ރަމަޟާން މަހަކީ މުސްލިމުންނަށް ކުރިމަތިވާ ހެޔޮކަމުގެ މޫސްސުންތަކުގެ ތެރެއިން އެއްމެ މުހިން މޫސުން ކަމުގައި ނުވާނަމަ، އެންމެ މުހިންމު އެއް މޫސުމެވެ. މި މަސް މާތް ވެގެންވާ ބައިވަރު ސަބަބުތައް ވެއެވެ. އޭގެތެރެއިންވެސް އެންމެ ފާހަގަކޮށްލެވޭ ސަބަބަކީ މި މަހުގައި އެއްކޮށް ހެން ދުވާލުގެ ވަޤުތުތަކުގައި ރޯދައަށް ތިބުމަށް އިސްލާމްދީން މުސްލިމުންނަށް އަމުރު ކުރާ ކުރުމެވެ. މާނައަކީ ރަމަޟާން މަހުގެ ދުވަސްތަކުގެ ދުވާލުގެ ވަޤުތުތަކުގައި ކެއުމާއި ބުއިމާއި ޖިމާޢުވުން ފަދަ ރޯދަ ގެއްލޭ އެންމެހާ ކަންކަމުން ދުރުހެލިވެ ހުރުމަށް، ކުޅަދާނަވެގެންވާ ކޮންމެ މުކައްލަފެއްގެ މައްޗަށް މިދީން ވާޖިބު ކުރެއެވެ. ރޯދަ ހިފުމުގެ އިތުރުން މި މަހުގައި ހެޔޮ ކަންތައްތައް އިތުރުވެ ހެޔޮކަންތައް ކުރުމަށް މީސްތަކުންނަށް އިތުރު ޖޯޝާއި ފޯރިއަކާއި ބާރެއްލިބި އީމާންތެރިކަން ޗާޖު ކުރުމަށް އެހީވެދެއެވެ.
ތާރީޚީ ގޮތުން ބެލި ކަމުގައި ވިޔަސް ރަމަޟާން މަހުގައި އެތައް ގިނަގުނަ ކަންތައްތަކެއް ވަނީ ހިނގާފައެވެ. އޭގެތެރެއިން ފާހަގަކޮށްލެވޭ ފަސްކަމަކަށް ބަލައިލާނަމެވެ.
- ޤުރްއާން ބާވައިލެއްވުން
ﷲ ތަޢާލާ ކީރިތި ޤުރްއާނުގައި ވަޙީ ކުރަށްވާފައިވެއެވެ. شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَىٰ وَالْفُرْقَانِ ۚ ... ﴿ سورة البقرة ١٨٥﴾
މާނަ: "ރަމަޟާން މަހަކީ، އެމަހެއްގައި ޤުރްއާން ބާވައިލެއްވި މަހެވެ. (އެ ޤުރްއާން ބާވައިލެއްވީ) މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއިހިދާޔަތާއި އާއި ޙައްޤާއި ބާޠިލް ވަކިކޮށްދެނިވި ހެކިތަކެއް ކަމުގައެވެ...."
- ބަދުރު ހަނގުރާމަ ކުރެވި ނަސްރު ލިބުން
ހިޖުރައިން ދެވަނަ އަހަރުގެ ރަމަޟާން މަހުގެ ސަތާރަވަނަ ދުވަހު ހިނގައިދިޔަ ބަދުރު ހަނގުރާމައަކީ ޙައްޤާއި ބާޠިލް ވަކިކޮށްދިން ވަރުގަދަ ޙާދިޘާއެކެވެ. މުޝްރިކުންނާ އަޅައި ބަލައިލާއިރު، މުސްލިމުންގެ ލަޝްކަރުގެ ޢަދަދު ނުހަނު މަދު ކަމުގައި ވީ ނަމަވެސް މުސްލިމުން ވަނީ މި ހަނގުރާމާގައި ވަރަށް ފުރިހަމަ ނަސްރެއް ހޯދާފައެވެ. އަދި މި ހަނގުރާމައިގައި ޤުރައިޝުންގެ ބޮޑުންގެ ތެރެއިން އެތައް ބަޔަކު ޤަތުލުވެގެން ދިޔައެވެ.
- މައްކާ ފަތަޙަ ކުރެއްވުން.
ހިޖުރައިން އަށްވަނަ އަހަރުގެ ރަމަޟާން މަހުގެ އަށާރަ ވަނަ ދުވަހު މުސްލިމުންނަށް އެބައިމީހުންގެ އެންމެ މުޤައްދަސް ބިން ކަމަށްވާ މައްކާ ފަތަޙަ ކުރެވިގެން ދިޔައެވެ. ދިހަ ހާސް މީހުންގެ ބިޔަ ލަޝްކަރަކާއެކު ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް މައްކާ ފަތަޙަކުރެއްވީ ވަރަށް ޞުލްޙަވެރިކަމާއެކުއެވެ. މި ބޮޑު ފަތަޙައަށް ފަހު މުޅި އަރަބި ޖަޒީރާއިން ޝިރުކުކުރުން ފޮވިގެން ގޮސް އެއްކައުވަންތަ ﷲ އަށް އަޅުކަންކުރުން ޤާއިމު ކުރެވުނެވެ. އަދި އަރަބި ޖަޒީރާގެ ބޮޑު ބައެއް ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަށް ބައިޢަތު ހިފައި އިސްލާމީ ދަޢުލަތް ވަރަށް ފުޅާވެ، ވަރުގަދަވެގެން ދިޔައެވެ.
- ޚަލީފާ ޞަލާޙުއްދީން ޢައްޔޫބީ ޞަލީބީން ބަލި ކުރެއްވުން.
މުސްލިމުންނަށް އެތައް ގޯނާއަކާއި އަނިޔާ ތަކެއް ކުރަމުން ދިޔަ ޞަލީބީން ބަލިކުރެވިގެންދިޔައީ ޞަލާޙުއްދީން އައްޔޫބީގެ ޚަލީފާ ކަމުގެ ދަށުގައި ހިޖުރައިން 1187 ވަނަ އަހަރުގެ ރަމަޟާން މަހުގައެވެ.
- ޠާއިފްގެ އަހުލުވެރިން އިސްލާމް ދީން ޤަބޫލުކުރުން.
ޠާއިފުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަށް ކުރިމަތި ވެގެން ދިޔަ އިހާނެތި ހިތްދަތިކަންތަކުގެ ވާހަކަ އަހަރެމެން އެންމެންވެސް އަޑު އަހަމުއެވެ. އެބައިމީހުން އަބަދުވެސް ވީ މުސްލިމުންނަށް ޢަދާވާތްތެރި ބައެއް ކަމުގައެވެ. ވިހި އަހަރު ދުވަހު މި ޢަދާވާތް ތެރި ކަމާއި ދެކޮޅުވެރި ކަމުގައި އުޅުމަށް ފަހު ހިޖުރައިން ނުވަ ވަނަ އަހަރު ގެ ރަމަޟާން މަހުގައި ޠާއިފުގެ އަހުލުވެރިން އިސްލާމް ދީން ޤަބޫލުކޮށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްކަމަގެ އަރިހަށް ވަފުދަކާއިގެން ވަޑައިގަތެވެ.

















ޚިޔާލު