1 ޖެނުއަރީ 2013 އިން ފެށިގެން ޢަމަލުކުރަން ފެށި “ދުންފަތުގެ އިސްތިޢުމާލުކުރުންމަނާ ތަންތަން ކަނޑައެޅުމުގެ ގަވާއިދު” ގެސަބަބުން ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލަން މަސައްކަތްކުރަމުންއަންނަ ފަރާތްތަކަށް ވަރަށް ބޮޑު ހިތްވަރެއް ލިބިގެންދާނެއެވެ. އަދި ދުންފަތުގެ އިސްތިޢުމާލުނުކުރާ މީހުންނަށް މި ގަވާއިދުގެ ސަބަބުން ހިތްހަމަޖެހުމެއް ގެނެސްދީފިއެވެ. ނަމަވެސް އުފެދޭ ސުވާލަކީ މި ގަވާއިދު ރައްޔިތުންނަށް ގެނެސްދިނީ ކިހާވަރެއްގެ ޔަޤީންކަމެއްތޯއެވެ. މި ގަވާއިދު ތަންފީޒުކުރެވިގެންދާނީ ކިހާވަރަކަށްބާއެވެ.މި ގަވާއިދުގެ ސަބަބުން ދުންފަތުގެ އިސްތިޢުމާލުކުރުން އެދެވޭގޮތެއްގައި ކޮންޓުރޯލުކުރެވިގެންދާނެބާއެވެ. ކޮންމެއަކަސް މިގަވާއިދު ނަގާކޮޅަށް ޖަހަންތިބީ ތަންފީޒީ ޢިދާރާތަކާއި ރައްޔިތުންނެވެ.
މި ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ބަލާއިރު މާނަކުރަން އުނދަގޫ ކަންތައްތަކެއް އެބަހުއްޓެވެ. މިގޮތުން “ދުންފަތުގެ އިސްތިޢުމާލުކުރުން” މި ޢިބާރާތް ގަވާއިދުގައި މާނަކޮށްދީފައިނުވާއިރު “އިސްތިޢުމާލުކުރުން” މި ބަހުގެ މާނަ ހޯދާލުމަށް ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަރުގެ ބަސްފޮތާއި އެނޫންވެސް ބައެއް ބަސްފޮތްތައް ބެލުމުން އޭގެން މި ބަހުގެ މާނަ ފެންނާކަށް ނެތެވެ. އެހެންނަމަވެސް “ބިޑި” އަދި “ސުއްޓާ” މިނަންތަކުގެ މާނަ ބަލާލުމުން “ދުންފަތުގެ އިސްތިޢުމާލުކުރުން” ދިވެހި ބަހުގައި ބޭނުންކޮށްފައިވާ މާނަކޮންމެވެސް ވަރަކަށް ހާމަވެގެންދެއެވެ.
މިގޮތުން ބިޑިއަކީ “ދުންފަތުގެ އިސްތިޢުމާލު ކުރުމަށްޓަކައި އެތެރެއަށް ދުންފަތް އަޅައިގެން ފަތުގައި، ނުވަތަ ކަރުދާހުގައި، އަނބުރާ އެއްޗެއް” ކަމަށާއި އަދި ސުއްޓާއަކީ ” ދުންފަތުން ހިމަދިގުކޮށް ވަށްކޮށް އަނބުރައިފައި ހުންނަ އެއްޗެއް. މިއީ ދުންފަތުގެ އިސްތިޢުމާލު ކުރާމީހުން ރޯކޮށްގެން ބޯ އެއްޗެއް” ކަމުގައި ބުނެފައިވެއެވެ.
ވީމާ އިސްތިޢުމާލުކުރުމަކީ އެއްޗެއް ބޭނުންކުރުން ކަމުގައި ބުނެވިދާނެއެވެ. ވީމާ ދުންފަތުގެ އިސްތިޢުމާލުކުރުމަކީ ދުންފަތްބޭނުންކުރުމެވެ. އެކަމަކު ދުންފަތް ގަނެވިއްކުމަކީ ދުންފަތުގެ އިސްތިޢުމާލުކުރުން ކަމުގައި މާނައެއްނުކުރެވޭނެއެވެެ. އޭގެ ސަބަބަކީ ބަސްބޭނުންކޮށްއުޅޭ ހާލަތްތަކަށް އިޝާރާތްކުރާއިރު ދުންފަތުގެ އިސްތިޢުމާލުކުރުމަކީ މީހަކު ކެއުމަށް ނުވަތަ ބުއިމަށް ދުންފަތްބޭނުންކުރުންކަމުގައިވާތީއެވެ.
ދިވެހިން އާންމުކޮށް ދުންފަތްބޭނުންކުރަނީ ދުފުމުގަޔާއި، ދުންބުއިމުގަޔާއި (ގުޑުގުޑާ ބުއިން) އަދި ދުންފަތުގައި ރޯކޮށްގެން އޭގެ ދުން ބުއިމަށެވެ. މީގެތެރޭގައި ސުއްޓާ، ބިޑި، ދުންފަތްއަޅައިގެން ދަމާ ކަށިގަނޑު (ސުމޯކިންޕައިޕް) އަދި ސިނގަރެޓް ބުއިން ހިމެނެއެވެ. މީގެތެރެއިން ދިވެހިންގެމެދުގައި އެންމެ ގިނައިން ދުންފަތުގެ އިސްތިޢުމާލުކުރެވެނީ ސިނގަރެޓްގެ ޒަރީއާއިންނެވެ.
މިޤަވާޢިދުގެ ދަށުން ބަޔާންކޮށްފައިވާ ދުންފަތުގެ އިސްތިޢުމާލުކުރުން މަނާތަންތާގައި ގުޑުގުޑާބުއިމާއި ދުފުން އޭގެ ޒާތުގައި މަނާވެގެންނުދެއެވެ. ދުންބުއިން ނުވަތަ ބައެއް ހިސާބުތަކުގައި ކިޔާއުޅޭގޮތުންނަމަ ގުޑުގުޑާބުއިމަކީ ގުޑުގުޑާގެ ދުން އަގަޔަށްދެމުމެވެ. ފުދުމަކީ ދުފާއެއްޗެހި އަނގަޔަށް އަޅައިގެން ހެފުމެވެ. ދުންފަތަކީ ދުފާއެއްޗެހީގެ ތެރެގައިހިމެނޭ ބާވަތެކެވެ. ވީމާ ދުންފަތްނުލާ ދުފުމާއި ދުންފަތްނާޅާ ދުންބުއިން މި ޤަވާޢިދުގެ ދަށުން ބަޔާންކޮށްފައިވާ ދުންފަތުގެ އިސްތިޢުމާލުކުރުން މަނާތަންތާގައި މަނައެއްނުކުރެއެވެ. އެހެނަސް ދުންފަތްލައިގެން ދުފުން އަދި ދުންފަތްއަޅާގެން ދުންބުއިން ނުވަތަ ގުޑުގުޑާބުއިމުގެ އިތުރުން ބިޑިސުއްޓާ ބުއިމާއި، ދުންފަތްއަޅައިގެން ދަމާ ކަށިގަނޑު (ސުމޯކިންޕައިޕް) އަދި ސިނގަރެޓް ބުއިން އަދި މިނޫންވެސް ގޮތަކަށް ދުންފަތުގެ އިސްތިޢުމާލުކުރުން މިގަވާއިދުގެ ދަށުން ބަޔާންކޮށްފައިވާ ދުންފަތުގެ އިސްތިޢުމާލުކުރުން މަނާތަންތާގައި މިއަދުންފެށިގެން މަނާވީއެވެ. އަދި އެފަދަ ތަނެއްގައި ދުންފަތްލައިގެން ދުފައިފި މީހަކުވެސް މިގަވާއިދުގެ ދަށުން ކުށްވެރިވެ ޖޫރިމަނާކުރެވޭނެއެވެ.
ކޮންމެއަކަސް ގަވާއިދުގެ ސަބަބުން އެންމެ ލުޔެއްލިބޭނެ އެއް ތަނަކީ، ދުވަހުގެ ބުރަ މަސައްކަތް މެދުކަނޑާލުމަށް ފަހު ފިނިކޮށްލުމަށްގޮސް ތިބޭ ތަންކަމުގައިވާ ހޮޅުއަށިތައްކަމީ ޝައްކެތްހުރިކަމެއްނޫނެވެ. މިފަދަ ޤާނޫނާއި ގަވާއިދުތަކަކީ ރައްޔިތުންގެ ލާބަޔާއިމަންފާއަށްޓަކައި ހެދިފައިހުންނަ ޤާނޫނާއި ގަވާއިދުތަކަށްވާއިރު މިކަންކަމަށް ބޯލަބާކިޔަވަންވުމަކީ ކޮންމެ ރައްޔިތެއްގެވެސް ފަރުދީވާޖިބެކެވެ. ޤައުމީ ޒިންމާއެކެވެ. ޤާނޫނު ނޭގުމަކީ ޤާނޫނުގެ ކުރިމަތީގައި އުޒުރެއްނޫނެވެ. އެހެންކަމުން ޤާނޫނާއި ގަވާއިދުތައްބަލާ ދަސްކޮށް އެޔައް ހޭލުންތެރިވުމަކީ އަމިއްލަ ޒިންމާއެކެވެ.

















މި އިންޒާާރު ބޯޑު އެއްބަހަށް ވުރެ ގިނަބަހުން ލިޔެފައި ހުރިނަމަ ވަރަށް ރަގަޅު، މިސާލަކަށް ބަގަލަދޭޝް ބަހުން، ނުވަތަ ސިންގެޅަބަހުން، މަލިޔާޅަންބަސް، އަރަބި އިންގިރޭސިބަސް ، ހަމައެކަނި ދިވެހިންނަށް އަމާޒުކުރުމެއްނޫން ޤާނޫނުގެ ބޭނުމަކީ، ދުންފަތާއި ދުމުން އިންސާނުން ސަލާމަތް ކުރުން،!