ހުޅަނގުގެ ގައުމަކަށް ދީނަށް ގޮވާލާ ޖަމާޢަތެއް ދަތުރުކުރިއެވެ. މިޖަމާޢަތުގެ ބޭކަލުން ތަފާތު މިސްކިތަތްކަށް ޒިޔާރަތްކުރައްވަމުން ގެންދެވިއެވެ. މިގޮތުން މިސްކިތަކަށް ވަނުމަށް ފަހު އެމިސްކިތުގެ އިމާމް މީހާ އާއި ޝައިޚަކު ސުވާލުކުރިއެވެ.
" މިސަރަހައްދުގައި ދިރިއުޅޭ މީހުންގެ ތެރެއިން މިސްކިތަށް ނާންނަ، ނަމާދުނުކުރާ މުސްލިމަކު އެނގޭ ހެއްޔެވެ؟ "
" އާދެ ! އަޅުގަނޑަށް އެނގޭ އެކަކު. މިތާ ވަރަށް ކައިރީގައި އޭނަ އުޅެނީ. ވަރަށްވެސް ބޮޑު މުއްސަންޖެއް އެއީ. އޭނަ އަކީ މުސްލިމެއް. އަރަބި ގައުމެއްގެ މީހެއް. އޭނަ އެއްގޮތަކަށްވެސް މިސްކިތަކަށް ނާދޭ ! "
އިމާމް މީހާ ޖަވާބު ދިނެވެ.
ކޮންމެއަކަސް ދަޢުވަތު ދޭ ޖަމާޢަތުގެ ބޭކަލުން އިމާމް މީހާގެ އެހީ ގައި އޭނަގެ ގެއަށް ގޮސް، އެގޭ ދޮރުގައި ޓަކި ދީފިއެވެ. ޓަކި ދީގެން ތިބެ ތިބެ އޭނަގެ ޚަބަރެއް ނުވެ ވަގުތު ކޮޅެއް ހިނގައިފިއެވެ. އަނެއްކާވެސް ޓަކި ދީފިއެވެ. މިފަހަރު އެމީހާ އައިސް ދޮރުހުޅުވައިފިއެވެ. އެމީހާ ހުރީ ވަރަށް ހިތްހަމަނުޖެހިފައެވެ.
" ކަލޭމެންގެ ބޭނުމަކީ ކޮބާ ހެއްޔެވެ ؟ " އެމީހާ ރުޅިއައިސްފައި ސުވާލުކުރިއެވެ.
އެބޭކަލުން އޭނައަށް ސަލާމް ގޮވާލާފައި ވާހަކަ ފެށިއެވެ.
" އަޅުގަނޑުމެން މިއައީ ހަމައެކަނި ﷲ އަށްޓަކައި ތިއަޚާ އަށް ޒިޔާރަތްކޮށްކޮށްލުމަށް " އެބޭކަލުން ޖަވާބު ދިނެވެ.
" ދެން އިތުރު ބޭނުމެއް ނެތް ހެއްޔެވެ ؟ " އެމީހާ އަނެއްކާވެސް ސުވާލުކުރިއެވެ.
" އާދެ ! އަޅުގަނޑުމެން މިއައީ ހަމައެކަނި ﷲ އަށްޓަކައި ތިއަޚާ އަށް ޒިޔާރަތްކޮށްކޮށްލުމަށް " އެބޭކަލުންގެ ޖަވާބު ތަކުރާރުކުރިއެވެ.
" ކަލޭމެން ބޭނުންވަނީ ކޮންކަމެއް ؟ " އެމީހާ ސުވާލުކުރިއެވެ.
" އަޅުގަނޑުމެންނާއެކު މިސްކިތަށް ދާން ހިންގަވާ " އެބޭކަލުން އޭނަގެ ކިބައިން އެދުނީ މިސްކިތަށް ދިއުމަށެވެ.
" އާނ. އަހަރެން މިސްކިތަށް ދާނަން. ކަލޭމެންދޭ " އޭނަ ބުންޏެވެ.
" ނޫން. ތިއަޚާ ގޮވައިގެން ނޫނީ އަޅުގަނޑުމެން ނުދާނަން " އެތަނުގައި ހުރި ދީނަށް ގޮވާލާ ބޭފުޅާ ބުންޏެވެ.
" އަހަރެން މިބުނީނު ތައްޔާރުވެގެން އަހަރެން ދާނަމޭ. ކަލޭމެން ދޭ " ހިތްހަމަނުޖެހުމާ އެކު އެމީހާ ބުންޏެވެ.
ކޮންމެއަކަސް މިބޭކަލުން ކުރުނުކުރުމުން، އެންމެފަހުން އެމީހާއަށް ގޮތްހުސްވެގެން މިސްކިތަށް ދާން ވުޟޫކޮށް ތައްޔާރުވެއްޖެއެވެ.
" އަހަރެން ހަމައެކަނި މިސްކިތަށް ގޮސްލާފައި ނަމާދޮކޮށް ނިމިގެން އަންނާނީ " އެބޭކަލުންނާ އެކު މިސްކިތަށް ދަމުން އެމީހާ ބުންޏެވެ.
ދެން މިމީހާ އެބޭކަލުންނާއެކު މިސްކިތަށް ގޮސް ޖަމާޢަތުގައި ނަމާދުކޮށްފިއެވެ. ނަމާދުކޮށް ނިމިގެން މިމިސްކިތުގައި ދީނަށް ގޮވާލާ ޖަމާޢަތުގެ ބޭކަލެއްގެ ވަރަށް އަސަރުގަދަ ތަޤްރީރެއް ފެށިއްޖެއެވެ. ކޮންމެއަކަސް، ނަމާދުކޮށް ނިމުމާއެކު ގެއަށް ދިއުމަށް އަޒުމްކޮށްގެން އައި މީހާ އަށް މިތަޤްރީރު އަޑުއިވެން ފެށުމުން ގެއަށް ދާކަށް ބޭނުމެއް ނުވިއެވެ. އޭނަ އަށް ވަރަށް އަސަރުކޮށްފިއެވެ. މިތަޤްރީރު ނިމުނު އިރު އޭނަގެ ދެލޯ މުޅިން ފެންކަޅިވެއްޖެއެވެ.
މިސްކިތުގައި އޮތް ތަޤްރީރު ނިމިގެން މިމީހާ ދަޢުވަތުދޭ ބޭކަލުންނާއި ސުވާލުކުރިއެވެ.
" ކަލޭމެންނަކީ ކޮންބައެއް ހެއްޔެވެ ؟ "
" ދީނަށް ދަޢުވަތުދީ އެކި މިސްކިތްތަކަށް މިހެން ގޮސް އުޅޭ ބައެއް އަޅުގަނޑުމެންނަކީ " އެބޭކަލުން ޖަވާބު ދިނެވެ.
ކޮންމެއަކަސް ﷲ ގެ ފަޟުލުވަންތަވެރިކަމާއެކު، މިތަޤްރީރުގެ ސަބަބުން މިމީހާގެ ދިރިއުޅުން މުޅިން ބަދަލުވިއެވެ.
ލޮބުވެތި ކިއުންތެރިންނޭވެ. އެނގޭހެއްޔެވެ. މިމީހާ އަކީ މިލިއަނަރެކެވެ. ނަތީޖާ އަކަށްވީ ދީނަށް މީހުން ވެއްދުމަށާއި، ދީނަށް ދަޢުވަތު ދިނުމުގައި މީނާ މަޝްޢޫލުވުމުގެ އިތުރުން، މިނާގެ މުދާ ﷲ ގެ މަގުގައި ދީން ކުރިއެރުވުމަށްޓަކައި ހޭދަކުރަމުން ދިއުމެވެ. ﷲ އަށްޓަކައި މީނަގެ ފައިސާ އިންވެސްޓްކުރަމުން ދިއުމެވެ.
ދުވަސްތައް ވޭތުވަމުން ދިޔައެވެ. މީގެ އެތައް ދުވަހެއް ފަހުން، އެއްދުވަހަކު މިމީހާ ކުރިން މިސްކިތުގައި ތަޤްރީރުކުރި ޝައިޚް އާއި ބައްދަލުކުރިއެވެ. އަދި ކިޔައިދިނެވެ.
" އަހަރެންނާއި ފުރަތަމަ ބައްދަލުވި ދުވަސް މަތިން ހަނދާން އެބަހުރިހެއްޔެވެ؟ ދޮރުގައި ޓަކިޖެހި އިރު އަހަރެންގެ ހާލަތަކީ ކޮބައިކަން ޝައިޚަށް އެނގޭ ހެއްޔެވެ؟ އަހަރެންނަކީ މިލިއަނަރެކެވެ. އެހެންނަމަވެސް އަހަރެންނަށް އޭރު މުޅި ދުނިޔެ ވަނީ ކުޑަވެފައެވެ. މުޅި ދުނިޔެ ވަނީ އަހަރެންނަށް ބޭނުން ނެތް ތަނަކަށް ވެފައެވެ. އެހެން ކަމުން އަހަރެން މިދުނިޔެ އާއި ވަކިވުމަށްޓަކައި، އަހަރެން ހުރީ ސީލިންގ ގައި އެއްޗެއް އައްސައިގެން ގޮނޑިއަށް އަރައެވެ. އަމިއްލަ އަށް މަރުވުމަށްޓަކައެވެ. ކަރުމަޅި އެޅުމަށް ތައްޔާރުވެގެންނެވެ. ދޮރުގައި ޓަކިޖަހާ އަޑު އިވުމުން އަހަރެންގެ ހިތަށް އެރިއެވެ. ދޮރު ހުޅުވާނީ ހެއްޔެވެ؟ ނުވަތަ އަނެއްކާވެސް ގޮނޑި ކޮއްޕައިގެން އަމިއްލަ އަށް މަރުވެވޭތޯ އުޅޭނީ ހެއްޔެވެ؟ ހިތުން ބުނީ އެހެން އެއްޗެކެވެ. ގޮނޑި ކޮއްޕާލީމެވެ. އެހެން ނަމަވެސް އަހަރެންނަކަށް ދަންޖެހެވޭ ގޮތެއް ނުވިއެވެ. އެންމެފަހުން އަހަރެން ގޮސް ދޮރުހުޅުވާލިއިރު ބައްދަލުވީ ޝައިޚް މެންނާއެވެ. ކުޑަ ކުޑަ ހިނދުކޮޅެކެވެ. ﷲ ގެ ރަޙްމަތްފުޅާއެކު ޝައިޚްމެންގެ ސަބަބުން އަހަރެން އިސްލާމް ދީނަށް ރުޖޫޢަވުމަށް މެދުވެރިވެއްޖެއެވެ. އަހަރެން ކުފުރުގެ މަރުން ނިމިގެން ނުދިއުމަށް ﷲ މެދުވެރިކުރެއްވީ ޝައިޚްމެންގެ ދަޢުވަތެވެ. "
މިވާހަކައިން ލިބިދޭ އެއް ޢިބްރަތަކީ ﷲ ގެ ދީނަށް ދަޢުވަތު ދިނުމުގެ މުހިންމުކަމެވެ. މިފަދަ ކަންތައްތަކުގެ ސަބަބުން މީހުންގެ ދިރިއުޅުމަށް ހެޔޮބަދަލު އައުމަށް މެދުވެރިވެއެވެ. ވީމާ، އަޅުގަނޑުމެން އެންމެންވެސް މިފަދަ ހާދިޘާތަކުން ޢިބްރަތްލިބިގަނެ އެހެން މީހުންނަށް އިސްލާމް ދީނުގެ ދަޢުވަތު ފޯރުކޮށްދިނުމަށް މަސައްކަތްކުރަންޖެހެއެވެ.
ނޯޓް : މިވާހަކަ އަކީ އަލްއުސްތާޛް އަޙްމަދު ނިޒާމް "އިސްލާމް ދީނަށް ދަޢުވަތު ދިނުން" މިމައުޟޫއަށް 2009 ނޮވެމްބަރ 28 ގައި މާވެޔޮ މިސްކިތުގައި ދެއްވާފައިވާ ދަރުސް ގައި ވިދާޅުވެފައިވާ ޙަޤީޤީ ހާދިޘާ އެއް އަސްލަކަށް ބަލައިގެން ލިޔެވިފައިވާ ވާހަކައެކެވެ. މިވާހަކައިގެ ޢިބާރާތަށް ލިޔުމުގައި ބަދަލުތަކެއް ގެނެވިފައިވާނެއެވެ.















ސުބުޙާނަﷲ! ވަރަށް ރީތި ޢިބްރަތްތެރި ވާހަކައެއް!!