ރިޕޯޓްކޮލަމިސްޓް

އޮރިޔާންވިޔަސް އޯކޭ... މައްސަލައަކަށްވީ މޫނު ބުރުގާ

ޝައްކެތް ނެތެވެ. އެކާވަންނަ ޤަރުނުގައި އެންމެ ގިނައިން ދެކެވޭނެ އެއް ވާހަކައަކަށް ވާނީ އިންސާނީ ޙައްޤުތަކާއި ޓޮލެރެންސްގެ ވާހަކަތަކެވެ. ހެދުން އެޅުމުގެ މިނިވަން ކަމުގެ ވާހަކައެވެ. ބުރުގާ އެޅުމަށް މަޖުބޫރު ނުކުރެވޭނެ ވާހަކައެވެ. އެއީވެސް އިންސާނީ ޙައްޤަކަށް ވީތީއެވެ. އަޖައިބެކެވެ. އެހެންވީއިރު މޫނު ބުރުގާ އެޅުމަކީ އިންސާނީ ޙައްޤަކަށް ނުވީ ކީއްވެހެއްޔެވެ؟ މޫނު ބުރުގާ އަޅައިގެން އުޅުމުގެ މިނިވަންކަމެއް ނެތީ ކީއްވެހެއްޔެވެ؟ މޫނު ބުރުގާ އަޅައިގެން އުނގެނުމާއި އުނގަންނައިދިނުމުގެ ޙައްޤު ނިގުޅައި ގަނެވެނީ ކޮން ބީދައަކުންހެއްޔެވެ؟

ޒަމާނަށް އައި ބަދަލާގުޅިގެން ދައްކާ ކޮންމެ ވާހަކައަކަށް ޤުރުއާނުގެ އާޔަތަކުން ޙުއްޖަތް ދައްކައިފިނަމަ ބައެއް ފަރާތްތަކަށް އެކަން ހަޖަމު ނުކުރެވޭނެ ކަން އަޅުގަނޑު ދަންނަމެވެ. އެހެން ކަމުން ޙިޖާބުވުމާ ބެހޭގޮތުން ޤުރުއާނުގައި ބަޔާންވެފައިވާ ޙުކުމްތަކަށް އަދި ފަހުން ބަލާލާނަމެވެ.

ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ޔުނިވަރސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް ގެ 26 ވަނަ މާއްދާގެ (2) ގައި "ތަޢުލީމު ދިނުން އަމާޒުކުރަންވާނީ، އިންސާނީ ޝަޚްޞް ފުރިހަމައަށް ބިނާކުރުމަށާއި އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމުގެ މިންގަނޑުތަކަށް ޙުރުމަތްތެރިކޮށްހިތުން ހަރުދަނާ ކުރުމަށާއި، ހުރިހައި ޤައުމުތަކެއްގެ މެދުގައާއި ނަސްލީ ޖަމާޢަތްތަކުގެ މެދުގައާއި ދީނީ ޖަމާޢަތްތަކުގެ މެދުގައި އޮންނާންޖެހޭ ދެކެފަރިތަކަމާއި ތަފާތު ޚިޔާލުތައް ތަޙައްމަލު ކުރުމުގެ މިޒާޖާއި ރަޙްމަތްތެރިކަން ތަޢުލީމުގެ ދާއިރާއިން އާލާ ކުރަންވާނެކަމަށް" ބުނެފައިވާއިރު، މޫނު ބުރުގާ އަޅައިގެން ކިޔަވައިދޭ މުދައްރިސާއެއްގެ "ނިޤާބު އެޅުމުގެ މިނިވަންކަން" ނިގުޅައިގަނެވޭންވީ ކީއްވެހެއްޔެވެ؟

ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 10 ވަނަ މާއްދާގެ (ހ) ގައި ދިވެހިދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށާއި އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަޞްދަރުކަމަށް ބަޔާންކޮށްފައިވުމާއި، މި މާއްދާގެ (ށ) ގައި ދިވެހިރާއްޖޭގައި އިސްލާމްދީނުގެ އަޞްލަކާއި ޚިލާފަށް އެއްވެސް ޤާނޫނެއް ނުހެދޭނެކަމަށް ބަޔާންކޮށްފައިވުމާއި، ޤާނުނުއަސާސީގެ 19 ވަނަ މާއްދާއިން އިސްލާމީ ޝަރީޢަތުގައި ނުވަތަ ޤާނޫނުގައި ކަނޑައެޅިގެން މަނާކޮށްފައިނުވާ ކޮންމެ ކަމެއް ކުރުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށް ލިބިގެންވާކަމަށާއި އަދި ޤާނޫނަކުން ހުއްދަ ލިބިގެން މެނުވީ އެއްވެސް މީހަކު ކުރާ އެއްވެސް ކަމަކަށް އެއްވެސް މީހަކަށް ހުރަސްއަޅައި ހުއްޓުވައިގެން ނުވާނެކަމަށް ބަޔާންކޮށްފައިވުމީ މޫނު ބުރުގާ އަޅައިގެން އުނގަންނައިދިނުމުގެ މިނިވަންކަން ނިގުޅައިގަނެވޭނެ ޙުއްޖަތެއް ހެއްޔެވެ؟

 

ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ ދެވަނަ ބާބުގެ 16 ވަނަ މާއްދާގެ (ހ)ގައި "ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނުނަކުންވެސް އެއިން ޙައްޤެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ، މިނިވަން، ދީމިޤްރާތީ މުޖުތަމަޢެއްގައި މިފަދަ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެކަމަށް ޤަބޫލުކުރެވޭ މިންވަރަކަށެވެ." އެހެންވީއިރު ބުނެބަލާށެވެ. 100 އިންސައްތަ އިސްލާމްކަމަށް ދަޢުވާކުރާ މި މުޖުތަމަޢަކީ މޫނު ބުރުގާ އަޅައިގެން އުނގަންނައިދިނުން މަނާކުރެވިދާނެ ޙާލަތްތަކެއް މެދުވެރިވެފައިވާ މުޖުތަމަޢެއް ހެއްޔެވެ؟

ހަމައެފަދައިން ޤާނޫނު އަސާސީގެ 17ވަނަ މާއްދާގެ (ހ) ގައި ތަފާތުތުކުރުން ބަޔާންކޮށްފައިވާއިރު، އަހަރެމެންގެ މުޖުތަމަޢުގައި ތަފާތު ކުރުމުގެ މިންގަނޑު މިގެންގުޅެނީ އައުރަ ނިވާ ކުރުމާއި ނުކުރުމުގެ މައްޗަށް ބަލާފައި ނޫންތޯއެވެ؟ ކަޅު ހެދުމާއި ކުލަ ހެދުމަށް ބަލާފައި ނޫންތޯއެވެ؟

ޤާނޫނު އަސާސީގެ 19 ވަނަ މާއްދާގައި "އިސްލާމީ ޝަރީޢަތުގައި ނުވަތަ ޤާނޫނުގައި ކަނޑައެޅިގެން މަނާކޮށްފައިނުވާ ކޮންމެ ކަމެއް ކުރުމުގެ މިނިވަންކަން ކޮންމެ ރައްޔިތަކަށް ލިބިގެންވެއެވެ" ބުނެފައިވާއިރު.، ފުރިހަމައަށް ޙިޖާބުވަމަކީ (ނިޤާބު އެޅުމަކީ) އިސްލާމީ މަތިވެރި ޝިޢާރެއްކަން މިތިއްބެވި "މިނިވަންކަމުގެ އަހުލުވެރިން" ނުދަންނަނީހެއްޔެވެ؟

ޤާނޫނު އަސާސީގެ 36 ވަނަ މާއްދާގެ (ނ) ގައި "ތަޢުލީމީ ނިޒާމުގެ ތެރެއިން ދީނަށް ބޯލަނބާއި ކިޔަމަންގަތުމަށް ބާރު އެޅުމަށާއި، އިސްލާމްދީނަށް ލޯބި ޖެއްސުމަށާއި އިންސާނީ ޙައްޤުތަކަށް އިޙްތިރާމް ކުރުމަށާއި، ޢާއްމުކޮށް އެންމެންގެ މެދުގައި ޞުލްޙަމަސަލަސްކަމާއި ރަޙްމަތްތެރިކަން ބާއްވައިގެން އުޅުމުގެ މުހިއްމުކަން އުނގަންނައިދީ މިކަންކަން ކުރިއެރުވުމަށް ބާރުއަޅަންވާނެއެވެ." ބުނެފައިވާއިރު މޫނު ބުރުގައި އަޅައިގެން ކިޔަވައިދިނުމުގެ ޙައްޤު ނިގުޅައިގަތުމުން އިންސާނި ޙައްޤުތަކަށް އިޙްތިރާމް ކުރުމުގެ ޘަޤާފަތެއް ދަރިންގެ ކިބައިގައި އަށަގަންނަވާނީ ކިހިނަކުން ހެއްޔެވެ؟ އައުރަ ނިވާ ނުކުރާ ޙާލު ދަރިންގެ ކުރިމަތީގައި އުންގަންނައިދޭން ބެހެއްޓުމުން ދީނަށް ބޯލަނބާ ކިޔަމަންގަތުމަށް ބާރު އެޅެވޭނީ ކިހިނަކުން ހެއްޔެވެ؟ މަޢާފު ކުރާށެވެ. މިއީ ނުދައްކާ ވާހަކައެކެވެ. މިހެން ބުނުމުންވެސް ހެދުން އެޅުމުގެ މިނިވަންކަމަށް ވަކާލާތުކުރާ މީހުންނަށް ހަޖަމެއް ނުވާނެއެވެ.

"ނިޤާބް އިޒް ޖަސްޓް އަ ޕީސް އޮފް ކުލޯތު"، ޢިލްމީ ބޭފުޅުން މިހެން ދެންނެވެމުން އަޅުގަނޑުގެ ޖަވާބަކަށްވީ "ސީރިޔަސްލީ..؟" މިއެވެ. ރަނގަޅެވެ، އެ ދަންނަވަނީކީ ދޮގު ވާހަކައެއް ނޫނެވެ. ނިޤާބަކީ މޫނުމަތީގައި އަޅާލެވޭ ކުޑަ ފޮތިކޮޅެކެވެ. އެހެން ނަމަވެސް، ޢިލްމީ ބޭފުޅަކު މިހެން ވިދާޅުވުމުން އަޅުގަނޑަށް އެ ހަޖަމެއް ނުވެއެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ. ދީން ކިޔަވައިގެން ތިއްބެވި މީހުންނަށް މާތް ﷲގެ  އަންނަނިވި ބަސްފުޅުތައް ފަހުމުވެފައި ނުވާތީއެވެ.

يَا أَيُّهَا النَّبِيُّ قُل لِّأَزْوَاجِكَ وَبَنَاتِكَ وَنِسَاء الْمُؤْمِنِينَ يُدْنِينَ عَلَيْهِنَّ مِن جَلَابِيبِهِنَّ ذَلِكَ أَدْنَى أَن يُعْرَفْنَ فَلَا يُؤْذَيْنَ وَكَانَ اللَّهُ غَفُوراً رَّحِيماً (އަޙްޒާބް: 59)

މާނައަކީ: ''އޭ ނަބިއްޔާއެވެ. ކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއި، ދަރިދަރިކަނބަލުންނާއި، މުއުމިނުންގެ އަންހެނުން، އެ ކަނބަލުންގެ ފޭރާންތަކުން ނިވާވެ ތިބުމަށް، ކަލޭގެފާނު ވިދާޅުވާށެވެ. (އެ ބަހީ ބޭރަށް ގޮސް އައިސް އުޅޭ އިރު ހަށިގަނޑާއި ހަށިގަނޑުގެ ގުނަވަންތަކުގެ ސިފަ ނޭނގޭ ގޮތަށް، ނިވާ ކުރާފަދަ ފޭރާން ބޭރުން ލައި ނިވާ ވެގަންނާށެވެ.) އެ ކަނބަލުން އެނގިގެން ވުމަށާއި(އެއީ ޢިއްފަތްތެރި މިނިވަން އަންހެނުންކަން އެންގުން)، އެކަނބަލުންނަށް އުނދަގޫ ނުލިބުމަށް އެ ގޮތް ގާތްކަން ބޮޑެވެ. މާތް ﷲ އީ ފާފަ ފުއްސަވާ، ރަޙްމަތްވަންތަ ރަސްކަލާނގެއެވެ.''

يَا بَنِي آدَمَ قَدْ أَنزَلْنَا عَلَيْكُمْ لِبَاساً يُوَارِي سَوْءَاتِكُمْ وَرِيشاً وَلِبَاسُ التَّقْوَىَ ذَلِكَ خَيْرٌ ذَلِكَ مِنْ آيَاتِ اللّهِ لَعَلَّهُمْ يَذَّكَّرُونَ (އަޢުރާފް: 26)

މާނައަކީ: "އޭ އާދަމުގެ ދަރިންނެވެ. ތިޔަބައި މީހުންގެ ޢައުރަތައް ފޮރުވަނިވި ހެދުމާއި، ޒީނަތްތެރި ފޭރާން، ތިމަންރަސްކަލާނގެ ތިޔަބައި މީހުންނަށްޓަކައި ވަނީ ހައްދަވާފައެވެ. އަދި ތަޤްވާވެރިކަމުގެ ފޭރާމަކީ އިތުރު ހެޔޮކަން ލިބިގެންވާ، ފޭރާމެކެވެ. އެކަންތައް ވަނީ މާތް ﷲގެ ފާޅުވެގެންވާ ހެކިތަކުގެ ތެރެއިންނެވެ. އެއިން އެބައި މީހުން ޢިބްރަތް ލިބިގަނޭތޯ ބެއްލެވުމަށެވެ."

 

 

وَقُلْ لِلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِهِنَّ وَيَحْفَظْنَ فُرُوجَهُنَّ وَلا يُبْدِينَ زِينَتَهُنَّ إِلاَّ مَا ظَهَرَ مِنْهَا وَلْيَضْرِبْنَ بِخُمُرِهِنَّ عَلَى جُيُوبِهِنَّ وَلا يُبْدِينَ زِينَتَهُنَّ إِلاَّ لِبُعُولَتِهِنَّ أَوْ آبَائِهِنَّ أَوْ آبَاءِ بُعُولَتِهِنَّ أَوْ أَبْنَائِهِنَّ أَوْ أَبْنَاءِ بُعُولَتِهِنَّ أَوْ إِخْوَانِهِنَّ أَوْ بَنِي إِخْوَانِهِنَّ أَوْ بَنِي أَخَوَاتِهِنَّ أَوْ نِسَائِهِنَّ أَوْ مَا مَلَكَتْ أَيْمَانُهُنَّ أَوْ التَّابِعِينَ غَيْرِ أُوْلِي الإِرْبَةِ مِنْ الرِّجَالِ أَوْ الطِّفْلِ الَّذِينَ لَمْ يَظْهَرُوا عَلَى عَوْرَاتِ النِّسَاءِ وَلا يَضْرِبْنَ بِأَرْجُلِهِنَّ لِيُعْلَمَ مَا يُخْفِينَ مِنْ زِينَتِهِنَّ وَتُوبُوا إِلَى اللَّهِ جَمِيعاً أَيُّهَا الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ (ނޫރު: 31)

މާނައަކީ: " އެކަނބަލުންގެ ބެލުންތައް ތިރި ކުރުމަށާއި، އެކަނބަލުންގެ ފަރުޖުތައް ރައްކާ ކުރުމަށް މުއުމިން އަންހެނުންނަށް ކަލޭގެފާނު ވިދާޅުވާށެވެ. އަދި އެއިން ފާޅުވެއްޖެތަން (މޫނާއި ދެ އަތްތިލަ ފިޔަވައި) އެ ކަނބަލުންގެ ޒީނަތް (ޒީނަތްވުމުގެ ތަން) ފާޅު ނުކުރާހުށިކަމެވެ. އަދި އެކަނބަލުންގެ ބުރުގާތައް، އެކަނބަލުންގެ ކަރުވަޅުތަކުގައި އަޅާ ނިވާ ކުރާހުށި ކަމެވެ. އަދި އެކަނބަލުންގެ ފިރިންނަށް، ނުވަތަ އެކަނބަލުންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެ ކަނބަލުންގެ ފިރިންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ އަޚުންނަށް، ނުވަތަ އެކަނބަލުންގެ އަޚުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ އުޚުތުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ތެރެއިން އަންހެނުންނަށް، ނުވަތަ އެކަނބަލުންގެ މިލްކުވެގެންވާ އަޅުންނަށް، ނުވަތަ ފިރިހެނުންގެ ތެރެއިން އެދުންވެރިކަމެއް ނުހިނގާވަރުގެ ގެންގުޅޭ މީހުންނަށް، ނުވަތަ އަންހެނުންގެ ޢައުރަ ނިވާކުރާ ތަނާއި ކަންތައްތައް ނޭނގޭވަރުގެ ކުޑަކުއްޖަކަށް މެނުވީ އެކަނބަލުންގެ ޒީނަތް ފާޅު ނުކުރާ ހުށިކަމެވެ. އަދި އެކަނބަލުންގެ ގަހަނާއާއި ޒީނަތުގެ ތެރެއިން ވަންހަނާ ވެފައިވާ ތަކެތި އެންގުމަށްޓަކައި، ފައިތިލަ ތަކުން އެކަނބަލުން ނުތަޅާހުށި ކަމެވެ. އަދި އޭ މުއުމިނުންނެވެ. ތިޔަބައި މީހުން އެންމެން އެކުގައި މާތް ﷲ އަށް ތައުބާވާށެވެ. ތިޔަބައި މީހުންނަށް ނަސީބު ލިބި ދިންނަވާތޯއެވެ."

ވިދާޅުވާށެވެ! ނިޤާބު އަޅަނީ ހަމައެކަނި ފޮތިކޮޅެއްހެޔެވެ؟ ނުވަތަ އަޢުރާފް ސޫރަތުގެ 26 ވަނަ އާޔަތުގައި ވާފަދައިން ތަޤުވާގެ ފޭރާންހެއްޔެވެ؟ ޢިލްމީ ބޭފޫޅުން މިއަށް ޖަވާބު ދެއްވާށެވެ!

ކޮންމެއަކަސް އުޞޫލުތަކާއި ޤަވާޢިދު ތަކަކީ ތާއަބަދު ހެދިހެދި ހުންނަ އެއްޗެކެވެ. އެހެން ނަމަވެސް ދީނުގެ ޝިޢާރުތަކަކީ އޭގެ އަޞްލު ތާއަބަދަށް ދެމިގެންވާ އެއްޗެކެވެ. އައުރަ ނިވާ ކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް އިލާހީ އަމުރުފުޅެކެވެ. އެއީ އަންހެނެއް ފިރިހެނެއް ވަކިކުރުމެއް ނެތިއެވެ. އެހެން ނަމަވެސް އަޅުގަނޑުމެންނަކީ އިންސާނުންކަމަށްވާއިރު، އިންސާނުންނަކީ ހަވާނަފްސަށް ގެއްލިހުސްވެފައިވާ ބަޔަކަށްވާއިރު، އިލާހީ އަމުރުފުޅުތަކަށް ގޮންޖަހާ ހެދުން އެޅުމުގެ މިނިވަންކަމަށް ވަކާލާތު ކުރާ ބީދައިން މޫނު ބުރުގާ އަޅާ އުޚުތުންގެ މިނިވަންކަން ދިފާޢުކުރުމަށް ވަކާލާތު ނުކުރެވެންވީ ސަބަބެއް އަޅުގަނޑަކަށް ނުވިސްނެވެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ރިޕޯޓް