ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ތެރެއިން ޖަމާއަތުގައި ނަމާދުކުރުން މަނާކޮށްފައި އޮތް އޮތުން މިހާރު ވަނީ ބައެއް ރަށްރަށަށް ނިމުމަކަށް ގެނެސްފައިވާކަމަށް އިއުލާންކޮށްފައެވެ. މިރޭ ބޭއްވި ނޫސްކޮންފަރެންސްގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ ބައެއް ރަށްރަށުގައި ރައްކާތެރި ކަމާއިއެކު މިސްކިތްތައް ހުޅުވާލުމަށް ނިންމާފައިވާކަމަށެވެ.
އިސްލާމިކް މިނިސްޓްރީގެ ނިންމުމާއި ގުޅިގެން މާދަމާ ހުކުރު ނަމާދުން ފެށިގެން ފުރަބަންދުގައި ނެތް ރަށްރަށުގައި މިސްކިތްތައް ހުޅުވާލާނެއެވެ. އާންމުންނަށް މިސްކިތުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ އުފާ ގިނަ ބަޔަކަށް ލިބިގެންދާނެއެވެ.
"ސަމާލުވާން ޖެހޭ ގިނަ ކަންތައްތަކެއް ހުންނާނެ."
މިސްކިތްތައް ހުޅުވާލުމާއި އެކު އިސްލާމިކް މިނިސްޓަރ ވިދާޅުވެފައިވަނީ މި ލުއި ދިނުމާ އެކު ސަމާލުވާން ޖެހޭ ގިނަ ކަންތައްތަކެއް ހުންނާނެކަމަށެވެ. އެގޮތުން މިސްކިތްތައް ހުޅުވުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއިމެދު ޑޮކްޓަރުންވަނީ ލަފާދެއްވާފައިކަމަށް އިސްލާމިކް މިނިސްޓަރު ވިދާޅުވެއެވެ.
މިސްކިތައް ދިއުމުގައި ސަމާލުވާންވީ މިކަންކަމަށް
މިސްކިތްތުގައި ޖަމާޢަތުގައި ނަމާދުކުރުން ހުޅުވާލުމާއި އެކު އިސްލާމިކް މިނިސްޓަރ ވަނީ މިސްކިތައް ނަމާދަށް ވަޑައިގަންނަވާ ބޭފުޅުން ސަމާލުވާންވީ ކަންކަން ފާހަގަ ކުރައްވާފައެވެ. މީގެން ބައެއް ކަންކަމަކީ ސިއްޙީ މާހިރުންގެ ލަފާގެ މަތިން ދީފައިވާ އިރުޝާދުތައް ކަމަށް އިސްލާމިކް މިނިސްޓަރ ހާމަކުރައްވައެވެ.
- ދުވަސްވީ ފަރާތްތަކަށް މިސްކިތަށް ނުދިޔުން.
- ކެއްސާ ކިނބިހި އަޅާ ފަރާތްތަކުން މިސްކިތަށް ނުދިޔުން.
- ގެއިން ވުޟޫކުރައްވައިގެން މިސްކިތަށް ދިޔުން.
- މިސްކިތުގައި ގިނައިރު ނުކުރެއްވުން.
- މިސްކިތައް ދާއިރު މާސްކު އަޅައިގެން ދިއުން.
ކޮވިޑް19 އާއި ގުޅިގެން މިސްކިތްތައް ބަންދުކުރުމަށްފަހު މިސްކިތްތައް ހުޅުވާލާއިރު ސިއްހީގޮތުން ސަމާލުވާންޖެހޭ ކަންކަމަށް ސަމާލުކަން ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭނެއެވެ. ކޮވިޑް19 ނެތް ރަށްތަކުގެ މިސްކިތްތައް ބަންދުކޮށްފައިވާތާ ގިނަ ދުވަސްވެފައިވާތީ ބައެއް ފަރާތްތަކުން ހިތްހަމަ ނުޖެހުން ފާޅުކޮށްފައިވެއެވެ. ކޮވިޑް19 އާއި ގުޅިގެން މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދު ކުރުން މަނާ ކުރީ އިސްލާމީ ފަތުވާދޭ މަތީ މަޖިލީހާއި ދީނީ އިލްމުވެރިން އަދި ޑޮކްޓަރުންގެ ލަފާގެ މަތިންނެވެ. އެފަރާތްތަކުން މިސްކިތްތައް ހުޅުވާލުމަށް ލަފާދިނުމާއި ގުޅިގެން ހުކުރު ނަމާދުން ފެށިގެން ފުރަބަންދު ނެތް ރަށްރަށުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ނަސީބު ލިބިގެންދާނެއެވެ. އެނަސީބުގެ ބޭނުން ހެޔޮ ގޮތުގައި ނުހިފައިފިނަމަ ކުރީގެ ހާލަތައް އިއާދަވާންޖެހިދާނެއެވެ. އެހެންކަމުން ސިއްޙީމާހިރުގެ ލަފާގެ މަތިން ޢަމަލު ބަހައްޓަވާށެވެ.
ޚިޔާލު