރީ ތަކުގައި ހުރި ބޮޑެތި އިލްމީފޮތްތައް ވަގަށްނަގާ އެއްފޮތްތައް އެމީހުންގެ ބަހަށް ބަދުލުކޮށް އޭގެބޭނުން ހިފައި ހުޅަނގުގެ ގައުމުތައް ތަރައްޤީކުރީއެވެ. އަދި އަނެއްބާ ފޮތްތައް އަންދާލީއެވެ.
އެކަމަކު ޣައިރު ދީންތަކުގެ އަހުލުވެރިންނަށް އެބައިމިހުންގެ ކުރިއެރުމަށް އެޅިފައިވާ ހުރަހަކީ އެބައިމީހުން ތިބި ދީނެވެ. މިކަން އަޅުގަނޑުމެންނަށް ސާބިތުވާ އެއްކަމަކީ މަޝްހޫރު ފަލަކީ ޢިލްމުވެރިއެއްކަމުގައިވާ ގެލީލިއޯ އިރަކީ ކައުނުގެ މަރުކަޒް ކަމުގައި އަދި ބިމާއި އެހެނިހެން ޕުލެނެޓްތައް އިރުވަށާގެން އެނބުރޭވާހަކަ ވިދާޅުވުމުން އެކަން ފައްޅީގެ ފާދިރީން ދޮގުކޮށް އޭނާ މުޖުތަމައުން އެކަހެރި ކޮށްލިއެވެ. އެކަން ސާބިތުވާ އަނެއްކަމަކީ މިހާރުވެސް ދުނިޔޭގެ ތިބި ބޮޑެތި ސައިންސުވެރިން އިސްލާމްވަމުން ދާކަމެވެ. އެއީ އެމީހުންގެ ކުރިއެރުމާއި ގުޅިފައިވާ ގުރުއާނުގެ ސަބަބުންނާއި، އިސްލާމް ދީނުގައި ވިސްނާ ފިކުރުކޮށް ދުނިޔޭގެ ކަންތައްތަކަށް ވިސްނުމަށް ދީފައިވާ މިނިވަން ކަމުގެ ސަބަބުންނެވެ.
ހުޅަނގުގެ ގައުމުތަކުގައި، މާއްދިއްޔަތާއި ރޫހާނީ ވަކިވެގެން ދިޔުމުގައި، އެމީހުން ގަބުލުކުރާ ދީންތަކަކީ ބާޠިލު އަޤީދާތަކަކަށް ބިނާވެގެންވާ ހަގިގަތެއްނެތް ޤަބޫލިކުރުމުން ދީންތަކަކަށް ގޮވާލާ ދީންތަކަކަށް ވުން ހިމެނެއެވެ.

[1] . ނޯޓް: މުކައްލަފަކީ ހުރިހާ ގޮތަކުން އެކަމަށް ކެރި ކުޅަދާނަވުގެންވާ މީހާއެވެ. އެއި ބުއްދީގެ ގޮތުންނާއި ބާލިގުވުމުގެ ގޮތުންވެސް މެއެވެ.
[2] .އާލު އިމުރާން 97
[3] . ސޫރަތުލް ޤާޝިޔާ 17-18

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ރިޕޯޓް