ކޮލަމިސްޓް

"ހަރާމް ރިލޭޝަންޝިޕް" އަށް ނުގޮސް "ހަލާލު މެރީ" އަށް ދިޔުން މާ ސަޅި!

"އަހަރެންގެ އުމުރުން 19 އަހަރުވީއިރުވެސް މަންމަގެ އިނގިލިކުރިން ދޫނުކޮށްލަމޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. މަންމައާއި ނުލާ އެއްވެސް ތާކަށް ނުދަމެވެ. ބިޓުންގެ ކުޅިއަކީ އަހަރެން ކުޅެން ބޭނުންވާ ކުޅިވަރެއް ނޫނެވެ. އިންތިޒާރު ކުރަމުން ދިޔައީ ކައިވެނިކުރާނެ ރަނގަޅު ފިރިހެންކުއްޖަކަށެވެ.

މަންމަ އަބަދުވެސް ބުނެއެވެ. "ދަރިފުޅާއެވެ. ރަނގަޅު ފިރިހެނުންނަކީ މަގުމަތީ ނީލަން ކިޔަމުން ދުވެގެން ލިބޭނެ އެއްޗެއް ނޫނެވެ."

ކޮންމެއަކަސް އަހަރެން އެގޮތުގައި ދުވަސްތައް ހޭދަކުރަނިކޮށް ރީތި ފިރިހެނަކާ ދިމާވެއްޖެއެވެ. އެއްރެއެއްގައި ވަރުގަދަ ކެރިގަނޑެއްގެ ދަށުވެ އަހަރުމެންގޭ އަސްކަނި ދަށުން ހިމާޔަތް ހޯދަން އައި މީހެކެވެ. ރީތި ތުނބުޅިއެއްގެ ވެރިއެކެވެ. އެއީ ކާކުކަމެއް އުޅޭތަނެއްވެސް ނޭނގެއެވެ. ދެދުވަހެއް ފަހުން ފެނުނީ ގޭ ކަރަންޓް ބިލް ހަވާލުކުރަން އައި ކުއްޖާއާއެކު ގޭ ދޮރުމަތީ ހުއްޓައެވެ. އެކި ފަހަރު އެކިތަނުން ފެންނަމުންދިޔަ އެ ރީތި މީހާގެ ހަޤީޤަތް ހޯދިއިރު އެއީ އިންޖީނުގެ މަސައްކަތެއް ކުރުމަށް އައިސް އުޅޭ މާލޭ ކުއްޖެކެވެ.

މިހާރު މިރަށުގައި އުޅޭތާ 2 މަސްވަނީއެވެ. ކޮންމެއަކަސް އަހަރެންނަށް އެމީހާ ރީތިވިޔަސް އެކަން ސިއްރުކޮށްލައިގެން ހުއްޓާ އޭނާ އަމިއްލައަށް އަހަރެންނަށް ފޭސްބުކް އިން ފްރެންޑް ރިކުއެސްޓް ފޮނުވިއެވެ. އަހަރެން އެކްސެޕްޓްކޮށްލީމެވެ. އެހިސާބުން ޗެޓް ކުރުން ފެށުނެވެ. އެންމެ ފަހުން އޭނާއަށް އަހަރެން ވަރަށް ރީތިކަމަށް ބުންޏެވެ. އަދި ފުރަތަމަ ފެނިލުމުންވެސް އަހަރެންގެ "ސިމްޕަލް ނެޗުރަލް ލުކް" ކަމުދިޔަކަމަށް ބުނެ ތައުރީފް ކުރިއެވެ. ޗެޓް ކުރަން ފަށާ މާގިނަ ދުވަހެއް ނުވެ ލޯބިވާކަމަށް ބުންޏެވެ. ވާހަކަ ދެކެވެމުން ދިޔަޔަސް ބައްދަލުކުރާކަށް އަހަރެން އެއްބަހެއް ނުވަމެވެ. އެހެނަސް ޝައިތާނީ ވަސްވާސް ހިތަށް ވަދެ އަހަރެންގެ އިއްފަތްތެރިކަން ގެއްލިދާން ނެގީ ހަމަ އެންމެ ރެއެކެވެ. އެއްރެއެއްގެ ދަންވަރު އޭނާ ކުރި އާދޭހަށް ގެއިން ބޭރަށް ނިކުމެވުނީއެވެ. އެހެނަސް ހަމަ އެންމެ ރެއެއްގެ އެ ނުކަސިޔާރު އަމަލަށް ފަހު އޭނާގެ ފޯނަކަށް ނުގުޅެއެވެ. ޗެޓްކުރިޔަސް ރިޕްލައިނުކުރެއެވެ. ހަފްތާއެއް ފަހުން މެސެޖެއް ކޮށްލިއެވެ. "ވީކަމެއް ނުވާކަމަކަށް ހަދާލާށެވެ. މިހިރީ މާލޭގައެވެ. މަށަކީ ތެދުވެރި ކިޔަމަންތެރި އަނތްބެއްގެ ފިރިއެކެވެ. ސޮރީއެވެ.".....

