ކޮލަމިސްޓް

ސޮރީ.! ބާތްޑޭ ވިޝްއެއް ހެޔޮ....

"ގަޑިން ދަންވަރު ބާރަޖަހަނީއެވެ. އަހަރެން ހުރީ އަހަރެންނަށް އެންމެ ފުރަތަމަ ވިޝްކުރާ މީހެއް ބަލަން ކެތްމަދުވެފައެވެ. އަހަރެންގެ އުފަންދުވަސް އިނގޭނީ އަހަރެންދެކެ ލޯބިވާ މީހުންނަށްތާއެވެ. ސީދާ ބާރަޖަހާއިރު މެސެޖް ކުރާނީ ކިހާ ބޮޑަކަށް އަހަރެންނާމެދު ވިސްނާތީތާއެވެ؟ އެހެނަސް މި ވިސްނުން ބަދަލުވާންނެގީ ސިކުންތުކޮޅެކެވެ. ބާރަޖަހަން ބަރާބަރު މިނެޓަކަށްވެފަ ހުއްޓާ އަހަރެންގެ އެންމެ ކުޑަ ކޮއްކޮގެ މެސެޖެއްއައެވެ. ޤަބޫލުކުރަން ދަތިވިއެވެ. ކޮއްކޮއަކީ އުފަންދުވަސް ފާހަގަކުރާ ކުއްޖެއް ނޫންވިއްޔާއެވެ. އެހެންވެ ވަރަށް އުފަލުން މެސެޖް ހުޅުވާލީމެވެ.

"އަހަރެން ނުހަނު ލޯބިވާ ދޮންބޭ! ދޮންބެއަށް އިނގޭތަ؟ ދޮންބެގެ ޙަޔާތުން އަހަރެއް ތިޔަ އުނިވީއެވެ. އިތުރަށް ތިޔަ ”ބޮޑުވީއެއް“ ނޫނެވެ. އަދި ކިއެއްތަ؟ ”ކުޑަވީ“ އެވެ. މިވަގުތީ ދުނިޔެއާއި ދުރުވެ ކަށްވަޅާ ކައިރިކުރުވީއެވެ. އަމާންކަމުގެ ޒަމާން ފަސްދީ، ފިތުނައިގެ ދުވަސްތަކާ ގާތްވީއެވެ.

އެ އުފަލުގައި ކޭކު ފަޅަނީ ކީއްކުރަންހެއްޔެވެ؟ އެހެނީ ވަގުތުގެ ”ތޫނު ވަޅިން“ ދޮންބެގެ ޢުމުރުގެ އަހަރެއް ”ކޮށައިލައިފިއެވެ.“ އެއުފަލުގައި އުއްބައްތި ރޯކުރަންވީ ކީއްކުރަން ހެއްޔެވެ؟ އެހެނީ ވަގުތުގެ ރަޙުމަތްނެތް ”ކޮޅިގަނޑުގެ“ ތެރޭގައި ދޮންބެގެ ޢުމުރުގެ ”ބައްތި“ ނިވެމުން ތިއޮއްދަނީއެވެ.

ފޭސްބުކްގައި އުފަންދުވަހުގެ ތަހުނިޔާ ކިއްޔާ ކީމީހަކަށް އުފަލުން ފުރިވާހާލު ކޮންމެ އަހަރަކު ތިޔަ ޝުކުރުވެރިކަމުގެ ގުލްހާރު ތިޔަވެދުންކުރަނީ ތިޔަ ދުވަސް އައިސްގެން އުފަލަކަށް ވީކޮންކަމެއްހެއްޔެވެ؟ މިވަގުތީ ފާލަމުން ފުރަން ވަގުތު ކުޑަތަންވަމުން ދާތީ ކަންބޮޑެއްނުވޭހެއްޔެވެ؟ ގައިބާރު ދެރަވުމާ ދިމާއަށް މިސްރާބުޖަހަމުން ދާތީ ދެރަނުވަމުހެއްޔެވެ؟ ދުނިޔެ އުޅެން އޮތް ދުވަސް މަދުވަމުން ދާތީ ހަމަ އެހާ އުފާވަނީހެއްޔެވެ؟

ތިއީ އުފަލެއް ނޫނެވެ. ތިޔަ ޙަޔާތުން 23 އަހަރު އުނިވީއެވެ. އާއެކެވެ. އަނެއްކާވެސް އަހަރެއް އުނިވީއެވެ. ދޮންބޭއެވެ. ބާތްޑޭ ވިޝްކުރަނީ ލޯބިވާ މީހުން ކަމަށް ވަންޏާ އަޅުގަނޑު ދޮންބެ ދެކެ ލޯތްބެއް ނުވެއެވެ. ދޮންބެ އެކަންޏެއް ނޫނެވެ. މަންމައެއް، ބައްޕައެއް، ދޮންތައެއް، ތިއްތިއެއް ދެކެވެސް ލޯތްބެއް ނުވެއެވެ. އެހެނަސް ޤަބޫލުކުރާށެވެ. ވިޝްނުކުރަނީ ލޯބިވާތީއެވެ. ވަރަށް ލޯބިވޭ!"

އަހަރެންނަށް ދޭނެ ޖަވާބެއް ނުވިސްނުނެވެ."

އެކުވެރިންނެވެ. ތެދެކެވެ. އަބަދުވެސް ހަނދާންކުރާށެވެ! ކޮންމެ އަހަރަކު އަންނަ ތިބާ އުފަންވިދުވަހަކީ އުފާކުރަންޖެހޭ ދުވަހެއް ނޫނެވެ. އެއީ އުފަންދުވަހަކީ ތިބާގެ ޙަޔާތުން ވޭތުވާ އަހަރެކެވެ. އެއީ ތިބާގެ މަރާއި ބައްދަލުކުރުމަށް ކައިރިކޮށްދޭ އަހަރެކެވެ. އެއީ އުފާވާން ޖެހޭކަމެއްހެއްޔެވެ؟ އަހަރުމެންގެ ލޮބްވެތި ނަބިއްޔާ ﷺ އުފަންދުވަސް ފާހަގަ ނުކުރައްވާ އިރު އަހަރުމެން ކުރަން ޖެހޭހެއްޔެވެ؟ އުފަންދުވަސް ފާހަގަ ކުރި ރަސޫލެއްް، ނަބިއްޔެއް، ސަހާބީއެއް، ޚަލީފާއެއް ވޭހެއްޔެވެ؟ އެއީ ނަސާރާއިންނާއި ޔަހޫދީންގެ އާދަކާދައެކެވެ.

ކީރިތި ރަސޫލާ ޙަދީޘް ކުރެއްވިއެވެ.

”ތިޔަބައިމީހުން އިސްވެގޮސްފައިވާ މީސްތަކުންގެ ގޮތްތަކަށް ތިޔަބައިމީހުން ތަބާވާނެތެވެ. މުށަކަށްފަހު މުށެކެވެ. ކައިވަތަކަށްފަހު ކައިވަތެކެވެ. ދެންފަހެ އެބައިމީހުންގޮސް ބޮނޑެއްގެ ހޮރަކަށް ވަންކަމުގައިވީނަމަވެސް ތިޔަބައިމީހުން އެމީހުންގެފަހަތުންގޮސް އެ ހޮރަށް ވަންނާނެތެވެ. އެއްސެވުނެވެ. ﷲ ގެ ރަސޫލާއެވެ. އެއީ ޔަހޫދީންނާއި ނަޞާރާއިންތޯއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ދެންފަހެ ކޮންބައެއްތޯއެވެ؟ “ (ޞަޙީޙް މުސްލިމް 2669)

އެހެނަސް އެކަންވެސް މި ފަހަކަށް އައިސް އަހަރުމެންގެވެސް އާދައަކަށް ހަދާފިއެވެ. ނުވިތާކަށް މިވަނީ މިއަދު ދިވެހިންގެ ސަޤާފަތަކަށް ވެފައެވެ. އެއްބަޔަކު ބޮޑެތި ރެސްޓޯރެންޓްސް ހިފާފަ، އާއިލާ އެއްކުލައަކުން ހެދުން ފަހާފަ ޕާޓީ ބާއްވަނީއެވެ. އަނެއް ބަޔަކު ގޭގަ ސަޕްރައިޒް ޕާޓީ ބާއްވަނީއެވެ. އަނެއް ބަޔަކު ބުނެއެވެ. އެވަރަކަށް ފާހަގައެއް ނުކުރަމެވެ. ދެތިން ޕިއްޒާ އޯޑަރ ކޮށްގެން ގެނެސް ކޭކެއް ފަޅާލަނީއެވެ.

ދަންނާށެވެ. ޕާޓީ ބޭއްވިޔަސް، ކޭކެއް އެކަނި ފެޅިޔަސް އެއީ އުފަންދުވަސް ފާހަގަކުރުމެވެ. އެދުވަހު ހަދިޔާ ދިނަސް، ރުފިޔާ ދިނަސް، ވިޝްކޮށްލިޔަސް ހަމަ އެ ބައިވެރިވެވުނީއެވެ.

ބައެއް މީހުން ބުނެއެވެ. ދަރިފުޅު ހަމަ އުފަންދުވަހުގެ ޕާޓީ ބާއްވަދިނުމަށްއެދި އާދޭސް ކުރަނީއެވެ. ކޭކު ފަޅަން ކިޔަނީއެވެ. ގިފްޓް ބަހަން ކިޔަނީއެވެ. އެއީ ވެދާނެކަމެކެވެ. މި މުޖުތަމަޢުގައި މިއަދު އާންމު ކަމަކަށްވީތީ ކިޔާފާނެއެވެ.

ނަމަވެސް އަޅުގަނޑުމެން ޖެހޭނީ އެޅަސިކުނޑިތަކަށް ވިސްނޭނެހެން ވިސްނައިދޭށެވެ. އެފަދަ ކަންކަމަކީ ދީނުގައިވާ ކަންތައްތަކެއް ނޫން ކަމުގައި ލޯތްބާއިއެކު ބުނެދޭށެވެ. ވަރަށް ކުޑަ މިސާލެކެވެ. އުމުރުން އެންމެ 4 އަހަރުގެ ކުއްޖަކަށް ބާތްޑޭ ވިޝްކޮށްލުމުން އެކުއްޖާ ބުނި ބަސް އިނގޭހެއްޔެވެ؟ ހެވިފަ ބުނީ ތެންކިޔުއެއް ނޫނެވެ. ހަމަ ހިނިތުންވުމާއެކު ބުނެލިއެވެ.

'އަޅުގަނޑަކީ މުސްލިމެއް. އެއީ މުސްލިމުން ފާހަގަ ކުރާދުވަހެއް ނޫން. ތިޔަ ވިޝްއެއް ހެޔޮ. ސޮރީ.!' މިވެސް ހަމަ މިދިވެހި ލޭހިނގާ ދަރިއެއްގެ ބަހެވެ. ތެދެކެވެ. އަހަރެންގެ އުފަންދުވަސް އެނގިފަ އޮވެދާނެއެވެ. އެހެނަސް މާފްކުރާށެވެ. އުފަންދުވަހުގެ ތަހުނިޔާއެއް ބޭނުމެއް ނޫނެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *