ކޮލަމިސްޓް

އޮސްޓްރޭލިއާގެ އަބޫބަކުރުގެ ވާހަކަ އަޑުއެހިންތަ؟ (ފަހުބައި)

ފޮޓޯ ކްރެޑިޓް: ޕިންޓަރެސްޓް

(ފުރަތަމަ ބަޔާއި ގުޅޭ)

ނަމަވެސް އޭނާގެ އުފާވެރި، ހިތްހެޔޮ ބަސްތަކުން އަހަރެން އަޖައިބުވިއެވެ. އެ މިސްކިތުގައި ތިބި އެހެން މީހުން އަހަންނަށްޓަކައި ސައި ތައްޔާރުކޮށް، ބިސްކޯދާއެކު ގެނެސްދިނުންވީ އަހަރެންގެ ހައިރާންކަން އިތުރުކުރުވި ކަމަކަށެވެ. ދުވަހަކުވެސް އެހާ އޯގާތެރި، ފުރިހަމަ މެހެމާންދާރީއެއް ލިބިފައެއް ނުވެއެވެ. އަހަރެން އެ މީހުންނާއެކު އިށީނދެ އިނދެ، އަހަރެންގެ ހިތުގައި އުފެދިފައިވާ ސުވާލުތައް ކުރަމުންދިޔައީމެވެ. މިއީ ކުރިންވެސް އަހަރެން އެހެން ދީންތައް ދަސްކުރިއިރުވެސް ކުރި ސުވާލުތަކެވެ. ނަމަވެސް މިފަހަރު އަހަންނަށް ވަރަށް ބޮޑު ތަފާތެއް އިޙުސާސްކުރެވުނެވެ. އަހަރެން އަހާ ކޮންމެ ސުވާލަކަށްވެސް އެމީހުން ޖަވާބުދެނީ ޤުރްއާނުންނެވެ. އަދި ތަފާތު އާޔަތްތައް ދައްކައި، އޭގެ މާނަ ކިޔުމަށް އެދެމުން ދިޔައެވެ. އަހަރެންގެ ސުވާލުތަކުގެ ޖަވާބު ލިބުނީ އެގޮތުންނެވެ. ކޮންމެ ފަހަރަކު އަހަރެންކުރި ކޮންމެ ސުވާލެއްގެ ޖަވާބުވެސް އަހަންނަށް ލިބިގެންދިޔައީ އެގޮތުންނެވެ. އަހަރެން ކުރަމުންދިޔައީ އުނދަގޫ ސުވާލުތަކެވެ. އަންހެނުންގެ ހިޖާބާއި ގުޅޭގޮތުންނެވެ. ފިރިހެނުންނަށް ހަތަރު އަނބިން ހުއްދަވެފައި އަންހެނުންނަށް ހަތަރު ފިރިން ހުއްދަ ނުވާ ސަބަބާއިމެދުއެވެ.

މިގޮތުގައި އަހަރެން ހަފްތާތަކެއް ވަންދެން މިސްކިތަށް ދިޔައީމެވެ. އަބަދުވެސް އަހަރެން ދާއިރު ކޮންމެވެސް ބަޔަކު މިސްކިތުގައި އުޅޭތީ، ބޭނުންވާ ސުވާލުތަކުގެ ޖަވާބު ޤުރްއާނުން ހޯދާފައި ދައްކައެވެ. އަހަރެން އެއްދުވަހަކު އެއިން އަޚެއް ގާތުން މިވެނި ކަމަކާއިމެދު ތިބާ ދެކޭ ގޮތަކީ ކޮބާތޯ އެހީމެވެ. އެވަގުތު އޭނާ އަހަންނަށް ބުނެދިނީ މިއީ ﷲ ގެ ބަސްފުޅުތަކެއް ކަމަށާއި، އެ ބަސްފުޅުތަކުގެ ކުރިޔަށް އަމިއްލައަށް އެކަމަކާއިމެދު ދެކޭގޮތް އިސްކޮށްގެން ނުވާނެކަމުގައެވެ. އެހެން ބުނުމުން އެދުވަހު އަހަރެން ގެއަށް ދިޔައީ ޤުރްއާނުގެ ކޮޕީއެއް ހިފައިގެންނެވެ. އަދި ގޭގައި ޤުރްއާން ކިޔަވަން ފެއްޓީމެވެ. އެފޮތަކީ އާދަޔާ ޚިލާފު ފޮތެކެވެ. ކަންކަން ކުރުމަށް އަހަންނަށް ކިޔައިދިން ފޮތެކެވެ. އަދި ވަކި ގޮތަކަށް އަހަރެންގެ ޢަމަލުތައް ބެހެއްޓުމަށް އަހަންނަށް ބުނެދިން ފޮތެކެވެ.

އެއްރެޔަކު އަހަރެން ބޭނުންވީ ރޫޙާނީ ތަޖުރިބާއެއް ކުރާށެވެ. އެގޮތުން އުށްބައްތި އެއް ރޯކޮށް، ކުޑަދޮރުތައް ހުޅުވާލައިގެން ކުޑަދޮރުގެ ފޮތިތައް ދަމާލައިގެން އިނީމެވެ. ރޫޙާނީ މާޙައުލެއް ގެނެވޭތޯ އަހަރެން ކުރިހާ މަސައްކަތެވެ. އަހަރެން މިހާތަނަށް އިސްލާމް ދީނާއި ބެހޭގޮތުން އުނގެނުނު ހުރިހާ އެއްޗަކާއި ބެހޭގޮތުން ވިސްނީމެވެ. ފަރުބަދަތައް އުފެއްދެވުމާއި، ކުޑަދަރިފުޅު މަންމަގެ ބަނޑުގައި އުފެދި ބޮޑުވާގޮތް ޤުރްއާނުގައި ބަޔާން ކުރައްވާފައިވާ ގޮތާއިމެދު ވިސްނީމެވެ. އަދި ވިސްނި ވަރަކަށް އިސްލާމް ދީނާއިމެދު އަހަރެންގެ ހިތުގައި އޮތް ޔަޤީންކަން އިތުރުވަމުންދިޔައެވެ. ނަމަވެސް ގޮތް ނޭނގޭ ސަބަބަކާހުރެ، އަހަންނަށް އަދިވެސް ހުރެވުނީ އެކަން އަމިއްލަ ދުލުން އިޢުތިރާފް ކުރުމަށް ޖެހިލުންވެވިފައެވެ.

އެއީ ހޫނުމޫސުމުގެ ރޭތަކުގެ ތެރެއިން ރެއަކަށްވުމުން އެވަގުތުވީ ވަރަށް އަޑުމަޑު ވަގުތަކަށެވެ. އަހަރެން ޤުރްއާން ކިޔަވަން އިނދެފައި ހުއްޓާލީމެވެ. އަދި އިޚްތިޔާރަކާއި ނުލައި، ހިތާއިހިތުން ﷲ އަށް ދެންނެވީމެވެ. ޔާ ﷲ އެވެ. މިއީ އަހަރެންގެ ވަގުތުކޮޅެވެ. އަހަރެން އިސްލާމްވާން ބޭނުމީ ހަމައެންމެ އިޝާރާތެކެވެ. ކުޑަކުޑަ އެންމެ ޢިޝާރާތެކެވެ. މާބޮޑު އެއްޗެއް ނޫނެވެ. އެއަށްފަހު އަހަރެން އިންތިޒާރު ކުރަމުން ދިޔައީ އިޝާރާތް އަހަންނަށް ލިބޭނެ ގޮތަކާއި ދޭތެރޭގައެވެ. ﷲ އީ ހުރިހާ ކަމަކަށް ކުޅަދުންވަންތަ އިލާހުކަން އަހަންނަށް އެނގެއެވެ. ކެތްތެރިކަން ކޮޅުން ލީ އިރުވެސް އަހަރެން ބޭނުންވީފަދަ އެއްވެސް އިޝާރާތެއް ނުލިބުނެވެ. އަހަރެން ހިސާބަކަށް ދެރަވެސް ވިއެވެ. ދެވަނަ ފަހަރަށްވެސް އަހަރެން އެގޮތަށް ދުޢާކުރީ އަނެއްކާވެސް އެފަދަ ސިގްނަލެއް ލިބޭނެކަމުގެ ފުރިހަމަ އުންމީދާއެކުއެވެ. އެކަމަކު މިފަހަރުވެސް ކަންތައްވީ ކުރިއެކޭވެސް އެއްގޮތަށެވެ.

އެކަމާ ހިތް މޮޅިވެފައިވީވަރުން އަނެއްކާވެސް އަހަރެން ކިޔަވަން އިން ޤުރްއާން ހުޅުވާލީމެވެ. އަހަރެންނަށް ހުޅުވާލެވުނު ސަފްޙާގައި ފުރަތަމަވެސް އޮތް އާޔަތަކީ މިއީއެވެ.

"އަދި އެކަލާނގެއީ، ތިޔަބައިމީހުންނަށްޓަކައި ތަރިތައް ލެއްވި ރަސްކަލާނގެ އެވެ. (އެއީ) ތިޔަބައިމީހުން، އެއިން އެއްގަމާއި، ކަނޑުގައި (ރޭގަނޑުގެ) އަނދިރިކަމުގެ ތެރޭގައި، މަގު ދެނެގަތުމަށްޓަކައެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އާޔަތްތައް ވަކިވަކިން ބަޔާންކޮށްދެއްވީ، ދަންނަބަޔަކަށެވެ." ސޫރަތުލް އަންޢާމް : 97

އަހަންނަށް ހުރެވުނު ތަންވެސް ނޭނގުނެވެ. ބިރުންގޮސް ހަލާކުނުވީ ކިރިޔާއެވެ. އަހަންނަށް އަހަރެންގެ ބޮޑާކަމާމެދުގައި ވިސްނާލެވުނެވެ. ﷲ ގެ ކުޅަދުންވަންތަކަމުގެ ހެކިތައް އަހަރެން ވަށައިގެން ވީއިރުވެސް އަހަރެން އެދެމުންދިޔައީ އަހަރެން ބޭނުންވާކަހަލަ ހެއްކެއް ގެނެސްދިނުމަށެވެ. އަސްތަޣްފިރުﷲ. އޭގެ އަނެއްދުވަހުގެ ޢިޝާ ވަގުތު އަހަރެން މިސްކިތަށް ދިޔައީ ޝަހާދަތް ކިޔައި، އިސްލާމްދީނަށް ވަނުމަށް ޢަޒުމްކަނޑައަޅައިގެންނެވެ.

އެއީ ރަމަޟާން މަހެއްގެ ފުރަތަމަ ރޭ ކަމަށްވުމުން، މިސްކިތުގައި އެވަގުތު ހާހެއްހާ މުސްލިމުން ތިއްބެވެ. އެއެންމެންގެ ކުރިމަތީގައި ޢަރަބިބަހުން ޝަހާދަތް ކިޔަންޖެހުން ވެގެން ދިޔައީ އަހަރެން ވަރަށް ހިތްބިރުގަތް ކަމަކަށެވެ. ނަމަވެސް އެކަލިމަތަށް ކިޔަންފެށުމުން އަހަރެންގެ ބިރު ފިލައި، މީހާ ހަމައަކަށް އެޅުނެވެ. ކުއްލިއަކަށް ކޮނޑުމަތީގައި އުފުލަމުން އައި ބޮޑު ބަރެއް އުފުލިގެން އައި ފަދަ އިޙްސާސެއް ކުރެވިގެންދިޔައެވެ. ދުވަހަކުވެސް ނުކުރެވޭފަދަ ސާފު ޠާހިރުކަމުގެ އިޙުސާސެއް ކުރެވުނެވެ. އެއީ އަހަރެންގެ ޙަޔާތުގައި އައި އެންމެ އުފާވެރި ދުވަހެވެ. އަލްޙަމްދުލިﷲ. (ނިމުނީ)

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *