ވާހަކަ

މަންމަން ފަޞާހާތްތެރިޔާގެ އަޖައިބުކުރަނިވި ދަރުސް

މިއީ ރިޔާޟުގެ މިސްކިތެއްގައި ކަންފަތަށް އަޑުނުއިވޭ އަދި ވާހަކަ ނުދެއްކޭ ޒުވާނަކާއި އަދި މަންމަން ލޮލަށް ނުފެންނަ ޒުވާނަކު ދީފައިވާ ދަރުހެކެވެ. މި އަސަރުގަދަ ދަރުސް ދިންގޮތް ކިޔުއްވުމަށްޓަކައި ކުރިޔަށް ވަޑައިގަންނަވާށެވެ.
ދުވަހަކީ އާދިއްތަ ދުވަހެކެވެ. ޝައިޚު އަރީފީ މިސްކިތުގައި މަޑުކޮށްލައިގެން އެހުރީ އެ މިސްކިތުގައި ދަރުސްދޭން ހަމަޖެހިފައިވާ ދެ ޒުވާނެއްގެ އިންތިޒާރުގައެވެ. އިރުކޮޅެއް ނުވެ މިސްކިތުގެ މައިދޮރު ކައިރީ އައިސް މަޑުކޮށްލީ އަބޫ ޢަބްދުﷲ ގެ ކާރެވެ. އަބޫ ޢަބްދުﷲ އަކީ މި ދެ ޒުވާނުން ބަލަހައްޓަމުންދާ ސެންޓަރުގައި ތަރުޖަމާނެއްގެ ގޮތުން މަސައްކަތްކުރައްވަމުން ގެންދަވާ ދައުވަތުގައި ވަރަށް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ޢަބޫ އަބްދުﷲ އާއި އެކު އެއްޒުވާނާ ހިނގަމުން އައިއިރު އަނެއްޒުވާނާއައީ ޢަބޫ އަބްދުﷲ އަތުގައި ހިފައިގެންނެވެ. އަތުގައި ހިފައިގެން ހުރި ޒުވާނާއަކީ ލޮލަށް ނުފެންނަ އަދި ކަންފަތަށް ނުއިވޭ އަދި ވާހަކަނުދެއްކޭ ޒުވާނެކެވެ. މިޒުވާނާގެ ނަމަކީ ފައިޒުއެވެ. އަދި ދެންހުރި ޒުވާނައަކީ ވާހަކަނުދެއްކޭ މަންމަން ޒުވާނެކެވެ. މި ޒުވާނާގެ ނަމަކީ އަޙުމަދެވެ.

ޝެއިޚު އަރީފީ އެބައިމީހުންނާއި ސަލާމްކުރުމަށްފަހު މިސްކިތުގެ ތެރެއަށް ވަދެއްޖެއެވެ.
އަދި ނަމާދަށްފަހު ދަރުސް ދިނުމަށްޓަކައި ގޮނޑީގައި ލޮލަށް ނުފެންނަ މަންމަން ޒުވާނާއާއި އަދި މަންމަން ޒުވާނާ އިށީންދެއްޖެއެވެ. މެދުގައި އިނީ އަބޫ ޢަބްދުﷲއެވެ. މިސްކިތުގައި ތިބި އެންމެން ތިބީ ހައިރާންވެފައެވެ. މަންމަން މީހަކާއި އަދި ލޮލަށް ނުފެންނަ މީހަކު ދަރުސްދޭނީ ކިހިނެއްބާވައޭ އެންމެން ބުނަމުންދާ ކަހަލައެވެ.

މަންމަން ޒުވާނާ ކަމަށްވާ އަޙުމަދުގެ ދަރުސް

އަބޫ ޢަބްދުﷲ ޙަރަކާތުން އަޙުމަދާއި ވާހަކަދެއްކުމުން އަޙުމަދުވެސް ޙަރަކާތުން އިޝާރާތްކޮށްފިއެވެ. އަދި މީސްތަކުންނަށް އެ ހަރަކާތުގެ މާނައަކީ ކޮބައިކަން ނޭންގުމުން ޝައިޚު އަރީފީގެ އެދުމުގެ މަތިން އަބޫ ޢަބްދުﷲ މައިކު ކައިރިކޮށްލުމަށްފަހު އަޙުމަދު ބުނަމުންދާ ވާހަކަތައް ކިޔައިދޭން ފެށިއެވެ.
" އަޙުމަދު ކިޔައިދޭން އެ އުޅެނީ އަޙުމަދަށް ތެދު މަގު ފެނުނު ގޮތެވެ. " އެޔަށްފަހު އިޝާރާތްތަކަށްފަހު އަނެއްކާވެސް އަބޫ ޢަބްދުﷲ ކިޔައިދޭން ފެށިއެވެ. " އަހަރެން އުފަންވީ ބީރު މީހެއްގެ ގޮތުގައި ޖިއްދާގައެވެ. އަހަރެންގެ އާއިލާއިން އަހަރެންނަށް މާ ބޮޑު އަޅާލުމެއް އަދި ސަމާލުކަމެއް ނުދެއެވެ. އަހަރެންނަށް މީސްތަކުން މިސްކިތަށް ދާތަން ފެނެއެވެ. ނަމަވެސް އެބައިމީހުން މިސްކިތަށް ދަނީ ކީއްވެކަން އަހަރެންނަކަށް ނޭންގެއެވެ. ވަރަށް ގިނައިން އަހަރެންނަށް އަހަރެންގެ ބައްޕަ މުސައްލަމަތީގައި ސަޖިދައަށާއި އަދި ރުކޫޢަށް ދާތަން ފެނެއެވެ. ނަމަވެސް އެކުރަނީ ކީއްކަން އަހަރެންނަކަށް ނޭންގެއެވެ. އަހަރެން އެކަމާއި ބެހޭ ގޮތުން ސުވާލުކޮށްފިނަމަ އެސުވާލަށް މާ ބޮޑު އަޅާލުމެއްނެތި އަހަރެން ހިތްހަމަޖެހޭފަދަ ޖަވާބެއް ނުދެވެއެވެ. "

ދެން އަބޫ ޢަބްދުﷲ ހިމޭންވެއްޖެއެވެ. އަދި އިޝާރާތުން އެއްޗެކޭ އަޙުމަދު ގާތު ބުނުމުން އަޙުމަދު އަނެއްކާވެސް ދަރުސް އިޝާރާތުން ކުރިޔަށް ގެންދަން ފެށިއެވެ. އިރުކޮޅެއް ނުވެ އަޙުމަދުގެ މޫނުމަތި މުޅިން ބަދަލުވެއްޖެއެވެ. އަސަރުކުރުމުގެ ސަބަބުން ރޮވެން ފެށިއެވެ. އަދި އިރުކޮޅެއްނުވެ އަޙުމަދު ބާރަށް ރޮމުން ދިޔައެވެ. އަދި އަބޫ ޢަބްދުﷲއަށްވެސް އަސަރުކުރުމުގެ ސަބަބުން އިސްދަށަށް ޖެހިއެވެ. މަންޒަރު ބަލަންތިބި މީހުންނަށްވެސް އެކަން އިޙުސާސްވަމުން ދިޔައެވެ. ނަމަވެސް އަޙުމަދު ރޮމުން ދިޔައީ ކީއްވެގެންކަން އެބައިމީހުންނަކަށް ނޭންގެއެވެ. އަޙުމަދު އިޝާރާތުން އަޙުމަދުގެ ވާހަކަތައް ކުރިޔަށް ގެންދިޔައެވެ.

އަޙުމަދުގެ އިޝާރާތް ހުއްޓާލުމާއެކު އަބޫ އަބްދުﷲ ކިޔައިދޭން ފެށިއެވެ. " މިހާރު އަޙުމަދު އެކިޔައިދިނީ އަޙުމަދަށް ތެދުމަގު ފެނި ހަޔާތް މުޅިން ބަދަލުވީ ގޮތެވެ. އަދި ﷲ ސުބުހާނަހޫ ވަތަޢާލާ އާއި އަދި އެއިލާހަށް ނަމާދުކުރަން ޖެހޭގޮތް އެނގުނު ގޮތުގެ ވާހަކައެވެ. އަޙުމަދަށް އެކަން އެނގުނީ އެއްދުވަހު މަގުމަތިން ދިމާވި މީހަކު އޭނާގެ މައްޗަށް ރަޙުމްވަދެގެން އެކަންތައްތައް ބަޔާންކޮށްދީ އޮޅުންފިވައިދިނުމުގެ ސަބަބުންނެވެ. އަދި އަޙުމަދު އެ ކިޔައިދިނީ ނަމާދު ކުރަން ފެށުމުން އަޙުމަދަށް ﷲ ސުބުހާނަހޫ ވަތަޢާލާގެ މަތިން ބޮޑަށް ހަނދާންވެ އެއިލާހާއި ކުއްތަންވެވޭ ކަމުގެ އިޙުސާސް ކުރެވުމުން ދާ ކަމަށެވެ. އަދި އަހުމަދަށް ދިމާވެފައިވާ ހާލަތުގެ ސަބަބުން އާހިރަތުގައި ލިބޭނެ މަތިވެރި ނިޢުމަތްތައް އެނގުމުގެ ސަބަބުންނާއި، މިހުރިހާ ކަމެއްގެ ސަބަބުން އަޙުމަދަށް އީމާންތެރިކަމުގެ ފޮނި އިޙުސާސް ކުރެވުމުން ދާ ވާހަކައެވެ. " އަދި އަޙުމަދު ކިޔައިދެމުން ދިޔަ ވަރަކަށް އަބޫ ޢަބްދުﷲ ކިޔައިދެމުން ގޮސް އަޙުމަދުގެ ވާހަކަތައް ނިމުމުން އަޙުމަދުގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލިއެވެ.

ބަލަންތިބި މީހުންނަށް އަސަރު ކުރިލެއް ބޮޑު ކަމުން އެތައްބަޔަކު ރޮމުން ދިޔައެވެ.
އަދި ހަމައެޔާއެކު ލޮލަށް ނުފެންނަ ބީރު މަންމަން ޒުވާނާ ދަރުސް ދޭން ފެއްޓިއެވެ.
ނިކަން ވިސްނާށެވެ. ލޮލަށް ނުފެންނަ އަދި އަޑުނުއިވޭ މިޒުވާނާއަކަށް މަންމަން ބަހުރުވައެއް ނޭންގެއެވެ. މިޒުވާނާ ދަރުސް ދޭން ފެށީ އަބޫ ޢަބްދުﷲ ގެ ގައިގައި އަތްލައިގެންނެވެ.

ފައިޒުގެ އަތުގައި އަބޫ ޢަބްދުﷲ އަތްލުމުން ފައިޒު ބުނަން ބޭނުންވާ އެއްޗެއް ދަސްވެފައިވާ ގޮތަށް އަބޫ ޢަބްދުﷲއަށް ކިޔައިދެއެވެ. ކިޔައި ދިނުމުން އަބޫ ޢަބްދުﷲއަށް އެބުނާ އެއްޗެއް ދޭހަވުމުން ބަލަންތިބި މީހުންނަށް ބުނެދޭން ފެށިއެވެ. ބައެއް ފަހަރު ފައިޒު އެބުނާ އެއްޗެއް ދޭހަކުރުމަށް 15 މިނިޓަށްވުރެ ގިނައިރުވާ ފަހަރުވެސް ދިޔައެވެ.
ފައިޒު ބުނެދިނުމުން އަބޫ އަބްދުﷲ ކިޔައިދެމުންދެއެވެ. އަދި ނިމުމާއެކު އަނެއްކާވެސް އަބޫ އަބްދުﷲ ފައިޒުގެ އަތުގައި ކޮއްޓާލައެވެ. މި އާދަޔާ ޙިލާފު އިޝާރާތް ބަހުރުވައިގެ ސަބަބުން ބަލަންތިބި މީހުންތިބީ ހައިރާންވެ ބުނާނެ އެއްޗެއް ނޭންގިފައެވެ.ފައިޒު ދިޔައީ ބަލަންތިބި މީހުންނަށް ތައުބާވުމަށް ހިތްވަރު ދެމުންނެވެ. އަދި އެކަމަށް ނަޞީހަތް ދެމުންނެވެ. އަދި ފައިޒު އޭނާގެ ކަންފަތުގައި ހިފުމަށްފަހު، އަދި ދުލުގައި އަތްލުމަށްފަހު އަދި އެޔަށްފަހު ދެލޮލުގައި އަތް އެޅިއެވެ. ބަލަންތިބި މީހުންނަށް އެބުނާ އެއްޗެއް އަބޫ އަބްދުﷲ ދިޔައީ އޮޅުން ފިލުވައި ދެމުންނެވެ.
” ފައިޒު ނަޞީޙަތްތެރިވަމުން އެދަނީ ތިޔަބައިމީހުންގެ ލޮލާއި އަދި ކަންފަތްތަކުންނާއި އަދި ދުލުން ކުރަމުންދާ ފާފަތަކަށް ނުވެއްޓުމަށެވެ. ”

ބަލަންތިބި މީހުންނަށް މި މަންޒަރު ފެނުމުން އެއްބަޔަކު ރޮމުން ދިޔައިރު އަނެއްބަޔަކު ” ސުބުހާނަﷲ ” އޭ ކިޔަމުން ދިޔައެވެ. އަދި އެންމެންވެސް ކަނުލާ މިމަންޒަރު ބަލަން ވަރަށް ސަމާލުވެ ތިއްބެވެ.
މި ލޮލަށް ނުފެންނަ ބީރު އަދި ވާހަކަ ނުދެއްކޭ ޒުވާނާ ދިޔައީ އޭނާއަށް ލިބިފައިވާ ހިއްސުތަކުގެ ބޭނުންކޮށްގެން މި ދީނުގެ ހަނގުރާމަވެރިއެއް ފަދައިން މީސްތަކުންނަށް އިސްލާމްދީނަށް ރުޖޫޢަވުމަށް ގޮވާލަމުންނެވެ. ނަމަވެސް އަޅުގަނޑުމެން ޙިއްސުތައް ސަލާމަތުން ހުރުމާއެކުވެސް އަޅުގަނޑުމެންގެ އިސްލާމްކަން ކޮބައިތޯއެވެ؟ އީމާންކަން ކޮބައިތޯއެވެ؟

އެ ޒުވާނާގެ ޙިއްސުތަކުގެ މަދުކަމާއި އެކުވެސް އެދަނީ ދީނަށް ދައުވަތު ދެމުންނެވެ. ނަމަވެސް ހުރިހާ ހިއްސުތަކެއް ސަލާމަތުން ހުރުމާއެކުވެސް އަޅުގަނޑުމެންނަށް ދީނަށް ކޮއްދެވުނީ ކޮން ޚިދުމަތެއްތޯ ނިކަން އަޅުގަނޑުމެންގެ އަމިއްލަ ނަފުސުތަކާއި ސުވާލުކޮށް ބަލާށެވެ.

ފައިޒުގެ ހަރަކާތްތައް ދިޔައީ މަޑުމަޑުން އަދިވެސް ކުރިޔަށެވެ. އެ ބަހުރުވައިން ބުނަމުންދިޔައެވެ.
” ތިޔަބައިމީހުން ނަމާދުތައް ދޫކުރަމުން ނަމާދުތައް އަޅަމުންދާނީ ކިހާ ދުވަހެއްވަންދެން ހެއްޔެވެ؟
ޙަރާމްތަކެއްޗަށް ބެލުން ހުއްޓާލާނީ ފަހެ ކޮންދުވަހަކުން ހެއްޔެވެ؟
ފާފަތަކަށް އަރައިގަތުމުގައި ކިހާ ދުވަހެއް ހޭދަކުރާނަން ހެއްޔެވެ؟
އަދި ޙަރާމްތަކެތި ބޭނުންކުރުމުގައި ކިހާ ދުވަހަކު ހުންނާނަމުހެއްޔެވެ؟
ޝިރުކުގެ ޢަމަލުތަކުގެ ތެރޭގައި ކިހާ ދުވަހަކު ހުންނާނަމުހެއްޔެވެ؟
ކިހާ ދުވަހެއް ވަންދެން ހެއްޔެވެ؟ ކިހާ ވަގުތެއް ވަންދެންހެއްޔެވެ؟
އަހަރެމެންނާއި ދެކޮޅަށް އަހަރެމެންގެ ދުޝްމަނުން ހަނގުރާމަ އިއުލާން ކުރަމުންދާ ދިޔުން ނުފެނޭ ހެއްޔެވެ؟
އަހަރެމެންނާއި ދެކޮޅަށް ދުޝްމަނުން ކުރަމުންދާ ހަނގުރާމައިގައި އެބައިމީހުންނަށް އެއްބާރުލުން ދެމުން ފާފަތަކުގެ ތެރޭގައި ތިޔަތިބެނީ ފަހެ ކީއްވެފައި ހެއްޔެވެ؟ ”

ލޮލަށް ނުފެންނަ އަޑުނީވޭ އަދި ވާހަކަ ނުދެއްކޭ މިޒުނާގެ މޫނަށް ބުނެދެމުން ދާ ވާހަކަތަކާއެކު އަސަރުތައް އަރާ ފައިބަމުން ދިޔައެވެ. އަޑުއަހަންތިބެ ބަލަންތިބި މީހުންނަށް ކުރި އަސަރުގެ ސަބަބުން އެންމެން ރޮމުންދިޔައެވެ. މިސްކިތްތެރޭގައި ރުއިމުގެ އަޑު ގުގުމާލާފައި ހުއްޓެވެ.

ފައިޒުގެ ދަރުސް ނިމިއްޖެއެވެ. އަދި ދަރުސް ނިމުމަށްފަހު އެންމެންނާއި ސަލާމް ކުރަމުން އެދަނީ އެއްވެސް މީހަކު ތަފާތު ކުރުމެއް ނެތިއެވެ. މުއްސަންޖެއް ފަޤީރެއް ދޮނެއްކަޅެއް ނެތިއެވެ. އަޅުގަނޑުމެންނަކީ މިފަދަ ބަޔެއްކަމުގައި ވާނެނަމައެވެ.

ހިއްސުތައް ސަލާމަތުން ހުރުމާއެކުވެސް އަޅުގަނޑުމެންނަށް މިއުޅެނީ މިކަންކަން ޙާސިލުނުކުރެވިގެންނެވެ.
މިހުރިހާ ޙިއްސުތަކެއް ސަލާމަތުން ހުރުމާއެކުވެސް އަޅުގަނޑުމެންނަށް ކަމެއްވާ އިރަށް އުއްމީދުކަނޑާލައި ދަންޖެހި މިފަދަ ކަންކަން ކުރަމުންދަނީއެވެ. އަޅުގަނޑުމެންނަށް ދުނިޔޭގެ ޙަޤީޤަތްތަކާއި އެކު މަތީގައި ބަޔާންވި ދެ ޒުވާނުން ފަދައިން އުޅެން ދަސްވެއްޖެނަމަ އުފަލުގައި އުޅުމަކީ ދަތިކަމެއްނޫނެވެ.

ދިމާވާ ދަތިތަކާއި އެކުވެސް އުޅެން ދަސްކުރުމަކީ ޙަޤީޤީ ކާމިޔާބެވެ. މަތީގައިވާ ޙާދިޘާއިން ލިބިގަންނަން ވީ އިބުރަތަކީ އެއީއެވެ. އަދި ޙިއްސުތައް ސަލާމަތުން ހުރުމާއެކު އަޅުގަނޑުމެންނަށް ތެދުމަގު ހޯދުމަށް އުޒުރުތަކެއް ނެތެވެ. ޙިއްސުތައް ނެތްމީހުން އެކަންކަން ޙާސިލުކުރަމުންދާއިރު އަޅުގަނޑުމެންނަށް އެކަން ނުކުރެވެންވީ ކީއްވެގެންހެއްޔެވެ؟ އެއީ އަޅުގަނޑުމެންގެ މައްޗަށް ހުރި ޙުއްޖަތްތަކެއްކަން ދަނެގަނެ މާތްﷲއަށް ތަޢުބާވެ ހެޔޮގޮތުގައި ނިމިގެންދާ އަދި އާޚިރަތުގައި ކާމިޔާބު ލިބިގެންވާ ބަޔެއްކަމުގައި ލައްވާށިއެވެ. އާމީން

ނިމުނީ

މަސްދަރު: ޝައިޚު މުޙައްމަދު އަރީފީ ލިޔުއްވާފައިވާ ” އެންޖޯއީ ޔުއަރ ލައިފު”
އެފޮތުން ނަގާފައިވާ ޙާދިޘާއެއް އަމިއްލަ އިބާރާތުން ލިޔެވިފައި

ގުޅުންހުރި

1 ޚިޔާލު

  1. ޞުބުޙާނަﷲ!!

Your email address will not be published. Required fields are marked *

More in ވާހަކަ