ކޮލަމިސްޓް

އަގުހުރި އެ ނަސޭޙަތް، ހީކުރި ވަރަށްވުރެ ޢިބްރަތްތެރި!

ސޯޝަލް މީޑިޔާއަކީ ދީނަށް ލޯބިކުރާ، ސައްޙަ އަޤީދާގެ މަތީދެމިތިބުމަށް މަސައްކަތްކުރާ، އިޚްވަތް ދަމަހައްޓާ އެތައް އެކުވެރިޔަކު އެތަނަކުން އަހަރެންނަށް ލިބުނު ވިއުގައެކެވެ. އެފަދަ އެކުވެރިން ޙިއްސާކުރާ ދީނީ ޢިލްމްގެ އެތައް ފިލާވަޅަކުން އަހަރެންގެ ޢިލްމީ ޚަޒާނާއަށް އާރޯކަން ގެނެސްދެނެއެވެ.

މިފަދަ އެކުވެރިއެއް ޙިއްސާކޮށްލާފައޮތް ސްޓޭޓަސްއަކަށް އަހަރެންގެ ނަޒަރު ހުއްޓުނެވެ. ޢިބްރަތަކަށް ތިޔަ ކިޔުންތެރިންނާއި ޙިއްސާކޮށްލާނަމެވެ.
" ޣާފިލްކަމުގެ އަނދިރީގައި އަހަރެން ވަނިކޮށް ޙިދާޔަތުގެ އަލިކަން ދެއްވި އޯގާވަންތަ އިލާހަށް އަބަދުވެސް ޝުކުރުވެރިވަމެވެ. އަލްޙަމްދު ﷲ! މިއަދު އެ ޢިލާހުގެ ރުހިވޮޑިގެންނުވާ ކުޑަނަމަވެސް ޢަމަލަކަށް އަރައިގަނެވިދާނެތީ އަހަރެން ބިރުވެތިވަމެވެ. އަބަދުވެސް އަހަރެންގެ ނަފްސާއި އުޅެން ޖެހިފައިމިވާ ކުށުގެވެއްޓާއި މެދު ފިކުރު ހިންގެއެވެ. އަހަރެން ހުރީ ޗުއްޓީގައި ރަށުގައެވެ. ރަށުގައި ކިތަންމެ ހާވެސް ގިނަ އެކުވެރިން އުޅެއެވެ. ނަމަވެސް އެމީހުންނާއި އެކުއުޅުމަށް ބިރުގަނެއެވެ. ބައެއްފަހަރު ބައެއް އެކުވެރިންގެ ޢަމަލުތަކާއި މެދުގައެވެ. ފަހަރުގައި އަހަރެންގެ ވެރި އިލާޙް ރުހިވޮޑިނުގެންފާނެތީއެވެ. އާއިލާގެ އޯގާތެރި ތިންހަތަރު ދައްތައެއް ފިޔަވާ ދެން އެކުގައި އުޅެލާނެ ނިކަން ހެޔޮ ދެތިން ރަޙްމަތްތެރިން އަހަރެންގެ ހުރެއެވެ.

މާޝާ ﷲ! އެއީ ވާ ހާދަ ހެޔޮ، ރަނގަޅު ބައެކެވެ. އެމީހުންނާއިއެކު ވަގުތު ހޭދަކުރިނަމަވެސް ދުވަހުގެ ގިނަ ވަގުތު އަހުރެންނަށް ހޭދަކުރެވެނީ އެކަނިމާ އެކަންޏެވެ. ރަޙްމަތްތެރިންގެ ވަޒީފާވެސް އޮންނަ ގޮތުންނާއި އެމީހުންގެ ދިރިއުޅުމުގެ އެހެނިހެން ކަންކަމުގައި މަސްޢޫލުވެފައެވެ. އެހެންކަމުން އަހަރެންގެ ދުވަސްތައް މުޅިންހެން ހޭދަވަނީ ގެއިން މިސްކިތަށް، މިސްކިތުން ގެއަށެވެ. ގިނަ ފަހަރަށް ހިތްފަސޭހަ، ހަމަހިމޭން މާޙައުލުތަކުގައި އެކަނި އިނުމަށްވެސް ލޯބިކުރަމެވެ. އެފަދައިން އިނދެ ކާއިނާތުގެ ފުރިހަމަކަމާއި، އަހަރެންގެ ވެރި އިލާޙްގެ ކުޅަދުންވަންތަކަން ހަނދުމަކުރުމުން ހިތްހަމަ ޖެހުން ލިބިގަންނަމެވެ. އެކަނިވެރިކަންވެސް ފިލައެވެ. އަލްޙަމްދު ﷲ!

ކޮންމެއަކަސް މިއެކަނިވެރިކަމުގެ ތެރެއިން ދާދި ފަހަކުން ތަފާތު މަންޒަރެއް އަހަރެންނަށް ފެންނަން ފެށިއެވެ. ދުވަސްވަރަކީ ސުކޫލު ބޮޑުބަންދު ތެރެއެވެ. ކޮންމެ ދުވަހަކު ހެންމެ ގޯތިގެރޭގައި ހުސްކޮށް އޮންނަ ތަނުގައި ކުޅެންއުޅޭ ހިސާބުގަނޑު ކުޑަކުދިންތަކެކެވެ. ހެނދުނުއްސުރެ ހަވީރު ވަންދެން އުޅެނީ ހަމަ ކުޅުމާއިމަޖަލުގައެވެ. ނަމާދު ވަގުތުތައް ފާއިތުވެ ދާއިރުވެސް އެކުދިން ކޮބާތޯ ބަލާލާނެ އަދި ހެޔޮނަސޭޙަތެއް ދޭނެ މީހަކު އެކުދިންނާއި ކައިރިވެލާތަނެއް ނުފެނެއެވެ. އެފަދައިން އެކުދިން ދޫކޮށްލަން ހެޔޮވާނެ ހެއްޔެވެ؟ އެކުދިންގެ މައިންބަފައިން ބޮލުގައި އެކުދިންނާއިމެދު އެޅިފައި އޮންނަ ބޮޑު ޒިންމާ ކޮބައިބާއެވެ؟ އަހަރެންގެ ހިތަކަށް އެމަންޒަރު ބަލަން ކެތެއްނުކުރެވުނެވެ. އެ ކުދިންނަށް އެހެން ބަލަންހުރެވުނެވެ. އަހަރެންގެ ހިތް ބުނަމުންދިޔައެވެ. މުޙައްމަދިއްޔަ އުންމަތުގެ މީހަކަށް ވެހުރެ އަހަރެންގެ ވެރި އިލާހްގެ މަގުގައި އަހަރެން ސާބިތުވާން ވަމުން މިދާ ޤުރުބާނީ އަދި ފުރިހަމަ ނުވެއެވެ. އެކުދިން ގާތަށް އަހަރެން ދިޔައީމެވެ. އަދި މަޑުމައިތިރިކަމާއެކު ގޮވާކައިރިއަށް ގެނައީމެވެ. އެކުދިންގެ ކުޅުމުގެ ތެރޭގައި އެބޭނުންކުރާ ބަސްތަކާއި އެ ސިޔާސަކަން އެނގިހުރެ އޯގާތެރިކަމާއެކު، ޤުރުޢާނުން އިނގެނީ ކިހާ މިންވަރެއްތޯ ސުވާލުކޮށްލީމެވެ. މާޝާ ﷲ! އެއިން ކޮންމެ ކުއްޖަކަށްވެސް ސޫރަތުލް ފާތިހާ، އިޚްލާސް، ފަލަޤް، ނާސް ފަދަ ސޫރަތްތައް ހިތުން ކިޔާލަން އިނގެއެވެ. ވަރަށް އުފާވިއެވެ. އަދި އެއަށްވުރެވެސް ބޮޑަށް ޤުރުއާން ކިޔެވުމުގައި އެއްކުއްޖަކު އަނެއްކުއްޖަކަށްވުރެ މޮޅަށް ކިޔެވުމަށް އެ އުފެދިފަހުރި ވާދަވެރިކަމުން އަހަރެން ހައިރާންކުރުވިއެވެ. އެފަދައިން އެކުދިން ތަރުބިއްޔަތުކުރުމަށް ބަޔަކު ބާރުއަޅާނަމަ ހާދަ މޮޅެތި ކުދިންތަކަކަށް އެކުދިން ވީސްކަން ޔަޤީނޭ ހިތާހިތާ ކިޔާލިއެވެ. ކޮންމެއަކަސް އަހަރެން ޒިންމާއެއް ނެގީމެވެ. ކުޅުންވެސް ހުއްޓާނުލާ އެކަމަކު އެކުދިންނަށް ކޮންމެ ދުވަހަކު ވަކި ގަޑިއެއް ކަނޑައެޅުމަށްފަހު މާނައާއި އެކު ޤުރުއާން ކިޔަވާންދޭން ފެއްޓީމެވެ. ފީސަބީލި ﷲ އަށެވެ. އެކުދިންގެވެސް ޝައުޤުވެރިކަން ވަރަށް ބޮޑަށް ހުރިކަން ފާހަގަވިއެވެ. މިކަން މިގޮތުގައި ކުރަމުން އަންނަނިކޮށް ގެއަށް އައިސް ވަތް އެކުވެރިޔަކު މަލާމާތުގެ ރާގުގައި ބުނެލިއެވެ. "ދުވާލުދާ ހަތަރުދަމު ރަށުތެރޭ ފެންތިކެއްވެސް ނުވަރާ އުޅޭ ކުދިންތަކެއް ގޮވައިގެން ކަލޭ ތިކުރަނީ ކޮންމޮޔަކަމެއް ހެއްޔެވެ؟ ނުލާހިކު އަނގަ ހަޑިވާނެއެވެ. ކިޔަން ވެއްޖެނަމަ ވަކިއެއްޗެއް ނުބަލާނެއެވެ.

ކަލޭ މޮޔަވީހެއްޔެވެ؟ " ސުބްޙާނަ ﷲ! އަހަރެންގެ ނަފްސު ޝައިތާނާގެ ކިބައިން ރައްކާތެރިކޮށްދެއްވުމަށް އަހަރެންގެ ވެރިރަސްކަލާނގެ ހަޟްރަތަށް އެދެވުނެވެ. އަދި އެކުދިންނަށް ކިޔަވަން ހަވާލުކޮށްލާފަ ތެދުވެލާ ބުނީމެވެ. "ރަނގަޅެވެ. ކޮންމެ ގޮތެއްވިޔަސް އެއީ އަދި ތުއްތު ކުދިންނެވެ. ކިތަންމެ ލާނެއްކޮށް އުޅުނަސްމެއެވެ. ޤަބޫލުކުރާށެވެ. މި މުޖުތަމަޢުން އެކުދިންނަށް ދަސްވިއެއްޗެއް، ދެއްކި އެއްޗެއް މެނުވީ ނޭނގޭނެއެވެ. އެއީ ރަނގަޅު އެއްޗެއް ކަމުގައިވިޔަސް ނުބައި އެއްޗެއް ކަމުގައި ވިޔަސް އެއުމުރުގައި އެކުދިން ވަރަށް ފަސޭހައިން ދެނެގަނެ ދަސްކުރާނެއެވެ. އެހެނޭ ހީކޮށް އަލްޙަމްދު ﷲ، އަހަރެންނަށް ހެޔޮގޮތް އެނގޭއިރު އެފަދައިން އެކުދިންނާއި މެދު ނުބައިކޮށްދެކި އެގޮތުގައި ދޫކޮށްލުމުން އަހަރެންނަށް އަހަރެންގެ ދީން އަމުރު ކުރެއްވި ކަންތައް ކުރެވުނީ ހެއްޔެވެ؟ އަހަރެންގެ ދީން މުސްތަޤުބަލަށް ހެޔޮގޮތުގައި ފޯރުކޮށްދެވުނީ ހެއްޔެވެ؟ ދީން ތިބާއަށް އެނގޭނަމަ ދީންދެކެ ތިބާ ލޯބިވާނަމަ ދައްކަންވާނީ ހަމައެކަނި ކުށްތަކުގެ ވާހަކަ އެކަންޏެއް ނޫނެވެ. ކުރަންވާނީ މަލާމާތެއްވެސް ނޫނެވެ. އެކުށް އަނެކާގެ ކިބައިން އިސްލާޙްކުރަން ދީނުގެ ޙައްޤުގައި އިޙްސާންތެރިކަމާއެކު ތިބާވެސް އެހީތެރިވެ ނަސޭޙަތްތެރިވާންވާނެއެވެ.

ނިކަން ޝުކުރުވެރިވެ ވިސްނާލަބަލާށެވެ. އެ ކުދިންނަށް އަޅާލުމެއް އެފަދައިން ނުލިބޭތީ އެކުދިންނަށް ފެންވެސް ނުވެރެނީއެވެ. ސާފުޠާހިރު ކަމަކީވެސް ބުނެދޭން ޖެހޭނެކަމެކެވެ. އެކުދިންނަށް ރަނގަޅުތަރުބިއްޔަތެއް ދިނުމަށް ބަޔަކު ނޫޅޭތީ އެފަދައިން އެކުދިންނަށް މުޖުތަމަޢުން ހަޑިހުތުރު ބަސްވެސް ދަސްވީއެވެ. އެހެނަސް ނިކަން ތިބާގެ އަމިއްލަ ނަފްސަށް ވިސްނާލަބަލާށެވެ. ﷲ ތިބާއަށް އެހުރިހާ ނިޢުމަތެއް ތިވަނީ ދެއްވާފައެވެ. ގަޑިން ގަޑިއަށް ފެންވަރާ ކާންދީ އުގަންނައިދީ އެހެނިހެންވެސް ޅަފަތުގެ މަރުޙަލާގެ ހުރިހާކަމެއް ފުރިހަމަކުރުމަށް ތިބާގެ މަންމައާއި އާއިލާ ޤުރުބާންވިއެވެ. އެފަދައިން ﷲ ތިބާއަށް އިޙްސާންތެރިވެވޮޑިގަތުމުން ތިނިޢުމަތުން މަޙްރޫމްވީ ކުދިންނަށް ތިބާ މަލާމާތް ކުރަނީ ހެއްޔެވެ؟ އޭ އަހަރެންގެ އެކުވެރިޔާއެވެ. ތިބާއަށް ތިޔަ ފުރަގަސްދެވެނީ ތިނިޢުމަތްތައް ތިބާއަށް ދެވި ފަރާތުގެ ވަޙި ބަސްފުޅުކަމުގައި ވުން އެކަށީގެންވެއެވެ. އެކަލާނގެ القصص ސޫރަތުގެ 77 ވަނަ އާޔަތުގައި އަންގަވާފައިވެއެވެ.

{ وَأَحْسِن كَمَآ أَحْسَنَ ٱللَّهُ إِلَيْكَۖ }
އަދި اللَّه، ތިބާޔަށް إحسان ތެރިވެވޮޑިގަތް ފަދައިން، ތިބާވެސް (اللَّه ގެ އަޅުތަކުންނަށް) إحسان ތެރިވާށެވެ!

އެކުވެރިޔާއެވެ! ވީއިރު ތިބާއަކީ ﷲ ގެ މިވަޙީ ބަސްފުޅަށް އަމަލުކުރާ މީހާއަށް ވުމަށް އަހަރެން ތިބާއަށް ނަސޭޙަތްތެރިވަމެވެ."

އަހަރެންގެ އެކުވެރިޔާ އޭނާގެ އެކުވެރިޔާއަށް ދިން އަގުހުރި އަދި އެހާމެ އިބްރަތްތެރި ނަސޭޙަތް، އަހަރެން އަހަރެންގެ ތިޔަ ލޯބި އެކުވެރިޔާއަށްވެސް ވެދުން ކުރަމެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *