ކޮލަމިސްޓް

ފޮނިމީރުކަން ހޯދަން ވަކި މަލެއް ހަމަ ނެތީތޯއެވެ؟

'މީއީ އަބަދު ކިޔަންފަސޭހަ ވާހަކަތަކެއް ނޫނެވެ. އަޑުއަހާށެވެ. ތަންދޮރު ވަކިނުވާއިރު އެންމެ 2 އަހަރުގައި އަހަރެންގެ ދަރިފުޅުގެ މުޅި ދިރިއުޅުން ކާފަގެ އަތުން ވިއްސިވިހާލިކޮށްލިއެވެ.

މުޅި އާއިލާއިން ޚާއްސަކަމެއް ދެމުން އައި ޚާއްސައެހީއަށް ބޭނުންވާ އަހަރެންގެ ކޮއްކޮގެ މުސްތަޤުބަލް ފުނޑުފުނޑުކޮށްލީ އުމުރުން 8 އަހަރުގައި އަހަރެންގެ އެެއްބަނޑުއެއްބަފާބޭބެއެވެ. ގްރޭޑް 7 ގައި ގްރޫޕްސްޓަޑީސް ހަދަން ކްލާސްމޭޓެއްގެ ގެއަށް ދިޔަދުވަހަކީ އަހަރެންގެ ދެބެންގެދެދަރި ކުއްޖެއް، ކްލާސްމޭޓްގެ ބައްޕަގެ މުށުތެރޭގައި ހާސްކޮށްލާ ނަހަލާލަށް ބަލިވެ އިން ދުވަހެވެ.

ފުރާވަރަށް އަލްވަދާޢުކީ އުމުރުގައި އަހަރެންގެ ނުރުހުމުގައި އެގޭ ގުދަނަށް ވައްދާ ޕާޓޭއަކު އަހަރެންގެ އުންމީދުތަކުގައި ހުޅުޖެހީ މަންމައާއި އެކު މަންމަގެ ރައްޓެއްސެއް ގެއަށް ގޮސް ބޭރުގައި މަޑުކޮށްލި ކުޑަކުޑަ ވަގުތުކޮޅު ތެރޭގައެވެ. ފެޝަނަށް ލޯބިކުރާ އަހަރެންގެ ބެސްޓްފްރެންޑް ރޭޕްކޮށްލީ އޭނަގެ ލޯބިވެރިޔާގެ ގެއަށް ދައުވަތު ދީގެންގޮސް ފާޑެއްގެ ބުޔުމެއް ދީފަ އޭނަ އާއި އޭނާގެ ބޭބެއާއި އިތުރު އެކުވެރިއަކުވެގެންނެވެ.

މޭކަޕެއް ޒީނަތްތެރިކަމެއްނެތި ދޫކޮށް ހެދުންއަޅާ އަހަރެންގެ މަންމަގެ އިއްފަތް އެއްވެސް ރަހުމެއް ނެތި ފޭރިގަތީ އޮފީސްތެރޭގައި މަންމަގެ ބޮސްއާއި ސެކިއުރިޓީ އޮފިސަރާއި ދެމީހުންނެވެ. އިސްލާމީ ޙިޖާބުން ފުރިހަމައަށް ނިވާވެފަ ހުރި އަހަރެންގެ ދޮންތަ ތުހުމަތެއްގައި ހައްޔަރުކޮށްފަ ދޫކޮށްލިއިރު އެފަކީރުގެ ޒަމާންވަނީ ދުއްވާލާފައެވެ. އުމުރުން 70އިން މަތިވެފަ ހުރި އަހަރެންގެ މާމަ އަރާމު ނިދީގައި ކޮޓަރީގައި، އަމިއްލަ އެނދުގައި އޮއްވާ ބެހުނީ ގެއަށް އަބަދު އައިސްއުޅޭ އަވައްޓެރިއެކެވެ.'

ބުނެބަލާށެވެ. ރޭޕްގެ ޝިކާރައަކަށް ވަނީ ވަކި ގޮތަކަށް ވަކި މީހަކު އުޅެގެން ހެއްޔެވެ؟ ވަކި އެއްޗެއްލާފަ ހުރެގެންހެއްޔެވެ؟ ވަކި އުމުރެއްވެގެން ހެއްޔެވެ؟

ނޫނެކެވެ. ޝަހުވާނީ އެދުމުގައި ހައްދުފަހަނަ އެޅުމުން އާއިލާއެއް ރައްޓެއްސެއް މަންމައެއް ކޮއްކޮއެއް ނުބަލައެވެ. އެއިރަކު އަތުޖެހުނު މީހެއް ނޮޅާލަނީ އޮރެންޖެއްގެ ތޮށިގަނޑު ނޮޅާލާހާ ފަސޭހައިންނެވެ. ކަޅަސް، ދޮނަސް، ހިއްކަސް، ފަލަޔަސް، ކުޑަޔަސް، ބޮޑަސް ބޭނުންވީމަ ހިފަހައްޓާފަ އިއްފަތުގެ ކޯރުން ފެންބޯން މިއީ ޔަހޫދީން ހެއްޔެވެ؟ މިއަދު ޅަދަރިޔަކަށް އިތުބާރުކުރާނެ މީހެއް ވަކިނުވެއެވެ. ހިމާޔަތް ދޭންޖެހޭ އަތްތަކުން ފޮޅުމަށް ތައްޔާރުވަމުން އަންނަ މާ ޗިސްޗިސްކޮށްލަނީ އެއްވެސް ޚިޔާލެއްނެތިއެވެ. ފޮޅެމުން އަންނަ މަލެއް، ފޮޅިފައި އިންނަ މަލެއް، މޯޅިވެ ހިކިފަ އިންނަ މަލެއްވެސް އެމީހުންނަށް ވަރިހަމައެވެ. ބިނދެ، ފިޔަތަށް އުކާލާ އެއްލާލާފަ ދިޔުމުން އެމީހުންގެ ހިތްހަމަޖެހުން ލިބުނީއެވެ. މިއީ ދައްކަން ލަދުވެތިވާހަކަތަކެވެ.

ޤަބޫލުކުރަމެވެ. އިސްލާމީ ތަރަހައިން ބޭރުވެ މަހުރަމެއްނެތި ދަތުރުފަތުރުކޮށް، ލަދުގެ ކަންފުޅެއްނެތި ބަރަހަނާވެ ހަށިގަނޑު ނީލަންކިޔުމަކީ އެއަމަލަށް އަމިއްލައަށް ތިމާ ދޭ ދަޢުވަތެކެވެ. ވަގުން ވައްކަން ކުރާކަށް ނުޖެހެއޭ ބުނެ ފައިސާތަކެއް ފެންނަތަނެއްގައި ބަހައްޓާފަ ގެ ތަޅު ނުލާ ހުރިހާ ދޮރެއް ހުޅުވާފަ ނިދަން ތިބުމަކީ ރަނގަޅުގޮތް ހެއްޔެވެ؟ ތަޅުލިޔަސް ކުރަންވީމަ ކުރެއޭ ބުނެ އެމީހުންނަށް ހައްޤު އަދަބު ދެންދެން ދޮރުތައް ހުޅުވާފަ ބަހައްޓަން ހަމަ އޯކޭ ހެއްޔެވެ؟ބައެއްފަހަރު އެގޮތުންވެސް ރޭޕްގެ ޝިކާރައަށް ހަދާލައެވެ. މިހެންބުންޏަސް ގޯސްވާނީ މިހެން ބުނާމީހާއެވެ. އެހެނަސް ދެރަވާން ޖެހޭކަމަކީ އެފަދަކަމެއް ނެތިވެސް ބޭނުންވީމަ ތިމާގެ ނަޒަރު އެވަގުތަކު ހުއްޓޭ ހަށިގަނޑަކީ ތިމާގެ ޣަރީޛާތް ފުއްދާލަން އެންމެ ރަނގަޅު ގޮތްކަމަށް ނިންމާ ބޭނުންފުއްދާލުމެވެ.

އެހެނަސް މިވާހަކަ ކަރުން ހަންމެށޭ ވަރަށް ދެއްކިޔަސް ވާނެ ހަމަ އެއްވެސް ކަމެއް ނެތެވެ. އިސްލާމްދީންގައި ރޭޕްއަކީ ބޮޑު ފާފައެއްކަން، ރޭޕް ކުރާމީހާގެ ހައިސިއްޔަތުން އެކިވަރުގެ ބޮޑެތި އަދަބު ހުރިކަން އެނގޭހާލު އެއީ އެއްވެސް އެއްޗެއްނޫންކަމަށް ނިންމާލައެވެ. އާޚިރުގައި ގޯސްވެ ނިމެނީ ރޭޕްގެ ޝިކާރައަށްވާ މީހާއެވެ. އެއްވެސް ހަމައެއް ލަމައެއް މިތާނެތެވެ. އެންމެ އަދުލު ވެރި އިސްލާމީ ޝަރީޢަތުގައި ރޭޕްގެ އުޤޫބާތުގެ ތަފްސީލް މިވަނީއެވެ.

ދަންނާށެވެ. ތަނެއްގައި އަދުލް އިންސާފް ޤާއިމް ކުރެވޭނީ އެތަނެއްގައި އިސްލާމީ ޝަރީއަތް ޤާއިމްކުރެވިގެންނެވެ. އިތުރު އެހެން ހުކުމެއް އަހަރުމެން ކިތަންމެ އެދުނަސް ނުކުރެވޭނެއެވެ. އެކަލާނގެ އަންގަވާފައިވެއެވެ.

إِنِ ٱلْحُكْمُ إِلَّا لِلَّهِ (6:57) މާނައީ: ޙުކުމް ކުރެއްވުން ﷲ އަށް މެނުވީ ނުވެއެވެ."

ވީއިރު އެއްފަހަރުވެސް އިސްލާމީ ޝަރީޢަތް ޤާއިމް ކުރަންފަށާބަލާށެވެ. ކުށުގެވެށި ގެއްލިގެންދާތަން އިސާހިތަކު އިންޝާ ﷲ ފެނިގެންދާނެއެވެ.

ހޮބީއަށް މީހުންމެރުމާއި، ފިކުރެއްނެތި ވައްކަންކުރުމާއި، ސުޕާރީހެން މަސްތުވާއެއްޗިހި ވިއްކުމާއި، ކަރުހިއްކުން ފިލުވާލަން އައިސްއަލަމާރިން ފެންފުޅިއެއް ނަގާފަ ބޯލާބީދައިން ރޭޕްކުރުންފަދަ ބޮޑެތި ފާފަތައް ހުއްޓިދާތަން ދެކެން މިތިބީ ކެތްމަދުވެފައެވެ. ދޮގެއްތޯއެވެ؟

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *