ކޮލަމިސްޓް

ނޫސްތަކުން

ލިޔުނީ : ޙަސަން ޒާހިރު

"ނޫސްތަކުން" މި ލިޔުމުގައި އަޅުގަނޑު އަލިއަޅުވާލަން ގަސްތު ކުރަނީ ބައެއް ނޫސްތަކުގައިވާ، ޚަބަރުތަކަށް ކިޔުންތެރިން ހުށައަޅާފައިހުންނަ ފާހަގަކޮށްލެވޭ ޚިޔާލުތަކަށެވެ. އެ ޚިޔާލުތަކާއެކު އަޅުގަނޑު އެޔާމެދު ދައްކަން ބޭނުން ވާހަކަތައް މި ލިޔުމުގައި ހިމަނާލާނަމެވެ.

ފުރަތަމަ ޚިޔާލު:-

"އިޒްރޭލަކަސް އެމެރިކާއަކަސް ދިވެހި ގައުމަށް ފައިދާކުރާ ކަމެއްގައި ނަމަ ހަމަ ސިކުންތެއްވެސް ލަސްނުކޮށް ބައިވެރިވެ އަތާއަތް ގުޅާލަންވީ! މިކަން ނުކޮށް ތިބެގެން އެއްޗެއް ދޭން ބުނާ މީހަކު އެބަހުރިތޯ؟ ނެތް!"

މިއީ "އިޒްރޭލްގެ ގައުމީ އެއާލައިނުން ރާއްޖެ އަށް ދަތުރުތައް ފަށަން ހުށައަޅައިފި" މި ސުރުޚީގެ ދަށުން 31 މޭއި 2011 ވަނަ ދުވަހު "ހަވީރު" ނޫހުގައި ލިޔެފައިވާ ޚަބަރަކަށް ކިޔުންތެރިޔަކު ފޮނުވާފައިވާ ޚިޔާލެކެވެ.

އަޅުގަނޑުގެ ބަސް:-

އާދޭހެވެ! އެއްވެސް އެއާލައިނަކުން ރާއްޖެ އަށް ދަތުރު ކުރާނަމަ އެކަމުން މާއްދީ ފައިދާތަކެއް ރާއްޖެ އަށް ލިބޭނެއެވެ. އެއީ އިޒްރޭލާއި އެމެރިކާ ކަމުގައި ވިޔަސްހެވެ. ފައިދާގެ ބާވަތް ދެބަޔަކަށް ބެހިގެންވެއެވެ. އެއީ މާއްދީ ފައިދާ ނުވަތަ ދުނިޔަވީ ފައިދާ އާއި ރޫޙާނީ ނުވަތަ އުޚްރަވީ ފައިދާއެވެ. ފަސްދޮޅޮސް އަހަރު، ހަތްދިހަ އަހަރު، އެޔަށްވުރެ ގިނަ ނުވަތަ އެޔަށްވުރެ މަދު ދުވަސްކޮޅަކު ދުނިޔޭގައި އުޅުމަށްފަހު ކޮންމެ މީހަކީވެސް މިދުނިޔެއާ ވަކިވާންޖެހޭ މީހެކެވެ. މިއީ ދުނިޔެ ދައްކާ ޙަޤީޤަތެވެ. މިދަންނަވާ މަދު ދުވަސްކޮޅަށްފަހު އަޅުގަނޑުމެން ދަތުރުކުރަނީ އަބަދީ ޙަޔާތަކަށެވެ. އެނބުރި އައުންނެތް ދުނިޔެއަކަށެވެ. އެދުނިޔޭގައި ހޭދަކުރާނެ މުއްދަތަކީ ހިސާބެއް ނެތް އެއްޗެކެވެ. މަރުވުމެއް، ހުސްވުމެއް ނެތް ޙަޔާތެކެވެ. މިފަދަ ޙަޔާތަކަށް ލިބޭ ފައިދާއާއި އަޅާބަލާއިރު މާއްދީ، ނުވަތަ މިދުނިޔަވީ ފައިދާއަކީ އަގެއް އޮތް އެއްޗެއް ނޫނެވެ.

