"ބަލަ މި އޮއް ފޮޓޯއެއް.." އޮފީހުގައި އަހަރެންގެ މޭޒާ ޖެހިގެން އިން މޭޓް އެހެން ކުއްޖަކަށް ފޮޓޯއެއް ދައްކާލިއެވެ. ކުރިން އޮފީހުގައި އެއްކޮށް މަސައްކަތް ކުރި އަންހެން ކުއްޖަކު 'އަންޑަރ ގާމެންޓް' އެކަނި ލައިގެން ނަގާފަ އިން އުނަގަނޑުން މަތީގެ ސެލްފީއެކެވެ. އެ ފޮޓޯ ހިފައިގެން އެ ދައްކަން އޭނާ މުޅި އޮފީހުގައި ދުވުނެވެ. އަދި އެވަރަކުން ނުފުދުނެވެ. އެހެން ކުއްޖަކު "ބަލަ މި އޮއް ފޮޓޯއެއް.." ޖަހާފަ އެ ފޮޓޯ އޮފީސް ވައިބަރ ގްރޫޕަށްވެސްލިއެވެ. އެވަރުން ނުވެގެން އެހެން ކުއްޖަކު ފޭސްބުކްގައި މަޝްހޫރު ޕޭޖަކަށްވެސް ފޮނުވިއެވެ.
ހަޤީޤަތަކީ އެ އަންހެން ކުއްޖާއަކީ އަހަރެންގެ އެކުވެރިއެކެވެ. އެއީ ޖާހިލެއް ގޮތުގައިވަނިކޮށް ﷲ ޠަޢާލާ ޙިދާޔަތު ދެއްކެވި އަޅެކެވެ. މިއަދު ތެދުމަގުގައި ސާބިތުވާން ކެނޑިނޭޅި ނަފްސުގެ ޖިހާދެއް ކުރަމުންދާ އުޚްތެކެވެ. ތަޤުވާވެރި، ސުންނަތަށް ލޯބިކުރާ އަޚެއްގެ ވަފާތެރި އަނތްބެކެވެ. ނަމަވެސް އޭނަގެ ޖާހިލިއްޔަތުގެ ހަރާމް ލޯބިވެރިޔާއަށް ފޮނުވާފައި އިން ފޮޓޯއެއް އޮފީސްކުއްޖަކަށް ފޮނުވާ އޭނާ ގިނަކޮށްލަ ދޭށޭ ބުނެ، ފެށި އެ މަސައްކަތް ވެގެން ދިޔައީ އިސްލާމީ ޖިލްބާބުން ފުރިހަމައަށް ނިވާވެ ހުރި މުސްލިމް އެއަންހެނާއަށް ލަދުން މީހަކާ ވާހަކަ ދައްކަން ނުކެރޭ ވަރުވެގެން ދިޔަ ކަމަކަށެވެ. ފޭސްބުކްގައި މަޝްހޫރު އެތައް ޕޭޖެއްގައި އޭނާ ފަޟީޙަތްކޮށް ބޭޒާރުކުރުން ހީނުކުރާ ދަރަޖައަށް ދިޔައެވެ. އާޚިރުގައި އެ އުޚްތާ ސޯޝަލް މީޑިޔާއާއި އަލްވަދާޢުކީއެވެ. "
ބުނެބަލާށެވެ. މިއީ މިކަން ކުރަންވާނެ ގޮތްހެއްޔެވެ؟ އެ ފޮޓޯ ލީކުވީމަ ސޯޝަލް މީޑިޔާގައި ފަތުރާ ޝެއާރކުރުމުން އެކުރެވެނީ މާ މޮޅުކަމެއް ހެއްޔެވެ؟ އެ ފަދަ ފޮޓޯ ހަރާމް ލޯބިވެރިންނަށް ފޮނުވުމަކީ މިއަދުގެ މުޖުތަމަޢުގައި އާންމުވެފައިވާ ފާފައެކެވެ. އެހެނަސް ހުދު އެފަދަ ފޮޓޯ ސިއްރުން ފޮނުވާމީހާވެސް އެހެން މީހުންގެ ފޮޓޯތައް ލީކުވުމުން އެކަމަށް ޖޯކުޖަހައެވެ.
'ބަލަ މި އޮއް ކަމެއް..'
'ބަލާލަ ބަލަ.. އަސަރު ހުރި ފޮޓޯއެއް..'
'އައްޗީޑި. އެއްޗެއް އޮތްނަމަވެސް ރަނގަޅޭ ރަނގަޅޭ ދައްކަން..'
'މީތަ އެ ރަނގަޅު ކުއްޖާގެ ފެންވަރު؟'
މިފަދަ އެތައް ބަހަކުން އެ ފޮޓޯ ދައުރުކުރުވައެވެ.
ވާނީވެސް އެހެންތާއެވެ. އެބަސް ބުނާ މީހެއްގެ ހަޤީޤަތެއް މީހަކަށް އަދި ނޭނގޭވިއްޔާއެވެ. ފޮނުވާ އެފަދަ ފޮޓޯއެއް ލީކް ނުވާހިނދު އެމީހަކީ މުޖުތަމަޢުގައި 'ތެދު އަލިފެއް'ވިއްޔާއެވެ.
ސުވާލަކީ އިރެއްގައި ޒަމާނެއްގައި މީހަކަށް ކުރެވި ސިއްރުވެފައިވާ ފާފައެއް ނަގާ ފަޟީހަތް ކުރަން ބޭނުންކުރުމުގެ ބޭނުމެއް ކޮބާ ހެއްޔެވެ؟ މިފަދައިން މީހުން ފަޟީހަތް ކުރުމަށް ކަނޑިކިންދަރެއް ލިބާހުން ދަރެއް ބަނދެ އަރުވާޖަހާފައި ތިބޭ ޕޭޖްތަކާއި މެދުވެސް އަޖައިބުވަމެވެ. ހިތަށް އަރައެވެ. އެއިން ޕޭޖެއްގެ އެޑްމިންއެއްގެ އާއިލާ މީހެއްގެ ފޮޓޯއެއް އެފަދައިން ލީކުވުމުން އެ ޕޭޖަކުން އެ ޕޯސްޓް ކޮށްލަން ކެރޭނެބާއެވެ؟
ޕޭޖު އެއްކިބައިގައި އޮއްވާ އެކަމަށް ޚާއްޞަކޮށް ޓެލަގްރާމް އެތައް ޗެނަލެއް ހަދައިގެން އެ މުޑުދާރު ޢަމަލު ހިންގާ އަޑު ތިބާވެސް ވާނީ އަހާފައެވެ. އެއިން އެންމެ ޗެނަލްއަކަށް ޖޮއިންވި މީހުންގެ އަދަދު އެނގުނު އިރުވެސް ތަލިން ކުޅުހިކި އަންތަރީސްވިއެވެ. ހަމައެކަނި ދިވެހި އަންހެންކުދިންގެ ލީކްވާ ބަރަހަނާ ފޮޓޯއަށް ޚާއްޞަ އެ ޗެނަލްތައް ހިންގާ މީހުންނާއިމެދުވެސް އަޖައިބުވަމެވެ. އަޅެ އެއިން ޗެނަލްއެއްގެ އެޑްމިންއެއްގެ އާއިލާ މީހެއްގެ ފޮޓޯއެއް އެފަދައިން ލީކުވުމުން އެ ޗެނަލްއަކުން އެ ޕޯސްޓް ކޮށްލަން ކެރޭނެބާއެވެ؟
ފަހަރެއްގައިވެސް ބުނަން މިއުޅެނީ އެފަދަ ފޮޓޯ ފޮނުވުމަކީ ރަނގަޅުކަމެކޭ ނޫނެވެ. އެއީ ވިޔާނުދާ މުޑުދާރު އަމަލެކެވެ. ލޯބިވުމުގެ މާނައަކީ ތިމާ ބަރަހަނާވެ ދެއްކުމެއް ނޫނެވެ. އެއީ ތިމާގެ ޢިއްފަތް އަމިއްލަ އަތުން ފުނޑުފުނޑުކޮށްލުމެވެ. ލޯބިވުމުގެ މާނައަކީ ބަރަހަނާވުމެއް ނޫނެވެ. ތިޔަބުނާ ވަރުގެ ލޯބިވާ މީހަކު ލޯބިވީ، ހިތާވީ ތިބާގެ ލަދުވެތިގުނަވަންތައް ފެނިގެންހެއްޔެވެ؟ ލޯބިވާ މީހަކު ލޯބިވާނީ ބޭރުފުށުގެ ރީތިކަމަށް ނޫނީ ވަނާތަކުގެ ކުޑަބޮޑުމިނުން ނޫންކަން ދަންނާށެވެ. ތެދުވެރި ލޯތްބެެއްވުމަކަށް ހަށިގަނޑުގެ ކަޅު، ދޮން، ހިކި، ފަލަ، ކުރު، ދިގު ފަދަ ސިފަތައް އެއީ ހުސް އަދަދުތަކަކަށް، މިންތަކަކަށްވާނެއެވެ. ވީއިރު ހަޤީޤީ ލޯބިނަމަ އޭނާގެ ހިތް ފަތަހަކުރަން ކެމެރާ ކުރިމަތީ ނާޗަރަންގީ ނުކުޅުނަސް ލޯބިވާނެއެވެ. ތިޔަ ހަށިގަނޑު ނީލަން ނުކިޔަސް ލޯބި ލިބޭނެއެވެ.
ހަމަ އެފަދައިން އެ ފޮޓޯ ލީކު ކުރާމީހާ އެކުރަނީ ވަކި ކުޑަ އަމަލެއް ހެއްޔެވެ؟ ފޮނުވި ކުއްޖާ ސިއްރުން ފޮނުވި ފޮޓޯއެއް ކަމަކާ ހިތްހަމަ ނުޖެހުމުން ފަޟީހަތްކޮށް ގިނަކޮށްލުމުން ގިނަކޮށްލި ބަޔަކަށް ޘަވާބު ގޯންޏެއް ލިބެނީބާވައެވެ؟
ޤަބޫލުކުރަން ޖެހޭނެ ހަޤީޤަތަކީ ކޮންމެ މީހެއްގެވެސް މާޒީއެއް އޮންނާނެއެވެ.އެނގިގެންނާއި ނޭނގިވެސް ލައްކަ ފާފަކުރެވިފައިވާނެއެވެ.
ދުވަހަކުވެސް މީހަކަށް އިނގެން ބޭނުންނުވާ ކިތަންމެ ކަމެއް ތިބާއަށް ވެސް ކުރެވިފައިވާނެއެވެ. އެހެނަސް އެކަންކަން ވަނީ ސިއްރުވެފައެވެ. ވީއިރު ﷲ ތަޢާލާ އެ މީހަކު ދުނިޔެއަށް ފަޟީހަތް ނުކުރައްވާއިރު އެކަން ކުރަން އަހަރުމެން ނިކަމެތި އިންސާނުން މީ ކޮންބައެއް ހެއްޔެވެ؟
އެކަލާނގެ އަޅުތަކުން ފަޟީހަތް ނުކުރައްވާ ހިނދު "ބަލާލަބަލަ މި އޮއްފޮޓޯއެއް.." ގޮވަމުން އެ މަސްއޫލިއްޔަތު އުފުލަން ތިބާ ވޭހެއްޔެވެ؟
ޚިޔާލު