ކޮލަމިސްޓް

ސުބްޙާނަﷲ! މިއޮއްހާ ދުވަހު ނަމާދުގައި ވެވެމުން މިދިޔައީ ކޮންފަދަ ނުބައި އިޤުރާރެއް؟؟!؟

"ހަނދާންވާ ގޮތުން ނަމާދުގައި ކިޔާ އެއްޗެހި އަހަރެން ދަސްކުރިއިރު އުމުރުން ވާނީ ގާތްގަނޑަކަށް 7 އަހަރެވެ. އޭރު ބަލަނީ ދަސްކޮށްފަ ވީހާވެސް އަވަހަށް ކިޔާދެވޭތޯއެވެ. މާނައަކަށް ނުވިސްނަމެވެ. އޭރު ދަސްކުރި ދުޢާއުލް އިފްތިތާޙް (ވައްޖަހުތު) އަދިވެސް ކިޔަނީ ހަމަ އެ ގޮތަށެވެ. ނަމަވެސް ކުރިންދުވަހެއްގައި ޓީވީއިން ބަންގިއަށް ފަހު ނަމާދުކުރާތަން ދެއްކިއިރު ވައްޖަހުތު ކިޔަނިކޮށް އަޑުއިވުނެވެ. އެހެނަސް އެ ކިޔުމުގައި އަހަރެން ކިޔާގޮތާއި ތަފާތެއް އުޅޭތީ އަނެއްކާ އަހަރެންނަށް މިކިޔެނީ ކީކޭތޯ ޔަޤީންކޮށްލުމަށް އެ ދުޢާގެ މާނަބަލާލީމެވެ. ސުބްޙާނަ ﷲ! އަހަރެންނަށް އުމުރުން 7 އަހަރުއްސުރެ ﷲ ޠައާލާއަށް ހިތްނިޔަތް ޙާލިސްކޮށް މަޑުމައިތިރިކަމާއެކު ހުރެ މިކިޔުނީ ކީކޭކަން އިނގޭހެއްޔެވެ؟ "މިއަޅާ މުސްލިމުންގެ ތެރެއިން ނުވަމެވެ. މިއަޅާ ވަނީ މުޝްރިކުންގެ ތެރެއިންނެވެ." ސުބްޙާނަ ﷲ! އަސްތަޣްފިރު ﷲ!

ދުޢާ ކިޔުމުގައި "وَمَا أَنَا مِنَ الْمُشْرِكِينَ" އަދި "وَمَا أَنَا مِنَ الْمُسْلِمِينَ" އެވަނީ އޮޅިފައެވެ. ފަހަރުގައިވެސް އެނގިހުރެ މުސްލިމަކު ގަސްތުގައި އެފަދައިން އިޤްރާރުވެ ޛިކްރު ނުކުރާނެއެވެ. ނަމާދުގައި ވައްޖަހުތު ކިޔުމަކީ ވެވޭ އިޤްރާރެކެވެ.

وَجَّهْتُ وَجْهِىَ لِلَّذِى فَطَرَ ٱلسَّمَٰوَٰتِ وَٱلْأَرْضَ حَنِيفًاۖ وَمَآ أَنَا۠ مِنَ ٱلْمُشْرِكِينَ إِنَّ صَلَاتِى وَنُسُكِى وَمَحْيَاىَ وَمَمَاتِى لِلَّهِ رَبِّ ٱلْعَٰلَمِينَ لَا شَرِيكَ لَهُۥۖ وَبِذَٰلِكَ أُمِرْتُ وَأَنَا۠ مِنَ الْمُسْلِمِينَ
ހަމަކަށަވަރުން، (އަޅުކަންކުރުމުގެ قصد ގައި) އަޅުގެ މޫނު ކުރިމަތިކުރަނީ، باطل ގޮތުން އެއްކިބާވެ، حق ގެ ފަރާތަށް ލެނބިހުރި حال ގައި، އިސްވެދިޔަ ނަމޫނާއެއްނެތި، އުޑުތަކާއި ބިންހެއްދެވި ރަސްކަލާނގެއަށެވެ. އަދި މިއަޅާ مشرك ންގެ ތެރެއަކުން ނުވަމެވެ. ހަމަކަށަވަރުން، މިއަޅާގެ ނަމާދާއި، މިއަޅާގެ (އެހެނިހެން) އަޅުކަންތަކާއި، މިއަޅާގެ ދިރިހުރުމާއި، މިއަޅާގެ މަރުވުންވަނީ، عالم ތަކުގެ ވެރި اللَّه އަށެވެ.
އެކަލާނގެއަށް އެއްވެސް شريكއަކު (ބައިވެރިއަކު)ނުވެއެވެ. އަދި މިއަޅާއަށް އަމުރުކުރަށްވާފައިވަނީ އެގޮތުގެމަތީން އީމާންވުމަށެވެ. އަދި މިއަޅާއީ مسلم ން ގެ ތެރެއިންވާ މީހަކީމެވެ.

ޔަޤީން ނުވަނީނަމަ ސޫރަތުލް އަންޢާމް ގެ 79، 162 އަދި 163 ވަނަ އާޔަތާއި މާނަ ބަލާލާށެވެ.

ލޮބްވެތި އެކުވެރިންނެވެ. ނަމާދުގައި ތިޔަ ކިޔާ ދުޢާތަކާއި ޒިކުރުތައް ކިޔެނީ ރަނގަޅަށްތޯ އެއްފަހަރުވެސް ޗެކްކޮށްލިންތޯއެވެ؟ އަރަބި ބަހަކީ އަހަރުމެންގެ މާދަރީ ބަހަކަށް ނުވެމެ އަދި އަރަބި ބަހުގެ މާނަ ނޭނގޭ ހިނދު ބަހެއް އިސްފަސްވުން ނުވަތަ ފިލިގޯސްކޮށް ކިޔުމަކީ ވެދާނެކަމެކެވެ. އެގޮތަށްވެ ދުޢާތަކުގެ ލަފްޒު އޮޅި، މާނަ ބަދަލުވެ ކިޔޭނަމަ މުޅި އުމުރު ބަދު ދުޢާއެއް ނުވަތަ ދީނުން ބޭރުވާފަދަ ބަހެއް ކިއިދާނެކަމަށް ވިސްނާ މިހާރު ކިޔަމުން ތިދާ ދުޢާތަކާއި ޒިކުރުތަކުގެ މާނަ ބަލާލުމަށް ނަސޭހަތްތެރިވަމެވެ. ކިޔޭ ދުޢާއާއި ޒިކުރުތަކުގެ މާނައެނގުމަކީ ތިބާގެ ނަމާދުގައި ހުޝޫޢަތްތެރިކަން އިތުރުވެގެން ދާނެކަމެކެވެ. ޤުރުޢާން ކިޔަވަމުންދާއިރު މާނައެނގޭ ހިނދު ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އޮހޮރޭ ބީދައިންނެވެ. ލަސްނުކޮށް އެކަން ކޮށްލަން އުޅެމާ ބަހީއެވެ!

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *