ޞިއްޙަތު

އެޗް.އައި.ވީ އަދި އެއިޑްސް ބަލި އެނގެނީ ކިހާވަރަކަށް؟

އެކުއާޑް އިމިއުން ޑިފިޝެންސީ ސިންޑްރޮމް(އެއިޑްސް) އަކީ ދިވެހިންނަށް އާ ނަމެއް ނޫނެވެ. އެއީ އޭގެ ޝިކާރައަކަށް އެތައްބަޔަކު ހަދާފައިވާ މަޝްހޫރު އަދި ނުރައްކާތެރި ބައްޔެކެވެ. ބަލިން ސަލާމަތްވުމަށްޓަކާ ކުރެވިދާނެ އެންމެ މުހިންމު ކަމަކީ ބަލިޖެހުމުގެ ކުރިން، ބައްޔާބެހޭ ސައްޚަ މަޢުލޫމާތު ހޯދައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމެވެ. މިގޮތުން އެއިޑްސްއާ ބެހޭގޮތުން އަހަރެމެން އަހުލުވެރިވެފައިވަނީ ކިހާވަރަކަށްތޯ އަމިއްލަ ނަފްސާ ސުވާލުކޮށްލުން މުހިންމެވެ. ވީމާ މިނުރައްކާތެރި ބައްޔާބެހޭގޮތުން މަޢުލޫމާތުކޮޅެއް ހޯދޭތޯ މަސައްކަތް ކޮށްލަމާތޯއެވެ.

އެއިޑްސް ބަލި

އެއިޑްސް އަކީ އިންސާނާގެ ދިފާއީ ނިޡާމަށް ޖެހޭ ވަރަށް ނުރައްކާތެރި ބައްޔެކެވެ. އިންސާނުންނަށް ޖެހުމުގެ ކުރިން މިބައްޔަކީ ރާމާމަކުނުގެ ވައްތަރެއްކަމަށްވާ ޗިންޕަންޒީސް ގެތެރޭގައި އުޅުނު ބައްޔެކެވެ. މިބަލި އިންސާނުންނަށް ޖެހެންފެށީ ޗިމްޕަންޒީ އިން އިންސާނުންގެ ގަޔަށް އެއިޑްސް ޖައްސުވައިދޭ ވައިރަސް އެރުމުންނެވެ. އެއަށްފަހު ހަލުވިކަމާއެކު މުޅި ދުނިޔެއަށް މިބަލި ފެތުރިގެން ދިޔައެވެ. ދެން އުފެދޭ ސުވާލަކީ ޗިމްޕަންޒީއެއްގެ ލޭގައިން ވައިރަހެއް އިންސާނެއްގެ ގަޔަށް އަރަންވީ ކީއްވެގެންތޯއެވެ؟ މިމަޢޫޟޫގައި ޑޮކްޓަރުންނާއި ސައިންސްވެރިން އެކިގޮތްގޮތަށް ވާހަކަދައްކާފައިވާއިރު، އޭގެތެރެއިން އެންމެ ސައްޚަކަމަށް އެނގެން އޮތް ޖަވާބަކީ: މީލާދީ ސަނަތުން ނަވާރަސަތޭކައިގެ ކުރީކޮޅު އިންސާނުން ގެ ތެރެއިން ބަޔަކު ޗިމްޕަންޒީސް ޝިކާރަކޮށް އެއެއްޗިހި ކައި އުޅުމުގެ ސަބަބުން އެއިޑްސް ޖައްސުވައިދޭ ވައިރަސް އިންސާނުންގެ ގަޔަށް އެރީކަމަށް ބުނާ ތިއަރީއެވެ. މިގޮތަށް ޝިކާރަކުރެވޭ ބަލި ޗިމްޕަންޒީއެއް ކަތިލުމުގެތެރޭގައި އޭގެން ބޭރުވާ ލޭ، އިންސާނެއްގެ ހަށިގަނޑުގައި ކަނޑައިގެން ގޮސްފައިވާ ތަނެއްގައި ޖެހިއެޖެ ނަމަ އެތަނަށް ވައިރަސް ވަދެ، އެއިންސާނާގެ ލޭގެތެރޭގައި ދައުރުވާން ފަށައެވެ.

އެއިޑްސް ޖައްސުވައިދޭ ވައިރަސް

އެއިޑްސް ޖައްސުވައިދޭ ޖަރާސީމަށް ކިޔާ ނަމަކީ އެޗް.އައި.ވީ އެވެ. އެޗް.އައި.ވީގެ ދިގު ނަމަކީ، "ހިއުމަން އިމިއުނޯޑިފިޝަންސީ ވައިރަސް" އެވެ. މިވައިރަސް އާންމުކޮށް އުޅެނީ އިންސާނާގެ ހަށިގަނޑުގައިވާ އަދި ހަށިގަނޑުން ބޭރުވާ ބައެއް ދިޔަތަކުގައެވެ. އޭގެތެރޭގައި: ލޭ، މަނި، އަންހެނާގެ ކުރިމަތި ފަރާތުން ބޭރުވާ ދިޔަ އަދި ކިރު ހިމެނެއެވެ. މާބަނޑު މީހެއް އެޗް.އައި.ވީ އިން އިންފެކްޓް ވެފައިވާނަމަ، ރަޙިމުގައިވާ ދަރިފުޅުގެ ގަޔަށް ވައިރަސް އެރުން ވަރަށް ގާތެވެ. އަދި މައިމީހާގެ ގާތުން ކިރުބުއިމުގައި ވެސް ތުއްތު ދަރިފުޅުގަޔަށް މި ވައިރަސް އަރާފާނެއެވެ. އެޗް.އައި.ވީ ހަށިގަނޑުގެ ތެރޭގައި މަސައްކަތްކުރާ ގޮތަށް ބަލާއިރު، މި ވައިރަސް ހަމަލާދެނީ އިންސާނާގެ ދިފާއީ ނިޒާމުގައިވާ އެންމެ މުހިންމު އެއް ސެލްއާއެވެ. އެއީ ޓީ-ހެލްޕާ-ސީޑީ4 (ޓީ-ހެލްޕާ) ސެލްސްއެވެ. އެޗް.އައި.ވީ ޓީ-ހެލްޕާ ސެލްގެ ތެރެއަށް ވަނުމަށްފަހު، އެސެލްގެ ތެރޭގައި އާލާވެ ގިނަވާންފަށައެވެ. އަދި އާޚިރުގައި އެސެލް ހަލާކު ކޮށްލައެވެ. މިގޮތަށް ގިނަވާ ކޮންމެ ވައިރަހެއް އެހެން ޓީ-ހެލްޕާ ސެލްއަކަށް ހަމަލާދީ، ކުރިން ބުނެވުނުފަދައިން ހަށިގަނޑުގެ ތެރޭގައި މި ވައިރަސް ގިނަވެއެވެ.

ބޭރުން ހަށިގަނޑުގެތެރެއަށް ވަންނަ ވައިރަސްތަކާއި ބެކްޓީރިޔާފަދަ ނުރައްކާތެރި ތަކެތި ނައްތާލުމުގައި އެންމެ މުހިންމު ރޯލެއް އަދާކުރާ ޓީ-ހެލްޕާ ސެލްތަކަށް އެޗް.އައި.ވީ ވައިރަހުން ހަމަލާދީ، އެސެލްތައް ލޭގެތެރޭގައި މަދުކުރަމުން ދިއުމުގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމް ބަލިކަށިވާން ފަށައެވެ. އަދި އެޗް.އައި.ވީ ފިޔަވައި ހަށިގަނޑަށް ވަންނަ އެހެން ވައިރަސްތަކާއި ބެކްޓީރިޔާތައް ވެސް ނައްތާލުމުގައި އިންސާނާގެ ހަށިގަނޑު ނުކުޅެދެއެވެ. ސިއްޙަތު ރަނގަޅު އިންސާނެއްގެ ގަޔަށް ވައިރަހެއްނުވަތަ ބެކްޓީރިޔާއެއް ވަނުމުން ހަށިގަނޑުގެ ދިފާއީ ނިޒާމުން އެއެއްޗެއްގެ ދުވަސް ދުއްވާލައެވެ. ނަމަވެސް އެއިޑްސް ޖެހިފައިވާ މީހެއްގެ ދިފާއީ ނިޒާމަށް މިވަޒީފާ އަދައެއްނުކުރެވޭނެއެވެ. ނަތީޖާއެއްގެ ގޮތުން އެތައްބައްޔެއް އެއްފަހަރާ ޖެހި އިސާހިތަކު މީހާ މަރާ ހަނގުރާމަ ކުރަން ޖެހެއެވެ.

އެޑްސް ޖެހެން މެދުވެރިވާ ސަބަބުތައް

 1. ޖިންސީ ގުޅުން ހިންގުމުގެ ތެރޭގައި އެކަކު ގައިން އަނެކަކު ގަޔަށް ވައިރަސް އެރުން. އިސްލާމްދީނުގައި ޖިންސީ ގުޅުން ހިންގުމަށް ވަނީ ވަރަށް މަތިވެރި މަގެއް ދައްކާފައެވެ. އެއީ ކައިވެނި ކޮށްގެންނެވެ. ނައިޓް ކްލަބްތަކާއި، މަސާޖް ޕާލާތައް އަދި ގެސްޓްހައުސްއާއި ރިސޯޓްތައް ފަދަ ތަންތަނުގައި އެތައްބަޔަކާއެކު ކައިވެނީގެ ބޭރުން ޖިންސީ ގުޅުން ހިންގުމަކީ އެޗް.އައި.ވީ ވައިރަސް އެންމެ ހަލުވިކަމާއެކު ފެތުރޭ އެއްގޮތެވެ. މިގޮތަށް ތިމާ އަމިއްލައަށް ތިމާގެ އަބުރު ވެއްޔާ މޮޑެލާއިރު އެޗް.އައި.ވީ ވައިރަސް ހަށިގަނޑަށް އަރާފައިވާ މީހަކާއެކު ޖިންސީގުޅުން ހިނގޭއިރުވެސް ތިމާއަކަށް ނޭނގެއެވެ. އަދި މީގެ ސަބަބުން ހަށިގަނޑަށް ވައިރަސް ވަދެ، އެއިޑްސް ޖެހިފައިވާ ބަލި މީހަކަށް ތިމާ ވެގެންދެއެވެ.
 2. މައިމީހާގެ ހަށިގަނޑުން ރަޙިމުގައިވާ ދަރިފުޅުގެ ގަޔަށް ވައިރަސް އެރުން
 3. ސިރިންޖް ޝެއަރ ކުރުމުގައި އެކަކު ގައިން އަނެކަކު ގަޔަށް ވައިރަސް އެރުން. މިގޮތަށް ދިމާވަނީ އާންމުކޮށް މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ މެދުގައެވެ. ހެރޮއިން ފަދަ މަސްތުވާތަކެތި ބޭނުންކުރުމުގައި އެތައް ބަޔަކު އެއްސިރިންޖެއް ބޭނުންކުރުމުގެ ސަބަބުން، ބަލި ޖެހިފައިވާ މީހެއްގެ ގައިން ސިރިންޖު ބޭނުންކުރާ އެހެން މީހަކަށް ބަލި ޖެހެން މެދުވެރިވެއެވެ.
 4. ހަށިގަނޑަށް ލޭ އަޅަންޖެހިއްޖެ ޙާލަތެއްގައި، އެއިޑްސް ޖެހިފައިވާ މީހެއްގެ ގައިން ނަގާފައިވާ ލޭ ހަށިގަނޑަށް އެޅުމުގެ ސަބަބުން އެޗް.އައި.ވީ ވައިރަސް ހަށިގަނޑަށް އެރެތެވެ، އެއިޑްސް ޖެހުން
 5. ކިޑްނީ ފަދަ ގުނަވަނެއް ޓްރާންސްޕްލާންޓް ކުރާއިއިރު އެއިޑްސް ޖެހިފައިވާ މީހެއްގެ ގުނަވަނެއް ޓްރާންސްޕްލާންޓް ކުރުން.

*ގުނަވަނެއް ޓްރާންސްޕްލާންޓް ކުރުމަކީ: އެހެން މީހެއްގެ ހަށިގަނޑުގައިވާ ގުނަވަނެއް ތިމާގެ ހަށިގަނޑަށް ގެނައުމެވެ. މިގޮތަށް އެންމެ ގިނައިން ޓްރާންސްޕްލާންޓް ކުރެވެނީ ކިޑްނީއެވެ.*

އެއިޑްސް ޖެހިފަ އިންކަން ދެނެގަންނާނެގޮތް

އެޗް.އައި.ވީ އަށް ޓެސްޓް ކުރުމުގައި މައިގަނޑުކޮށް ހަދާނީ ލޭގެ ޓެސްޓެކެވެ. ޓެސްޓުގެ ނަތީޖާއިން އެޗް.އައި.ވީ ޕޮޒިޓިވްތޯ ނުވަތަ ނެގެޓިވްތޯ ބެލޭނެއެވެ. އަދި މީޓެސްޓުގައި ޓީ-ހެލްޕާ-ސީޑީ4 ސެލް ކައުންޓަށް ވެސް ބަލާނެއެވެ. ސިއްޙަތު ރަނގަޅު މީހެއްގެ ޓީ-ހެލްޕާ-ސީޑީ4 ސެލް ކައުންޓް ހުންނަންޖެހޭވަރު:  1000/mm3(1 މިލިމީޓަރ ކިއުބް ގެ ލޭގައި 1000 ޓީ-ހެލްޕާ-ސީޑީ4 ސެލް)

އެއިޑްސް ޖެހިފައިވާ މީހެއްގެ ޓީ-ހެލްޕާ-ސީޑީ4 ސެލް ކައުންޓް ހުންނާނެވަރު: less than 200/mm3 (1 މިލިމީޓަރ ކިއުބް ގެ ލޭގައި 200 ޓީ-ހެލްޕާ-ސީޑީ4 ސެލް އަށްވުރެ މަދުން)

އެއިޑްސް ބަލީގެ މަރުޙަލާތަކާއި ޢަލާމާތްތައް

 1. ފުރަތަމަ މަރުހަލާ: މި މަރުހަލާގެ ޢަލާމާތްތައް ފެންނާނީ އެޗް.އައި.ވީ ވައިރަހުން މީހާ އިންފެކްޓް ކުރާތާ 1 ހަފްތާއާއި 5 ހަފްތާއާ ދެމެދުގައެވެ. މި މަރުޙަލާގައި ޢާންމުކޮށް ފެންނާނީ އާދައިގެ ހުމުގެ ޢަލާމާތްކައެވެ. އޭގެ އިތުރުން، ހަންގަނޑު ރަތްވުން، ކަރަށް ތަދުވުން، ބޮލަށް ތަދުވުން، ހުޅު ހުޅަށް ތަދުވުން، އަދި ގައިގެ މަސްތަކަށް ތަދުވުން ފަދަ ޢަލާމާތްތައް ވެސް ހިމެނެއެވެ. މި މަރުހަލާގައި ހުމުގެ އަޘަރު އެއް ހަފުތާ އާއި ދެ ހަފްތާއާ ދެމެދުގެ މުއްދަތަކަށް ހުރެދާނއެއެވެ.
 2. ދެވަނަ މަރުޙަލާ: ދިގު މުއްދަތަކަށް ދެމިގެންދާ މިމަރުހަލާ ގާތްގަނޑަށް 7 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ދެމިގެން ގޮސްދާނެއެވެ. މިމަރުހަލާގައި ބަލީގެ އެއްވެސް ޢަލާމާތެއް ނުފެންނާނެ އެވެ. މިހާ ދިގު މުއްދަތަކަށް އެއިޑްސްގެ ޢަލާމާތެއް ނުފެނި ދިއުމުގެސަބަބުން ބަލި ޖެހިފައި ވާކަން ތިމާއަށް ނޭނގި ދެއެވެ. އަދި މި މުއްދަތުދައި ނޭނގި ތިމާގެ ގައިން އެހެން މީހުންގެ ގަޔަށް އެޗް.އައި.ވީ ވައިރަސް އެރުމަށް މަގުފަހިވެގެން ދެއެވެ. ހަލުވި ކަމާއެކު އެއިޑްސް ފެތުރޭ މައިގަނޑު ސަބަބަކީ ވެސް މިއީއެވެ.
 3. ފަހު މަރުހަލާ: މިމަރުހަލާގައި ދިފާޢީ ނިޡާމްގެ މަސައްކަތް ފޭލްވެ، އެކި ބަލިތަކާއި، ކެންސަރުގެ ބާވަތްތަކަށް ހަށިގަނޑު ހުށަހެޅިގެން ދެއެވެ. މިގޮތުން ކެއްސުން، ހުންއައުން، ދިގުމުއްދަތަކަށް ބޭރަށް ހިންގުން، އާދައިގެ ބަލިތައް ކުރިމަތިވެ، ރަގަޅުނުވެ ގިނަ ދުވަސްވުން، ހަށިގަނޑުގައި އުފެދޭ ފާރުކޮޅު ރަގަޅުނުވެ ގިނަ ދުވަސްވުން، ހަށިގަނޑުގެ ބަރުދަން ލުއިވެ، އަނަރޫފަވުން، އަދި ހުން ކޮއްޓާއި، މޭގަނޑު ބޮޑުވުން ފަދަ ކަންތައްތައް ކުރިމަތި ކުރުވައެވެ.

އެއިޑްސް ބަލިން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތައް

 1. ކައިވެނީގެ ބޭރުން ޖިންސީ ގުޅުން ނުހިންގުން. ޖިންސީ ގުޅުން ހިންގުމުގައި އިސްލާމީ ރިވެތި އުސޫލުތައް ބޭނުންކުރުން.
 2. އެޗް.އައި.ވީ އަށް ޓެސްޓް ކުރުން
 3. މަސްތުވާތަކެތި ބޭނުން ނުކުރުން
 4. ބޭނުން ކޮށްފައިވާ ސިރިންޖެއް ދެވަނަ ފަހަރަށް ބޭނުން ނުކުރުން
 5. ސިއްޙީ މަރުކަޒުތަކާއި ހޮސްޕިޓާތަކުގެ ސާފުތާހިރުކަން މޮނިޓާކޮށް ބެލެހެއްޓުން
 6. މީހެއްގެ ހަށިގަނޑުން ނަގާފައިވާ ލޭ ތިމާގެ ހަށިގަނޑަށް އެޅުމުގެ ކުރިން އެޗް.އައި.ވީ އަށް ޓެސްޓުކުރުން.
 7. ގުނަވަނެއް ޓްރާންސްޕްލާންޓް ކުރުމުގެ ކުރިން ޑޯނާ އެޗް.އައި.ވީ އަށް ޓެސްޓުކުރުން.

އެއިޑްސްގެ ފަރުވާ

އެއިޑްސް ބަލިން އެއްކޮށް ފަސޭހަކޮށްދޭނޭ ފަރުވާއެއް އަދި މިހާތަނަށް ހޯދިފައެއް ނެތެވެ. ނަމަވެސް އަދުގެ ޑޮކްޓަރީ ޢިލްމުގެ ކުރިއެރުންތަކުގެ އަލީގައި ކޮންމެވެސް ވަރަކަށް ބަލި ކޮންޓްރޯލްކޮށްދޭ ފަރުވާތައް ސައިންސުވެރިން ވަނީ ހޯދާފައެވެ. މިފަދަ ފަރުވާތަކުންވެސް ވައިރަސް އެކީ އެކައްޗަކަށް ހަށިގަނޑުން ދުއްވައެއްނުލެވެއެވެ. އަދި މީގެ އިތުރުންވެސް އެޗް.އައި.ވީ އަށް ވެކްސިނެއް ހެދުމަށާއި މިނޫންވެސް އެތައް ބައިވަރު ގޮތްތަކަކުން މިބައްޔަށް ފަރުވާއެއް ހޯދުމަށްޓަކައި ދަނީ އެތައްބައިވަރު ދިރާސާ ތަކެއް ކުރެވެމުންނެވެ.

އަޅުގަނޑުގެ ދުޢާއަކީ އެއިޑްސް ބަލީގެ ނުރައްކަލުން އަޅުގަނޑުމެންގެ މިއުންމަތް ސަލާމަތްކުރަށްވައި، ދެދުނިޔޭގެ ބާއްޖަވެރިކަން ތިޔަ އެންމެ ލޮބުވެތި އަޚުންނާއި އުޚްތުންނަށް މިންވަރުކޮށްދިނުމެވެ. އާމީން

ގުޅުންހުރި

1 ޚިޔާލު

 1. Alhamdulillah
  JazakALLAH khayr

Your email address will not be published.