" ހަމަކަށަވަރުން، أمانة ތައް، އޭގެ أهل ވެރިންނަށް އަދާކުރުމަށް، اللَّه ތިޔަބައިމީހުންނަށް أمر ކުރައްވަތެވެ. އަދި، މީސްތަކުންގެމެދުގައި ތިޔަބައިމީހުން حكم ކުރާނަމަ، عدل އަށް حكم ކުރުމަށްވެސް، أمر ކުރައްވަތެވެ." - ސޫރަތުއްނިސާ (4:58)
ބަޔާންވެދިޔައީ ސޫރަތުއް ނިސާގެ 58 ވަނަ އާޔަތުގެ މާނައެވެ. މި އާޔަތަކީ އިސްލާމްދީނުގައި ވެރިކަމާއި ސަރުކާރު ހިންގުމާއި ބެހޭގޮތުން ބަޔާންވެގެންވާ އުސޫލުތައް ދެނެގަންނަން ބޭނުން ކޮންމެ މީހަކުމެ ނަޒަރު ހިންގާލަން ޖެހޭ މުހިއްމު އާޔަތެކެވެ. މި އާޔަތުގައި އަމާނާތަށް ރައްކާތެރިވުމަށާއި މީސްތަކުންގެ މެދުގައި ނިންމުންތައް ނިންމުމުގައި އެންމެހައި ހާލަތެއްގައިމެ އަދުލު އިންސާފުގެ މަގު ޚިޔާރުކުރުމަށް މިވަނީ އަމުރުކުރައްވާފައެވެ. ދައުލަތުގެ މަގާމުތަކަށް މީހުން އައްޔަންކުރުމާއި ވެރިކަންހިންގުމުގައި މިއާޔަތުން މުހިއްމު ފިލާވަޅުތަކެއް ލިއްބައިދެއެވެ.
އަމާނާތްތެރިކަމާއި އަދުލުވެރިކަމަކީ މުއުމިނުންގެ ޚާއްސަ ސިފަތަކުގެ ތެރެއިންވާ ކަންކަމެވެ. މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘް ބަސްފުޅެއްގައި ވެއެވެ. "އަމާނަތްތެރިކަން ނުވާ މީހާގެ އީމާންކަމެއް ނުވެއެވެ. އަދި ވައުދައް ހުރުމަތްތެރިކޮށް ނުހިތާ މީހާގެ ދީނެއް ނުވެއެވެ." (حديث صحيح رواه أحمد في مسنده) އެކަލޭގެފާނުގެ ހުރިހާ ޚުތުބާތަކެއްގައިހެން މި ޙަދީޘްފުޅު ވިދާޅުވާކަމުގައި އަނަސް ރަޟިޢަﷲ ޢަންހުގެ އަރިހުން ވާރިދުވެފައި ވެއެވެ. މި ބަސްފުޅަކީ އާންމުކޮށް އެންމެހާ މުސްލިމުތަކުންނަށް އަމާޒުކުރެވުނު ބަސްފުޅެއް ނަމަވެސް އެހެން މީސްތަކުންގެ ދިރިއުޅުމަށް އަސަރުފޯރުވޭފަދަ މަގާމެއްގައި ހުންނަ މީހަކަށް މި ބަސްފުޅު އިތުރަށް މުހިއްމުވެގެން ދެއެވެ. އެހެންކަމުން، ވެރިކަމުގެ އެންމެހާ މަގާމުތަކަކަކީ ކުފާހަމަވާ (ޝަރުތުހަމަވާ) ފަރާތްތަކާ ހަވާލުކުރެވޭ އަމާނާތެއްކަމަށް ފެށުމުގައި ބަޔާންކުޅަ އާޔަތުން ދަލީލު ލިބޭ ކަމުގައި ދަންނަބޭކަލުން ވިދާޅުވެއެވެ. ހަމައެހެންމެ، ދެފަރާތެއްގެ ދެމެދުގައި ހުކުމެއް ކުރަންޖެހިއްޖެ ހާލަތެއްގައި މުސްލިމަކު އެކަން ކުރަންވާނީ އަދުލު އިންސާފުގެ ހަމަތަކުން ކަމުގައިވެސް މިޔާތުން ސާފުވެއެނގެއެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސިޔަރަތާއި އެކަލޭގެފާނުގެ އެތައް ހަދީޘްފުޅެއް މިއާޔަތުގައިވާ ޙުކުމްފުޅުގެ މުހިއްމުކަމަށް ބާރުދެއެވެ. އެހެން ޙަދީޘްފުޅެއްގައި ވެއެވެ. "ކަމުގެ އަހުލުވެރިނޫން މީހުންނާ ކަންކަން ހަވާލު ކުރެވިއްޖެނަމަ ޤިޔާމަތަށް އިންތިޒާރު ކުރާށެވެ!" (ބުޚާރީގެ ރިވާޔަތެއް)
ދައުލަތުގެ މަގާމުތަކަށް މީހުން އައްޔަނުކުރުމާއި ވެރިކަން ހިންގުމާގުޅޭ މުހިއްމު ދެތިން އުސޫލެއް ބަޔާންވެދިއަ ޙަދީޘްތަކުން ނެރެވިދާނެއެވެ. ފުރަތަމަ އުސޫލަކީ، ބާރުވެރި މަގާމުތަކަށް މީހުން ހަމަޖެއްސުމާއި އެމަގާމަށް އައުމަށްފަހު، އެމީހުން އަމަލުކުރާގޮތަކީ ދީނީކަންކަމެވެ. ދީނާއި ދައުލަތް ވަކިކުރުމަކީ އިސްލާމީ އުސޫލުތަކާއި ޚިލާފުކަމެކެވެ. ދެވަނަ އުސޫލަކީ، މިދަންނަވާ މަގާމުތަކަކީ މީސްތަކުންގެ ހައްގެއްނޫންކަމެވެ. އެހެނެއްކަމަކު، އެއީ ﷲ ސުބުޙާނަހުވަތަޢާލާގެ އެންގެވުންތަކާ އެއްގޮތްވާގޮތުގެމަތިން އެންމެހާ މީސްތަކުންނަށް އަދުލުވެރިކަމާއެކު ޚިދުމަތްކުރުމަށް ހަވާލުކުރެވޭ އެއިލާހުގެ އަމާނާތެކެވެ. ތިންވަނަ އުސޫލަކީ، މިދަންނަވާ މީހުންނަކީ ހެޔޮލަފާ ބައެއް ކަމުގައި ވާންޖެހުމެވެ. އެހެނީ، މުޖުތަމައުގެ ހެޔޮލަފާކަން ބިނާވާނީ އެކަމުގެ މައްޗަށް ކަމަށްވާތީއެވެ.
އިސްވެދެންނެވި އުސޫލުތަކަށް ފިކުރުހިންގާލުމުން، އިސްލާމީނިޒާމާއި ދުނިޔޭގެ ކަންކޮޅުތަކުގައި މަޝްހޫރުކުރެވެމުންދާ ވެރިކަމުގެ ނިޒާމެއްކަމުގައިވާ ޑިމޮކްރަސީގެ ފަރަގު ވިސްނެންފަށައެވެ. ޑިމޮކްރަސީގައި ސަމާލުކަން ދެވެނީ ވެރިކަމަށް މީހުން ހޮވުމުގެ ކަމާކެމީގެ މައްޗަށެވެ. މިއާޚިލާފަށް އިސްލާމް ދީނުގައި ސަމާލުކަން ދެވެނީ މިހޮވޭ މީހުންގެ ސަބަބުން ނިކުންނަ ނަތީޖާއަށެވެ. ޑިމޮކްރެސީގައި އެނިޒާމުގެ ވެރިންހޮވުމުގެ ކަމާކެމީގެ މޮޅުކަމުގެ މައްޗަށް ބޮޑު ދައުވާއެއް ކުރެވެއެވެ. ނަމަވެސް ގަބޫލުކުރަންޖެހޭ ހަގީގަތަކީ މިފަދަ ކަމާކެންމަކީ ވަގުތާއި ހާލަތާއެކު އަބަދުވެސް ބަދަލުވަމުންދާނެ ކަންކަންކަމެވެ. ޑިމޮކްރަސީގެ ނަމޫނާ ގައުމުތަކުގެ ލިސްޓުގެ ކުރީގައި ހިމެނޭ ދެގައުމަކީ އެމެރިކާ އަދި އިނގިރޭސިވިލާތެވެ. ސަރުކާރުގެ އެންމެ އިސްވެރިޔާ އާއި މަޖުލިސް މެންބަރުން ހޮވުމުގައި މި ދެގައުމުގައި ބޭނުންކުރަނީ ތަފާތު ދެ ނިޒާމެވެ. ހަމަ އެހެންމެ، މި ދެ ނިޒާމަށް ވެސް ވަނީ ޒަމާނާއެކު އެކިދުވަސްވަރު އެކިވަރުގެ ބަދަލުތައް އައިސްފައެވެ. މީގެ އިތުރުން، އެމެރިކާގެ ޑިމޮކްރަސީގެ ވިދުންތަކަށް ހިތްޖެހިފައިވާ ކޮންމެމީހަކު ވެސް ދެނެގަތުން ބޭނުންތެރި ތާރީޚީ ހަގީގަތެއް ބަޔާންކޮށްލާހިތްވެއެވެ. މަދުބަޔަކު ދަންނަ އެހަގީގަތަކީ އިނގިރޭސިންގެ އަޅުވެތިކަމުން އެމެރިކާ މިނިވަންވުމާއެކު އެމިނިވަންކަން ހޯދައިދެއްވި ބަތަލު ޖޯޖް ވޮޝިންޓަން އަރިހުން އެމެރިކާގެ ގިނަ ރައްޔިތުން އެދުނީ ރަސްކަމެއް ގާއިމުކޮށް ރަސްކަމަށް އިސްވެވަޑައިގަތުމަށެވެ. މިއަދު ދުނިޔޭގެ އެންމެ ނަންހިނގާ ޑިމޮކްރަސީގެ ގޮތުގައި އޮތް އެމެރިކާ އެދުވަހު ރަސްކަމުގެ ނިޒާމު ޚިޔާރުނުކުރީ އެއީ އިނގިރޭސިވިލާތުގައި ވެސް އޮތް ވެރިކަމުގެ ނިޒާމުކަމަށް ވުމާއެކު "އިނގިރޭސި ތަކެއްޗަށް" އޮތް ރުޅިވެރިކަމެއްގެ ސަބަބުންނެވެ.
އެންމެ މުހިއްމު ކަމަކީ އިސްވެދެންނެވި ކަމާކެމިން ނުކުންނަ ވެރިމީހާ ނުވަތަ ހިންގުންތެރިޔާ އަކީ ކޮންކަހަލަ މީހެއްތޯ ބަލައި ސުވާލުކުރުމެވެ. މިސުވާލު ކުރެވޭހިނދު ޑިމޮކްރަސީ ބޭނުންކުރަނީ ހަނުހުރުމުގެ ހައްގެވެ. ޑިމޮކްރަސީ ބޭނުންވަނީ އިންތިޚާބު ކުރެވޭ (ވޯޓު އަޅައިގެން ހޮވޭ) ސަރުކާރެކެވެ. އިސްލާމީފިކުރު މިކަމުގައި މިއަށްވުރެ ތަނަވަހެވެ. އިސްލާމްދީނުގައި އަންގަވާފައިވަނީ އަދުލުވެރި ސަރުކާރެއް ގާއިމުކުމަށެވެ.
ވިސްނަވާށެވެ. އިންސާފުވެރި އިންތިޚާބުތަކުން އަނިޔާވެރި (ޚިޔާނާތްތެރި) ވެރިން އިންތިޚާބުވާ ހާލަތަށް ވިސްނަވާށެވެ. ޑިމޮކްރަސީ މި ހާލަތަށް އެކަށޭނަ ހައްލެއް ދައްކައިދީފައެއް ނުވެއެވެ. ޖޭމްސް މެޑިސަން ފަދަ އެމެރިކާގެ ޅަފަތުގެ އަހަރުތަކުގެ ސިޔާސީ ލީޑަރުން ދައުވާކުރައްވާފައިވަނީ "ހެޔޮލަފާ ، ހިކުމަތްތެރި ވެރިން އިންތިޚާބުކުރުމަށްޓަކައި ބޭނުންވާ ހެޔޮލަފާކަމާއި ވިސްނުންތެރިކަން ރައްޔިތުންގެ ކިބައިގައި ހުންނާނެ" ކަމުގައެވެ. ނަމަވެސް، އެމެރިކާގެ ދެގަރުނަށް ވުރެ ދުވަސްވީ ސިޔާސީ ހަޔާތް ދައްކައިދެނީ މި ދައުވާގެ ތާކުންތާކުނުޖެހޭކަމެވެ. ކައިރި މާޒީއަށް ބަލާއިރު، ދޮގުވެރިއެއްކަން ސާބިތުވެ ބަދުއަޚުލާގީ އަމަލު ހިންގިކަން އާންމުކޮށް އެނގިފައިވާ ބޭފުޅަކު(ބިލް ކްލިންޓަން) އެމެރިކާ ދައުލަތުގެ އެންމެ އިސްވެރިޔާގެ މަގާމު އަދާކޮށްފައި ވެއެވެ. ރައްޔިތުން އެކަމާ ކަންބޮޑުވެގެން އުޅެފައެއް ނުވެ އެވެ. ހެޔޮލަފާކަމުގެ ލާމަސީލު މިސާލެއް ދޮގެއްތޯ އެވެ؟!!!
އަދިވެސް ވިސްނަވާށެވެ. ޑިމޮކްރަސީގެ ސަރުކާރުތަކުގެ ވެރިން އަނިޔާވެރި ވެރިންނަށްވެ އިންސާނިއްޔަތާ ދެކޮޅަށް ބޮޑެތި ޖަރީމާތައް ހިންގާގޮތް ތަސައްވުރުކޮށްލައްވާށެވެ. ހަމައެކަނި ވޭތުވެދިޔަ ގަރުނުގެ ތާރީޚަށް ބަލާލިއަސް ފުދޭނެއެވެ. މިހާތަނަށް ހަނގުރާމައެއްގައި ފަނާކުރަނިވި ނިއުކުލިއަރ ހަތިޔާރު ބޭނުންކޮށްފައިވާ ހަމައެކަނި ގައުމަކީ ފާލުންނެއްޓިފައިވާ، ޚުދުމުޚުތާރު ވެރިކަމެއް އޮތް ގައުމެއްނޫނެވެ. އެހެނެއްކަމަކު، އެއީ ދުނިޔޭގެ އެއްނަންބަރު ޑިމޮކްރަސީއެވެ. ދުނިޔޭގައި ހިނގާފައިވާ އެންމެ ބޮޑު ދެ ހަނގުރާމައިގައި އެއްބަޔަކު އަނެއްބަޔަކާ ދެކޮޅަށް އެންމެ ބޮޑެތި ޖަރީމާތައް ހިންގާފައިވަނީ މައިގަނޑުގޮތެއްގައި ޔޫރަޕުގެ ޑިމޮކްރެޓިކް ސަރުކާރުތަކުންނެވެ. ފަހުގެ ތާރީޚެއްގައި ބޮސްނިޔާ އާއި ކޮސޯވޯގައި ހިނގާދިޔަ އިންސާނިއްޔަތާ ޚިލާފް ޖަރީމާތައް ހަނދާނަށް ގެންނަވާށެވެ. އެ ގަތުލުއާންމުތަކުގެ މޭސްތިރިއަކަށް ހުރި ސާރބިޔާގެ ރައީސަކީ އިންތިޚާބުކުރެވުނު ލީޑަރެކެވެ. ކަޝްމީރުގައި އިންޑިޔާއިން ހިންގަމުންދާ ޖަރީމާތަކުގެ ޚަބަރުދަބަރު މަދެއްކަމަކު އޭގެ ސީރިއަސްކަން ވަކި ކުޑަތޯއެވެ؟ މިއާއެކު ދުނިޔޭގެ ޑިމޮކްރެޓިކު ގައުމުތައް އިންޑިޔާއާމެދު ރުހިފައި އެތިބެނީ އިންޑިޔާއަކީ ޑިމޮކްރަސީއެއް (ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރެސީ) ކަމުގައި ވާތީއެވެ. އަދި، ބައެއްގެ ބިން ފޭރިގަނެ، އެބިން ކޮންޓުރޯލު ކުރުމަށްޓަކައި އެތާނގެ ވަޒަންވެރިންނަށް ތާއަބަދު ދަތިކަމާއި އަނިޔާދީ، މަކަރާއި ހީލަތް ހަދަމުންދާ ގައުމެއް ދެނެލައްވަމުތޯ އެވެ؟ ހައްދުފަހަނައަޅާފައިވާ އިޒްރޭލެވެ. ނަމަވެސް، ތާއަބަދު ދުނިޔޭގެ މީޑިޔާތަކުން އަޅުގަނޑުމެންނަށް ހަނދާން ކޮށްދެނީ އިޒްރޭލަކީ މެދުއިރަމަތީގައި އޮތް ހަމައެކަނި ޑިމޮކްރަޓިކު ގައުމު ކަމުގަ އެވެ. މިދެންނެވި މިސާލުތަކަށް ކަޅިހިންގެވުމަށްފަހު ޖަވާބެއް ދެއްވާށެވެ. ޑިމޮކްރަސިއޭ މިކިޔާ ވެރިކަމުގެ ނިޒާމަކީ ކޮންކަހަލަ ނިޒާމެއްތޯ އެވެ؟
މިހައިތަނުން، އެމެރިކާގައި އޮތް ޑިމޮކްރަސީގެ ރިޕޯޓުފޯމަށް ވެސް ބަލާލަމާތޯއެވެ. ނަތީޖާ އަކީ ހަމަ އެކައްޗެކެވެ. ވެރިކަމުގެ ހަގީގީ އާރާއިބާރުވަނީ ބިޔަ ކުންފުނިތަކާއި މަހުޖަނުންގެ އަތުގައެވެ. އެކަށޭނަ މައުލޫމާތާއެކު ނިންމުން ނިންމާ ރައްޔިތެއް ފެނުމުގެ ބަދަލުގައި ފެނިގެންދަނީ މީޑިޔާއިން އަނބުރާ ގޭސްގަނޑުތަކުން ޖަޒުބާތުގައި ޖެހިތިބެ ނިންމުން ނިންމާ ރައްޔިތެކެވެ. ހަމަ މިޖަޒުބާތު ނިޒާމުގެ ބާރުން ރައްޔިތުން ދަނީ "ރައްޔިތުންގެ ވެރިކަމެއް"ގެ އަވާމެންދުރެއް ހަގީގަތެއް ކަމުގައި ބަލައިގަންނަމުންނެވެ. މީގެ އެއް ނަތީޖާއަކީ، ދުނިޔޭގެ އެންމެ މުއްސަނދިކަމަށް ބުނެވޭ ގައުމުގައި އިންތިހާދަރަޖައިގެ ފަގީރުން ދިރިއުޅެމުންދާ ސަރަހައްދުތައްހުރުމެވެ. ގައުމުގައި އުފައްދާ ކާނާގެ މިންވަރު ގިނަކަމުން އެއަށްހަދާނެ ނަހަދާނެގޮތެއް ނޭނގޭހައިވެއެވެ. މިއާއެކު، ބަނޑުހައިހޫނުކަން ތަހައްމަލުކުރަމުންދަނީ ނުވަތަ ކުނިގޮނޑުން ހޮވައިގެން ކައިބޮއި ހަދަމުންދަނީ ކިތަށް މީހުންތޯއެވެ! އަދި ކޮބައިތޯއެވެ؟ މިމައްސަލައަކީ ވެރިކަން ހިންގުމުގެ ނިޒާމާ ގުޅުންހުރި މައްސަލައެއްކަން ގަބޫލުކުރާ މީހަކު އަމުދުން ނެތެވެ. މިކަމާ ފިކުރުބޮޑުވެ ރޭނިދިން މަހުރޫމުވާ މީހަކުނެތެވެ. ފަހަރެއްގައި މިފަދަ މީހަކު ހުރެދާނެކަމަށް ބެލިކަމުގައި ވިއަސް، އިންތިޚާބުކޮށްފައިތިބި ވެރިންގެފަރާތުން ޔަގީނުން ވެސް މިފަދަ ނިޝާނެއް ވެސް ނުފެނެއެވެ.
އިސްލާމީ ޚިލާފަތުން ފެނިގެންދަނީ މިއާ ޚިލާފު މަންޒަރެކެވެ. ޢުމަރު ރަޟިޢަﷲ ޢަންހު ބިރުވެތިކަމާއި ހިތާމައާއެކު ވިދާޅުވެފައިވަނީ ކީކޭތޯއެވެ؟ "ފުރާތުކޯރުގެ އައްސޭރީގައި ކުއްތާއެއް ފެންބޮވައިގަނެގެން މަރުވިކަމުގައި ވިއަސް ﷲގެ ޙަޟުރަތުގައި އެކަމާއިމެދު ޖަވާބުދާރީ ވުމަށް ނުކުޅެދިދާނެކަމާމެދު އަހުރެން ބިރުވެތިވަމެވެ" މިފަދައިންނެވެ.
ޝައްކެއްނެތެވެ. ޑިމޮކްރަސީގެ މަޝްހޫރުކަމާއި މަގުބޫލުކަން ވަނީ އިންތިހާގައެވެ. ނަމަވެސް، ހަގީގަތުގައި މިއިން ދޭހަކޮށްދެނީ ޑިމޮކްރެސީ ނުފުއްދި (ނުވަތަ އޮޅުވާލި) ވައުދުތައް ކަމަށްވާ އަދުލުއިންސާފާއި، ހެޔޮ ވެރިކަން ފަދަ ކަންކަމަށް މީސްތަކުން ފެންބޮވައިގެންފައިވާ މިންވަރެވެ. ޑިމޮކްރަސީ ހަރަކާތްތައް ފެށިގެން އަންނަނީ ޚުދުމުޚުތާރު ވެރިންގެ އަނިޔާވެރިކަން ނިމުމަކަށް ގެނައުމުގެ މަތިވެރި މަގްސަދާއި ވައުދާއެކުގައެވެ. އެހެންނަމަވެސް، އިލާހީ ހިދާޔަތަށް ފުރަގަސްދޭ އެހެންވެސް އިސްލާހީ ހަރަކާތްތަކަށް ވާހެން ޑިމޮކްރަސީގެ ހަރަކާތަށް ވެސް މަގްސަދު ހާސިލުވާގޮތެއް ނުވެއެވެ. ވައުދު ފުއްދޭގޮތެއް ނުވެއެވެ. މިދަންނަވާ މަގްސަދުތައް ނުވަތަ މީސްތަކުންގެ އުއްމީދުތައް ހާސިލުކުރެވޭނެ ހަރަކާތަކީ އިސްލާމީ ހަރަކާތްކަން އިންސާނުން އެބަ ގަބޫލުކުރަން ޖެހެއެވެ. އެހެން އިންސާނުންނަށް ވުރެ ކުރިން މިހަގީގަތަށް ވާސިލުވާންޖެހޭ ބަޔަކީ މިއަދު މިދުނިޔޭގައި ބިލިއަނުން އަދަދު ޖެހޭ މުސްލިމުންނެވެ. އާދެ! އަޅުގަނޑުމެންނެވެ. ހިތާމައަކީ މިއަދު އަޅުގަނޑުމެންގެ ސިކުނޑިތައް ޑިމޮކްރަސީގެ ބަސްކޮށާރުގައި ހައްޔަރުވުމެވެ. ޑިމޮކްރަސީ 'ޅަފަތުގައި ގެނެސްގެން އެއަށް ފެންދީ، ކާންދީ، 'ބޮޑުކޮށް ހައްދައިގެން' މި ކުރަންއުޅޭ ކަންކަމުން ހަގީގީ ނަތީޖާއެއް އެބަ ނުކުމޭތޯއެވެ؟ ޑިމޮކްރަސީގެ ބަސްކޮށާރުގައި އަޅުގަނޑުމެންގެ ސިކުނޑިތައް ހައްޔަރުވުމުގެ ނަތީޖާއަކީ އިންތިޚާބުގެ ކަމާކެމީގެ މައްޗަށް އަޅުގަނޑުމެންގެ ސަމާލުކަން ހުއްޓުމެވެ. އަދުލުވެރި ވެރިކަމެއް ގާއިމުކުރުމުގެ މުހިއްމުކަމާމެދު ވިސްނައިނުލެވުމެވެ. ކާމިޔާބީގެ ބޮޑުމަންޒަރު ފެންނާނީ ރަނގަޅު ދިމާލަށް ސަމާލުކަން ހުއްޓުނުހައި އަވަހަކަށެވެ
.
ތަރުޖަމާ: ސިނާން އަބްދުލް ގައްޔޫމް
މަސްދަރު: ލިންކް

















ކުޅިވަރާއި ޒުވާނުންގެ ކަންކަމަށް އިސްކަންދޭ ސަރުކާރެއްވީމަ ކުޅިވަރާއި ބެހޭ މިނިސްޓަރަށް ދަންނަވާލަން އޮތީ މާފަންނު ސްޓޭޑިޔަމްގައި އަންހެން ކަބަލުންނަށް ކަސްރަތު ކުރާނެ ދުވެލާނެ ވަކި ޓުރަކެ ހަދާ ަންހެން ބޭފުޅުންނާއި ފިރިހެން ބޭފުޅުންނަށް ވަކިން ކަސްރަތުކޮށް ކުޅިވަރު ކުޅެވޭނެ ގޮތަކަށް އިންތިޒާމް ކުރެވިއްޖެނަމަ މިހާރު އެއުޅޭގޮތަށް ދެޖިންސު މަސްހުނިވެގެން އުޅޭކަށެއް ނުޖެހިވެސް ކަސްރަތުކޮށް ދުވެލާ ހެދުމަށް މާރަގަޅުވާނެކަން!
ދީނީ ކަންކަމަށްވެސް އަހައްމިޔަތުކަން ދޭސަރުކާރަކަށްވާތީ އިސްލާމިކް މިނިސްޓާޔަށް ދަންނަވާލަން އޮތީ މާލޭގެ މިސްކިތްތަށް ވީހާވެސް އަވަހަކަށް އެއާރކޯން ކޮށް ދެއްވާ އެތަނަކީ ޒުވާނުން އަޅުކަން ކކުރަންވެސް ފަސޭހަތަނަކަށް ހައްދަވާ ދެއްވާށޭ!
ދިރިއުޅުމާއި ބޯހިޔާވަހިކަން ހޯދަދޭން އުޅޭ ސަރުކާރަކަށްވާތީ ހައުސިން މިނަސްޓާރޔަށް ދަންނަވާލަން އޮތީ ބޭކާރު މައުލޫމާތު ޖަމާކުރަން ނަހަދާ ވީހާވެސް އަވަހަކަށް ޒުވާނުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭށޭ!
ތައުލީމީ ވަޒީރަށް ދަންނަވާލަން އޮތީ އިސްލާމް ދީނުގެ ގިއުގަނޑުގެ ތެރެއިން ތައުލީމާއި ތަރުބިއްޔަތު ކުރުމަށް އެކަށެނެ މުދައްރިސުން ސްކޫލް ތަކުގައި ގެންގުޅޭށޭ!
ސިއްހަތާއި ބެހޭ ވަޒީރަށް ބުނެލަން އޮތީ ރައްޔިތުންގެ ސިއްހީ ދުޅަހެއުކަމަށް ކުރަންޖެހޭ ކަންކަން ދިރާސާޖޮށް ބޭސްފަރުވާގެ ކަންކަން ރަގަޅު ގޮތުގައި ހަމަޔާއި އިންސާފުން ހުރިހާ ރައްޔިތުން ފޯރުކޮށް ދޭށޭ!
not bad
23-12-2011 ގައި އާޓިފިޝިއަލް ބީޗްގައި އިސްލާމިކް މިނިސްޓާރ ޑރ މުހައްމަދު ޝަހީމް ލާދިން ހުވާ ކޮބައިތޯ؟ އެހުވާ ކުރި ފަހުލަވާނުން ކޮބައިތޯ؟ ޤައުމާއި ދީނަށްޓަކައި އެމީހުން ކުރި ހުވާކޮބައިތޯ؟
ސިޔާސީ ފިކުރީ މަޒުހަބީ ތައައްސުބުން އެއްކިބާވާން ޖެހޭ، ކޮންމެ މީހެއްގެ ކިބައިގައި ރަގަޅު ކަމާއި ގޯސްކަން ހުންނަފަދައިން، ކޮންމެ ސަރުކާރެއް ގައިވެސް ރަގަޅު ކަންތަކާއި ނުރަގަޅުކަންކަން ހުންނާނެ، ބެލެންސު ކުރުމުގައި މިބަލަނީ ރަގަޅު ކަންކަންގިނަ ވުމަކީ އެސަރުކާރު ނުވަތަ އެމީހަކު ރަގަޅު ކަމުގައި ބެލުން، އެއްވެސް މީހަކު މިމަގުން އެއްކިބާވެ ކޮންމެ މީހަކީ އެއްވެސް ރަގަޅު ކަމެއް ނެންމީހެއް ކަމުގައި ނުވަތަ އެއްވެސް ސަރުކާރަކީ އެއްވެސް ރަގަޅުކަމެއްނެއް ސަރުކާރެއް ކަމުގައި ދުށުމަކީ ޖާހިލު ކަމާއި އަނިޔާވެރިކަން!
ވަރަށް ރަގަޅު ވާހަކަ ތަކެއް ކިޔައި ނިމިއްޖެ! ތަރުޖަމާ އަކަށް ވީހިނދު ހުންނަށްވީ ފޮނިކަން ފުރިހަމަ ނުވިއެއްކަމަކު ގެނެސް ދެއްވާފައި ތިވަނީ ވަރަށް ރަގަޅު ނަޞޭހަތެކެވެ. މިއަދުގެ މީހުން ޢިބްރަޔް ޙާޞިލް ކުރަން ޖެހޭވަރުގެ ފިލާވަޅެކެވެ. ޙަޤީޤަތާއި ދުރަށް ޖެހި އަވާމެންދުރަށް މުޑިނަގައިގެން ތިބޭ މީހުން ހޭލަންވެއްޖެ ކަމުގެ މެސެޖެކެވެ. މަޢުރިފާ ވެރިކަމުގެ ޢިލްމުގެ އަލިކަންގެއްލި، އަނދިރި ތަޢުލީމުގެ ޖާހިލުކަމުގެ ކަނު އަނދިރީގައި ވާ ވަދެފައިވާ މި ކުޑަކުޑަ ރާއްޖޭގެ މީސްތަކުން ނީދީން ހޭލައިތޯ ތިފަދަ ލިޔުއްވުން ތަކުން މި ދީބު މުއްސަނދި ކުރެވޭތޯ ގަދައަޅައި މަސައްކަތް ކޮށްދެއްވާށެވެ. އެހެނީ ރާއްޖެ މިހާރު މިވަނީ އަނިޔާ ވެރިކަން އުފަލަކަށް ހަދައި ޖާހިލުކަން ޢިލްމަކަށް ހަދާފައެވެ. ނިކަން ދެކޭށެވެ. ރެއަކު މީހަކު ރެއަކު މީހަކު މަރަމުން މަރަމުން އައިސް ޖެހިޖެހިގެން ތިންމީހުން ތިންރޭ މަރައި ލުމާއި ގުޅިގެން ހަތަރުވަނަރޭ އޮތީ އެކަމުގެ އުފަލުގައި އެހެންނަމެއްގައި ހަވައި އަރުވައި އުފާކުރުމުގެ ޙަފުލާއެކެވެ. އޭރު ޤައުމުގެ މީސްތަކުން ތިބީ ފުންހިތާމަޔާއި ބިރުވެރިކަމުގެ ތެރޭގައެވެ. މިހެން ތިއްބައި ފެނުނީ ރަސްމީކޮށް އުފާކުރަން ފެށިތަނެވެ. އެހެންވިމާ ތި ވިދާލުވި ޑިމޮކްރަސީ އަހަރުމެން މިތިބީ ވަރަށް ރަގަޅަށް ބަލައިގެންފައެވެ. ޝުކުރިއްޔާ!!!