ޞިއްޙަތު

އިންސާނާގެ ޙަޔާތުގައި އަބަދުވެސް ސިކުނޑީގައި އާ ނިއުރޯންތައް އުފެދޭ

އަހަރެމެންނަށް އަބަދުވެސް ބުނެދެވިފައި ވަނީ ހަރު މީހަކަށް ވުމަށްފަހު ދެން ސިކުނޑީގައި އިތުރު ނިއުރޯން ތަކެއް ނުއުފެދޭނެއެވެ. ނިއުރޯނަކީ ސިކުނޑީގެ ސެލް ތަކެވެ. ސިކުނޑި ފުރިފައިވަނީ ނިއުރޯން އިންނެވެ. ހަށިގަނޑުގެ ނިޡާމުތައް ކޮންޓްރޯލް ކުރުމާއި، ހަށިގަނޑުގެ ބޭރުގައި ހިނގާ ކަންކަން އިޙުސާސް ވުމުގެ އިތުރުން ހަނދާންވެސް ގުޅިފައިވަނީ މި ނުއުރޯން ތަކުގެ މަސައްކަތާއެވެ. މީހާ ދުނިޔެއަށް އުފަންވެ، ދުވަސް ވާވަރަކަށް ސިކުނޑި ދާނީ ބޮޑުވަމުން ތަރައްޤީވަމުންނެވެ. މާނައަކީ ނިއުރޯން ތައްދާނީ އިތުރުވަމުންނެވެ. މިހެންގޮސް ވަކި ޢުމުރަކާ ހަމައަށް ދާއިރު ހުރިހާ ނިއުރޯނެއް ހުންނާނީ އުފެދިފައި ކަމަށް ބުނެވެއެވެ. އެއަށްފަހު ނިއުރޯން އުފެދުން ނިމުނީ ކަމާއި، އެ ހުރި ނިއުރޯން ތަކެއް ހަލާކުވެ ދިއުމުން ދެން އޭގެ ބަދަލުގައި އެހެން ނިއުރޯނެއް ނައަންނާނެ ކަމަށް ބުނެވެއެވެ.

ނަމަވެސް ސިކުނޑީގެ ދިރާސާ ހައްދަވާ ސައިންސުވެރިންނަށް މިހާރު އާ ހޯދުމެއް ވަނީ ހޯދިފައެވެ. ރިސާޗުން ދައްކާ ގޮތުން ނަމަ އުމުރުން 97 އަހަރާ ހަމައަށް އާ ނިއުރޯން ތައް އުފެދެމުންދެއެވެ. ނިއުރޯނަކީ ހަނދާނާއި ގުޅިގައިވާ އެއްޗަކަށް ވާއިރު، އެއްވެސް ޝައްކެއް ނެތި އިނގޭ ގޮތުގައި، އުމުރުން ދުވަސް ވާ ވަރަކަށް މީސްތަކުންގެ ހަންދާން ބަލިކަށިވަމުން ދެއެވެ. މިހިސާބުން އުފެދޭ ސުވާލަކީ: އިންސާނާގެ ސިކުނޑީގައި އަބަދުވެސް އާ ނިއުރޯންތައް އުފެދެމުން ދާނަމަ، އުމުރުން ދުވަސް ވާ ވަރަކަށް ހަނދާން ބަލިކަށިވަނީ ކީއްވެހެއްޔެވެ؟ މި ސުވާލަށް ޖަވާބު ހޯދުމައްޓަކައި ދިރާސާ ކުރާ ފަރާތްތަކުން، މަރުވުމުގެ ކުރިން ސިކުނޑީގެ ބައްޔެއް ޖެހިފައި ނުވާ، 43 އަހަރާއި 83 އަހަރާ ދެމެދުގެ 13 މީހެއްގެ ސިކުނޑި މޮނިޓާ ކުރިއެވެ.

ރިސާޗަރުން ބޮޑަށް ފޯކަސް ކުރަމުން ގެންދިޔައީ ސިކުނޑީގެ ހިޕޯ-ކެމްޕަސް އޭ ކިޔުނު ހިސާބަކަށެވެ. އެއީ ސިކުނޑީގައި ވާ ބައިތަކުގެ ތެރެއިން، ހަނދާނާއި ޖަޒުބާތާ ގުޅިފައިވާ ބައެވެ. އެއީ މިސާލަކަށް ތިބާ މިސްކިތަށް ވަންނަމުން ފައިވާން ބެހެއްޓީ، ނުވަތަ ކާރު ޕާކު ކުރީ ކޮންތަނެއްގައި ކަން ހަނދާނުގައި ރައްކާކުރާ ބައެވެ. ރިސާޗަރުންނަށް ފެނިގެންދިޔައީ އެމީހުން ރިސާޗް ކުރި ފަރާތް ތަކުގެ ސިކުނޑީގެ ހިޕޯ-ކެމްޕަސްގައި އާ ނިއުރޯން ތަކެއް އުފެދިފައިވީ ތަނެވެ. ނަމަވެސް އާ ނިއުރޯން ތައް އުފެދިފައިވާ މިންވަރު އުމުރުން ދުވަސް ވާ ވަރަކަށް މަދު ކަން ފާހަގަ ވެގެން ދިޔައެވެ. 40 އާއޮ 70 އަހަރާ ދެމެދުގެ މީހުންގެ ސިކުނޑީގައި އާނިއުރޯންތައް އުފެދެމުން ދިޔަ މިންވަރު، ކޮންމެ މިލިމީޓާ ކިޔުބެއްގައި (mm3) 30،000 އާއި 40،000 އާ ދެމެދުގެ އަދަދަކަށް މަދުވެފައިވާ ކަން ފާހަގަވިއެވެ. ރިސާޗަރުންނަށް އިތުރަށް އެނގި ހާމަވެގެން ދިޔަ ގޮތުގައި އުމުރުން ދުވަސްވީ ފަރާތްތަކުގެ ސިކުނޑީގައި ލޭނާރުތަކާއި ޕްރޯޖެނިޓޯ ސެލްތައް ވެސް މަދެވެ. ޕްރޯޖެނިޓޯ ސެލްތަކަކީ ސްޓެމް ސެލް ފަދައިން އޭގެ އަސްލު ގޮތުގައި ވަކި ވައްތަރެއްގެ ސެލްއަކަށް ބަދަލު ނުވެ، ނަމަވެސް ވަކި ޚާއްސަ ވައްތަރެއްގެ ސެލްއަކަށް ބަދަލުވުމުގެ ޗާންސް އޮތް ސެލް ތަކެވެ. މިފަދަ ޕްރޯޖެނިޓޯ ސެލްތަކަކީ ނިއުރޯން ތަކަށް ބަދަލުވާ ސެލް ތަކެވެ.

މިދިރާސާއިން، ރިސާޗަރުންނަށް އެނގުނު ގޮތުގައި، އުމުރުން ދުވަސްވާވަރަކަށް ސިކުނޑީގެ ހަނދާނުގެ ބައި ދައްވާ ސަބަބަކީ ސިކުނޑީގައި ވާ ޕްރޯޖެނިޓޯ ސެލްތައް މަދު ވުމުގެ އިތުރުން، ހިޕޯ ކެމްޕަސްގެ ތެރޭގައި ގުޅި ލާމެހިގައިވާ ނިއުރޯންތައް އެއްނިއުރޯން އަނެއް ނިއުރޯނާ ދެމެދު ވާ ގުޅުން ގުޑަވަމުން ދިއުމުގެ އިތުރުން ލޭނާރުތައް މަދުވުމެވެ. މިއީ ސިއްޙަތު ރަނގަޅު ސިކުނޑި ތަކެއް ދިރާސާ ކޮށްގެން ލިބުނު ނަތީޖާއެވެ. ދެން މި ސައިންޓިސްޓުން ބެލީ، އަލްޒައިމާޒް ޖެހިފައިވާ ބަލި ފަރާތްތަކެއްފެ ސިކުނޑި އެމީހުން މަރު ވުމުގެ ކުރިން ދިރާސާ ކުރުމަށެވެ. އަލްޒައިމާސް އަކީ ހަނދާން ނެތޭ ބައްޔެވެ. މިފަހަރު ރިސާޗަރުން އަލްޒައިމާސް ޖެހިފައިވާ 52 އަހަރާއި 97 އަހަރާ ދެމެދުގެ 45 މީހެއްގެ ސިކުނޑި މޮނިޓާ ކުރިއެވެ. ރިސާޗަރުންނަށް ފެނިގެން ދިޔައީ، އެއެންމެންގެ ސިކުނޑީގެ ހިޕޯ-ކެމްޕަސްގައިވެސް އާ ނިއުރޯން އައް ވާތީއެވެ. 97 އަހަރުގެ މީހާ ސިކުނޑީގައިވެސް އާ ނިއުރޯން އުފެދިފައި ވެއެވެ. އެއީ ސިކުނޑީގެ ތަހުލީލުތައް ކުރާ ސައިންސުވެރިންނަށް، އާނިއުރޯންތައް އުފެދިފައިވާތީ މިހާތަނަށް ފެނުނު އެންމެ ދުވަސްވީ ސިކުނޑިއެވެ. ދެން އުފެދޭ ސުވާލަކީ އަލްޒައިމާސް ބަލި ޖެހިފައިވާ ފަރާތް ތަކުގެ ސިކުނޑިގައި އާ ނިއުރޯން ތައް އުފެދޭނަމަ، އެމީހުންގެ ހަނދާން ބަލިވަނީ ކީއްވެ ހެއްޔެވެ؟ ޖަވާބަކީ: މިބަލި ޖެހިފައިވާ މީހުންގެ ހަނދާން ބަލިވުމާއި އާނިއުރޯން އުފެދުމާ ގުޅުމެއް ނެތެވެ. އަލްޒައިމާސް ޖެހިފައިވާ މީހުންގެ ހަނދާން ބަލިވާ ސަބަބަކީ ދެނިއުރޯން ބައްދަލުވާ ދިމާލުގައި ގިރިގެންނުދާ ޒާތުގެ އެއްޗެއް އުފެދި، އެއް ނިއުރޯން އިން އަނެއް ނިއުރޯނަށް މެސެޖް ދަތުރު ނުކުރުމެވެ.

ޚުލާސާއަކީ ސައިންސުވެރިން މިހާތަނަށް ދިރާސާ ކުރި އެންމެ ދުވަސްވީ ސިކުނޑީގައިވެސް އާ ނިއުރޯން ތައް އުފެދޭ ކަމެވެ. މީގެއިން ނެގޭ މަފްހޫމަކީ އެއަށްވުރެ ދުވަސްވީ ސިކުނޑި ތަކުގައިވެސް އާ ނިއުރޯން އުފެދޭނޭ ކަމެވެ. ނަމަވެސް އުފެދޭ ރޭޓާއި މިންވަދު މަދެވެ. އެއީ އުމުރުން ދުވަސްވަރު މުޅި ހަށިގަނޑަށް ވެސް ވާ ގޮތެވެ. އެހެންކަމުން، ތަޢުލީމު އުނގެނި އާއެއްޗެހި ކިޔަވައި އުނގެނެން ބޭނުން ނަމަ، އުމުރުން ދުވަސް ވިޔަސް އެކަންކަން ކުރެވިދާނެ ކަމަށް ސައިންސް ހެކިދެއެވެ. އަދި އާ ކަންކަން ކޮށް ކަންކަމުގައި މަޝްޣޫލު ވާނަމަ އާނިއުރޯންތައް އުފެދުން ގިނަވާކަން އެއީ ސައިންސުގެ ދުނިޔޭގައި އެނގި މަޢުރޫފު ވެފައިވާ ކަމެކެވެ. އަދި ޤުރްއާން ހިތުދަސްކުރުން ފަދަ ކަންކަމަކީ ވަކި އުމުރަކަށް ލިމިޓް ވެފައިވާ ކަން ކަން ކަމަށް ދެކޭ ދެކުން މި ދިރާސާގެ އެހީގައި ބަދަލުކޮށްލުން މުހިންމެވެ. އެއީ އަހަރެމެނަށް ޝައިޠާނީ ވަސްވާހުގެ ތެރެއެއިން ހީވެފައިވާ ވަރަށް ނުބައި ހީވުމެކެވެ. ތިމާއަށް ދަސް ކުރެވޭނެކަން ޤަބޫލު ކޮށްގެން ވަކި ޕްލޭނެއްގެ ދަށުން ދަސްކުރަން އުޅެފިނަމަ، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކަށް ވެސް ޤުރްއާން ދަސްކުރުމަކީ ނުވާނޭ ކަމެއް ނޫނެވެ. ތެދެކެވެ. ކުޑަކުއްޖަކާއި އުމުރުން ދުވަސްވީ މީހަކާ އަޅާ ނުކިޔޭނެއެވެ. ކުޑަކުދިންގެ ސިކުނޑި މަސައްކަތް ކުރާލެއް ހަލުއިވެފައި ތާޒާ، އާ ނިއުރޯން ތައް ގިނަވާނެއެވެ. ނަމަވެސް މިކަމަކީ އުމުރުން ދުވަސް ވުމަކުން ނުކުރެވޭނޭ ކަމެއް ނޫނެވެ. އަދި އުމުރުން ދުވަސްވީ އެތައް ބަޔަކުވަނީ މިކަން ޘާބިތު ކޮށްދީފައެވެ. މުހިންމީ ﷲ އާ މެދު ހެޔޮކޮށް ހީކުރުމާއި، ވަރުގަދަ އަޒުމެއްގެ އިތުރުން ރަނގަޅު ޕްލޭނަކާއި ދުޢާއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published.