އަހަރެންނަކީ އުމުރުން 10 އަހަރުން ފެށިގެން ބައިބަލް ކިޔަވަމުން އަންނަ މީހަކީމެވެ. ޓޭޕް ރިކޯޑަރަކުން ބައިބަލް ޖަހައިގެން އަޑު އަހަމުންދިޔައީ އޭގައިވާ އެއްޗެއް ފަހުމް ވޭތޯއެވެ. އަދި ކޮންމެ އާދިއްތަ ދުވަހަކު ޓީވީއިން ކެތޮލިކް ދީނީ ޕްރޮގްރާމްތައް ބެލުމާއި ރޫހާނީގޮތުން ވަރުގަދަ ވެވޭތޯ ބެލީމެވެ.
މިހެން އެތައް އަހަރުތަކެއް ވޭތުވަމުން ދިޔައެވެ. އަހަރެން މިކަންތައްތަކާއި އުޅެ ވަރުބަލިވެއްޖެއެވެ. މިކަންތައް ދާގޮތުން ފޫހިވެ އުންމީދު ކެނޑުނެވެ. އެހެނީ ބައިބަލް ކިތައްމެ ވަރަކަށް ކިޔަސް އޭގައިވާ އެއްޗެއް ފަހުމް ނުވުމުން ބައިބަލް ދެކެވެސް ފޫހިވީއެވެ. ބައިބަލް ކީ ކަމުގައިވިޔަސް ވާނުވާ ނޭނގޭނެކަމަށް ނިންމީމެވެ.
ބައިބަލް ކިޔުމުގައި އަހަރެންނަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ބައިބަލްގައިވާ ވާހަކަތަކާއި ފާދިރީންނާއި ދީނީ ދަންނަ މީހުންގެ ވާހަކަތައް ތަފާތުވުމެވެ. އާންމުކޮށް އެނގޭ ބައެއް ވާހަކަތަކާއި ބައިބަލްގެ ވާހަކަތަކާއި ދިމާނުވުން މީގައި ކޮންމެވެސް މައްސަލައެއް އުޅޭކަން ހީވީއެވެ.
އަދި މިހުރިހާ ދުވަހު މިކިޔަވަމުންދާ ފޮތުގައި މައްސަލަތަކެއް ވާކަން އަމިއްލަ ނަފްސު ބުނަމުން ދިޔުމުން ހައްޤުގޮތް ހޯދުމުގެ ޝައުގުވެރިކަން އުފެދުނެވެ. އެހެންކަމުން އަހަރެންގެ ދީނަށް ޖޯކު ޖެހެން ފެށުނެވެ.
ބައިބަލް ކަމަކު ނުދިޔަ:
ޒުވާން ޖޯޝު ހުރި ދުވަސްވަރެވެ. އަހަރެންނަށް ދީނާއި މެދު ކުރެވެމުން އައި ޝައްކުގެ ތެރޭގައި ޤަބޫލު ކުރެވުނު އެއްކަމެއް އޮތެވެ. އެއީ ކަލާނގެއެއް ވާކަމުގެ ޔަގީން ކަމެވެ.
އެކަނލާންގެ އަކީ އީސާގެފާނުތޯ އެހެން ފަރާތެއްތޯ އެއީ ކުރެވޭ ޝައްކެކެވެ. ޒުވާން އުމުރުގައިވެސް ހައްޤު ދީނާއި މެދު އޮތް ޝައުގުވެރިކަމުން، އަހަރެންގެ ނަފްސު ނޭނގޭ ބާރަކުން "އިސްލާމް ދީން" ކިޔާ ދީނަކާއި ދިމާއަށް ގެންދިޔައެވެ.
އިސްލާމް ދީން ތަޢާރަފްވުން:
އަރެންނަށް ފުރަތަމަ މުސްލިމަކު ތަޢާރަފްވީ ވިޔަފާރީގެ މުޢާމަލާތެއްގެ ތެރެއިންނެވެ. އެމީހުންގެ ހިތްހެޔޮ އިޚްލާސްތެރި މަރުޚަބާގެ ސަބަބުން އަހަރެންގެ ހިތް ފަތަޙަ ކުރިއެވެ. އެމީހުން "ﷲ" ހަނދުމަ ކުރުމުގައި އަވަސްވާ ގޮތް ފެނިފައި އަހަރެން ހައިރާންވިއެވެ.
"އަލްހަމްދުﷲ" އަދި "އިންޝާﷲ" ފަދަ ބަސްތަކުން އަބަދުވެސް އެމީހުން ތިބެނީ އެމީހުންގެ ކަލާންގެ ﷲ ހަނދުމަ ކުރުމުގައެވެ. އެފަދަ އީމާންތެރި ދީނާއި ގާތް ބަޔަކު ދުވަހަކުވެސް ނުދެކެމެވެ.
އެމީހުންގެ ހިތްހެޔޮ ކަމާއި އެމީހުންގެ ޒާހިދު ކަމަކީ އެމީހުން މުސްލިމަކަށް ވީތީ ލިބިފައިވާ ސިފަތަކެއްކަން އެނގުނެވެ. އަހަރެންވެސް އެމީހުން ފަދައިން ވުމަށް ހިތް އެދެން ފެށިއެވެ. މިއީ އިސްލާމް ދީނަށް މީހުންގެ ހިތް ލަންބުވާ އެއް ސަބަބެވެ. އަހަރެންގެ ހިތްވެސް އިސްލާމް ދީނަށް ލަންބުވާލީ މުސްލިމުންގެ އަޚުލާޤުގެ ސަބަބުންނެވެ.
ނުނިމޭ . . .

















ޚިޔާލު