ރިޕޯޓް

"ސަލާމްނުކުރާ ކުދިން"

 

"ސަލާމްނުކުރާ ކުދިން"، މި އިބާރާތަކީ މިހާރަކަށް އައިސް އަޅުގަނޑުމެންނަށް އާންމުކޮށް އިވޭ އިބާރާތެކެވެ. ޙާއްޞަކޮށް އިނާމް ދިނުމުގެ ރަސްމިއްޔާތު ތަކަށާއި، ދަސްވެނިވިންނަށް ސެޓްފިކެޓް އެރުވުމުގެ ރަސްމިއްޔާތުތަކަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ ފަރިތަކުރުންތަކުންނެވެ. އަދި ބައެއް ފަހަރު ރަހުމަތްތެރިންނާ އެކު އުޅޭއިރު، ބައެއް ރަހުމަތްތެރީންގެ ފަރާތުންވެސްމެއެވެ.

ދިވެހިރާއްޖޭގެ އިލްމުވެރިންގެ ދޫތައް ހުޅުވި، އެބޭފުޅުންގެ ދަރުސްތައް ކެނޑިނޭޅި އަޅުގަނޑުމެންނަށް ލިބެންފެށުމުން، ސަލާމްކުރުމަކީ ކިހާ މުހިންމު ކަމެއްކަން އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކަށް މިއަދު ވިސްނިފައި  ވީނަމަވެސް، ސަލާމްކުރުމުގައިވެސް ހައްދުފަހަނައަޅާފައިވާ މީހުން ރާއްޖޭގައި ވަރަށް ގިނައެވެ. އިސްލާމްދީނުގައި ސަލާމްކުރުމަށް ބާރު އަޅާފައި ވީނަމަވެސް ސަލާމްކުރުމުގައި އެކި ފަހަރު އަމަލުކުރަންޖެހޭ ގޮތް ތަފާތެވެ. މިސާލަކަށް، ދެއަޚުން ނުވަތަ ދެއުޚްތުން ސަލާމްކުރާނަމަ އަތާ އަތް ޖޯޑުކޮށް ސަލާމްކުރެވޭއިރު، އަނެއް ޖިންސުގެ ތިމާއާ ކައިވެނި ހުއްދަ މީހަކާ ސަލާމް ކުރާއިރު އަތާއި އަތް ޖޯޑުކޯށް ސަލާމް ކުރުމަކީ ހުއްދަވެގެން ވާ ކަމެއް ނޫނެވެ. ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން މަދު ބަޔަކު ފިޔަވާ އަތާ އަތް ޖޯޑުކޮށް ސަލާމްކުރުމުގައި އަންހެނެއް ފިރެހެނެއް ބަލައެއް ނުލައެވެ.

ރަސޫލުﷲ ޞައްލަﷲ އަލައިހިވަސައްލަމްގެ ސުންނަތައް ވީ ވަރަކަށް ތަބަޢަވެގެން އުޅެވޭތޯ މަސައްކަތް ކުރަމުން ދާ ގިނަ ކުދިންނަކީ، ތިމާގެ އަޚަކާއި، ނުވަތަ އުޚްތަކާއި، ބައްދަލުވާ ކޮންމެ ފަހަރަކު ސަލާމް ގޮވާލާ ހަދާ ކުދިންނެވެ. އާދެ، ރަސޫލުﷲ ޞައްލަﷲ އަލައިހިވަސައްލަމްގެ އަންނަނިވި ހަދީޘްބަސްފުޅަށް ފުރިހަމައަށް ކިޔަމަންތެރިކަން އަދާކުރުމުގެ ގޮތުންނެވެ.

"އޭ މީސްތަކުންނޭވެ. ތިޔަބައިމީހުން ސަލާމްކުރުން އާންމުކުރާށެވެ. ގިނަ ގިނައިން ކާންދޭށެވެ. ގާތްތިމާގެ މީހުންނަށް ހެޔޮކޮށް ހިތާށެވެ. އަދި މީސްތަކުން ނިދާފައިވާ ވަގުތު ތެދުވެ ދަމުނަމާދުކުރާށެވެ. އޭރުން ތިޔަބައި މީހުން ސުވަރުގެ ވަންނަ ހުއްޓެވެ."
-އައް ތިރްމިޛީ އަދި އިބްނުމާޖާ-

މި ހަދީޘުންވެސް އަޅުގަނޑުމެން ގިނަ ގިނައިން ސަލާމްކުރަންވީ، ކީއްވެގެންކަން ވަރަށް ރަނގަޅަށް އެނގިގެން ދެއެވެ. އެކަމުގެ މުހިންމުކަން ވަކިން ބޮޑަށް ދޭހަވެއެވެ. ނަމަވެސް ހިތާމަޔަކީ، ދަންނަ މީހަކާ ނުވަތަ ނުދަންނަ މީހަކާ ނަމަވެސް ބައްދަލުވާ ހިނދު ސަލާމްކުރަމުންދާ ކުދިންނަށް ނިސްބަތްކޮށް" ސަލާމްނުކުރާ ކުދިން" ގެ އިބާރާތް ބޭނުންކުރެވޭ ކަމެވެ.

އަންހެނެއް ފިރެހެނެއް ބަލާ ނުބަލާ އަތާ އަތްޖޯޑުކޮށް ސަލާމްކުރާ ކުއްޖަކު ސުންނަތުގައި ވާ ގޮތަށް ސަލާމްކުރުމުގައި އަމަލުކުރާ ކުއްޖަކަށް ސަލާމްކުރުމަށް އަތް ދިއްކޮށްލުމަށްފަހު ސަލާމް ނުކޮށްފިނަމަ އެމީހުންގެ އަނގައިން ބޭރުވަނީ " ސަލާމް ނުކުރާ ކުއްޖެއްދޯއެވެ؟" މިފަދަ ކޮންމެވެސް އިބާރާތެކެވެ. ނަމަވެސް ސަލާމްނުކުރާ ކަމަށް ލޭބަލް މިކުރެވުނު އަޚަކީ ނުވަތަ އުޚްތަކީ ހަޤީގަތުގައި ސުންނަތުގައި ހިފަހައްޓައިގެން ހުރި ކުއްޖެކެވެ. އަދި ކިއެއް، ސަލާމްކުރުމަށް އަތް ދިއްކޮށްލުމަށް ފަހު އެފަދައިން ބުނާ ކުދިންނަކީ، ދަތުރަކަށް ފަށާއިރު، ނުވަތަ ޖަލްސާއެއްގައި ޝަރަފްވެރި މެހުމާނާ ބައްދަލުވާ ހިނދުގައި ނޫނީ ސަލާމްކުރާ ކުދިންނެއް ނޫނެވެ. ނަމަވެސް ސަލާމް ނުކުރާ ކުދިންގެ ގޮތުގައި ލޭބަލް މިކުރެވެނީ ސަލާމް ކުރުމަށް ސަމާލުކަން ބަހައްޓައިގެން އެކަން ކުރަމުންދާ ކުދިންނަށެވެ. ކިހާ ބޮޑު ބޭއިންސާފެއްތޯއެވެ؟

ގުޅުންހުރި

5 ޚިޔާލު

  1. ތިބާއަށް މާތްﷲ ހެޔޮރަހުމަތް ލައްވާށިއެ. އުޅޭދާއިރާގެ ގޮތުން ހިތާދެކޮޅަށްވެސް މަދުންނަމަވެސް ސުއްނަތާޙިލާފަށް މިކަން ކުރެވޭ، ނަމަވެސް މިފަދަލިޔުންތަކުގެ ސަބަބުން ސުއްނަތުގައިވާ ގޮތަށް ތަބާވުމަށް ބާރަކަށް ވޭ. މާތް ﷲ އަޅަމެންގެ ފާފަތައް އަފޫކޮށްދެއްވާށިއެ.

  2. މާޝާﷲ ވަރަށް ފުރިހަމަ ލިޔުމެއް. މިފަދަ ލިޔުންތަކުގެ ސަބަބުން އީމާންތެރިކަން އިތުރުވެ. އަދި އެހެންމީޙުންނަށް މިކަމުގެ މަޢުލޫމާތު ލިބި ސުުންނަތަށް ޢަމަލު ކުރޭތޯ ދުޢާކުރަން.

  3. މިހާރަކަށްއައިސް ދީނީ ހޭލުންތެރިކަން އިތުރުވުމުގެ ސަބަބުން މިކަން އޮންނަގޮތް ވަރަށް ގިނަމީހުންނަށް ދަނީ އޮޅުންފިލަމުން، އެހެންނަމަވެސް މިފަދަ ކަންތައްތަކާ ދުރުވާން މަސައްކަތްކުރާ މީހުންނަށް ވަރަށް ހުތުރު ބަހުން މަލާމާތްކުރަމުންދޭ، ހައްދުފަހަނައަޅާފައިވާމީހުން، ޓެރަރިސްޓުން، ފަދަ ބަސްތައް ރައްދުކުރޭ!

  4. މާޝާﷲ ވަރަށް އިބުރަތްތެރި ލިޔުމެއް. އެފަދަ މީހުންނަށް ހެޔޮ ވިސްނުންދެއްވައި ގިނަގިނައިން ސަލާމް ފަތުރާމީހުންގެ ތެރެއިން ލައްވާށި..އާމީން..

  5. “ސަލާމް ނުކުރާ ކުދިން” އޭ ބުނެވެނީ ބައެއް ފަހަރަށް އެފަދަ ކުދިންނަށްވެސް ބުނެވޭ ގޮތުންކަންނޭނގެ. މިސާލަކަށް، މީހަކު އަތް ދިއްކޮއްލުމުން ގިނަފަހަރަށް ބުނެވެނީ “އަހަރެން ސަލާމެއް ނުކުރަމޭ” އޭގެ ބަދަލުގައި “ހިލޭ ފިރެހެނުންނާ / ހިލޭ އަންހެނުންނާ އަތްޖޯޑެއް ނުކުރަމޭ” ބުނާނަމަ ރަނގަޅުވާނެކަންނޭނގެ. އަޞްލުގައި ސަލާމް ނުކުރާ މީހުންނަކީ އެވެރިން. ހަމައެކަނި އަތުގައި ހިފާލީމަ އެމީހުން ހީކުރަނީ ސަލާމްކުރެވުނީ ކަމަށް. އެކަމަކު ސަލާމްކުރުމަކީ “އައްސަލާމް ޢަލައިކުމް” އޭ ބުނުން. އެހެން ނުބުނެ އަތްޖޯޑުކުރިއަސް ކަރާކަރު ޖެއްސިއަސް އެއީ ސަލާމަކަށް ނުވާނެ.

Your email address will not be published. Required fields are marked *

More in ރިޕޯޓް