މިއީ މިއަދު ސިއްރުކުރިޔަކަސް، އާންމު ވެފަވާ ކުޅިވަރެކެވެ. ބުނެބަލާށެވެ. އެހިސާބުން އެކަން ނުވާކަމަކަށް ވާނެހެއްޔެވެ؟ މީހަކު ރީތިވުމަކީ ތިމާ އޭނާ 'މިސް ޔޫޒް' ކޮށްލަން ޖެހޭނެކަމެއް ނޫނެވެ. ތިމާގެ ބައިވެރިޔާއާ ތިމާގެ ލޯކުރިމަތިން ގެއްލޭ ހިނދުކޮޅު ދެން ހުރި މީހަކަށް ކަނެކްޓް ވާން ތިއީ ބްލޫޓޫތް ޑިވައިޒްއެއްހެއްޔެވެ؟ ތެދުވެރި ބައިވެރިޔާއަށް ބޭވަފާތެރިވުމަކީ ބައިވެރިޔާއަށް އެކަން ފަޅާއެރުން އެކަނި ހެއްޔެވެ؟

އަޑުއަހާށެވެ. މައުސޫމު މޫނެއްގެ ނިވަލުގައި ސިއްރުން ހުރެ ކުށެއްނެތި އަނެކާގެ އިޙްސާސްތަކާއި ކުޅުމަކީ ކުޑަ އަނިޔާއެއް ނޫނެވެ. ތިމާއަށް އެކަން ކޮށްލާއިރު ކަމަކަށް ނުވެދާނެއެވެ. އަނިޔާގެ ކަނޑަށް ގެނބުނު ކުއްޖާ ޣަރަޤުވެ ދާތަން ތިބާއަށް ނުފެނިދާނެއެވެ. އެހެނަސް އެކަނޑުގައި ގެނބިދިޔަ އިޙްސާސާއި، ފިސްފިސްކޮށްލި އިއްފަތާއި، ކުދިކުދިކޮށްލި ޖަޒުބާތުގެ އަގުވެސް އިނގޭނެ ދުވަހެއް އަންނާނެއެވެ. ފިރިހެނަކަށް ހަތަރު އަނބިން ހުއްދަވުމުގެ މާނައަކީ ހަތަރު ލޯބިވެރިން ހުއްދަވުމެއް ނޫނެވެ. އިނދެވެން ނެތިއްޔާ ލޯބީގެ ނަޒަރުން ނުދެކޭށެވެ.

ހަމަ މިބީދައިން އެދަލުގައި ބެދެވޭ އަންހެނާއަށް ބުނަމެވެ. ކޮންމެ އަންހެނެއްގެ ބޮލުގެ އިސްތަށިގަނޑުން ފެށިގެން ފައިގެ އިނގިލިތަކުގެ ކުރިއާހަމައަށް މުޅިހަށިގަނޑު ވާންޖެހޭނީ ލަދުވެތިކަމުގެ ކިއްލާގައި ޢިއްފަތްތެރިކަމުގެ ގަހަނާއިން ނިވާވެފައެވެ. އެއީ މަސްފަލަ ފުއްލާއަކަށް މިނިކާވަގު ދަހިވެތިވެ ފާރަލާފަދައިން ފިރިހެނާ ހިލޭ އަންހެނާގެ ހަށިގަނޑަށް ދަހިވެތިވެ ފިރިހެނުން ފާރަލާނެއެވެ. ތިޔަ ކަނބަލުންގެ ހަށިގަނޑުގެ ރީތިކަމާއި ޒުވާންކަމުގެ ޗާލުކަމުން އަރާމާއި ލައްޛަތު ލިބިގަތުމަށް ފާރަވެރިވާނެއެވެ. ކޮންމެ އަންހެންކުއްޖެއްގެވެސް ހަލާލު ފިރިމީހާއަށް ހައްޤުވާ އަގުމާތްވި ހަދިޔާ، ބިކުރުވެރިކަން ވާންޖެހޭނީ ލަދުވެތިކަމުގެ ކިއްލާގައި ޢިއްފަތްތެރިކަމުގެ ގަހަނާއިން ނިވައިކޮށް ފަރުދާކޮށްގެން ގެންގުޅޭ އެއްޗަކަށެވެ. އެެ ލޫޓުވައިގަތުމަށްޓަކައި ބޭނުންކުރާ އިބްލީހުގެ ވިހަގަދަ ތީރު (ލޮލުގެ ބެލުން) ތިމާގެ މެޔަށް ހަރާލުމުގެ ކުޑަވެސް ފުރުޞަތެއް ހިލޭ ފިރިހެނަކަށް ލިބިޔަނުދޭށެވެ. އެތީރު ތިމާގެ މެޔަށް ހެރި ހިތަށް އޭގެ ވިހަގަދަ އަސަރު ކޮށްފިނަމަ، އެއިން ސަލާމަތްވުމަކީ ފަސޭހަކަމެއްނޫނެވެ.

ތިމާގެ މެޔަށް އެތީރު ހެރި ތިމާގެ އާރާއި ބާރު އަދި އިޚްތިޔާރު ތިމާގެ އަތުން ކެނޑިގެންގޮސް ހިތާއި، ސިކުނޑިއަށް އިބްލީހުގެ ވަސްވާސްތެރިކަމުގެ ޝުޢޫރާއި ޚިޔާލު ވެރިވެ، ހަށިގަނޑަށް އެފަދަ އިޙްސާސާއި ލައްޛަތު ވެރިވުމުގެ ފުރުސަތު ނަމަނަމަ ނުދޭއްޗެވެ!

ވިސްނަންވީ ކައިވެނިން ބޭރު ކޮންމެ ލޯބީގެ ގުޅުމަކީ ހަރާމް ގުޅުމެއްކަމެވެ. ކިތަންމެ ސިއްރުން ކުރިޔަސް ކާއިނާތުގެ ވެރި ރައްބު ދެކެދެނެވޮޑިގެންވެއެވެ. ހަލާލު ގުޅުމަށް ކައިވެނީގެ އަގުމާތްގުޅުން އިޚްތިޔާރުކުރާށެވެ. "ހަރާމް ރިލޭޝަންޝިޕް" އަށް ނުގޮސް "ހަލާލު މެރީ" އަށް ދިޔުން މާ ސަޅިއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *