މާތްވެގެންވާ އިސްލާމްދީނާ މެދު ކުށްހީތަކާއި، ވަހުމީ ޚިޔާލުތައް އުފެއްދުމަށް މުސްތަޝްރިޤުން (އޮރިއެންޓަލިސްޓުން) މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދެއެވެ. އެމީހުންގެ ޝައިޠާނީ ވާހަކަތަކުގެ ސަބަބުން ޣައިރު މުސްލިމުންނެކޭ އެއްފަދައިން މުސްލިމުންގެ ތެރެއިންވެސް ދީނުގެ ތަޢުލީމު މަދު މީހުންގެ އަޤީދާޔަށް ލޮޅުންތަކެއް އާދެއެވެ. އަޤީދާ ފާސިދުވެދެއެވެ.
މުސްތަޝްރިޤުން ދައްކާ ވާހަކަތަކުގެ ނަތީޖާއެއްގެ ގޮތުން މިދީނުގެ ތަޢުލީމު މަދު މީސްތަކުންގެ ތެރޭގައި ހަމައެކަނި ދީނުގެ އަޙްކާމް ތަކާމެދު ޝައްކު އުފެދެނީއެއް ނޫނެވެ. އިސްލާމްދީނަކީ އިލާހިއްޔަ ޙަޟްރަތު ބާވައިލެއްވިގެންވާ ސައްޚަ ދީނެއް ކަމާމެދުވެސް އެއުރެންގެ ހިތުގައި ޝައްކާއި ވަހުމް އުފެދެއެވެ.
އަޅުގަނޑުމެންގެ ރާއްޖެއަކީ އިސްލާމްދީނުގެ ހިދާޔަތުގެ ކިތަންމެ ދިގު މާޒީއެއް ލިބިފައިވީ ޤައުމެއް ނަމަވެސް މިރާއްޖޭގެ ޒުވާނުންގެ އާބާދީގެ ބޮޑު ބައެއް ވަނީ އިސްލާމީ ތަރުބިއްޔަތުން މަޙުރޫމް ވެފައެވެ. ދީނުގެ ސައްޚަ ތަޢުލީމު އޭގެ އެންމެ އެކަށޭނަ ގޮތެއްގައި ލިބިފައި ނެތުމުގެ އިތުރުން ހުޅަނގުގެ ލާދީނީ ފަލްސަފާގެ ތެރެއަށް އެޒުވާނުން ތިބީ އަހުލުވެރިވެފައެވެ. ނަތީޖާއެއްގެ ގޮތުން ޣައިރު އިސްލާމީ އޮއެވަރު އަޅުގަނޑުމެންގެ ތެރޭގައިވެސް ދަނީ ހަލުވި މިނެއްގައި ފެތުރެމުންނެވެ.
އިސްވެދެންނެވި ޙަޤީޤަތް މިގޮތުގައި އޮތުމާއެކު އަޅުގަނޑުމެންގެ ޒުވާނުންނަށް ޒަމާނީ ސައިންސާއި، މަންތިޤީ ހަމަތަކުގެ އަލީގައި އިސްލާމްދީން ތަބްލީޣު ކޮށްދިނުމަކީ ޤައުމީ، އަދި ފަރުދީ ވާޖިބެއްކަމުގައި އަޅުގަނޑު ދެކެމެވެ. ނިހާޔަތަށް ބޭނުންވެފައިވާ މުޙިއްމު ވާޖިބެކެވެ. މިސަބަބައްޓަކައި އަޅުގަނޑުގެ ޢިލްމުގެ މަދުކަމާއެކުވެސް، އަޅުގަނޑުގެ ވާޖިބު އަދާކުރުމަށް މާތް ﷲ ގެ ވާތްގަށް އެދި ހުރެ ފަށައިގަންނަމެވެ. މި މަޒުމޫނު އެކުލަވާލަން އަޅުގަނޑު ގަސްތު ކުރަނީ ވަކިވަކި އަރިމަތީ ސުރުޚީތަކެއްގެ މައްޗަށެވެ. އަދި މަޒުމޫނުގެ މައިގަނޑު ސުރުޚީއަކަށް "ފިޔަވަޅަކަށްފަހު ފިޔަވަޅެއް" ޚިޔާރުކުރީ އަޅުގަނޑުގެ މި މަޒުމޫނުގެ މަންޒިލް މަޤްޞޫދަށް ވާސިލްވާނީ ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅަމުން ކަމުގައި ވީތީއެވެ. މަޒުމޫނުގެ މަންޒިލް މަޤްޞޫދަކީތޯއެވެ؟ ޙައްޤު ދީނަކީ އިސްލާމްދީން ކަން ބަޔާންކޮށްދިނުމެވެ.
މުލްޙިދުން (އެތީސްޓުން)
މުލްޙިދުންނަކީ އިލާހަކު ވޮޑިގެން ވާކަމާމެދު އިންކާރުކުރާ މީހުންނެވެ. އެމީހުންގެ ނަޒަރުގައި މި ފުރިހަމަ ކާއިނާތާއި މި ކާއިނާތުގައި ވާ އެއްވެސް އެއްޗެއްގެ ވެރި ޚާލިޤަކު ނުވެއެވެ. އަޅުގަނޑުމެންނަށް މި ވިސްނުމުގެ މީހުން ތިންބަޔަކަށް ބަހާލެވިދާނެއެވެ. އެއީ:-
1.ކާއިނާތު އުފެދުނީ އިއްތިފާޤަކުން ކަމަށް ޤަބޫލުކުރާ މީހުން.
2. ކޮންމެ އެއްޗެއްވެސް އުފެދުނީ އޭގެ ޒާތުގައި އަމިއްލައަށް ކަން ޤަބޫލުކުރާ މީހުން.
3. ބިގްބޭންގް، އަދި އިވޮލިއުޝަން ގެ ނަޡަރިއްޔާ ޤަބޫލު ކުރާ މީހުން.
މި ތިންބައެވެ. މީގެތެރެއިން އަޅުގަނޑު އެންމެ ފުރަތަމަ އަލިއަޅުވާލާނީ ކާއިނާތު އުފެދުނީ އިއްތިފާޤަކުން ކަމަށް ޤަބޫލުކުރާ މީހުންގެ ނަޡަރިއްޔާއަށެވެ.
"ކާއިނާތު އުފެދުނީ އިއްތިފާޤަކުންނެވެ."
ގަޑިއަކު 1000 މޭލު ބާރުމިނުގައި ދުނިޔެ އޭގެ ޚިޔާލީ ނާރެހުގައި އެނބުރޭކަމުގައި ބަލަމާ ހިނގާށެވެ. މި ބާރުމިން ގަޑިއަކު ސަތޭކަމޭލަށް ލަސްވެއްޖެނަމަ ރެއާއި ދުވާލު ދިހަ ގުނަޔަށް ދިގުވެގެންދާނޭކަމަށް ވެއެވެ. ނަތީޖާއެއްގެ ގޮތުން ދުވާލުގެ ހޫނާއި ރޭގަނޑުގެ ފިނި އެތައް ގުނަޔަކަށް އިތުރުވެގެންދާނެއެވެ. ދުވާލުގެ އިރުގެ ހޫނުކަންގަދަވެ ގަސްގަހާގެހި އަންދާލާނޭކަމުގައި ބުނެވެއެވެ. ދިރުންހުރި އެންމެހައި ތަކެއްޗެއް މިހޫނުގެ ސަބަބުން މަރުވެ ނެތި ފަނާވެދާނެއެވެ. ހަމަ މިބީދައިން ބާކީ ހުރި އެއްޗެއް ރޭގަނޑުގެ ގަދަ ފިނީގެ ސަބަބުން ހަލާކުވެ ނެތިދާނެއެވެ.
އިރުގެ ޞަތަޙައިގެ ހޫނުމިނަކީ، ގާތްގަނޑަކަށް 9900 ޑިގުރީ ފެރަންހެއިޓެވެ. އިރާއި ބިމާއި ދެމެދު މިހާރު ހުރި ދިގުމިނަކީ 149.6 މިލިއަން ކިލޯމީޓަރެވެ. ނުވަތަ 8 މިނިޓު 19 ސިކުންތުން އައްޔަށް ދަތުރުކުރެވޭ ދުރުމިނެވެ. މިދުރުމިނަކީ، އިރުގެ ގަދަ ހޫނު ބިމަށް ފޯރިޔަސް ބިން އަނދައި ހުލި ނުވާހާ ދުރުމިނެވެ. އިރުން ބިމަށް ލިބޭ ހޫނު ދެބައިކުޅަ އެއްބަޔަށް މަޑުވެއްޖެނަމަ، ފިނިވެގެންގޮސް އަޅުގަނޑުމެން އެންމެން މަރުވެއްޖައީހެވެ. އަދި އިރުގެ ހޫނު ދެގުނަޔަށް ގަދަވެއްޖެނަމަ އެހޫނުގެ ސަބަބުން އަޅުގަނޑުމެން އެންމެން އަނދައި ހުލިވެއްޖެއީހެވެ.
ދުނިޔޭގެ ޖައްވު ނުވަތަ އެޓްމޮސްފިއާއޭ މިކިޔާ ތަން މިހާރު މިއޮތްވަރަށްވުރެ ތުނިވެއްޖެނަމަ ދުނިޔޭގެ ފަޒާގެ ތެރެއަށް ވަނުމުން އަނދައިގެންދާ ކޮސްމިކް އޮބްޖެކްޓުތައް ހަލާކުނުވެ ބިމުގެ އެތަންމިތަނަށް ވެއްޓި ބިމުގައި ހުޅުރޯވެ އިސާހިތަކު ބިން އަނދައި ހުލިވެއްޖެއީހެވެ. ޝައްކެއްނެތެވެ! ދުނިޔޭގެ ޖައްވު މިވަނީ އެއަށްވުރެ މާ ފުރިހަމަޔަށެވެ.
ބަޔާންވެދިޔައީ މި ކައުނީ ނިޒާމުގެ ތެރެއިން ވަރަށް ކުޑަކުޑަ މިންވަރެކެވެ. މީގެ އިތުރުންވެސް އިރު ހަނދާ ތަރިތައް އެޔަށް ޚާއްސަވެގެންވާ ވަކި ފަލަކެއްގައި ހިނގަހިގައި ހުރުމާއި މާސިންގާ ކަނޑުގެ ބިޔަ ރާޅުތައް ކުދިކުދި ރަށްތަކުގެ ވަށައިގެން ވާއިރުވެސް އެރާޅުތަށް ކިޔަމަންތެރިވެފައިވާ ވުމާއި މިބާވަތުގެ އަޖައިބު ކުރުވަނިވި އެތައްކަމެއް މި ކައުނީ ނިޒާމުގެ ތެރެއިން އަޅުގަނޑުމެންނަށް ލިޔެވިދާނެއެވެ. އެކަމަކު މި ނިޒާމުތަކުގެ ބަރާބަރު ކަމާއި ފުރިހަމަ ކަމުގެ މައްޗަށް އިއުތިރާފު ވާޙާލު މި ފުރިހަމަ ކަމަކީ ހަމަ އިއްތިފާޤެކޭ ބުނެފުއްދާލެވިދާނެތޯއެވެ؟ އެހެންކަމުގައި ވާނަމަ އަޅުގަނޑު މިދަންނަވާ ޢަމަލީ ތަޖުރިބާ ތިޔައިގެތެރެއިން ކޮންމެ ބޭފުޅަކުވެސް ކޮށްލައްވާށެވެ. ހ. ދިހަ ކަރުދާސްކޮޅު އެއް ސައިޒަކަށް އެއް ބައްޓަމަކަށް ކަފާލައްވާށެވެ. މި ހުރިހާ ކަރުދާސްކޮޅުތަކެއް ހުންނަންވާނީ މުޅީން އެއްގޮތަކަށެވެ.
ށ. ކަފާފައިވާ ކަރުދާސްކޮޅުތަކުގައި ހިސާބު އަނކުރު އެކަކުން ފެށިގެން ދިހަޔަކަށް ކޮންމެ ކަރުދާސް ކޮޅެއްގައި އެއް ޢަދަދު ޖައްސަވާށެވެ.
ނ. ހިސާބު ޢަދަދު ޖެއްސެވި ދިހަ ކަރުދާސްކޮޅު އެތެރެ ނުފެންނަ އެއްޗެއްގެތެރެއަށް، ނުވަތަ ޖީބައް ލައްވާށެވެ.
ރ. ދެން އެއަށްފަހު އެކަރުދާސްކޮޅުތަކުގެ ތެރެއިން ފަހަރަކު ކަރުދާސްކޮޅެއް ނަންގަވަމުން ގެންދަވާށެވެ. މިގޮތަށް ނަންގަވާއިރު ކަރުދާސްކޮޅުތައް އަޅާފައިވާއެތީގެތެރެއަށް ނުބައްލަވާށެވެ. ކޮންމެ ކަރުދާސްކޮޅެއްވެސް ނެގުމަށްފަހު އެކަރުދާސްކޮޅެއްގައިވާ ޢަދަދު އެ ނެގުނު ތަރުތީބަކުން އެހެން ކަރުދާސް ގަނޑެއްގައި ޖައްސަވަމުން ގެންދަވާށެވެ.
ބ. މިގޮތަށް ސަތޭކަ ވަރަކަށް ފަހަރު ތަކުރާރު ކުރައްވާށެވެ.
ޅ. ދެން އެކަކުން ދިހަޔަކަށް ތަރުތީބުން އެއްވެސް އޮޅުމެއް، ފުށުއެރުމެއްނެތި ކަރުދާސްކޮޅުތައް ނެގުނީ ކިތައް ފަހަރުތޯ ބައްލަވާށެވެ.
އާދޭހެވެ! ސަތޭކަޔަކުން ދެފަހަރު ނުވަތަ ތިންފަހަރު ކަރުދާސްކޮޅުގައިވާ ޢަދަދުތައް ތަރުތީބުން ނެގުމަކީ ވެދާނެ ކަމެކެވެ. އެހެނެއްކަމަކު ހުރިހާ ފަހަރަކު ނަންބަރުތައް ތަރުތީބުން ނެގުމަކީ މުސްތަޙީއްލު ކަމެކެވެ. ހުރިހާ ފަހަރަކު ނަންބަރުތައް ތަރުތީބުން ނަގަން އެދޭނަމަ ޖެހޭނީ އެގޮތް އެނގޭފަދަ ހީލަތްތެރި ކޮންމެވެސް ރޭވުމެއް ރާވާށެވެ.
ޙަޤީޤަތަކީ މިއީކަމުގައި ވާއިރު މި ފުރިހަމަ ކައުނުގައިވާ މިލިޔަން މިލިޔަނުން ގުނާލެވޭ ހައިރާން ކުރަނިވި ކަންތައްތަކަކީ ހަމަ އިއްތިފާޤެކޭ ބުނެވޭނީ މަންތިޤީ ކޮން މިންގަނޑެއްގެ މަތިން އިންސާފު ކޮށްގެންތޯއެވެ؟؟ ޝައްކެއްނެތެވެ! ކާއިނާތުގެ ފުރިހަމަ ނިޒާމަކީ އިއްތިފާޤަކުން ފުރިހަމަވެ ތަރުތީބު ވެފައިވާ ގޮތެއް ކަމަށް އަޅުގަނޑުމެންގެ ސަލާމަތް ބުއްދި ޤަބޫލު ނުކުރެއެވެ.
ޚިޔާލު