އިޒްރޭލުގެ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ކުރުމުން އަޅުގަނޑުމެންނަށް ވާނީ މާއްދީ ފައިދާއެކެވެ. ބަދަލުގައި އަޅުގަނޑުމެންނަށް ގެއްލިގެންދާނީ އުޚްރަވީ ފައިދާއެކެވެ. އެހެނީ އެއުރެންގެ އެއާލައިން އަޅުގަނޑުމެންގެ ޤައުމަށް ގެނައުމަކީ އެއުރެންނާ ކުރާ ގުޅުން ބަދަހި ކުރުމެކެވެ. އެއުރެންނާ ގުޅުން ބަދަހި ނުކުރުމަށް މާތް ﷲ އަޅުގަނޑުމެންނަށް ވަނީ އަމުރުކުރައްވާފައެވެ. މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވަނީ لَّا يَنْهَاكُمُ اللَّـهُ عَنِ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِجُوكُم مِّن دِيَارِكُمْ أَن تَبَرُّوهُمْ وَتُقْسِطُوا إِلَيْهِمْ ۚ إِنَّ اللَّـهَ يُحِبُّ الْمُقْسِطِينَ ﴿٨﴾ إِنَّمَا يَنْهَاكُمُ اللَّـهُ عَنِ الَّذِينَ قَاتَلُوكُمْ فِي الدِّينِ وَأَخْرَجُوكُم مِّن دِيَارِكُمْ وَظَاهَرُوا عَلَىٰ إِخْرَاجِكُمْ أَن تَوَلَّوْهُمْ ۚ وَمَن يَتَوَلَّهُمْ فَأُولَـٰئِكَ هُمُ الظَّالِمُونَ ﴿٩﴾  ތިޔަބައިމީހުންގެ دين އާހުރެ، ތިޔަބައިމީހުންނާ ހަނގުރާމަނުކުރާ، އަދި ތިޔަބައިމީހުންގެ ގޮވަތި ގެދޮރުން ތިޔަބައިމީހުން ބޭރުކޮށްނުލާ މީހުންނަށް ތިޔަބައިމީހުން ހެޔޮކޮށްހިތައި، އަދި އެއުރެންނަށް عدل ވެރިގޮތުގައި ކަންތައް ކުރުން، اللَّه ތިޔަބައިމީހުންނަކަށް މަނައެއް ނުކުރައްވަތެވެ. ހަމަކަށަވަރުން، عدل ވެރިންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ. اللَّه، ތިޔަބައިމީހުންނަށް މަނާކުރައްވާކަން ކަށަވަރީ، ތިޔަބައިމީހުންގެ دين އާހުރެ ތިޔަބައިމީހުންނާ ހަނގުރާމަކޮށް، އަދި ތިޔަބައިމީހުންގެ ގޮވަތިގެދޮރުން ތިޔަބައިމީހުން ނެރެލައި، އަދި ތިޔަބައިމީހުން ބޭރުކޮށްލުމަށް ވާގިވެރިވާ މީހުންނާ އެކުވެރިކަން ބެހެއްޓުމެވެ. އެއުރެންނާ އެކުވެރިކަން ބަހައްޓާ މީހުން (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ އަނިޔާވެރިންނެވެ" މިފަދައިންނެވެ.

ފަހަރެއްގައި މީހަކު ބުނެފާނެއެވެ. އިޒްރޭލު މީހުން އަޅުގަނޑުމެންނާ ހަނގުރާމައެއް ނުކުރެއެވެ. އެމީހުން ހަނގުރާމަ ކުރަނީ ފަލަސްޠީނާއެވެ. ޖަވާބުގައި ދަންނަވަން ޖެހެނީ މުސްލިމުންގެ މިސާލަކީ އެއް ހަށިގަނޑުގެ މިސާލުކަމުގައެވެ. މުސްލިމުންނަކީ އިސްލާމްވަންތަ ކަމުގެ ސަބަބުން އަޚުންތަކެކެވެ. ފަލަސްޠީނުގައި ޝަހީދުވަމުންދަނީ އަޅުގަނޑުމެންގެ އަޚުންނާއި އުޚްތުނެވެ. އަޅުގަނޑުމެންނަކީ މުސްލިމުންނެވެ.

އިސްވެ ބަޔާންވެދިޔަ އާޔަތުގެ އިތުރުން އެޔަށްވުރެ ތިލަކޮށްވެސް ދަލީލެއް ހުށައަޅާލާނަމެވެ.  މާތް ﷲ އަންގަވާފައިވަނީ يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا الْيَهُودَ وَالنَّصَارَىٰ أَوْلِيَاءَ ۘ بَعْضُهُمْ أَوْلِيَاءُ بَعْضٍ ۚ وَمَن يَتَوَلَّهُم مِّنكُمْ فَإِنَّهُ مِنْهُمْ ۗ إِنَّ اللَّـهَ لَا يَهْدِي الْقَوْمَ الظَّالِمِينَ ﴿٥١﴾ فَتَرَى الَّذِينَ فِي قُلُوبِهِم مَّرَضٌ يُسَارِعُونَ فِيهِمْ يَقُولُونَ نَخْشَىٰ أَن تُصِيبَنَا دَائِرَةٌ ۚ فَعَسَى اللَّـهُ أَن يَأْتِيَ بِالْفَتْحِ أَوْ أَمْرٍ مِّنْ عِندِهِ فَيُصْبِحُوا عَلَىٰ مَا أَسَرُّوا فِي أَنفُسِهِمْ نَادِمِينَ މާނައީ: " އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން يهودى ންނާއި، نصارى އިން (އެއީ) އެކުވެރިން ކަމުގައި ނުބަލާށެވެ! އެއުރެންގެ ތެރެއިން އެއްބަޔަކީ އަނެއްބަޔެއްގެ އެކުވެރިންނެވެ. ތިޔަބައިމީހުންގެ ތެރެއިން އެއުރެން އެކުވެރިން ކަމުގައި ބަލައިފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެއީ، އެއުރެންގެ ތެރެއިންވާ މީހެކެވެ. ހަމަކަށަވަރުން، އަނިޔާވެރި ބަޔަކަށް اللَّه ތެދުމަގެއް ނުދައްކަވާނެތެވެ.  ފަހެ، އެއުރެންގެ ހިތުގައި ބަލިމަޑުކަމެއް ހުންނަމީހުން (އެބަހީ: شك އާއި نفاق ގެ ބަލިހުންނަ މީހުން) ޔަހޫދީންނާއި ނަޞާރާއިންގެ އެކުވެރިކަން ލިބިގަތުމަށް އަވަސްވެގަންނާތީ، ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ. އެއުރެން ބުނެތެވެ. ތިމަންމެންނަށް مصيبة އެއް ޖެހިދާނެކަމަށް ތިމަންމެން ބިރުގަނެތެވެ. ފަހެ، اللَّه فتح އެއްވެސް ދެއްވައިފާނެތެވެ. ނުވަތަ އެކަލާނގެ حضرة ން، އެހެން أمر ފުޅެއްވެސް އަތުވެދާނެތެވެ. ފަހެ، އެހާރުން އެއުރެންގެ ހިތްތަކުގައި ވަންހަނާކުރި ކަންތަކުގެ މައްޗަށް ހިތާމަކުރާ ބަޔަކު ކަމުގައި އެއުރެން ވާނެތެވެ."

މިހިސާބުން އަޅުގަނޑުމެންނަށް ދަންނަވާލަންޖެހެނީ ޔަހޫދީންގާތު "ސޮރީ" އެވެ. އަޅުގަނޑުމެންގެ ފަސްގަނޑުގައި ތިޔަ އެއާލައިނުގެ މަތިންދާބޯޓެއް ޖެއްސުމުގެ ހުއްދަ ދެވޭކަށްނެތެވެ. އަދި މަތީގައިވާ ކޮމެންޓު ކުރެއްވިބޭފުޅާވެސް ޚިޔާލު ބަދަލުކޮށްލައްވާށެވެ.

(ނުނިމޭ)

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *