ކޮލަމިސްޓް

ދިވެހިރާއްޖޭގައި އަޅުންގެ ބާޒާރު؟؟؟

ސާދަ ސައްތައިގެ ތެރެއިން އަޅުގަނޑުމެންނަށް އިސްލާމްދީން ވަނީ އިންސާނީ ކަރާމަތާއި، ނަފްސުގެ ޢިއްޒަތް ހޯދައިދީފައެވެ. އެދީން އުދަރެހުން އަލިވިލުމުގެ ކުރިން ދުނިޔެ ދެކެމުންދިޔައީ ނިހާއީ އަޅުވެތިކަމުގެ ދުވަސްތަކެކެވެ. އިސްލާމްދީން، އިންސާނާ އަޅުންގެ އަޅުވެތިކަމުން މިނިވަންކޮށްދިނެވެ. ޙައްޤު އިލާހުގެ އަޅުވެތިކަން ނޫން އެހެން ހުރިހާ އަޅުވެތިކަމަކުން މިންޖުކޮށްދިނެވެ. މީގެ ހެއްކަކަށް އިސްލާމީ ޝަރީޢަތުގެ ބައެއް ކުށުގެ ކައްފާރާއެއް ކަމުގައި އަޅަކު މިނިވަންކުރުން ހިމެނިފައިވުން ފުދެއެވެ.

އަޅުގަނޑުމެންގެ މިރާއްޖެއަކީ ގާތްގަނޑަކަށް އަށެއްކަ ސަތޭކަ އަހަރުގެ އިސްލާމީ ތާރީޚެއް ލިބިގެންވާ ޤައުމެކެވެ. އެހެން ނަމަވެސް އިސްލާމީ އުސޫލުތަކާ އަޚުގަނޑުމެން ދުރުވުމުގެ ނަތީޖާއެއްގެ ގޮތުން މިއަދު މިރާއްޖޭގައިވަނީ އަޅުން ގަނެވިއްކާ ބާޒާރެއް އުފެދިފައެވެ. މިބާޒާރުގައި މިލިޔަން މިލިޔަނުން ގުނާލެވޭ ބޮޑެތި ފައިސާގެ ޢަދަދު ތަކަކަށް އަޅުން ގަނެވިއްކާ ވާހަކައަކީ މަޝްހޫރު ވާހަކައެކެވެ.

ރައްޔިތުންގެ އަޑު ރައްޔިތުންގެ މަޖިލީހުގައި އިއްވައިދޭނެކަމުގެ ފޮނި ވަޢުދުތަކާއެކު، ރައްޔިތުން އިންތިޚާބުކުރާ މަންދޫބުން، އެމީހުންގެ ވިސްނުމާ، ޚިޔާލާ، ފިކުރު، ހުށައެޅޭ ބޮޑެތި ފައިސާގެ ޢަދަދުތަކަށް ވިއްކާ ވާހަކައަކީ އަޅުގަނޑުމެން ދަންނަ ޙަޤީޤަތެކެވެ. މިދަންނަވާ މެމްބަރުން އެމީހުން ތިބި ފާޓީން އެހެން ޕާޓީއަކަށް ބަދަލުވާއިރު އެމީހުންގެ ބޭންކު އެކައުންޓުތަކާއި، އެމީހުންގެ ގާތް މީހުންގެ އެކައުންޓުތައް ފުރިބާރުވާ ކަމުގައިވެއެވެ. އެމީހުންގެ ގާތް މީހުންނަށް ބޮޑެތި މަޤާމުތަކާއި، އިނާޔަތްތައް އޮއްސިގެންދާ ކަމުގައިވެއެވެ.

ބާޒާރުގައި ގަނެއް ވިއްކޭ އަޅުންނަކީ އެމީހުންގެ އަމިއްލަ އިޚްތިޔާރު ލިބިގެންވާ ބައެއް ނޫނެވެ. އެމީހުންގެ މިޘާލަކީ ސާހިބުމީހާ އެޅިހައި ބަތަކަށް ރިހައެވެ. މިފަދަ އަޅުންގެ ކުރިމަތީގައި އޭނާގެ ސާހިބު މީހާއަކީ ކިތަންމެ ވިޔާނުދާ މީހަކަމުގައި ވިޔަސް ސާހިބު ރުއްސަން ޘަނާ ކިޔަންޖެހެއެވެ. އަޅުކަލޭގެ ޚިޔާލު ކިތަންމެ ތަފާތުވިޔަސް ސާހިބުގެ އޯޑަރަށް ތަބާވާން ޖެހެއެވެ. މިފަދަ އަޅުން އަޅުގަނޑުމެންގެ މިރާއްޖޭގައި ދުވަހަކަށްވުރެ ދުވަހެއް ގިނަވަމުން އަންނަކަމީ ޙަޤީޤަތެކެވެ.

އިއްޔެ އެމީހަކީ ރާބޯ މީހެކެވެ. ބޮޑު ވަގެކެވެ. ޚިޔާނާތްތެރި ޣައްދާރެކެވެ. އެއީ އަފްލާތޫންއެވެ. ހަމަ އެމީހާ އިއްޔެވެސް ހުރިގޮތަށް ހުއްޓައި މިއަދު އޭނާއަކީ ހެޔޮލަފާ ޞާލިޙެކެވެ. ތެދުވެރި އަމާނާތްތެރިއެކެވެ. ކުޅަދާނަ ލީޑަރެކެވެ. މިދެންނެވީ ދިވެހިރާއްޖޭގެ އަޅުންގެ ބާޒާރުގައި ވިއްކާލެވޭ އަޅުންގެ އިއްޔެއާއި މިއަދުގެ ބަސްމަގު ހުންނަގޮތެވެ. ވަކި އަޅެއްގެ ވާހަކައެއް ނޫނެވެ. ހުރިހާ އަޅުންގެ ޙާލަކީވެސް މިއީއެވެ.

ދިވެހިރާއްޖޭގެ އަޅުންގެ ބާޒާރު އުފެދިފައި އޮންނަނީ ޖާހިލިއްޔަ ޒަމާނުގެ އަޅުންގެ ބާޒާރާ ވަރަށް ތަފާތުކޮށެވެ. އޭރު އަޅުންގެ ބާޒާރު އޮންނަގޮތަކީ، ހަނގުރާމައެއްގައި އަސީރު ކޮށްގެން، ނުވަތަ އެނޫންވެސް ގޮތަކުން މީހަކު ހޯދައިގެން އެމީހާ ވިއްކަނީއެވެ. އެހެންނަމަވެސް އަޅުގަނޑުމެންގެ ތެރޭގައި އަޅުންގެ ބާޒާރު އޮންނަގޮތަކީ ޚުދު އޭނާ އަމިއްލަޔަށް އޭނާގެ ވިސްނުމާ، ޚިޔާލާ، ފިކުރު، އަދި ޢިއްޒަތުއް ނަފްސު ވިއްކާލަނީއެވެ. މި ދެބާޒާރުގެ ޙަޤީޤަތަށް ބަލާއިރު ދިވެހި ބާޒާރު މާ މުޑުދާރެވެ. ސަބަބަކީ އަމިއްލަޔަށް އަމިއްލަ މީހާގެ ޢިއްޒަތުއް ނަފްސު ނީލަމަށްލާތީއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *