ރިޕޯޓް

ދިވެހިންގެ ދީން (3) ކަނިކުރެވޭ ހުޅުކޮޅު!

ލިޔުނީ : އަޙްމަދު އަޖްމަލް ޙާމިދު އަދި އަޙްމަދު ޝަމީނު ދޮންމަނިކު

ދުނިޔޭގެ އެންމެ މަޝްހޫރު އެއްދީނަކީ ނަޞާރާދީނެވެ. މިކަމަކަށް އިންކާރެއް ނުކުރެވޭނެއެވެ. ނަޞާރާދީންވަނީ ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ޤައުމުތަކުގައި ފެތުރިފައެވެ. ނަމަވެސް މިމަޝްހޫރުކަމާއެކުގައިވެސް އެއީ ނަފްސާނީގޮތުން އެހީތެރިކަމެއް ކޮންމެހެންވެސް ދޭންޖެހިފައި ތިބިބަޔެކޭ ދަންނަވާހިއްވެއެވެ. އެހެނީ ދާދިފަހުން އަޅުގަނޑު ކީލިޔުމެއްގެ ނަޞްރާނީ ލިޔުންތެރިޔަކު ވަނީ މުސްލިމުން ތާރީޚުގެ ނަމުގައި ނަޞާރާ ސްކޫލްތަކުގެ ތަޢުލީމީ ނިޡާމުގެ ތެރެއަށް ދެމިގަންނަން އެޅޭކަމަށް ތުހުމަތުކޮށްފައެވެ. އަދި އޭގެ އިތުރުން ނަޞާރާއިން ބުނާގޮތުގައި މުސްލިމުންނަކީ ލެޔަށް ފެންބޮވައިގެންފައިވާ ޓެރަރިސްޓުންތަކެކެވެ. އެމީހުންގެ ގިނަގުނަ ހަތިޔާރުތަކާއި ވަޞީލަތްތަކާއެކުގައިވެސް މުސްލިމުންނަށް އެފަދަ ތުހުމަތުތައް ކުރަނީ ބިރުންހެން ހީވާކަހަލައެވެ.

މިތުހުމަތުތަކުގެ އިތުރުން، އިސްލާމްދީނުގެ ރިސާލަތު މީހުންނަށް އޮޅުވާލުމަށްޓަކައި ތަފާތު ވެބްސައިޓްތައް މިމީހުން ޤާއިމްކޮށްފައިވެއެވެ. އެމީހުން މިފަދަ ނޭއްގަނީ ޢަމަލުތައް ކުރަން ހަދައިގެން އަމިއްލަ ދީން ދިރާސާކޮށް ބެލުމުގެ މަތިންވަނީ ހަނދާންނެތިފައެވެ. އިސްލާމީދީނާއި ނަޞާރާދިނާމެދު ކުރެވޭ ބަޙުޘްތަކުގައި އިސްލާމީ ޢިލްމުވެރިން ނަޞާރާއިންނަށް އެމީހުންގެ ދީން ކިޔަވައިދޭތަން ފެނިވަޑައިގަންނަވާނީ މަދެއްކޮށެއްނޫނެވެ.

އިސްލާމްދީނަކީ އަދު ދުނިޔޭގައި އެންމެ ހަލުވި ދުވެޔެއްގައި ފެތުރެމުންދާ ދީނެވެ. ޢަދަދުގެ ގޮތުން މުސްލިމުން ނަޞާރާއިންނަށް ވުރެއް މަދެވެ. އެހެންއެވީ ނަޞާރާދީން މާކުރިން ފާޅުވުމުންތޯއްޗެކެވެ. ނަމަވެސް އިސްލާމްދީނަށްއުޅޭ މުސްލިމުންނާއި ނަޞާރާދީނަށްއުޅޭ ނަޞާރާއިންގެ ޢަދަދަށް އަޅާބަލާއިރު މުސްލިމުންވަނީ އެތައް ޒަމާނެއް ކުރިން ނަޞާރާއިން ފަހަތަށް ޖައްސާލާފައެވެ. އެމީހުންގެ ބަހުން ނަމަ "ނޮން ޕްރެކްޓިސިން" ނަޞާރާއިން މާގިނައީއެވެ. ދުނިޔޭގެ ގިނަ މުއްސަނދި ޤައުމުތަކުގެ މައިގަނޑު ދީނަކީ އިސްލާމްދީނެވެ. އިސްލާމްދީންވަނީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކަކަށް ފެތުރިފައެވެ. އަދި އިސްލާމްދީނަށް ޚާއްޞަ ސައްތައިން ސައްތަ އިސްލާމް ޤައުމުތައްވާކަމީ އިސްލާމްދީނަށް ލިބިފައިވާ ފަޚުރެކެވެ. ނަމަވެސް ނަޞާރާދީނަށް މިފަދަ ޝަރަފެއް ޙަޤީޤަތުގައި ވޭތޯއެވެ؟

އަދު ނަޞާރާއިން އިސްލާމްދީނުގެ ރިސާލަތާއި ނަން ކިލަންބުކޮށްލަން ހޭވައްޓާލާފައި، މަސައްކަތްކުރާއިރު އިސްލާމްދީނަކީ ދުނިޔޭގައި އެންމެ ހަލުވި ދުވެޔެއްގައި ފެތުރޭ ދީނަށްވާކަމީ "ދުރުގައިބަލަން ހުންނަމީހަކު" ޙައިރާންވާފަދަ ކަމެކެވެ. އެމީހުންދަނީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި އުޅެމުންދާ މުސްލިމުންނަށް އެކިގޮތްގޮތުން ދަތިކުރަމުންނެވެ. ބައެއްފަހަރު އިންސާނީ ޙައްޤުތަކުގެ ނަމުގައެވެ. އަނެއްބައި ފަހަރު މިނިވަންކަމުގެ ނަމުގައެވެ. އެމީހުން މަސައްކަތްކުރަމުންދަނީ އިސްލާމީ ތަޢުލީމީ ނިޡާމު ފޫ އަޅުވާލުމަށެވެ. މިތާނގައި އަޅުގަނޑުވެސް މިކުރީ އެމީހުން ކުރާފަދަ ތުހުމަތެއް ދެއްތޯއެވެ؟ ޙަޤީޤަތަކީ ކޮބައިތޯއެވެ؟

ޙަޤީޤަތް ހޯދުމަށްޓަކައި މާދުރަކަށް ވަޑައިގަންނަވަން ނުހައްދަވާށެވެ. މިދިވެހި ރާއްޖެއަށް ނަޒަރު ހިންގާލުމުންވެސް މިފަދަ އެތައް މަންޒަރުތަކެއް ފެނިގެންދެއެވެ. "އަމިއްލަ މަޞްލަޙަތުތައް ކުރިޔަށް ނެރޭތީ" ފޮނުވާލަން ޖެހިފައިވަނީ ރާއްޖެއަށް ކިޔަވައިދޭން ގެނެސްފައިވާ ކިތައް ބިދޭސީ ޓީޗަރުންތޯއެވެ؟ އަތޮޅުތެރޭގެ ބަޔެއް ރަށްރަށުގައި ބޭރުގެ އެހީގައި އެޅިފައިވާ އަދި އެފަދަ ތަންތަނުން ޓީޗަރުންލައިދީފައިތިބޭ ސްކޫލްތަކަށް ތުހުމަތުގެ އިނގިލިތައް ދިއްކުރެވެނީ ސަބަބަކާ ނުލަޔެއްނޫނެވެ.

ޙަޤީޤަތުގައި އިސްލާމީ ތާރީޚަކީ ދުނިޔޭގެ ތާރީޚު މަރްޖިޢުތަކުންނާއި ކިޔަވާ ކުދިންގެ ފޮތްތަކުން ޖާގަލިބެންޖެހޭ ފެންވަރުގެ ފުޅާވެގެން ފެތުރިގެންގޮސްފައިވާ ތާރީޚެކެވެ. އިސްލާމްދީންވަނީ ދުނިޔޭގެ ކުރިއެރުމަށް އެތައް މަގުތަކެއް ކޮށައިދީ ދުނިޔެ އާރާސްތުކޮށްފައެވެ. ހުޅަނގު އަނދިރި ޒަމާންތަކުގެ ތެރޭގައި ޣަރަޤުވެފައި ވަނިކޮށް ޢިލްމުގެ ނޫރުން އެމީހުންނަށް އަލިކޮށްދިނީ ކޮންބަޔެއްތޯއެވެ؟ ނަމަވެސް އެއާޚިލާފަށް ނަޞްރާނީ ތާރީޚުގެ ތެރެއިން އަޅުގަނޑުމެންގެ ދަރިންނަށް ކިޔަވައިދޭން ނަގައިދޭންވީ ކޮންއެއްޗެއްތޯއެވެ؟ އެމީހުން ޞަލީބީ ހަނގުރާމައިގެ ތެރޭގައި ހިންގި އަނިޔާވެރި ޤަތުލުޢާމުތަކުގެ ވާހަކަތޯއެވެ؟ ނުވަތަ އަންދަލުސް އެމީހުންގެ ބާރުގެ ދަށަށް އަލުން ގެނައުމަށް ކުރި ހަނގުރާމައިގައި މުސްލިމުންނަށް އޫރުމަސްކާން ޖެއްސިވާހަކަތޯއެވެ؟

އަދިމީގެ އިތުރުން ދެނޭވާ ދޭތެރެއިން ކޮންމެވެސް (ނަޞްރާނިއްޔަ) ފަރަންޖީއެއް އަޅުގަނޑުމެން އިތުރަށް "ހޭލުންތެރިކުރުވާ" ތަޢުލީމީ ނިޡާމު ބައްޓަންކޮށްދޭން އެވަޑަގަންނަވާނީއެވެ. ތަޢުލީމީ ނިޡާމުގެ ތެރެއިންލާފައި މިކަން ކުރުމަށް ފަސޭހައީ އަދި ކުރަނީ ކޮންބަޔެއްތޯއެވެ؟ އަދި މިފުރުޞަތުގައި ފާހަގަކޮށްލަމެވެ. މިފަދައިން ވަޑައިގަންނަވާ ބޭފުޅުންދެއްވާ ލަފާ އަޅުގަނޑުމެން ބަލައިގަންނަންވާނީ އަޅުގަނޑުމެންގެ ދީނީ އަދި އިޖްތިމާޢީ ތިލަފަތުން އެވާހަކައެއް ކިރުމަށްފަހުގައެވެ. ދިވެހި ސަގާފަތުގެ ހިމުން ފުރޭނިން ފުރާނައިގެންނެވެ. އެހެންނޫނީ "ކުނޑި" އުޅޭނެއެވެ.

އިސްލާމްދީން ބަލިކޮށް ނިކަމެތިކުރަން ނަޞާރާއިން ބޭނުންކުރާ އަނެއްއުކުޅަކީ އެހީއެވެ. އިސްލާމީ ޤައުމަކަށް ކާރިޘާއެއް ކުރިމަތިވެއްޖެނަމަ އެންމެ ކުރިން އެހީވާ މީހުންގެތެރޭގައި އެމީހުންވެއެވެ. އެހެންނުވާންވީ ކީއްވެގެންތޯއެވެ؟ ކޮންމެވެސް "ސަބަބުތަކަކާހެދި" އަދު މުސްލިމުންއެތިބީ އެހެންބަޔަކަށް، ކިއެއްތޯ، އެމީހުންގެ އަމިއްލަ ނަފްސުތަކަށްވެސް އެހީވެވޭފަދަ ޙާލަތެއްގައެއްނޫނެވެ. އެފަދަ ގިނަ އެހީތަކުގެ ބޯނަހެއްގެ ގޮތުގައި އެބަޔެއްގެ މާދަރީ ބަހުން ލިޔެފިވާ ބައިބަލް އެއެހީޔަކައެކު އަންނަކަމީ ތޯތޯ ވާހަކައެއްނޫނެވެ. ނަޞާރާއިންދަނީ ބައިބަލް ތަރުޖަމާކުރެވިފައިވާ ބަސްތަކުގެ ޢަދަދުގިނަކަމާމެދު ސަޅިބައިސާ ކަނޑަމުންނެވެ.

ދެންއަންނަނީ އެޔަށްވުރެއް ވިޔާނުދާ ޖެހުލުންކުޑަ ހަމާލަތެކެވެ. އާދޭހެވެ! މިޝަނަރީންނާއި ބައިބަލް ކީލިޖަހައިގެންއުޅޭ "އަވައްޓެރިންގެ" ހަމަލާތަކެވެ. ރާއްޖެއަށްވެސް ދޭތެރެދޭތެރެއިން މިފަދަ މީހުން ޒިޔާރާތްކޮށް ހަދައެވެ. ކުރީގެ ސަރުކާރުގެ ހެޔޮފުޅުކަމުން އެމީހުން ހަމަ އަންނައިރަށް ރިޓާން ޓިކެޓް ހަމަޖައްސާ ދެއްވައެވެ. އަދުގެ ސަރުކާރުންވެސް މިފަދައިން ކަންކުރައްވާނެކަމަށް އުންމީދުކުރަމެވެ.

ވަރަށްކުރީއްސުރެއް ނަޞާރާއިންދަނީ ގާދުކޮލުންލާފައި ދިވެހި ރާއްޖެ އަށް ދެމިގަންނަން މަސައްކަތްކުރަމުންނެވެ. ގަމުގައި އިނގިރޭސިން ތިބިއިރު އެމީހުންވަނީ ދިވެހި ބަހަށް ބައިބަލް ތަރުޖަމާކުރުމަށް ކޮމިޓީއެއް އެކުލަވާލާފައެވެ. މިފަދަ އެތައް ޢަމަލުތަކެއްގެ ވާހަކައިން ދިވެހި ތާރީޚުގެ އެތައް ޞަފްހާއެއްވަނީ ކަޅިވެފައެވެ. ނަމަވެސް އެމީހުންގެ ބަދުނަޞީބުކަމުން އިސްލާމްދީން އޮތްތާއޮއްވައި ހުސްއަތާ ފުރައިގެންދާން ޖެހެނީ ހަމައެމީހުންނަށެވެ.

މިމީހުން މިހިންގާ ވަރުގަދަވެގެންވާ ޕޮރޮޕަގަންޑާ މެދުނުކެނޑި ހިންގަހިނަގާ އޮންނައިރުވެސް އިސްލާމްދީން ފެތުރެމުންމިދަނީ ކީއްވެގެންބާއެވެ؟ މިސުވާލުގެ ޖަވާބުގައި ދަންނަވަން ޖެހެނީ އިސްލާމްދީން ފެތުރެނީ އެދީނުގައިވާ ފިޠުރީ ގޮތްގަނޑުގެ ސަބަބުންނެވެ. އިސްލާމްދީން ހުރިހާ ނަސްލެއްގެ އަދި ފެންވަރެއްގެ މީހުންގެ ސަމާލުކަން އަތުލައެވެ. ފަޤީރުންނާއި ޝާހީ އަމީރުން އިސްތިސްނުވާގޮތުގެ މަތީންނެވެ. އެގޮތުން އިނގިރޭސިވިލާތުގެ ވަލީޢަހްދު ޗާލްސް އިސްލާމްދީނާމެދެ ޝައުޤުވެރުވާކަމީ ސިއްރެއްނޫނެވެ. އަދި ބުނެވޭ ގޮތުގައި ޗާލްސްވަނީ ސިއްރިއްޔާތުގައި އިސްލާމްދީނަށް ވަދެފައެވެ. މީގެ އިތިރުން ބުނެވޭ ގޮތުގައި މައިކަލް ޖެކްސަންވެސްވަނީ އިސްލާމްވެ އޭނާގެ ނަން މީކާއިލްއަށް ބަދަލުކޮށްފައެވެ. ނަމަވެސް މިއާޚިލާފަށް މަޝްހޫރު މުސްލިމަކު ނަޞާރާދީނަށްވަން ވާހަކަ އިވޭނީ ވަރަށް ނާދިރު ޙާލަތެއްގައި، ފަތިފުށް ކިޔާގޮތަށެވެ. އެހެނީ ތިމާ މަތިވެރިވި ވަރަކަށް އިސްލާމްދީން ތިމާގެ ކުރިމަތީގައި މަތިވެރިވެގެންދެއެވެ. ހިތާމަޔަކީ ބަޔެއް ދިވެހިން އިސްލާމްދީނުގެ މަތިވެރިކަން ފާހަގަކުރުމަށް ނުކުޅެދޭކަމެވެ.

އިސްލާމްދީމްދީން ފެތުރެނީ، މުޝްރިކުން އަދި ކާފިރުން ކިތަންމެ ނުރުހުނު ކަމުގައިވިޔަސް އެގޮތަށްކަންވުމަށް މާތްﷲ ނިޔާ ކަނޑައަޅުއްވާފައިވާތީއެވެ. ގިނަމީހުން އަންދާޒާކުރާގޮތުގައި މިޤަރުނުގެ ކުރީކޮޅުގައި އިސްލާމްދީން ޢަދަދުގެ ގޮތުންވެސް ނާޞާރާދީން ފަހަތަށް ޖައްސާލާނެއެވެ. މިކަންވިޔަ ނުދިނުމަށްޓަކައި ނަޞާރާއިންދަނީ ޔަހޫދީންނާ ގުޅިގެން ހިންދަމާނުލައި މަސައްކަތްކުރަމުންނެވެ. އިސްލާމީ ނޫރުގެ ހުޅުކޮޅު ކަނިކުރެވޭތޯއެވެ."

ނޯޓް: މިއީ ފަސް ބައިގެމައްޗަށް އެކުލެވިގެންވާ ސިލްސިލާ މަޒުމޫނެކެވެ. މިލިޔުން ފުރަތަމަ ޝާޢިއު ކުރެވިފައިވަނީ 2009 ނޮވެންބަރ 01 ގައި ނޫރުލްއިސްލާމް ވެބްސައިޓުގައެވެ

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ރިޕޯޓް