ޞިއްޙަތު

ޕާކިންސަންސް

ޕާކިންސަންސް ޑިޒީޒަކީ އަރި އަރިއަށް ނުޖެހި ކޮއްޅަށް ހުރުން (ބެލެންސް) އަދި އަތް ފައި ސިކުނޑިއާއި ގުޅިލާމެހިގެން ހަރަކާތްކުރުމަށް (ކޯޑިނޭޝަނަށް) މަޑުމަޑުން ހުރަސްއަޅުވާ ނާރުގެ ބައްޔެކެވެ. ނުވަތަ ސިކުނޑީގެ މައްސަލައެކެވެ. ސިކުނޑީގެ ހިސާބެއް ކަމުގައިވާ ސަބްސްޓޭންޝިއާ ނިގްރާގައިވާ ނާރުގެ ސެލްތައް ޕާކިންސަންސް ހުންނަ މީހުންގެ ހަލާކުވެދެއެވެ. ނުވަތަ މަރުވެދެއެވެ. މި ސެލްތަށް މުހިންމު ސެލްތަކަކަށްވަނީ އޭގެން ކެމިކަލް ޑޮޕަމައިން އުފައްދާތީވެއެވެ. ޑޮޕަމައިންއަކީ ހަށިގަނޑުގެ ހަރަކާތްތަކާއި ސިކުނޑީގެ ބޭސަލް ގޭންގްލިއާއަށް (ނިންމުންތައް ނިންމުމާއި ވަޒީފާ އަދާކުރުމާއި ގަސްދުގައި ހަށިގަނޑަށް ގެނެވޭ ހަރަކާތްތައް ފަދަ ކަންތައްތައް ކުރާ ބައި) ކޯޑިނޭޓު ކުރާ ކެމިކަލެވެ. ޑޮޕަމައިން އުފައްދާ ސެލްތައް ހަލާކުވާން ފެށުމުން ނުވަތަ މަރުވާން ފެށުމުން ހަށިގަނޑުގެ ހަރަކާތްތައް ކޮންޓްރޯލްކުރާ ސިކުނޑީގެ ސަރަހައްދުތަކަށް ރަނގަޅަށް މަސައްކަތެއް ނުކުރެވެއެވެ. އަދި އެންމެފަހުން ޕާކިންސަންސްގެ އަލާމާތްތައް އުފެދެންފަށައެވެ.

ޕާކިންސަންސް ބައްޔަކީ ކޮންމެ މީހަކަށް ވެސް ޖެހިދާނެ ބައްޔެކެއެވެ. ނަމަވެސް މިބަލި އެންމެ ޢާންމު ގޮތެއްގައި ޖެހެނީ 50 އަހަރުން މަތީ އުމުރުފުރައިގެ މީހުންންށެވެ. 50 އަހަރު ވުމުގެ ކުރިން މިބަލި ޖެހިފައިވާކަން ދެނެގަނެވެނީ އެންމެ %15 މީހުންނަށެވެ. އަންހެނުންނާއި ފިރިހެނުން މިބަލިޖެހުމުގައި ހަމަހަމައެވެ. ނަމަވެސް ރަނގަޅުވުމުގެ ފުރުޞަތު އަންހެނުންނަށްވުރެއް ފިރިހެނުންގެ އިތުރެވެ. ޢާއިލާގެ ތާރީޚުގައި މިބަލި ދައުރުވާ މީހަކު ކަމުގައިވާނަމަ އެމީހަކަށް މިބަލި ޖެހުމުގެ ނުރައްކާ އިތުރު ނަމަވެސް މިބައްޔަކީ ހަމައެކަނި ވިރާސީގޮތުން ޖެހޭ ބައްޔެއްކަމަށް ބެލެވެނީ ވަރަށް މަދު ފަހަރަކުއެވެ.

ޢާންމުގޮތެއްގައި ޕާކިންސަންސްގެ ޢަލާމާތްތައް ފާޅުވާންފަށަނީ ސިކުނޑީގެ ގާތްގަނޑަކަށް %80 ޑޮޕަމައިން އުފައްދާ ސެލްތައް ގެއްލުމަށްފަހުގައެވެ. ޕާކިންސަންސްގެ މައިގަނޑު ޢަލާމާތްތަކުގެ ތެރޭގައި ހިމެނެނީ:

  • ތުރުތުރުއެޅުން - އަމިއްލަ އިޚްތިޔާރުން ބޭރުގައި އަތްތިލަ، މުޅި އަތް، ފައި ނުވަތަ މޫނު ތެޅުން. މިއީ ޢާންމު ގޮތެއްގައި ޕާކިންސަންސް ބަލީގެ އެންމެ ފުރަތަމަ ޢަލާމާތެވެ.
  • ހަރުދަނޑިކަން - ފާހަގަކުރެވޭވަރަށް ހަރުދަނޑިއެރުން ނުވަތަ އަތާއި ފަޔާއި މެދުހަށި ފަސޭހައިން ހަރަކާތްނުކުރެވުން. ހަމައެހެންމެ ކަރުގެ މަސްގަނޑު ހަރުދަނޑިއަރާފައި ހުރުމަކީ ވެސް މިބަލީގެ މައިގަނޑު އެއް ޢަލާމާތެވެ.
  • ބްރެޑިކިނޭސިއާ - މިބަލި ޖެހިފައިވާ މީހުން ހަރަކާތްކުރުމުގައި ހުންނަ ޢާދަޔާ ޚިލާފު ލަސްކަން
  • އަރި އަރިއަށް ނުޖެހި ކޮއްޅަށް ހުންނަން (ބެލެންސް ކުރަން) ދަތިވުން - މިބަލީގެ ސަބަބުން ބެލެންސް ކުރުމަށް، ހިނގަން އަދި ކޯޑިނޭޓް (އަތް ފައި ސިކުނޑިއާއި ގުޅިލާމެހިގެން ހަރަކާތް) ކުރުމަށް ހުރަސް އެޅިގެންދެއެވެ.

ޕާކިންސަންސްގެ ޢަލާމާތްތައް ފާޅުވާ ހިނދު ވަރަށް ކުޑަކޮށް ހުރިނަމަވެސް ވަގުތާއި އެއްކޮށް އިތުރަށް ގޯސްވަމުންދެއެވެ. އެގޮތުން ޢާންމު ދިރިއުޅުމަށް ހުރަސްއެޅޭ ހިސާބަށް ދިޔުމުން ޕާކިންސަންސް ބައްޔަށް ފަރުވާ ކުރަން ފެށުން އެދެވިގެންވެއެވެ.

ޕާކިންސަންސް ބައްޔަކީ ދެމިގެންދާ، ބަލިމަޑުކަން އިތުރުވަމުންދާ ބައްޔެކެވެ. މީގެ މާނައަކީ ޕާކިންސަންސް ބައްޔަކީ އުމުރުދުވަހުގެ ބައްޔެއްކަމެވެ. އަދި ރަނގަޅަށް ފަރުވާ ނުކުރެވިއްޖެނަމަ މިބައްޔަކީ އިތުރަށް ގޯސްވަމުންދާނޭ ބައްޔެއްކަމެވެ. ކޮންމެ މީހެއްގެ ވެސް ހާލަތު ތަފާތެވެ. ނަމަވެސް ޢާންމު ގޮތެއްގައި މިބަލީގެ ފުރަތަމަ ޢަލާމާތްތަކަކީ ފަރުވާ ބޭނުންވާ ޢަލާމާތްތަކެއްނޫނެވެ. އެޢަލާމާތްތައް ފަހަރުގައި ހަށިގަނޑުގެ އެއްބަޔަށް ނުވަތަ އެއްހިސާބަކަށް ޚާއްސަވެފައި ހުރުން އެކަށީގެންވެއެވެ.

  • ހަށިގަނޑުގެ އަނެއް ފަރާތައް ޢަލާމާތްތައް ފެތުރުން
  • ކަންކަން ނުކުރެވޭ ވަރަށް ތުރުތުރު އެޅުން ބޮޑުވުން
  • ބްރެޑީކިނޭސިއާ (ޢާދަޔާ ޚިލާފަށް) ކަންކަން ކުރުން ލަސްވަމުން ގޮސް ނުކުޅެދޭ ހިސާބަށް ދިޔުން
  • އަތުން ލިޔަން ދަތިވުން
  • ކާ އެއްޗެހި ހަފާ، ދިރުވަން ދަތިވުން ނުވަތަ ނުކުޅެދުން
  • ވާހަކަ ދެއްކުމުގައި އަޑަށް ބަދަލު ނައިސް އެއްރާގެއްގައި ވާހަކަ ދެކެވެން ފެށުން (މޮނޮޓޯން)
  • ބެލެންސް ކުރަން ދަތިވެ ވެއްޓުން އިތުރުވުން
  • ބިންމަތީ ފައި ކާއްތައިގެން، ގުދަކާއިއެކު ލަހުން ހިނގުން (ހިނގާ ގޮތް އަދި ހުންނަ ހުރުން)
  • މީހާގެ މޫނުމައްޗަށް ބަލާބެލުމަށް ހަރުދަނޑިއަރާފައި ހުރުން ނުވަތަ ހުސް މޫނު ފާޅުވުން (އެއްވެސް އިހުސާސެއް ނުފެނި)
  • އަބަދުމެ ބަނޑުހަރުވެފައި ހުރުން
  • ކުޑަކަމުދިޔުން ކޮންޓްރޯލް ނުކުރެވުން
  • ނިދަން އުނދަގޫވުން

ގިނަ މީހުންނަށް މިފަދައިން ބަލިމަޑުކަން އިތުރުވަމުންދަނީ ލަސްލަހުންނެވެ. އެހެނަސް ބައެއް މީހުންގެ މާ އަވަސް އަވަހަށް ވެސް ބަލިމަޑުކަން އިތުރުވެގެން ދިޔުން އެކަށީގެންވެއެވެ. ގަބޫލުކުރެވޭނޭ ފަދައިން މިބަލި ކުރިއަރަމުންދާ މިންވަރަކަށް މީހާ ޑިޕްރެޝަން އަދި އެންޒައިޓީ (ނަފްސާނީ ބަލިތަކު) ގެ ތެރެއަށް ވެއްޓިގެން ދިޔުން އެކަށީގެންވެއެވެ.

ޕާކިންސަންސް ބައްޔަށް ފަތްޕެލާވެލި (އަޔުރްވެދާ) އިން ފަރުވާ ކުރެވިދާނެއެވެ. އަޔުރްވެދާގެ ބޭސްތަކުންނާއި ފަރުވާތަކުން ޢަލާމާތްތައް ކުޑަކުރެވިދާނެއެވެ. އަދި ބަލި އިތުރަށް ކުރިއެރުވުން ލަސްވެސް ކޮށްލެވިދާނެއެވެ. އިތުރަށް ސެލްތައް ހަލާކުވިޔަނުދީ އަހަރެމެންނަށް އޭރުން ހިފަހައްޓާލެވޭނެއެވެ. އަދި އެހިސާބުން ބަލި ކޮންޓްރޯލްކޮށް، މުޅިން ރަނގަޅުކުރެވިދާނެއެވެ. ތިމާއަށް ޕާކިންސަންސް ބަލި ޖެހިއްޖެކަމުގައިވާނަމަ ޑޮކްޓަރުންގެ ޓީމާއިއެކު ވަރަށް ގާތުން މަސައްކަތް ކުރުން މުހިންމެވެ. އެހާރުން ތިމާގެ ބޭސްތައް ތިމާއަށް އެކަށީގެންވާނޭހެން ޤަވައިދުން ހަމަޔަކަށްއެޅުވި، ވީހާވެސް ގިނަ ދުވަހަކަށް އެންމެ ފުރިހަމައަށް މަސައްކަތްތައްކޮށް ތިމާއަށް އުޅެވޭނެއެވެ.

ޕާކިންސަންސް ބައްޔަކީ ސިކުނޑީގެ ބައްޔެކެވެ. އެހެންކަމުން އޭގެން ހަމަގައިމުވެސް ބުއްދިއަށް އަސަރުކުރާނެއެވެ. އެހެންކަމުން ފަރުވާގެ %49 ބަލިމީހާއަށް ދިނުމަށާއި ފަރުވާގެ ބާކީ %51 ބަލިމީހާގެ ޢާއިލާއަށް ދިނުމަކީ އެންމެ އެދެވިގެންވާ ގޮތްކަމުގައި އަޅުގަނޑު ދެކެމެވެ.

 

_ ޑޮކްޓަރ ވިޖްލިތު ކައްލަދަތު ވަލައްޕިލް، ވިއަމްސް (ފޭސްބުކް ޕޭޖް)

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *