ކޮލަމިސްޓް

ފިޔަވަޅަކަށްފަހު ފިޔަވަޅެއް (2)

ލިޔުނީ: ޙަސަން ޒާހިރު

"ކޮންމެ އެއްޗެއްވެސް އުފެދުނީ އޭގެ ޒާތުގައި އަމިއްލައަށެވެ"

ކޮންމެ އެއްޗެއްވެސް އުފެދުނީ އޭގެ ޒާތުގައި އަމިއްލައަށޭ ބުނުމުގެ މާނައީ މި ކާއިނާތާއި ކާއިނާތުގައިވާ އެންމެހައި މަޚްލޫޤާތްތަކެއް އުފެދުނީ އަމިއްލައަށް ކަމުގައި ބުނުމެވެ. އެތަކެއްޗަށް ބާރު ފޯރުވާނޭ އެހެން އެއްވެސް ފަރާތެއް ނުވަނީއެވެ. ކޮންމެ އެއްޗެއްގެވެސް ޚާލިޤަކީ ޚުދު އެ އެއްޗެއް ކަމުގައި ވަނީއެވެ. މިހެންކަމުން ޖަމަލުގެ ކަލާންގެއީ ޖަމަލެވެ. މަހުގެ ކަލާންގެއީ މަހެވެ. ގަހުގެ ކަލާންގެއީ ގަހެވެ. އަދި އިންސާނާގެ ކަލާންގެއީ ޚުދު އެ އިންސާނާއެވެ.

މި އިއުތިޤާދަށް ފާޑުވެރި ނަޒަރަކުން ބަލައިފިނަމަ އެންމެ ފުރަތަމަވެސް ބުނެވޭނީ މިއީ އެއްވެސް ބުރަދަނެއް ހުރި އިއުތިޤާދެއް ނޫންކަމަށެވެ. އެހެނީ އިންސާނުންނަށާއި މުޅި މި ބޮޑު ދުނިޔެއަށްވެސް ލިބިގެންވާ ބާރުތަކާއި އިޚްތިޔާރުތައް ވަނީ ވަކި މިންވަރެއްގައި ހިފެހެއްޓިފައިކަން އަހަރެމެން ޤަބޫލު ކުރަން މަޖުބޫރުވެފައިވުމެވެ. ކޮންމެ އެއްޗަކަށްވެސް އެ އެއްޗެއްގެ ބާރާއި އިޚްތިޔާރު ލިބިގެންވަނީ ވަކި ޙައްދެއްގެ ތެރޭގައެވެ.

ގަސްގަހާގެއްސަށް އަޅުގަނޑުމެން ނަޒަރު ހިންގާލަމާތޯއެވެ؟ ބަރަބޯ ވެޔޮ ނުވަތަ ފާގަވެޔޮ ހިތަށް އެރުމުން ހަމަ ހުރެފައި ކާނި ގަހަކަށް ނުވަތަ ދަނބު ގަހަކަށް ނުވެއެވެ. އަދި ކާނި ނުވަތަ ދަނބުގަސް ފަދަ ގަސްގަހަށް އެތަކެތި ބޭނުންވުމުން ކަރާ ނުވަތަ ބަރަބޯ ވެޔޮ ފަދަ ވެޔޮ ގަސްތަކަކަށްވެސް ނުމެވޭމެއެވެ. ގޮތްދޫ ކުރުމެއް ނެތް ހަރުކަށި މުލްޙިދަކު ފަހަރެއްގައި ބުނެފާނެއެވެ. އެގަސްތައް ވަނީ އެތަކެތި ބޭނުން ގޮތަށެވެ. މިފަދަ މީހަކާ އަޅުގަނޑު ކޮށްލަން ބޭނުން ސުވާލަކީ އަނދައަނދާ ހުރި އަލިފާންގަނޑެއްގެ ދަރު ކަމުގައި ވުމަށް ކަލާ އެދެމު ހެއްޔެވެ؟ ޝައްކެއްނެތެވެ! އެއްވެސް މީހަކު އެމީހެއްގެ އަމިއްލަ އިޚްތިޔާރުގައި އެކަމަށް ނޭދޭނެވެ. ވީއިރު ގަހުން ގޮފި ކަނޑައިގެން، ނުވަތަ އެކީ އެކަށް އެގަސް ކަނޑައިގެން އަޅުގަނޑުމެން އިންސާނުން އެތަކެތި ދަރުގެ ގޮތުގައި ބޭނުން ކުރާއިރު އެތަކެތީގެ އަމިއްލަ އިޚްތިޔާރު ވަނީ ކޮންތޯކުތޯއެވެ؟ އެތަކެތި އަންދާ ހުލި ކޮށްލާއިރުވެސް ހިމޭނުން ތިބެނީ ކީއްވެތޯއެވެ؟

ގަހުގައި އަޅާ މޭވާ އިންސާނުންނާއި ޖަނަވާރުން ކެއުމަށް ބޭނުން ކުރެއެވެ. އުސޫލެއްގެ ގޮތުން ބަލާއިރު އެއިން ކޮންމެ މޭވާއަކީވެސް ގަސްތަކުގެ އަމިއްލަ މިލްކެކެވެ. ވުމާއެކު އެތަކެތީގެ ޙައްޤަށް އިންސާނުންނާއި ޖަނަވާރުން އަރައިގަންނަމުން ދާއިރު އެކަމާ އުފްވެސް ބުނެނުލާ އެގަސްތައް ހިމޭނުންތިބެނީ ކީއްވެބާވައެވެ؟ އެގަސްތަކަކީ އެތަކެތީގެ ފުރިހަމަ އިޚްތިޔާރާއި ބާރުގައި އުފެދިފައިވާ އެއްޗެއް ކަމުގައި ވުމާއެކުވެސް އެތަކެތީގެ ޙައްޤު ރައްކާތެރި ކުރުމުގެ އެއްވެސް އާރެއް ބާރެއް އެތަކެއްޗަށް ލިބިގެން ނުވާނީތޯއެވެ؟ މިފަދަ ނިކަމެތި އެއްޗަކަށް ނެތުމުގެ ތެރެއިން ވުޖޫދުވެ ހެދި ބޮޑުވުމުގެ ކުޅަދާނަކަން ލިބުނީ ފަހެ ކޮންފަދައަކުންތޯއެވެ؟

ދުނުޔެއަށް އަންނަ ކޮންމެ އިންސާނަކީ ނެތި ފަނާވެދާ މަޚްލޫޤެކެވެ. އިންސާނާ އުފެދުނީ ޚުދު އޭނާގެ އަމިއްލަ އިޚްތިޔާރާއި ބާރުގައި ކަމަށް ވާނަމަ، އެހެން ގޮތަކަށް ދަންނަވަނީނަމަ އިންސާނާގެ ޚާލިޤަކީ ޚުދު އޭނާ ކަމުގައި ވާނަމަ އޭނާގެ މަރު އޭނާޔަށް ނުހިފެހެއްޓެނީ ކީއްވެބާވައެވެ؟ ކުރިމަތިވާ ތަފާތު ބަލިމަޑު ކަމުގެ މައްޗަށް އޭނާ މާޔޫސްވެފައި ހުންނަންޖެހެނީ ކީއްވެބާވައެވެ؟ ޙާސިލް ކުރަން ބޭނުން އެތައް ލަނޑުދަނޑި ތަކެއް ހުރުމާއެކުވެސް ޢަޖަލު އައިސް ޖެހުމުން ލަހެއް ފަހެއް ނެތި ދުނިޔެދޫކޮށް ދާންޖެހެނީ ކީއްވެބާވައެވެ؟

އަލަށް އުފަންވާ ކޮންމެ އިންސާނަކީވެސް ނެތުމުގެ ތެރެއިން މައުޖޫދުވާ މަޚްލޫޤެކެވެ. ވުމާއެކު ނެތް އެއްޗެއް އަމިއްލަޔަ އުފެދޭނީ ކޮންގޮތަކަށް ތޯއެވެ؟ ޝައްކެއްނެތެވެ! މިއިން ކޮންމެ ސުވާލެއްގެވެސް ޖަވާބަކީ ހަމަ އެންމެ ޖަވާބެކެވެ. އެއީ އެއްވެސް އެއްޗަކީ އޭގެ ޒާތުގައި އަމިއްލަޔަށް އުފެދިފައިވާ އެއްޗެއް ނޫނެވެ. ކޮންމެ އެއްޗެއްވެސް މައުޖޫދު ވުމުގެ ފަހަތުގައި ވަނީ ކުޅަދުންވަންތަ ކަލެއްގެ ޙިކްމަތްތެރި ރޭވުމެކެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *