ރިޕޯޓް

ދިވެހިރާއްޖޭގެ ސުކޫލުތަކުގެ ދަރިވަރުންގެ އަޚްލާޤު ގޯސްވުމުގެ ސަބަބުތަކަކީ ކޮބައި؟ މިމައްސަލައަށް އޮތް ޙައްލަކީ ކޮބައި؟ (ތިންވަނަ ބައި)

ލިޔުނީ: އަހުމަދު ޢާސިމް

ޢިޖުތިމާއީ ސަބަބުތައް
މަދަރުސާތަކުގައި ގިނަދުވަސްތަކެއްވަންދެން ކިޔަވާދިނުމުގައި ހޭދަކުރަމުންދާ މުދައްރިސުންގެ ވާހަކަތައް ހުރިނެތްގޮތް ބަލާލަމާ ހިނގާށެވެ. ރާއްޖޭގެ ސުކޫލުތަކުގެ ދަރިވަރުންގެ އަޚްލާޤު ގޯސްވަމުންދާތީ، އެކަމާ އެބޭފުޅުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ދަރިވަރުންގެ އަޚްލާޤު ގޯސްވާ ސަބަބު ބެލުމަށްޓަކައި 5 މުދައްރިސެއްގެ ބަސްދީގަތުން ހޯދާލީމެވެ.

އެގޮތުން 5 މުދައްރިސުންވެސް އެއްބަސްވެ ލައްވާގޮތުގައި، ސުކޫލު ކުދިންގެ އަޚްލާޤަށް ނޭދެވޭ ބަދަލުތައް އަންނަނީ މުޖުތަމަޢުގައި ނުވަތަ އެކުއްޖާ ދިރިއުޅޭ މާހައުލުގައި އުޅޭ މީހުންގެ ސަބަބުންނެވެ.
"މުޖުތަމަޢުގައި ދިރިއުޅޭ މީހުން ކުރާ ތަފާތު ބާވަތް ބާވަތުގެ ކުށްތަކުގެ ސަބަބުން ސުކޫލުތަކުގައި ކިޔަވާ ދަރިވަރުންނަށްވެސް އެފަދަ ކަންކަން ކުރެވެނީ އެވެ. ފުރަތަމަ އެދަރިވަރުން އެފަދަ ކުށްތަކުގައި ބައިވެރިވަނީ ނޭނގިއެވެ. އެދަރިވަރުން އެކުއުޅޭ ރަހުމަތްތެރިން ކުރާތީވެ ކުރެވެނީއެވެ. ބައެއްފަހަރަށް އެފަދަ ކުށްތަކަށް ދަރިވަރުން އަރާގަންނަނީ ދެރަދީގެން ނުސީދާގޮތުން ހިތްވަރުދީގެންނެވެ. އެދަރިވަރަށްވެސް އެކަންތައް ކުރެވިދާނެކަން އެހެންމީހުންނަށް ދެއްކުމަށްޓަކައެވެ." އެގޮތުން މަތީގައި އެވާ ކޮމާކޯޅި ތެރޭގައި އެވަނީ 5 މުދައްރިސުންގެ ތެރެއިން 4 މުދައްރިސުން ދަރިވަރުން ކުށްތަކަށް އަރާގަންނަ ސަބަބުތައް ކަމަށް ބުނެފައިވާ ކަންތައްތަކެވެ.
5 މުދައްރިސުންގެ ތެރެއިން 2 މުދައްރިސުން ދަރިވަރުން އަޚްލާޤު ގޯސްވާ އަނެއް ސަބަބެއް ކަމުގައި ބުނެފައިވަނީ " އެކުއްޖާ ދިރިއުޅޭ މާހައުލުގައި ތަކުރާރުކޮށް، ދީނާއި ޚިލާފް ކަންތައްތައް ކުރާތަން ފެނިފެނި އެކުދިންވެސް އެފަދަ ކަންތައްތައް ކުރާހިތްވަނީއެވެ. މިސާލަކަށް ސިނގިރޭޓް ބުއިން ނަގަމާ ހިނގާށެވެ. އެމާހައުލުގައި ޤަދަރުހުރި މީހުންނާއި އެދަރިވަރުން ސަޕޯޓުކުރާ މަޝްހޫރު މީހުން ސިނގިރޭޓް ބޯތަން ފެންނާތީވެ، އެދަރިވަރުންވެސް ސިނގރޭޓް ބޮނީއެވެ. އެއީ ގޯސްކަމެއް ކަން އެކުދިންނަކަށް ޤަބޫލު ނުކުރެވެއެވެ."
ދަރިވަރުންގެ އަޚްލާޤު ރަނގަޅުކުރުމަށް ކުރެވިދާނެކަންކަން
×     ޢާއިލާގެ ދަޢުރު ( ދަރިން ތަރުބިއްޔަތު ކުރުމުގައި މައިންބަފައިންގެ މައްސޫލިއްޔަތު)
މާތްﷲ ވަޙީ ކުރައްވާފައިވެއެވެ. يَاأَيُّهَاالَّذِينَ آَمَنُواقُواأَنْفُسَكُمْ وَأَهْلِيكُمْ نَارًا  މާނައީ" އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކަލޭމެންނާއި އަދި ކަލޭމެންގެ އަހްލުވެރިންގެ ނަފްސު އަލިފާނުން ސަލާމަތް ކުރާށެވެ."[1]
ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވެއެވެ. " من حقّ الولد على الوالد أن يحسن اسمه"[2] މާނައީ" ދަރިފުޅަށްޓަކައި ބައްޕައަށް އަދާކުރަންޖެހޭ ހައްޤުތަކުގެ ތެރެއިން އެކުއްޖާގެ އަދަބު ރަނގަޅުކުރުމާއި އެކުއްޖާގެ ނަން ރަނގަޅުކުރުން ހިމެނެއެވެ."[3]  ރަސޫލާގެ ހަދީޘްކުރެއްވިއެވެ. "ما نحل والد ولدا من نحل أفضل من أدب حسن"[4] މާނައީ" ބައްޕައަކު އޭނާގެ ދަރިއަކަށް ރިވެތި އަދަބަށްވުރެ މާތް އެއްޗެއް ނުދެއެވެ."[5] އަޅުގަނޑުމެންގެ ތެރެއިން ކިތައްކިތައް މީހުން ދެންމެ މިދެންނެވި ހަދީޘްތަކުގެ މައްޗަށް ވިސްނާ ބާވައެވެ؟ އެހެން ކަމުން އަޚްލާޤީ ގޮތުން ރަނގަޅު ޖީލެއް އުފައްދަން ބޭނުންނަމަ، އިސްލާމްދީނުގެ އިރުޝާދު ތަކުގައި ހިފަހައްޓަންޖެހެއެވެ.
އަޅުގަނޑުމެންގެ މުޖްތަމަޢުގެ އަޚްލާޤު ގޯސްވަމުން ދުވަހެއް ދުވަހަކަށް މިދަނީ އަޅުގަނޑުމެން މި އިރުޝާދުތަކާ ދުރަށް ދާތީއެވެ. އަޅުގަނޑުމެން ދަރިން ތަރުބިއްޔަތު ކުރަން ފަށްޓަނީ އެކުދިން ދުނިޔެއަށް އައިސް ހޭބުއްދިވެ ބޮޑުވެ ތަޞައްރަފްފުދި ކުށްތަކަށް އަރައިގަންނަ ހިސާބުންނެވެ. މިހެންވެ އޮންނަނީ ދަރިފުޅު އަތު ނުޖެހިފައެވެ. ނަމަވެސް އިސްލާމްދީނުގައި ފުރަތަމަ މީހަކާ ކައިވެނިކުރަން ހިތުލާއިރު މިކަމަށް ރައްކާތެރިވުމުގެ ގޮތުން ރަސޫލާ ޙަދީޘްކުރައްވާފައިވެއެވެ. "ތިޔަބައިމީހުން ދަރިންނަށް ރަނގަޅު ޞާލިޙު މައިން ހޯދާށެވެ."
އަދިވެސް ޙަދީޘް ކުރައްވާފައިވެއެވެ. "އަންހެނަކާ ކައިވެނިކުރެވޭނީ ހަތަރުކަމެއްގެ ސަބަބުންނެވެ. އެކަބުލޭގެ މުދާވެރިކަމުގެ ސަބަބުންނެވެ. އެކަބުލޭގެ ޙަސަބުގެ ސަބަބުންނެވެ. އެކަބުލޭގެ ރީތިކަމުގެ ސަބަބުންނެވެ. އެކަބުލޭގެ ދީންވެރިކަމުގެ ސަބަބުންނެވެ. ދީންވެރި އަންހެނާ އިޚްތިޔާރު ކުރާށެވެ. އޭރުން ތިބާގެ ޙަޔާތް ބާއްޖަވެރިވާނެއެވެ." މިކަންކަމަށް އަޅުގަނޑުމެން ވިސްނައިފިނަމަ މިކަމުގައި ވަރަށްބޮޑު ޙަޤީޤަތެއްވެއެވެ. އެއީ މަންމައަކީ ގޭތެރޭގައި ހުރިހާ ކަމެއް ބަލަހައްޓާ އަދި ދަރިފުޅުގެ އެންމެހާ ތަރުބިއްޔަތުގެ ބިންގާ އަޅައިދޭ ފަރާތެވެ. މިހެންވެ މިމަންމައަކީ ހެޔޮލަފާ ޞާލިޙް މީހަކަށް ވާންޖެހެއެވެ. އޭރުން އެއްކަލަ ދަރިފުޅު ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަކީ ވަރަށް ފަސޭހަކަމެކެވެ.
އަދި ހަމައެއާއެކު ރަނގަޅު ދަރިފަސްކޮޅަކަށް އެދި މާތްﷲ ޙަޟުރަތުގައި ދުޢާކުރަން ޖެހޭނެއެވެ. މާތްﷲ ކީރިތި ޤުރުއާންގައި އިބްރާހީމްގެ ފާނު ކުރައްވާފައިވާ ދުޢާ ޙިކާޔަތެއްގެ ގޮތުން ލައްވާފައިވެއެވެ. "ތިމަން ކަލޭގެ ފާނަށް ޞާލިޙު ދަރިފަސްކޮޅެއް ދެއްވާންދޭވެ!" އަދިވެސް ވަޙީކުރައްވާފައިވެއެވެ. "އޭ ހައްދަވާ ގެންގުޅުއްވާ އިލާހެވެ. ތިމަންކަލޭގެފާނުގެ ދަރިފަސްކޮޅަކީ ނަމާދު ޤާއިމުކުރާ ބަޔަކުކަމުގައި ލައްވާންދޭވެ! ހައްދަވާ ގެންގުޅުއްވާ އިލާހެވެ. އަޅާގެ ދުޢާ އިޖާބަ ކުރައްވާންދޭވެ!" އަޅުގަނޑުމެންނަށް ދަރިޔަކު ލިބިއްޖެނަމަ އަޅުގަނޑުމެންނަށް ވީ އެންމެ ރަނގަޅަކަށް ހުރިހާ ކަންތައްތަކެއް ކުރެއެވެ. ނަމަވެސް ކަންތައްތައް ކޮށްދިނުމުގައި އިސްލާމްދީނުގެ އިރުޝާދުތަކުގައި ހިފަހައްޓަނީ ކިތައް މީހުން ބާވައެވެ؟
މިގޮތުން ކުއްޖާ ދުނިޔެއަށް އުފަންވުމުން ކުއްޖާއަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރުމަށް އަޅުގަނޑުމެންގެ މާތް ރަސޫލާވަނީ އިރުޝާދު ދެއްވާފައެވެ. "ކޮންމެ ކުއްޖަކުވެސް އުފަންވުމާއެކު ޢަޤީޤާ ކަތިލުމަކީ ކޮންމެ ބަލަދުވެރިޔެއްގެ މައްޗަށް ވާޖިބެކެވެ. ޢަޤީޤާ ކަތިލާނީ 7 ވަނަ ދުވަހުއެވެ. އަދި އެކުއްޖަކަށް ނަންކިޔާ ބޯބަލާ ހަދާނީވެސް މިދުވަހުއެވެ." އަދިވެސް ޙަދީޘް ކުރައްވާފައިވެއެވެ. "ހަތަރުކަމެއް ރަސޫލުބޭކަލުންގެ ސުންނަތުގެ ތެރޭގައި ވެއެވެ. އެއީ ޚިތާނުކުރުމާއި ސިވާކު ކުރުމާއި އަތަރު ލުމާއި އަދި ކައިވެނި ކުރުމެވެ." އަދި ހަމަމިއާއެކު ދަރިފުޅު ދުނިޔެއަށް އުފަންވުމާއެކު އެކުއްޖާގެ ކަނާތު ކަންފަތްދޮށުގައި ބަންގިގޮވާ ތަހްނީކު ކުރުމަކީވެސް ރަސޫލާގެ ސުންނަތުގެ ތެރެއިން ހިމެނޭ ކަމެކެވެ.

އަޅުގަނޑުމެންގެ ދަރިން މިފަދައިން ތަރުބިއްޔަތު ކުރަމުންދާނަމަ މިހާރު މިފެންނަ މަންޒަރުތައް އަޅުގަނޑުމެންނަން ފެންނާނެތޯއެވެ. އަދި މިހިސާބުން އިސްލާމް ދީނުގައި ދަރިން ތަރުބިއްޔަތުކުރުމުގެ ރޯލް ނިމުނީކީ ނޫނެވެ. އެކުއްޖާ ބޮޑުވަމުން އަންނައިރުވެސް އެކުއްޖާއަށް ރަނގަޅު އާދަތައް ދަސްކޮށްދިނުމާއި ގޯސް އާދަތަކާއި ދުރުކުރުމަށް ބާރުއަޅައި ހިތްވަރުދޭން ޖެހެއެވެ. މިގޮތުން ކެއުމުގެ ކުރިން ބިސްމިކިއުމާއި ކަނާތުން ކެއުމާއި ކެއުމުގެ ކުރިން އަތްދޮވުމާއި ކާއިރު ގަޔާކައިރިންކެއުމާއި ކައި އަވަދިވުމުން ﷲއަށް ޙަމްދު ކުރަން ދަސްކޮށްދޭން ޖެހެއެވެ. އަދި ސަމާސާއަކަށްވެސް ދޮގެއް ނުހެދުމަށް ވަރަށްބޮޑަށް ސަމާލުކަން ދޭންޖެހެއެވެ. މިކަންތައްތައް ކުރެވިއްޖެނަމަ އެކުއްޖާއަކީ މާތްﷲ ގެ ބަރަކާތާއި ޢިނާޔަތްތެރިކަން ލިބިފައިވާ ކުއްޖަކަށް ވާނެއެވެ.
އަޅުގަނޑުމެންގެ ދެމަފިރިންގެ ތެރޭގައި ޖެހޭ މައްސަލަތުކުގައި ކުއްޖާ ގޭގައި އުޅެނިކޮށް އެކަކު އަނެކަކަށް އަޑުގަދަކޮށް ގަޔަށް އަތްލާ ހިސާބަށް ދާތަން އާދެއެވެ. މިއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ހިތާމަކުރަން ޖެހޭކަމެކެވެ. އަޅުގަނޑުމެންނަކީ ރަނގަޅު ނަމޫނާއަކަށް ވެގެންނޫނީ އެދަރިން ރަނގަޅު ބަޔަކަށް ހަދާނީ ކިހިނަކުންތޯއެވެ. މިހެންވެ ގޭތެރެއަކީ އެކުދިންނަށް ނަމޫނާދައްކާ ސަލާމަތްތެރި ތަނަކަށް ހަދަންޖެހޭނެއެވެ.

ބޮޑުވަމުން އަންނަ ދުވަސްވަރު ސަމާލުކަންދޭންވީ ވަރަށް މުހިންމު ކަމެއްގެ ވާހަކައިން މާތް ރަސޫލާ ޚަބަރުދެއްވައެވެ. ރަސޫލާ ޙަދީޘްކުރައްވާފައި ވެއެވެ. "އެކުދީން ބޮޑެތި ވުމުން (ގޮތްބާވަތް އެނގުމުން) އެކުދިންގެ ތަންމަތިތައް ވަކިކުރާށެވެ." ނަމަވެސް އަޅުގަނޑުމެންނަށް މިފެންނަނީ އަންހެންކުދިންނާއި ފިރިހެންކުދިން އެއްތަނެއްގައި ނިންދަވާތަނެވެ. މިހެންވުމުގެ ސަބަބުން އެކުދިންގެ ލަދާއި ޙަޔާތް ގެއްލިދެއެވެ. އަދި ކުދިންގެ ޖިންސީ ޣަރީޒާ ހޭލައެވެ. އަދި ނުހަމަގޮތުގައި އޭގެ ބޭނުން ނޭނގިތިބެ ހިފައެވެ. އަދި އެކަމުން ހޭވެރިވެ ދުރުވާން ބަލާއިރު ތިބެނީ އަތްނުފޯރާ ހިސާބަށް ގޮސްފައެވެ. މިހެންވެ ކުދިން ކަންތައްތައް ދަސްކޮށް ތަޖްރިބާކުރުމުގެ މަރުކަޒަކީ ޢާއިލާއެވެ. ގެއެވެ. މަންމައާއި ބައްޕަގެ ތަރުބިއްޔަތެވެ. މިކަންކަމުން ސަލާމަތް ވުމަށްޓަކައި އިސްލާމްދީނުގައިވަނީ ވަރަށްބޮޑު އަހަމިއްޔަތެއް ދެއްވާފައެވެ. މާތްﷲ ވަޙީކުރައްވާފައިވެއެވެ. "އަދި ކަލޭގެފާނުގެ އަހުލުވެރީންނަށް ނަމާދު ކުރުމަށް އަމުރުކުރާށެވެ. އަދި އެކަމުގެ މައްޗަށް ކެތްތެރިވެ ވަޑައިގަންނަވާށެވެ." އަދިވެސް ވަޙީކުރައްވާފައި ވެއެވެ. "ތިޔަބައިމީހުންގެ ދަރީންނަށް 7 އަހަރުވުމުން ނަމާދަށް އަމުރުކުރާށެވެ. އަދި 10 އަހަރުވުމުން އަދަބުދީގެން ވިޔަސް ނަމާދު ކުރުވާށެވެ." މިގޮތަށް ތަރުބިއްޔަތު ކުރާނަމަ އަޅުގަނޑުމެންގެ ކުދީންގެ ހިތްތަކުގައި އިސްލާމްދީންގެ މަތިވެރި ރޫޙް އާލާވެ އިސްލާމްދީނުގެ އުޞޫލުތަކަށް ލޯބިޖެހި މުޅި އުންމަތް ރަނގަޅު ވެދާނެއެވެ. އަދި ތަފާތު މީހުން ކޮޕީކުރުމަށް މަގުފަހިކޮށްފާނޭ ކަންތައްތައް ވެސް އިސްލާމްދީނުގައި ވަނީ މަނާކުރައްވާފައެވެ. އަދި އެކަމުގެ ފުރުޞަތުތައް ކުޑަކުރައްވާފައެވެ. ރަސޫލާ ޙަދީޘް ކުރައްވާފައިވެއެވެ. "ތިޔަބައިމީހުން ތިޔަބައިމީހުންގެ ދަރީންނަށް ތިންކަމެއް ދަސްކޮށްދޭށެވެ. އެތިންކަމަކީ ތިޔަބައިމީހުންގެ ނަބިއްޔާގެ މައްޗަށް ލޯބިވެތިވުމާއި އެކަލޭގެ ފާނުގެ އާލުންނަށް ލޯބިވެތިވުމާއި އަދި ޤުރުއާން ކިޔެވުމަށެވެ." ދެން ވަކިން މިއަށްވުރެ ފުރިހަމަ ނިޒާމެއް އޮންނާނެތޯއެވެ. މިއަކީ ހުޅަނގުގެ ނިޒާމުތައް ފަދަ ލޯކަނު މާއްދީއްޔަތުގެ ނިޒާމެއް ނޫނެވެ.
މަތީގައިވާ ޙަދީޘްގައި ބަޔާންކުރައްވާފަދައިން އަޅުގަނޑުމެންގެ ދަރިންނަށް ރަސޫލާއަށް ލޯބިވާން ދަސްކޮށްދިނުމަކީ އެކުދިންގެ ކާމިޔާބުގެ މަގުގައި ސާބިތުވުމުގެ އަސްލެވެ. މިހެން ނުވާންވީ ކީއްވެތޯއެވެ. އެކަލޭގެފާނަކީ އޯގާވެރި މީސްތަކުންނަށް ރަޙުމްކުރާ ބޭކަލެކެވެ. މާތްﷲ ވަހީކުރައްވާފައިވެއެވެ. "އަދި ޢާލަމްތަކަށް ރަޙްމަތެއްކަމުގައި މެނުވީ ތިމަންރަސްކަލާގެ ކަލޭގެފާނު ނުފޮނުއްވަމެވެ." އެކަލޭގެފާނަކީ ޚުލުޤުހެޔޮ ބޭކަލެކެވެ. ވީމާ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ ކުއްޖެއްގެ ނަމޫނާއަކީ މިފަދަ މާތް ބޭކަލެއްނަމަ އަޅުގަނޑުމެންގެ ތެރެއިން ކުށްކުރާމީހުންދާނީ ދުވަހެއް ދުވަހަކަށް މަދުވަމުންނެވެ. މިހެންކަމުން މިކަންކަމަށް ސަމާލުކަންދީގެން ކުދިން ތަރްބިއްޔަތު ކުރުމަކީ ވަރަށް މުހިންމުކަމެކެވެ.
ކިޔަވާކުދިންނަކީ ޤައުމުގެ މުޅި މުސްތަޤުބަލު އެބަޔަކާ ގުޅިފައިވާ ބައެކެވެ. މާދަމާ މުޖުތަމަޢަށް ނިކުންނަން ތިބި ހަރުދަނާ ޒުވާނުންނެވެ. ޒިންމާދާރު ވަޒީފާތަކުގެ ޙައްޤުވެރިންނެވެ. ދިވެހި ޤައުމު ހިންގަންތިބި ވެރިންނެވެ. މިފަދަ އަގުހުރި ބަޔަކަށް ކިޔަވާ ކުދިން ވީހިނދު އެކުދިންނަކީ އެފަދަ ކަމަކަށް ޤާބިލް މުޖުތަމަޢު ޤަބޫލު ކުރާ އަޚުލާޤީ މިންގަނޑު ތަކެއްގެ ވެރި ބަޔަކަށް ވާންޖެހެއެވެ. ދުރޫސުލް އަޚުލާޤުގެ މަތިވެރި ސިފަ ލިބިގެންވާ ބަޔަކަށް ވާންޖެހެއެވެ. ނަމަވެސް މިއަދު ހިތާމަޔާ އެކު ދަންނަވަމެވެ. އަޅުގަނޑުމެންގެ ތެރެއިން ބައެއް ކިޔަވާ ކުދިންގެ ފަރާތުން ފެންނަމުންދަނީ މުޅިން އެހެން މަންޒަރުތަކެކެވެ. އިވެމުން ދަނީ މުޅިން އެހެން އަޑުތަކެކެވެ. މިފަދަ ބައެއް ކުދިންގެ ކިބައިގައި އަޚުލާޤުގެ ޒައްރެއްގެ މިންވަރެއްވެސް ނެތޭބުނުމަކީ ދޮގަކަށް ނުވާނެއެވެ. މިހެންމިކަން ވަނީ ކޮންމެވެސް ބައެއްގެ އިހުމާލުންކަން ކަށަވަރެވެ. މިކަމުގެ ޒިންމާ ކޮންމެވެސް ބަޔަކު ނަގަން ޖެހޭނެއެވެ.
އަޅުގަނޑުގެ ވިސްނުމުގައި ކިޔަވާކުދިންގެ އަޚުލާޤު ގޯސްވުމުގައި އެންމެފުރަތަމަ ޒިންމާ ނަގަން ޖެހޭނީ އެކުއްޖެއްގެ ތަރުބިއްޔަތުގެ ފުރަތަމަ ބިންގާ އަޅާ ފަރާތްކަމުގައިވާ އެކުއްޖެއްގެ ބެލެނިވެރިޔާއެވެ. އާދެ، މައިންބަފައިންނެވެ. އަޅުގަނޑުދެކޭގޮތުގައި ކުއްޖެއްގެ އަޚުލާޤު ގޯސްވުން ނުވަތަ އަޚުލާޤު ރަނގަޅުވުންވެސް އެންމެފުރަތަމަ ގުޅެނީ އެކުއްޖެއްގެ މައިންބަފައިން އެކުއްޖެއްގެ ތަރުބިއްޔަތުގެ ބިންގާ އަޅާގޮތެއްގެ މަތިންނެވެ. ކުއްޖާގެ ތަޢުލީމު ހާސިލު ކުރުމަށް ސްކޫލަށް ފޮނުވުމުގެ ކުރިން ކުއްޖާ އުޅެނީ އެކުއްޖެއްގެ މައިންބަފައިންގެ ކައިރީގައެވެ. މިދުވަސްވަރު އެ ކުއްޖެއްގެ ތަރުބިއްޔަތަށް ނުވިސްނައިފިނަމަ އޭގެ ހިތިރަހަ ފަހުން ދެކެން މަޖުބޫރު ވާނެއެވެ.
ތަޢުލީމު ޙާސިލުކުރުމަށް ސުކޫލަށް ފޮނުވާއިރު ހަޤީޤަތުގައި އެކުއްޖާއަށް ހުންނަންޖެހޭނީ ރިވެތި އަޚުލާޤީ ސިފަތައް ދަސްކޮށްދެވިފައެވެ. މިހެން މިކަން ނުވެއްޖެނަމަ ކުއްޖާ ބޮޑުވަމުން އަންނަ އިރު އެކުއްޖާގެ އަޚުލާޤަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ.

[1] . އަށްތަޙުރީމް ސޫރަތުގެ 6
[2]  އިބުނު އައްބާސްގެ އަރިހުން ބައިހަޤީ ރިވާކުރައްވާފައިވާ ހަދީޘެއް
[3]  އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާގެ اسلامى أخلاق 1 ޞަފްހާ 32 ގެ ދެވަނަ ޕެރެގުރާފް
[4]   އައްތިރިމިޒީ
[5]  އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާގެ اسلامى أخلاق 1 ޞަފްހާ 33 ގެ ފުރަތަމަ ޕެރެގުރާފް

ފޮޓޯ: ނައްޓު

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ރިޕޯޓް