ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ޤައުމެކެވެ. އެންމެންނަކީވެސް މުސްލިމުންނެވެ. އެހެންކަމަށްވާނަމަ އެންމެންވެސް ކުރާނީ ދީނީ ކަންކަމެވެ. ލާދީނީ ކަމެއް އެކަކުވެސް ނުކުރާނެއެވެ. ވީމާ، ލާދީނީއޭ ކިއިގެން ނުވާނެއެވެ.
މިއީ އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންގެ ވިސްނުމެވެ. އެމީހުން ދައްކައިއުޅޭ ވާހަކައެކެވެ. ހެވާއި ނުބައި މަސްހުނިކޮށްގެންނެވެ. އަޅުގަނޑު ކުރިން ހީކުރީ މިކަހަލަ ވާހަކަ ދައްކައިއުޅެނީ ހޮޅާށިތަކުގައި ތިބޭ ތަނެއްދޮރެއް ނުދަންނަ މީހުން އެކަނި ކަމަށެވެ. ނަމަވެސް ކަންއޮތީ އެހެނެއް ނޫނެވެ. ނޫސްވެރިންނާއި ސިޔާސީ މީހުންވެސް މިކަހަލަ ދެކޮޅު ނުޖެހޭ ވާހަކަ ދައްކައެވެ. ސިޔާސީ މަޤްޞަދެއް ހާސިލް ކުރަން ކަމުގައި ވެދާނެއެވެ. ނުވަތަ ނޭނގިތިބެ ކަމުގައިވެސް ވެދާނެއެވެ. ވީމާ މިކަމުގެ އަސްލަކީ ކޮބައިތޯ ބަލާލަމާ ހިނގާށެވެ.
ފުރަތަމަ ނުކުތާއަކީ އެންމެންނަކީވެސް މުސްލިމުންކަމަށްވުމުން އެންމެންވެސް ކުރާނީ ދީނީ ކަންކަމޭ ބުނާބުނުމެވެ. ލާދީނީ ކަމެއް ނުކުރާނެއޭ ބުނާބުނުމެވެ. މިއީ ވަރަށް ބޮޑު އޮޅުމެކެވެ.
އާއެކެވެ! އިސްލާމު ދީނަކީ ފިތުރަތުގެ ދީނެވެ. އެއީ ﷲ ބާވާލެއްވި ދީނެކެވެ. އެދީނަކު އުނިކަމެއް މައްސަލައެއް ނެތެވެ. އެކަމަކު މުސްލިމުންނަކީ އިންސާނުންގެ ތެރެއިން ބަޔެކެވެ. އެމީހުން ދީނާ ޚިލާފު ޢަމަލެއް ކޮއްފާނެއެވެ. ގޯސްކަންތަކާއި ފާފަވެސް ކޮއްފާނެއެވެ. އެއީކީ ދީނުގެ އުނިކަމަކުން ވާކަމެއް ނޫނެވެ. އެއީ މުސްލިމު އިންސާނާގެ އުނިކަމެވެ. ވީމާ މުސްލިމުން ދީނާ ޚިލާފު ލާދީނީ ކަމެއް ނުކުރާނެއޭ އެބުނާ ބުނުމަކީ ގޯސް ބުނުމެކެވެ. މުސްލިމަކުވެސް ލާދީނީ ކަމެއް ކޮއްފާނެއެވެ. އަދި ދިވެއްސަކުވިއަސް ލާދީނީ ކަމެއް ކޮއްފާނެއެވެ.
ދެވަނަ ނުކުތާއަކީ ލާދީނީއޭ ކިޔައިގެން ނުވާނެއޭ ބުނާބުނުމެވެ. އާއެކެވެ. މުސްލިމަކު ގޯސްޢަމަލެއް ކުރާއިރަށް ނުވަތަ ލާދީނީ ކަމެއް ކުރިކަން ފާޅުވާއިރަށް އެވާހަކަ ދައްކާކަށް ނުޖެހެއެވެ. ފުރަތަމަ ދޭންޖެހެނީ ޙިކުމަތްތެރިކަމާއެކު ނަޞޭހަތެވެ. ރަނގަޅު މަގަށް އައުމަށް ގޮވާލުމަށެވެ. އެހެންނަމަވެސް އެވަރުން ރަނގަޅު ނުވެއްޖެނަމަ، އަދި އޭނާގެ ލާދީނީކަމުގެ ސަބަބުން އެހެން މީސްތަކުންނަށް އެކަމުގެ ނުރައްކާތެރިކަން އޮތްނަމަ، މުޖުތަމަޢަށް އެކަން ހާމަކުރުމަކީ ޢިލްމުގެ އަހުލުވެރީންނަށް އޮންނަކަމެކެވެ. ކުރަންޖެހޭ ކަމެކެވެ. އެގޮތުން ނަސޭހަތުގެ މަރުހަލާއިން އިސްލާހުނުވެ، އެފަދަ މީހެއްގެ ސަބަބުން މުޖުތަމައަށް ނުރައްކާހުރިނަމަ އޭނާގެ ލާދީނީވާހަކަ ހާމަކުރަން ޖެހޭ ޙާލަތްތައް އާދެއެވެ. ލާދީނީއޭ ބުނަންޖެހޭ ހާލަތްތައް އާދެއެވެ. އެއީ އާދައިގެ މީހެއްކަމަށް ވިއަސްމެއެވެ. ނުވަތަ ވެރިމީހާކަމުގައި ވިއަސްމެއެވެ.
ލާދީނީއޭކިޔަނީ އިސްލާމު ދީނާއި ދިމާއިދިކޮޅަށް ކުރާ ޢަމަލުތަކަށެވެ. ދައްކާ ވާހަކަތަކަށެވެ. ލިޔާލިޔުންތަކަށެވެ. ފާޅުކުރާ ޝުޢޫރުތަކަށެވެ. މިގޮތުން މީހަކު ބުނާ ވާހަކައަކީވެސް ލާދީނީ ވާހަކައަކަށް ވެދާނެއެވެ. ނުވަތަ ކުރާ ޢަމަލަކީވެސް ލާދީނީ ޢަމަލަކަށް ވެދާނެއެވެ. ނުވަތަ ކަޑައަޅާ ސިޔާސަތަކީވެސް ލާދީނީ ސިޔާސަތަކަށް ވެދާނެއެވެ. އެއީ ދިވެހި މުސްލިމަކު ކުރާ ޢަމަލަކަށްވިއަސް މިދެންނެވިފަދައިން ދީނާ ދިމާ އިދިކޮޅު ޢަމަލެއްކޮށްފިނަމަ އެވާނީ ލާދީނީ ކަމަކަށެވެ. އަދި ކުރިން ދެންނެވިފަދައިން ނަޞޭހަތް ދީގެން ޤަބޫލުނުކޮށްފިނަމަ އެވާހަކަ ދައްކާންވެސް ޖެހެއެވެ.
މިސާލަކަށް؛ ދިވެއްސަކުނަމަވެސް "އަންހެނާ ބުރުގާއެޅުމަކީ ނުވަތަ އައުރަނިވާކުރުމަކީ އޮންނަކަމެއް ނޫނޭ" މުޖުތަމައުގެ ތެރޭގައި ބުނެފިނަމަ އެވާހަކަ ވާނީ ދީނުގައި އޮންނަގޮތާއި ދިމާ އިދިކޮޅަށް ބުނާ ވާހަކައަކަށެވެ. އެހެންކަމަށްވާނަމަ އެއީ ލާދީނީ ވާހަކައެކޭ ބުނެވޭނެއެވެ.
ނުވަތަ ދިވެއްސަކު ނަމަވެސް "ތިމަންނަ ޤަބޫލުކުރާ ގޮތުގައި ރަލަކީއެއީ މުސްލިމުންނަށްވެސް ބޮވެންޖެހޭ އެއްޗެކޭ" މުޖުތަމައުގެ ތެރޭގައި ބުނެފިނަމަ އެވާނީވެސް ދީނުގައި އޮންނަގޮތާ ދިމާ އިދިކޮޅަށް ބުނާ ވާހަކައަކަށެވެ. އެހެންކަމުން އެއީ ލާދީނީ ވާހަކައެކޭ ބުނެވޭނެއެވެ.
ނުވަތަ ދިވެހިންގެ ބަޔަކު ކަމުގައިވިއަސް އޮރިޔާން ނިވާނުވާވަރުގެ ހެދުން އަޅައިގެން އަންހެނުންނާއި ފިރިހެނުން މަސްހުނިވެ ނަށައި އަދި ޓީވީތަކުން އެލައިވުކޮށް ހެނދުމަކީ ދީން މަނާކުރާ ދީނާއި ޚިލާފު އަމަލެކެވެ. އަދި ކިތަންމެ ޢިއްޒަތްތެރިއަކު ކަމުގައިވިއަސް އެމަންޒަރު ބަލަން ހެވިފައި އަތްތެލެބަޑި ޖަހާލަ ޖަހާލާ ހުރުމަކީވެސް ދީން މަނާކުރާ ދީނާއި ޚިލާފު ޢަމަލެކެވެ. އެހެންކަމުން އެއީ ލާދީނީ ޢަމަލެކޭ ބުނެވޭނެއެވެ.
ނުވަތަ ސައްތައިން ސައްތަ އިސްލާމީ މިޤައުމުގައި ސިޔާސަތެއް ކަނޑައަޅަނީ އިސްލާމު މާއްދާއަކީ ކިޔަވާކުދިންގެ މުޤައްރަރުގައި ހިމަނަންޖެހޭ މާއްދާއެއް ނޫންކަމަށެވެ. އެހެންކަމަށްވާނަމަ އެސިޔާސަތަކީ ދީނާއި ސިދާ ދެކޮޅު ސިޔާސަތެކެވެ. އެއީ ލާދީނީ ސިޔާސަތެކޭ ބުނެވޭނެއެވެ.
ނުވަތަ ސިޔާސަތެއް ކަނޑައަޅަނީ އިސްލާމު މާއްދާ ކިޔަވައިދިންކަމުގައިވިއަސް، ނަރަކައާއި ސުވަރުގޭގެ ވާހަކަ ދެއްކުމަކީ މަނާކަމެއް ކަމުގައެވެ. އެހެންކަމަށްވާނަމަ އެސިޔާސަތަކީ ދީނާ ދެކޮޅަށްހެދޭ ސިޔާސަތެކެވެ. އެއީ ލާދީނީ ސިޔާސަތެކޭ ބުނެވޭނެއެވެ. މިފަދަ ކިތަންމެ މިސާލެއް ގެނެވިދާނެއެވެ. މިހުރީ ހައްތަހަވެސް ލާދީނިއްޔަތު ފެތުރުމުގެ ޢަމަލުތަކެވެ. ލާދީނިއްޔަތު ފެތުރުމަކީ ބޮޑު ފިތުނައެކެވެ. ޖަރީމާއެކެވެ. އެފަދަ ލާދީނިއްޔަތުގެ ޢަމަލުތަކާއި ދެކޮޅުވާންޖެހެއެވެ. ޢިލްމުގެ އަހުލުވެރީން އެކަން ހާމަކޮއްދޭންޖެހެއެވެ. ވީމާ މިއުސޫލުން ދީނީ ލާދީނީ އެބޭފުޅުންނަށް ކިޔޭނެއެވެ.
ސިޔާސީ ބޭނުމަށްޓަކާހެން ހީވަނީ……..
މާޝާﷲ. ވަރަށް ރަނގަޅު ވާހަކައެއް
ވަރަށް ރަގަޅު އާޓިކަލްއެއް.
މުސްލިމުންވެސް ލާދީނީ ކަންކަން ކުރާނޭ.. އެއީ ދެން ހަމަ ވާނެކަމެއް.. އެކަމަކު ލާދީނީ ކަމެއްކުރާ މުސްލިމް މީހާއާ ދިމާލަށް އެއީ ލާދީނީ މީހެކޭ ބުނެނެބާ ހަމަ؟؟ ދެން ދީނީ ކަންކަމުގައިވެސް އަދި ދުނިޔެވީ ކަންކަމުގައިވެސް މީހަކު ހިޔާލެއް ފާޅުކުރާއިރު މިއީ ތިމަންނާގެ ހިޔާލު ކަމަށް ބުނުމަކީ ރީތި ގޮތެއް.. ހަގީގަތް އެނގެނީ ތިމަންނާއަށް އެކަނި ކަމާ، ހަގީގަތަކީ ތިމަންނާ މިދައްކާ ވާހަކަ އެކަނިކެމާ، ދެން އެހެން އެނމެން އެ ދައްކަނީ ހަގީގަތެއްނޫން ކަމަށް ބުނުމަކީ ދީނީ އަދި ދުނިޔަވީ ގޮތުންވެސް ރީތި ގޮތެއްނޫން… ދީނީ ކަންކަމުގައިވެސް އެންމެންވެސް މިކުރަނީ އިޖުތިހާދު.. އެކި މީހުން އެކި ގޮތަށް.. އެކި މީހުން މި ބުރަވަނީ އެކި އިލްމުވެރިންނަށް އެކި ފޮތަށް…. ތެދު ހަގީގަތަކީ، ހައްގު ގޮތަކީ ތިމަންނާ މިބުނާ ގޮތް އެކަނި ކަމަށް ބުނުމަކީ ފަހަރުގާ ދީނީ ގޮތުންވެސް ގޯހެއް ހެދިދާނެ ކަމެއް…
ތިބޭފުޅުން ތިޔަކުރައްވާ ބުރަ މަސައްކަތުގައި މާތް ﷲ ބަރަކާތް ލަތްވަށި !! އާމީން.. ވަރަށް ރަނގަޅު ލިއުމެއް
ލާދީނީ އޭ ކިޔޭނެ ކިޔަންވެސްޖެހޭނެ،
ވަރަށް ފުރިހަމަ
މި ލިޔުމުން ޙަޤީޤަތް ނޫން އެއްޗެއް އަޅުގަޑަކަށް ނުފެނުނެވެ. އާދިލް އަށް މާތް ﷲ ރަޙުމަތް އިތުރު ކުރައްވާށިއެވެ. އާމީން.
ފިތުނަ އުފެދެނީ ތިކަމުން….. ކާފަރުވެސް ކީމަ ކިޔޭނެ….
ރަގަޅު ވާހަކައެއް
ބައެއް މީހުން ލާދީނޭ ކިޔަނީ ހަމަ ސިޔާސީ ފައިދާ އަކަށް ޓަކާ. އެކަމަކު އޭގެ ތެރެއިން ބައެއް މީހުންނަކީ އެމީހުންގެ ކިބައިގައިވާ ލާދީނީކަން ފޮރުވުމަށްޓަކައި އެހެން މީހުންނާ ދިމާއަށް ލާދީނޭ ކިޔައިގެން އުޅޭ މީހުން. މިފަދަ މީހުން ކިތަންމެ ބޮޑު ނުބައި ކަމެއް ކުރިޔަސް ނުވަތަ އެހެން ބަޔަކު މެދުވެރިކޮށް ކުރިޔަސް އެއްވެސް މީހަކު މިއީ ލާދީނީ ކަމެކޭ ބުނެފިނަމަ އަޑުހަރުކޮށް އެމީހަކާ ދިމާއަށް ލާދީނޭ ކިޔައި ގޮވަންފަށާނެ.
ތިކަމާ ހޮހުއަށިތަކުގަ ތިބޭމީހުން މަށްސަލަ ނުޖައްސާނެބާ