ވާހަކަ

ޘަމޫދު ބާގައިގެ މީހުންގެ ގެތަކުގެ ވާހަކަ

ޘަމޫދު ބާގައިގެ މީހުން ދިރިއުޅުނު ރަށް އޮންނަނީ ސައޫދީ އަރަބިއްޔާގެ އުތުރުގައި މަދީނަތުލް މުނައްވަރާއާއި ތަބުކާއި ދެމެދުގައެވެ. މިބައިމީހުން ދިރިއުޅެފައިވަނީ ގާތްގަނޑަކަށް މީލާދީން ސަނަތުން 4000 އަހަރުގެ ކުރިން ފެށިގެން މީލާދީ ސަނަތު ފެށުމުގެ ކުރިން 2 ވަނަ ޤަރުނާއި ހަމައަށެވެ. މިބައިމީހުން އަރަބި ޖަޒީރާގައި (އެފްރިކާއާއި އޭސިޔާއާއި ދެމެދުގައި އޮންނަ ޢަރަބިން އުޅޭ ބައްރަށް ކިޔާނަން) އެކި ހިސާބުތަކުގައި ދިރިއުޅުނު ކަމުގައިވެއެވެ. މިގެތައްވަނީ 2008 ވަނަ އަހަރު ޔުނެސްކޯއިން ހިމާޔަތްކުރާ ތަންތަނުގެ ތެރޭގައި ހިމަނައިފައެވެ.

ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ޝާމަށް އެކަލޭގެފާނުގެ އަޞްހާބުންނާއި އެކުގައި ވަޑައިގެންނެވީ މިތަނުގެ ކައިރިންލާފައެވެ. އެހިނދު އެކަލޭގެފާނު ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

" އެބައެއްގެ އަމިއްލަ ނަފުސުތަކަށް އަނިޔާވެރިވެގެން މީހުންގެ ގެތަކަށް ތިޔަބައިމީހުން ހިތާމަކޮށް ކަރުނައަޅާ ހާލުގައި މެނުވީ ނުވަންނާށެވެ. އެއީ އެބައިމީހުންނަށް ޖެހުނު ފަދަ މުސީބާތެއް ތިޔަބައިމީހުންނަށް ޖެހިދާނެކަމަށްޓަކައެވެ. " އަދި އެތަނުގައިވާ ވަޅުތަކުން ފެން ނުބޮއުމަށްވެސް އެކަލޭގެފާނު އަމުރުކުރެއްވިއެވެ.

މިބައިމީހުންގެ ކުޅަދާނަކަން ފެނިގެންދާނީ މިބައިމީހުންގެ ގެތައް ލޮލުން ފެނުމުންނެވެ. މީސްތަކުން ކުލޭއިން އެއްޗެހި ހަދާފަދައިން މިބައިމީހުން ބޭނުންގޮތަކަށް ފަރުބަދައިގެ ހިލަތައް ބައްޓަންކުރެއެވެ. މިބައިމީހުންނަށް ހިލައިގެ އަހުލުވެރިންގެ ނަމުންނާއި އަދި ޞާލިޙުގެ ގައުމުގެ އަހުލުވެރިންގެ ނަމުން ނަންކިޔެއެވެ.

މިބައިމީހުން މިފަދަ ބާރުވެރިކަމާއި މުއްސަނދިކަން ލިބުމުން ﷲ ތަބާރަކަ ވަތަޢާލާ ދެއްވި ނިޢުމަތްތަކުގެ މަތިން ކިބުރުވެރިވެ ގަތެވެ. އަދި ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޝިރުކުކޮށް ބުދުތަކަށް އަޅުކަން ކުރަންފެށިއެވެ. ދެން މިބައިމީހުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި މިބައިމީހުންގެ ގާތަށް މާތްﷲ އެބައިމީހުންގެ ތެރެއިން ޞާލިޙު އަލައިހިއްސަލާމް ނަބީކަމައިގެން ފޮނުއްވައި ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އަޅުކަން ކުރަން ގޮވާލިއެވެ. އެކަލޭގެފާނުގެ ބަސްފުޅު ކީރިތިޤުރުއާނުގައި އަންނަނިވި ޢިބާރާތުން ވެއެވެ.

قَالَ يَا قَوْمِ اعْبُدُوا اللَّـهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُ ۖ (ހޫދު 61)

މާނައީ: " އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ގައުމުގެ މީސްތަކުންނޭވެ. ތިޔަބައިމީހުންނަށް ﷲ ފިޔަވައި(ޙައްޤުގޮތުގައި އަޅުކަންވެވޭ) އެހެން އިލާހެއް ނުވެއެވެ. "

ނަމަވެސް މިބައިމީހުން  މިބަސްތަކަށް ބީރުކަންފަތެއް ދިނުމަށްފަހު ޞާލިޙު އަލައިހިއްސަލާމްއަށް އުރެދިގަތެވެ. އަދި އެބައިމީހުން އެކަލޭގެފާނުގެ ނަބީކަމުގެ މުޢުޖިޒާތެއްގެ ގޮތުގައި ފަރުބަދައިގެ ތެރެއިން ބަނޑުބޮޑު އަންހެން ޖަމަލެއް ނެރެދިނުމަށް އެދުނު ހިނދު އެކަލޭގެފާނު ދުޢާކުރެއްވުމުން ބަނޑުބޮޑު އަންހެންޖަމަލެއް ﷲ ތަބާރަކަ ވަތަޢާލާގެ ކުޅަދުންވަންތަ ކަމުން ފަރުބަދައިން ނެރުއްވިއެވެ. ނަމަވެސް މަދު ބަޔަކު މެނުވީ އީމާނެއް ނުވެއެވެ.

އެޔަށްފަހު ޞާލިޙުގެފާނު އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް އެ ޖަމަލަކީ ﷲ ޖަމަލުކޮޅެއްކަމާއި އެޖަމަލަށް ގޯނާކޮށްފިނަމަ ގަދަފަދަ ވެގެންވާ ޢަޒާބެއް އަތުވެދާނެކަމަށް ޚަބަރުދެއްވިއެވެ. ﷲ ތަބާރަކަ ވަތަޢާލާ ވަޙީކުރެއްވިއެވެ.

وَيَا قَوْمِ هَـٰذِهِ نَاقَةُ اللَّـهِ لَكُمْ آيَةً فَذَرُوهَا تَأْكُلْ فِي أَرْضِ اللَّـهِ وَلَا تَمَسُّوهَا بِسُوءٍ فَيَأْخُذَكُمْ عَذَابٌ قَرِيبٌ ( ހޫދު 64)

މާނައީ: " އަދި އޭ ޤައުމުގެ މީސްތަކުންނޭވެ. މިއީ ﷲ ތިޔަބައިމީހުންނަށްޓަކައި ހެއްކެއްގެ ގޮތުގައި ލައްވަވާފައިވާ އަންހެން ޖަމަލެކެވެ. ފަހެ ﷲ ބިމުން އެ ޖަމަލު ކައިއުޅޭން  ދޫކޮށްލާށެވެ. އަދި އެއަށް އެއްވެސް ގޯނާއެއް ނުކުރާށެވެ. ފަހެ، (އެކަންކޮށްފިނަމަ) ގާތްވެގެންވާ ޢަޒާބެއް އައިސް ތިޔަބައިމީހުންނަށް ޖެހިދާނެއެވެ. "

އެބައިމީހުންގެ ނިމުން އައިގޮތް ޤުރުއާނުގެ އާޔަތްތަކުން

"ނަމަވެސް، އެއުރެން އެ ޖަމަލު މަރައިލީއެވެ. ދެން އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުންގެ ގެދޮރުގައި، ތިންދުވަސްވަންދެން ތިޔަބައިމީހުން އުފާކޮށް އުޅޭށެވެ. އެއީ ދޮގުނުކުރެވޭނެ ވަޢުދުއެކެވެ.

ދެންފަހެ، ތިމަންރަސްކަލާނގެ (ޢަޒާބުގެ) އަމުރުފުޅު އައިހިނދު، ޞާލިޙުގެފާނާއި، އެކަލޭގެފާނުގެ އަރިހުގައި އީމާންވި މީހުން، ތިމަންރަސްކަލާނގެ ޙަޟްރަތުންލެއްވި ރަޙުމަތާއިއެކު، އެދުވަހުގެ ނިކަމެތިކަމުން ތިމަންރަސްކަލާނގެ ސަލާމަތްކުރެއްވީމެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ބާރުވެރިވަންތަ، ގަދަފަދަވަންތަ ރަސްކަލާނގެއެވެ.

އަދި (ބިރުވެރި) އަޑުއައިސް އަނިޔާވެރިވި މީހުން ހަލާކުކުރިއެވެ. ދެން ހެނދުންވީއިރު އެއުރެންގެ ގޯތިގެދޮރުގައި އެއުރެން ތިބީ ކަކޫ މައްޗަށް ތިރިވެ މަރުވެފައެވެ.

އެއުރެން އެތާ އުޅެފައި ނުވާކަހަލައެވެ. ދަންނާށެވެ. ހަމަކަށަވަރުން ޘަމޫދުބާގައިމީހުން އެއުރެންގެ ވެރިރަސްކަލާނގެއަށް ކާފިރުވިއެވެ. ދަންނާށެވެ. ޘަމޫދު ބާގައިމީހުންނަށް ހަލާކާއި ގެއްލުން ހުށްޓެވެ. " ( ހޫދު ސޫރަތުގެ 65ކުން 68 ވަނަ އާޔަތުގެ މާނައިގެ ތަރުޖަމާ)

"ފަހެ އެއުރެން އެކަލޭގެފާނުގެ ބަސްފުޅު ދޮގުކުރިއެވެ. ދެން އެއުރެން އެ ޖަމަލު މަރައިލިއެވެ. ފަހެ އެއުރެންގެ ފާފައިގެ ސަބަބުން އެއުރެންގެ ވެރިރަސްކަލާނގެ އެއުރެންގެ މައްޗަށް ޢަޒާބުފޮނުއްވިއެވެ. އަދި އެއުރެން އެންމެން، އެ ޢަޒާބުގައި ހަމަހަމަ ކުރެއްވިއެވެ.

އަދި އެބައިމީހުންނަށް ދެއްވުނު ޢަޒާބާއި މެދު އެކަލާނގެ ބިރުވެތިވެވޮޑިގެނެއްނުވެއެވެ. " (ޝަމްސު ސޫރަތުގެ 14 އަދި 15 ވަނަ އާޔަތުގެ މާނައިގެ ތަރުޖަމާ)

ނަމަވެސް އެބައިމީހުން އެކަންތައްތަކަށް ބީރުކަންފަތެއް ދިނުމަށްފަހު އެ ޖަމަލުކަތިލިއެވެ. އަދި މާތް ﷲ ގަދަފަދަވެގެންވާ ފަރުބަދަތައް ކަނޑަމުން ދިޔަ މި މީސްތަކުންނަށް އެޔަށްވުރެ ގަދަފަދަ ޢަޒާބަކުން ޢަޒާބުދެއްވައި މިބައިމީހުން ހަލާކުކުރެއްވިއެވެ. މިބައިމީހުންގެ ގަދަފަދަ ގެތަކަކުން އެބައިމީހުންގެ ވެރި ރައްބުގެ އަޒާބަކުން ސަލާމަތެއް ނުކޮށްދެވުނެވެ. އަދި އެގެތަކުން އެބައިމީހުންނަށް އެއްވެސް ހިމާޔަތެއްވެސް ނުލިބުނެވެ. އަދި އެބައިމީހުން އިންކާރުކުރި މަރުންވެސް އެގެތަކެއް ސަލާމަތެއް ނުކޮށްދިނެވެ. ނަމަވެސް އެގެތައް މިއަދާއި ހަމަޔަށްވެސް އެހުރީ ކުރިންހުރި ގޮތަށް ފެންނާށެވެ.

އޭ ވިސްނާ ފިކުރުކުރާ ކިޔުންތެރިންނޭވެ. ނިކަން މިކަމުން ޢިބުރަތްތަކެއް ޙާޞިލުކޮށް ﷲ އާއި ޝަރީކުކުރުމުން އެއްކިބާވެ ގަނެ އެއިލާހު އެއްކައުވަންތަ ކުރާ ހާލު އެއިލާހަށް އަޅުކަންކުރަމާތޯއެވެ. އެއިލާހު ރުއްސަވާ މަގަކީ އެއީއެވެ. އަދި އެއިލާހާއި ޝަރީކުކުރާ ފަރާތްތަކަށް ހުރީ މިފަދަ ޢަޒާބުތަކެވެ. އަދި އާޚިރަތުގެ އަޒާބު ހުރިމިންވަރު ވަޒަންކޮށްލަންވެސް ދައްޗެވެ.

ނިމުނީ

އަސްލު: އަރުޒަމް ބުލޮގް

ގުޅުންހުރި

3 ޚިޔާލު

  1. thi meehun farubada kandan gengulhunee konkahala hathiyaareh baa???

  2. ވަރަށް އިބްރަތް ތެރި …… ޘަމޫދު ބާގައިގެ މީހުންގެ ގެތަކުގެ ފޮޓޯތައް ބަލާލަބަލަ
    ތިރީގަައި މިވާ ސައިޓުން …….
    http://www.defence.pk/forums/military-photos-multimedia/37373-azab-koom-e-samood-superb-documentry-listen-carefully.html

  3. ެްްްއެތަނުގެ ފޮޓޯ ފެނުމުން ވަރައް ހައިރާން ވެއްޖެ… ޝުކުރިއްޔާ ސާރާ…

Your email address will not be published. Required fields are marked *

More in ވާހަކަ