ކޮލަމިސްޓް

ޚަބަރެއްގެ ތެރެއިން "އުއްމުލް ޚަބާއިޘް" އަށް ނަޒަރެއް!

ލިޔުނީ: ޙަސަން ޒާހިރު

މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘް ބަސްފުޅެއްގެ މާނާގައި ވެއެވެ. "ތިޔަބައިމީހުން ރާބުއިމާ ދުރުހެލިވާށެވެ. ހަމަކަށަވަރުން ރާއަކީ ހުރިހާ ނުބައިކަމެއްގެ ތަޅުދަނޑިއެވެ" (އިބްނު މާޖާ) އިތުރު ސާޙިބާ ރަލާ ބެހޭގޮތުން ވިދާޅުވީ  އެއީ "އުއްމުލް ޚަބާއިޘް" ނުވަތަ ނުބައި ކަންތަކުގެ މަންމައެވެ. ކައުސާޙިބާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މި އަގުމާތްވި ބަސްފުޅުގެ ތެދުކަން އަޅުގަނޑުމެން މިދަނީ ތަޖުރިބާ ކުރަމުންނެވެ.

2011 މެއި 14 ވަނަ ދުވަހު ދިވެހިރާއްޖޭގެ ނޫސްތަކުގައި ޝާއިއު ކުރެވުނު އެއް ޚަބަރަކީ، ވަޒީފާއެއް ހޯދަން މާލެ އައި ރަޝިޔާ ފިރިހެނަކާއެކު ގަދަކަމުން އެއް ޖިންސުން ގުޅުން ހިންގި މައްސަލައެއް ފުލުހުން ބަލަން ފެށި ކަމުގެ ޚަބަރެވެ. މައްސަލައިގެ އަސްލު ދެނެގަތުމަށް މަޝްހޫރު އޮންލައިން ނޫހެއް ކަމުގައިވާ "ސަން އޮންލައިން" ގައި މިޚަބަރާ ގުޅޭގޮތުން ލިޔެފައިވާ ލިޔުމުގެ ތަންކޮޅެއް އަޅުގަނޑު ނަކަލު ކޮށްލާނަމެވެ.

"ސަން އަށް އެނގިފައިވާ ގޮތުގައި ޑުބާއީގައި ވަޒީފާ އަދާ ކުރަމުން އައި ރަޝިޔާ ފިރިހެން މީހާ މާލެ އައިސްފައި ވަނީ "ފޭސްބުކް" މެދުވެރިކޮށް މައުލޫމާތު ހޯދައިގެން ރާއްޖެއިން ވަޒީފާއެއް ހޯދުމަށެވެ. އޭނާ މާލެ އައުމުން ދިވެހި ފިރިހެނަކު އޭނާއާ ހަވާލުވެ، ގެއަށް ގެންގޮސް ބަނގުރާ ބޯންދީ ގަދަކަމުން އެ މީހާއާއެކު އެއް ޖިންސުން ޖިންސީ ގުޅުން ހިނގީ އެވެ. އަދި އެ އަމަލު ހިންގުމަށްފަހު އެމީހާގެ ގެންގުޅުނު ފައިސާތައް ފޭރިގަތް ކަމަށް ވެސް ވެއެވެ."

މިޚަބަރަށް ބަލާއިރު މާތްވެގެންވާ އިސްލާމްދީން އެކަމެއް ކުރުން ކަނޑައެޅިގެން ޙަރާމް ކުރައްވާފައިވާ 3 ކަމެއް މިޚަބަރުން ފާހަގަ ކުރެވެއެވެ. އެއީ ރާ ބުއިމާ، އެއް ޖިންސުން ގުޅުން ހިންގުމާ، ފޭރުމެވެ. މި ތިން ޖަރީމާ ހިންގާފައިވާ ގޮތައް ބަލާއިރު ގަދަކަމުން އެއް ޖިންސުގެ ގުޅުން ހިންގުމާއި، ފޭރުމުގެ ނުބައި ޢަމަލް ކޮށްފައިވަނީ އެދެކަން ކުރުމުގެ ކުރިން ރަޝިޔާ ފިރިހެން މީހާއަށް ރާ ބޯންދީ އޭނާ މަސްތު ކުރުމަށްފަހުގައެވެ.

ވިސްނާ ފިކުރުކޮށްލައްވާށެވެ. މިޚަބަރުން އަޅުގަނޑުމެންނަށް ފާހަގަ ކުރެވުނު 3 ޖަރީމާއިން ދެ ޖަރީމާ ހިންގުމުގެ ކުރީގައި ފާޙިޝް ފާޖިރު އިންސާނާ  އެދެކަންތަކުގެ ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްފައިވަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ބަޔާން ކޮށްދެއްވާފައިވާ ނުބައިކަންތަކުގެ ތަޅުދަނޑިއެވެ. އާދެ ބަނގުރަލެވެ.

މުޅި ދިވެހިރާއްޖެ އަށް ހުތުރު ނަމެއް ލިބިގެންދިޔަ ބޮޑުވެގެންވާ ޖަރީމާގެ ފެށުމުގައި، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ބަޔާންކޮށް ދެއްވާފައިވާ "ނުބައިން ކަންތަކުގެ ތަޅުދަނޑި" ނުވަތަ "ނުބައި ކަންތަކުގެ މަންމަ" ކަމުގައިވާ ރާ ހިމެނިފައިވާއިރު މިކަމުން އަޅުގަނޑުމެން ދަރުސްތަކެއް ލިބިގަންނަން ޖެހެއެވެ. ދައުލަތުގެ ވަކީލުން ފޮނުވައިގެން ރާ ހުއްދަ ކުރުމަށް ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ނުބައިކަން  ދެނެގަންނަން ޖެހެއެވެ. މާތްވެގެންވާ އިސްލާމް ދީނުގައި ކަމެއް ޙަރާމް ވެގެންވާނަމަ އެކަމެއްގެ ފަހަތުގައި ނުހަނު ގިނަގުނަ ޙިކުމަތްތަކެއް އެކުލެވިގެންވާ ކަމުގެ މަތިވެރި ދަރުސް ލިބިގަންނަން ޖެހެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *