ރިޕޯޓް

މުސްލިމަކާއި އެކު ވިޔަފާރި ކޮށްގެން އަހަރެން އިސްލާމްވީ ކީއްވެ؟ ( ފަހު ބައި )

މިއީ އިސްލާމް ދީނަށް މީހުންގެ ހިތް ލަންބުވާ އެއް ސަބަބެވެ. އަހަރެންގެ ހިތްވެސް އިސްލާމް ދީނަށް ލަންބުވާލީ މުސްލިމުންގެ އަޚުލާޤުގެ ސަބަބުންނެވެ.

އަހަރެން އިސްލާމް ދީނުގެ އަސާސީ ކަންކަން ދަސްކުރަން ފެށީމެވެ. އިސްލާމް ދީނާއި މެދު އުނގެނެމުންދިޔަ ވަރަކަށް އިތުރަށް އުނގެނުމަށް ޝައުގުވެރިވަމުންދިޔައެވެ. ޤުރުއާންގެ ތަރުޖަމާއާއި އިސްލާމް ދީނާއި ގުޅުންހުރި ލިޔުންތައް ކިޔަމުން ދަސްކުރަމުން ދިޔައީމެވެ.

އަހަރެމެންގެ ތެރެއިން މަދު މީހަކަށް ނޫނީ އަހަރެން އިސްލާމް ދީނާއި ބެހޭ ގޮތުން ކިޔަވަމުންދާކަން ނޭނގޭނެއެވެ. މުސްލިމުންނާއި ހާއްސަކޮށް ކްރިސްޓިއަން އަދި ޔަހޫދީ ރައްޓެހިންގެ ނުފޫޒެއް މިކަމަށް ފޯރުވާކަށް ބޭނުމެއް ނޫނެވެ.

ދުވަސްތައް ފާއިތުވަމުންދިޔައެވެ. އިސްލާމް ދީނާއި މެދު އަހަރެން ދަސްކުރިވަރަކަށް ދަގައްފާނެއްހެން އަހަރެން ދިޔައީ އިސްލާމް ދީނާއި ގާތްވަމުންނެވެ. އަހަރެންނަކީ އިސްލާމް ދީނަށް ތަބާވާ މީހެއްކަމުގައިނުވިޔަސް އަހަރެން ސޫރަތުލް އިޚްލާސް ހިތުދަސްކުރީމެވެ. އަދި އެސޫރަތް އަމިއްލައަށް ކިޔަވަމުން ދިޔައީމެވެ. އޭގެ އިތުރުން ފޮތްތައް ބަލައިގެން ނަމާދު ކުރާ ގޮތްވެސް ދަސްކުރީމެވެ.

ޗުއްޓީއަށް ޤުރުއާނާއިއެކު:
ޗުއްޓީއަށް އަހަރެން ދިޔައީ ޤުރުއާން ތަރުޖަމާއެއް ހިފައިގެންނެވެ. ޗުއްޓީ ހޭދަކުރަން ދިޔައީ ބޭރު ގައުމަކަށް އެކަންޏެވެ. ހަތަރު ދުވަސް ފަހުން އަހަރެން ވަރަށް ބޮޑަށް ބަލިވިއެވެ. 1 މަސް ދުވަހު ހޮސްޕިޓަލުގައި އެނދުމަތި ކުރެވިފައި އޮތް އިރު އަހަރެން ދިޔައީ ހިކެމުންނެވެ. ހަށިގަނޑުގެ ވަރު ދިޔައީ ދުވަހެއް ދުވަހަށް ދަށްވަމުންނެވެ.

މިހާލުގައިވެސް އަހަރެން ދިރި މިހުރީ އަހަރެން ނުނިންމާ ހުރި މަސައްކަތެއް ނިންމުމަށް ފުރުސަތު ދިނުމަށްކަމަށް އަހަރެންގެ ހިތަށް އަރަމުންދިޔައެވެ. އަހަރެން އިސްލާމް ނުވިނަމަވެސް އަހަރެން އިސްލާމް ވާން ބޭނުންކަން އަހަރެންނަށް އިހްސާސް ކުރެވެއެވެ.

އަދި މިއީ އަހަރެން ހޭލައްވާލުމަށް ކަލާނގެ ފަރާތުން ކުރިމަތިކުރުވި އިމްތިހާނެއްކަން އަހަރެންނަށް އިހްސާސް ކުރެވުނެވެ. ތެދެކެވެ. ދިރިއުޅުމަކީ ބޭނުންހާ އިރަކު ކުރަން މަޑުކުރާ ވަރަށްވުރެ ކުރު އެއްޗެކެވެ. މާދަމާ އަންނާނެކަންވެސް އަހަރެމެންނަށް ޔަގީނެއްނޫނެވެ.

އަހަރެން ކެނެޑާއަށް އެނބުރި އައިތާ 2 ހަފްތާ ފަހެވެ. "އަލްހަމްދުﷲ" އަހަރެން އިސްލާމް ދީން ޤަބޫލު ކުރީމެވެ. "އަލްހަމްދުﷲ" އަހަރެން ޝަހާދަތުގެ ދެކަލިމަ ކިޔުމުގެ ކުރިން މަރެއް ނުވިއެވެ. ﷲއަށް ހަމްދު ކުރަމެވެ. މާތްﷲ އަކީ ރަހީމްވަންތަ ރަސްކަލާނގެއެވެ. އެކަލާނގެއީ އިންސާނުންނަށް ފުރުސަތު ދެއްވާ އެކި ގޮތްގޮތުން އެފުރުސަތުގެ ބޭނުން ކުރުމަށް އިޝާރާތް ކުރައްވާ އިލާހެވެ.

އިސްލާމް ދީން އެއީ ބޭހެއް ފަދަ އެއްޗެކެވެ. އޭގެ ސަބަބުން އިންސާނާގެ އުޅުމާއި ގުޅުން ބަދަލު ކޮށްލައެވެ. އިސްލާމް ދީނަކީ ހައްޤު ދީނެވެ. ޤުރުއާން އަކީ އިންސާނާއަށް ހިދާޔަތް ދައްކައިދެނިވި ވަސީލަތެކެވެ. އެޤުރުއާނުން އަހަރެން ބޭނުންވި ހުރިހާ ސުވާލުތަކަށް ޖަވާބު ލިބިގެންދިޔައެވެ.

ޝައްކުތައް ފިލުވައިދީ އިތުރު ކަންތައްތަކެއް އެ ޤުރުއާނުން އަންގައި ދިނެވެ. މިދީން، އާދެ! އިސްލާމް ދީނަކީ ހައްޤު ދީންކަމާއި ސާފު ސީދާ ތެދުމަގުކަން އަހަރެންނަށް އެނގުނީތީ މާތްﷲއަށް ހަމްދު ކުރަމެވެ. އަޅަމެން އެންމެނަށް ތެދުމަގު ދައްކަވާތޯ އަހަރެން ﷲގެ ހަސްރަތަށް ދުއާ ކުރަމެވެ. އާމީން!

ނިމުނީ

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ރިޕޯޓް