ކޮލަމިސްޓް

ޤުރުއާން ހިތުން ދަސްކުރާނީ ކިހިނެއް؟

ކީރިތި ޤުރުއާން ހިތު ދަސްކުރުމަކީ ވަރަށް އުނދަގޫ ކަމެއް ކަމުގައި ވަރަށް ގިނަ މީހުންނަށް ވިސްނެއެވެ. އެހެންކަމުން އެކަމަށް ކުރިމަތިލާން ގިނަބަޔަކު ޖެހިލުން ވެއެވެ. ނަމަވެސް އެކަމަށް މަސައްކަތްކުރާ ކުޑަ ކުދިން ވެސް ދަސްކުރެއެވެ. މިކަމުގައި ފޮރުވިފައިވާ ސިއްރަކީ ކޮބައިތޯއެވެ؟ މާތް ﷲ ވަޙީކުރައްވާފައިވެއެވެ.

( وَلَقَدْ يَسَّرْنَا الْقُرْآنَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ ﴿ القمر: ١٧﴾ ) މާނައީ: "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ قرآن ހަނދުމަކުޅައުމަށް ފަސޭހަކޮށް ދެއްވީމެވެ. ފަހެ، ހަނދުމަކުރާ މީހަކު ވޭހެއްޔެވެ؟"

އެއްވެސް އުންމަތެއްގެ ރަސޫލާކަށް ބާވާލެއްވުނު ފޮތެއް އެ އުންމަތުގެ އެއްވެސް ބަޔަކަށް ދަސްވެފައި ނެތެވެ. ކީރިތި ޤުރުއާން ހިތުން ދަސްކުރުމަކީ މުޙައްމަދުގެފާނުގެ އުންމަތުގެ މީހުންނަށް ދެއްވާފައިވާ ޚާއްޞަ ސިފައެކެވެ. މަތިވެރި ނިޢުމަތެކެވެ. އަދި އެއީ ޤުރުއާނާ ޢަދާވާތްތެރި މީހުން ގިނަ ކަމުން އެ ޤުރުއާން ރައްކާތެރިކުރެއްވުމަށް ﷲ ކަނޑައެޅުއްވި ގޮތްތަކުންކުރެ ގޮތެކެވެ. މި އުންމަތުގެ މީހުންގެ ފޮތްތައް އަންދާލިޔަސް، ހިތްތަކުގައި ޤުރުއާން ލިޔެވިފައިވެއެވެ.

ޤުރުއާން ހިތުން ދަސްކުރުމަށް ފަށާއިރު އުނދަގޫ ވެދާނެއެވެ. މަހެއް ދެމަހެއް ނުވަތަ ގިނަ ވެގެން ތިން މަސް އެވެ. އެއަށް ފަހު ދަސްކުރުން ފަސޭހަވެގެންދާނީ އަޖައިބެއް ފަދައިނެވެ. ބައެއް ފަހަރު އުނދަގޫ ވަނީ އުޅޭ މާޙައުލާއި ބުރަ މަސައްކަތާއި އެނޫން ވެސް ދިރިއުޅުމާ ގުޅޭ ކަންކަން ސިކުނޑީގައި ހަރުލައިފައި ހުރުމުގެ ސަބަބުން ޤުރުއާނުގެ ތެރެއަށް ވަންނަ އުނދަގޫވާތީއެވެ. ދަސްކުރުމަށް ފަށައިގެން މަޑު މަޑުން މަދު މަދުން ދަސްކުރަމުން ގޮސް ދެ ތިން މަސް ތެރޭ ފަސޭހަ ވެގެންދާނެއެވެ. އެއިގެ ތެރެއަށް ރަނގަޅަށް ވަދެވުމުންނެވެ. ކާރެއް ނުވަތަ ސައިކަލެއް ދުއްވަން ދަސްކުރާއިރު ވެސް ފުރަތަމަ އުނދަގޫ ވެއެވެ. ނަމަވެސް ފަހުން ފަސޭހަވެގެން ދެއެވެ. ޤުރުއާން ވެސް ދަސްކުރަން ފަށާއިރު އުނގަދޫ ގޮތެއް ހުންނާނެއެވެ. ޚާއްޞަކޮށް ޢަޖަމީންނަށެވެ. ޢަރަބި ބަސް ނޭނގޭ މީހުންނަށެވެ. ނަމަވެސް ފަހުން ފަސޭހަވެއެވެ. އެއަށް ފަހު ގިނަ ކޮށް ވެސް ދަސްކުރެވޭނެއެވެ. އަވަހަށް ވެސް ދަސްކުރެވޭނެއެވެ. އަޅުގަނޑުމެން ދަސްކުރަން ފެށިއިރު އެއް ދުވަހުން ވެސް ތަންކޮޅެއް ވެސް ދަސްނުވެއެވެ. ވަރަށް ބޮޑު ޖިހާދެއް ކުރަން ޖެހުނެވެ. ނަމަވެސް ދެ ތިން މަސް ފަހުން ވަރަށް ފަސޭހަ ވެގެން ދިޔައެވެ. އަދި ވިހި ވަނަ ފޮތާ ހަމައިން ދެން އާދަޔާ ޚިލާފު އަވަސް މިނެއްގައި ދަސްވާން ފެށިއެވެ.

އަޅުގަނޑުގެ ޙިފުޒު ކުލާހުގެ އުސްތާޛު ވިދާޅުވި ގޮތުން އަލްއަންޢާމް، ޔޫނުސް، ނިސާ، އައްރަޙުމާން، އަލްޤަމަރު، މުރްސަލާތު މި ސޫރަތްތައް ދަސްވެއްޖެ ނަމަ ޤުރުއާން އެކީގައި ދަސްކުރަން ފަސޭހަވެގެން ދާނެއެވެ. އެއީ އުނދަގޫ ސޫރަތްތަކެއް ވީމައެވެ.
ދެވަނަ ކަމަކަށް ދަސްކުރަން ކިޔަވާއިރު، ދަސްކުރާ ތަން ބަލަހައްޓައިގެން އިނދެ ކިޔަވައި، ތިމާއަށް އަޑުއިވޭ ވަރަށް އަޑު ހަރުކޮށްބާރަށް ކިޔަވައި، ސިކުނޑި ޙާޒިރުކޮށްގެން ކިޔެވުމުން އަވަހަށް ދަސްވާނެއެވެ. އެރުން ކަންފަތާއި ލޮލާއި ސިކުންޑި އެ ކަމުގައި އެބައިވެރިވަނީއެވެ. މި ގޮތަށް ދަސްކޮސްފި ނަމަ ގިނަ ދުވަހު ހިތުގައި ހަރުލައިފައި ހުންނާނެއެވެ. އަދި ދަސްކުރާ ބައި ނަމާދުގައި، ތަރީވީޙުގައި، ދަނު ނަމާދުގައި ކިޔަވާ ނަމަ ގިނަ ދުވަހު ހިތުގައި ހުންނާނެއެވެ.

ދަސްކުރަން އެންމެ ރަނގަޅު ވަގުތުތަކަކީ ފަތިސް ނަމާދުގެ ކުރިންނާއި ފަހުންނާއި ހެނދުނުގެ ވަގުތެވެ. މުރާޖިޢާ އަށް އެންމެ ރަނގަޅު ވަގުތުތަކަކީ ޢަޞްރުގެ ފަހުންނާއި މަޣުރިބު ފަހުންނެވެ. މިއީ އުސްތާޛުން ވިދާޅުވާ ވާހަކަފުޅެކެވެ. މިހެން މިކަން އޮތަސް އެކި މީހުންނަށް ރަނގަޅުވާނީ އެކި ވަގުތެވެ. ޚާއްޞަކޮށް މަސައްކަތް ހުންނަ ގޮތުން ވަގުތުތައް އިންތިޒާމު ކުރެވިދާނެއެވެ.

ދަސްކުރުމުގެ ބާރު ދަށް މީހުން ކުރަންވީ ކަމަކީ ކޮންމެ ރެޔަކު ނިދުމުގެ ކުރިންނާއި ނިދިން ހޭލައި މާމުއި ބޭނުން ކުރާނީއެވެ. އަދި ބަދަނާއި ހިކި މޭބިސްކަދުރު ފަދަ ތަކެތި ބޭނުންކުރާނީއެވެ. އެއީ ޙިފުޒު ކްލާހުގެ އުސްތާޛު ވިދާޅުވި ގޮތުން ބުއްދީގައި ވަރު ޖައްސައި ދަސްކުރުމުގެ ބާރު ގަދަކޮށްދޭ އެއްޗެކެވެ. އަދި ޒަމްޒަމް ފެނާއި ކަޅުދިރިއަކީ ވެސް މިކަމަށް ބޭނުން ކުރެވިދާނެ އެއްޗެކެވެ.

މި ހުރިހާ ކަމަކަށް ވުރެން، ދަސްކުރަމުންދާއިރު، ފަސް ނަމާދު ކުރުންމަތީ ދެމި ހުރުމާއި ﷲ އަށް ދުޢާކުރުމަކީ އެންމެ މުހިންމު ކަމެވެ. އެއިރުން ﷲ އެކަމުގައި ބަރަކާތް ލައްވާނެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *