ރިޕޯޓް

ފުރަތަމަ ބޮޑު ހަނގުރާމަ

14ވަނަ ޤަރުނު ފެށުނުއިރު ވިލާތުގެ ޤައުމުތައް އޮތީ ބައިބައިވެފައެވެ. އެއް ބަޔަކު އަނެއްބަޔަކަށްވުރު އުމްރާނީ ގޮތުންނާއި، މާއްދި ގޮތުންނާއި، އިޤްތިޞާދީ ގޮތުން އަދި ބާރުގެ ގޮތުން ކުރިއަރާދިއުމަކީ ކޮންމެ ބަޔެއްގެވެސް އަޒުމެވެ. މި ދެންނެވި ވާދަވެރި ޖައްވުގައި ޤައުމުތައް މަތިހަށިނަގަމުނޮދިޔައިރު ޔޫރަޕް ވަނީ މައިގަނޑު ދެ ބަޔަކަށް ބެހިފައެވެ. އެޒަމާނުގެ “ސުޕަޕަވަރު”ން ކަމުގައިވި އިނގިރޭސިވިލާތް އެއްފަޅީގައި އޮތްއިރު އަނެއް ފަޅީގައި އޮތީވެސް ހަމަ އިނގިރޭސިންނަށް ދޫނުކުރާވަރުގެ ޤައުމެއްކަމަށްވާ ޖަރުމަނުވިލާތެވެ. މިދެޤައުމު އިސްވެ އުފެދިފައިވާ ދެ ބަޔަކީ “ޓުރިޕްލް އެލައިންސް” އާއި “ޓުރިޕަލް އެކްޓެންޓް”އެވެ.

އިނގިރޭސިންނާއި އެބައިމީހުންނަށް ވާގިވެރިވާ ޤައުމުތަށްކަމަށްވާ، ފަރަންސޭސިވިލާތާއި ރޫސީވިލާތް (ކުރީގެ ޔޫއެސްއެސްއާރު) ނިސްބަތްވަނީ ކުރިންދެންނެވި ޓުރިޕަލް އެކްޓެންޓް އަށެވެ. ޖަރުމަނުންނާއި އެބައިމީހުންނަށް ވާގިވެރިވާ ޤައުމުތައްކަމަށްވާ އޮސްޓުރިޔާ-ހަންގޭރިއާއި އިޓަލީވިލާތް ނިސްބަތްވަނީ ޓުރިޕަލް އެލައިންސަށެވެ. މި ބަޔާންކުރެވުނު ވާދަވެރި ދެ ބައިގެ ދެމެދުގައިވަނީ ވަރަށް އާދަޔާ ޚިލާފު ވާދައިގެ ރޫހެއް އަށަގަނެފައެވެ.

ޔޫރަޕްގައި މިފަދަ ވަރުގަދަ ހަނގުރާމައެއް ފެށުމަށް މެދުވެރިވި ވަރަށް ގިނަގުނަ ސަބަބުތައް އެބަހުއްޓެވެ. މައިގަޑުގޮތެއްގައި މި ހަނގުރާމައިގެ އެންމެ ބޮޑު އެެއް އަސްލަކީ އޭރު ޔޫރަޕްގެ ވެރިންގެ އަޤީދާއެވެ. އެބައިމީހުންތިބީ ވަރަށް ރަނގަޅަށް ޑާވިންގެ “ޑާވިނިޒްމް” ޤަބޫލުކޮށްގެންނެވެ. ޑާވިން އޭނާގެ ނަޒަރިއްޔާގައި ބުނެފައިވާގޮތުން ބިންމަތީގައި އަބަދުވެސް ދިރިއުޅެވޭނީ ބާރުގަދަ ބިޔަ ޖަނަވާރުންނަށެވެ. ވީމާ ޔޫރަޕްގެ ވެރިން މި އަޤީދާގެ މަތިން އެބައިމީހުން ދުޔިޔޭގައިބާރުވެރިވެ އުޅުމަށްޓަކައި އެއްބަޔަކު އަނެއްބަޔަކަށް ވުރެ އާރާއި ބާރުގެ ގޮތުން މަތިވެރިވުމަށްޓަކައި މަސައްކަތްކުރިއެވެ. މިގޮތުން ނިކަމެތި ޤައުމުތަކަށްއަރާ އަޅުވެތިކުރަމުންގެންދިޔައީ އެއްވެސް ރަޙްމެއް ޙަމްދަރުދީއެއްނެތިއެވެ.
ފާހަގަކޮށްލެވޭ އަނެއް މުހިންމު ސަބަބަކީ ވިލާތުގެ ޤައުމުތައް ދުނިޔެ އަޅުވެތިކޮށްފައިއޮތްއޮތުމެވެ. މިދެންނެވީ އެފްރިކާއާއި އޭޝިޔާ، އަދި ވަކިން ޚާއްޞަކޮށް ދެކުނު އޭޝިޔާ އާއި ވެސްޓު އިންޑީސްގެ ޤައުމުތައް އިސްތިއުމާރުކޮށްގެން އޮތްއޮތުމުގެ ވާހަކައެވެ. ވިލާތުގެ ޤައުމުތައް އެއްބަޔަކު އަނެއްބަޔަކަށްވުރެ އިސްތިއުމާރުގެ ގޮތުން އާރާއިބާރު ގަދަކުރަން ކުރި މަސައްކަތުގެ ނަތީއްޖާއަކަށްވީ، ހުދު ވިލާތުގެ ޤައުމުތަކުގެ މެދުގައި ކޯޅުމާއި ހަނގުރާމަތައްކުރެވިގެންދިއުމެވެ.
މިފަދަ ހަމަނުޖެހުންބޮޑުހާލަތެއްގައި ވިލާތުގެ ޤައުމުތައް އޮތްއިރު، ވަރުގަދަ ބޮޑު ހަނގުރާމައެއް ފެށެން ހަމައެކަނި ބޭނުންވަނީ އަލިފާންގަނޑު ރޯކޮށްލާނެ “ދިލަކައްޔަކަށެވެ.” މިދެންނެވި “ދިލަކަނި” ކެނޑިގެންދިޔައީ ސާބުންގެ މީހެއްގެ އަތުންނެވެ.

އޮސްޓުރިޔާގެ ރަސްކަމުގެ ތަހުތާއި ހަވާލުވެވަޑައިގަތުމަށް ތައްޔާރަށް ހުންނެވި ވަލީ އަހުދު ޕުރިންސް އާކްޑުކް ޕުރާންޒު ފާޑިނެންޑު ސާބިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި އޭނާގެ ބޮލަށްބަޑިޖަހާ އަވަހާރަކޮށްލި ތާރީޚީ ހާދިސާ ވެގެންދިޔައީ ފުރަތަމަ ބޮޑު ހަނގުރާމައިގެ، އާދެ މިހާތަނަށް ދުނިޔެދުއް އެންމެ ނުރައްކާތެރި ވަރުގަދަ އެއް ހަނގުރާމައިގެ، އަލިފާންގަނޑު ރޯކޮށްލި “ދިލަކަނި”ކަމުގައެވެ.
މި ހާދިސާޔާގުޅިގެން 28 ޖުލައި 1914 ވީ ދުވަހު އޮސްޓުރިޔާއިން ސާބިޔާގެ މައްޗަށް ހަނގުރާމަ އިއުލާނުކުރިއެވެ. ސާބިޔާގެ ބޮޑު އާބަދީއެއް ބިނާވެގެންވަނީ ސާބުންގެ މައްޗަށްކަމުގައި ވީހިނދު، ހަމަ އެނަސްލުގެ މީހުންކަމަށްވާ ރޫސީން (ޔޫއެސްއެސްއާރު) ސާބިޔާއަށް ވާގިވެރިވުމުގެ ގޮތުން އޮސްޓުރިޔާ-ހަންގެރީ އާ ދެކޮޅަށް ހަނގުރާމަ ފެށިއެވެ. އެއަށްފަހު ޖަރުމަނުން އެބައިމީހުންގެ އެކުވެރިން ކަމުގައިވި އޮސްޓުރިޔާއާ މަދަދުވެރިވެ ރޫސީންބަލިކުރުމަށް ހަނގުރާމަ އިއުލާންކޮށްފިއެވެ. ދެން އެއަށްފަހު ހަނގުރާމައިގެ ވަރުގަދަ އަލިފާންގަނޑުގެ ތެރެއަށް ފުންމާލީ އިނގިރޭސިންނެވެ. މިހެންގޮސް ހިސާހިތަކު ވިލާތުއެއްކޮށް ހަނގުރާމައިގެ މައިދާނަކަށް ބަދަލުވެއްޖެއެވެ. މިދެންނެވި މައިދާނުން ދެމެމުން އަންނަ ލޭގެ ކޯރުތައް އިސްތިއުމާރީ ޤައުމުތަކާހަމައަށް ފޯރައިފިއެވެ. އެހިނދުގައި އިސްތިއުމާރީޤައުމުތައްވެސް އެޤައުމުތަކުގެ “އިސްތިއުމާރުން” ނަށް ވާގިދީ ނަޞްރު ހޯދައިދިނުމަށްޓަކައި ،ރުހުމުގައިވިޔަސް ނުރުހުމުގައިވިޔަސް، ހަނގުރާމައިގެ ތެރެއަށް ފުންމާގަތްފިއެވެ.

ފުރަތަމަ ބޮޑުހަނގުރާމައިގައި އެމެރިކާ އޮތީ ވަރަށްވެސް ހަމަހިމޭންކަންމަތީގައެވެ. ހަނގުރާމައިގެ ވަރުގަދަ ބިޔަ ރާޅުތަކުގެ ކަނޑުގައި ދަތުރުކުރުމަކަށް އެބައިމުހުންނެއް ބޭނުމެއްނުވިއެވެ. ނަމަވެސް އޭރުވެސް އެމެރިކާއިން ގެންދިޔާއީ އެކިއެކި ޤައުމުތަކަށް ހަތިޔާރުވިއްކައިގެން ހަނގުރާމައިގެ ފައިދާ ފިސާރި ރަނގަޅަށް ނަގަމުންނެވެ.

ޖަރުމަނުވިލާތާއި އެބައިމީހުންނަށް ވާގިވެރިވާ ޤައުމުތައް ތަޅާ ސުންނާފަތިކުރުމަށްފަހު، ނިކަމެތިވެގެންވާ ބަލިކުރުމަކުން ބަލިކޮށް މި ވަރުގަދަ ހަނގުރާމަ ކާމިޔާބުކުރީ އިނގިރޭސިވިލާތާއި އެބައިމީހުންނަށް ވާގިވެރިވާ ޤައުމުތަކުންނެވެ.

ހަނގުރާމައިގެ ބިޔަ ވަރުގަދަ އަލިފާންގަޑު ނިވުނުއިރު މުޅި ވިލާތުވަނީ އަނދާ އަޅިއަށްވެފައެވެ. ހުރިހާ ޤައުމެއްގެ އިޤްތިޞާދީ ތަނބުތައްވަނީ ފުނޑުފުނޑުވެފައެވެ. އިންސާސީ ވަސީލަތްތައް ވިއްސިވިހާލިވެފައިވާއިރު އެތަކެއް ދަލެއް އޮހޮރުވާ ގިނަގުނަ ފައިސާތަކެއް ހޭދަކޮށްގެން ހަދާފައިވާ މަގުތަކާއި އިމާރާތްތައްވަނީ ހަލާކުވެ ބިމާހަމަވެފައެވެ. ހަނގުރާމައަށް މިލިޔަން މިލިޔަނުން ހޭދަކުރެވުނު ފައިސާގެ ސަބަބުން ވިލާތުގެ އިޤްތިޞާދުވަނީ އަރައިނުގަނެވޭވަރުގެ ފުން ވަޅުގަނޑަކަށް ވެއްޓިފައެވެ. މި ހުރިހާ ދެރަނިކަމެތިކަމަކަށްވުރެ ބޮޑަށް ފާހަގަކޮށްލަންޖެހެނީ ދުވަހަކުވެސް އާރާސްތުކޮށް ފޫނުބެއްދޭނެ ވަރުގެ ބޮޑު ކަމެކެވެ. ކުށެއްނެތް އެތައް މިލިޔަން ޢާންމުންގެ ފުރާނަގެއްލި، ނުކުޅަދޭމީހުންނަށްވެގެން ދިޔުމެވެ. ވަކިން ޙާއްޞަކޮށް، އަނިޔާވެރިކަމާއި ވޭނާއެކު ހަނދަގުތަކުގެ ތެރޭގައި މަރުވެ ފަނާވެގެންދިޔަ ސިފައިން ހަށިތަކެވެ. ހަނގުރާމައަށްފަހު ނަފްސާނީ ބަލިމަޑުކަމެއްގެ ތެރޭގައި އުޅެ މިދުނިޔެދޫކޮށްދިޔަ އެތައް ހާސް ސިފައިންނެކެވެ.

ހަނގުރާމަ ނިމުމުން ޤައުމުތަކުގެ ވެރިންނަށް މި ހަނގުރާމައިން ލިބުނު ގެއްލުމާއި ހަލާކު ވަޒަންކުރެވުނެވެ. ވުމާއެކު މުސްތަޤްބަލުގައި މިފަދަ ދެވަނަ ހަނގުރާމައެއްގެ ވަޅުގަނޑަކަށް ދުނިޔެ ވެއްޓުނަ ނުދިނުމަށްޓަކައި ވަރަށް ގިނަ ފިޔަވަޅުތަކެއް އެޅިގެންދިޔައެވެ. މިގޮތުން ފާހަގަކޮށްލެވޭ އެންމެ މުޙިންމު ފިޔަވަޅަކީ “ލީގް އޮފް ނޭޝަންސް” އުފެދިގެން އައުމެވެ.

ގުޅުންހުރި

2 ޚިޔާލު

  1. ރަގަޅު ލިއުމެއް މިފަދަ ލިއުންތަކުން އަޅުގަޑުމެން އިބުރަށް ހާސިލްކުރަން ޖެހޭ!

  2. ހަގީގަތުގައި ފުރަތަމަ ބޮޑުހަނގުރާމަ ފެށުމުގެ އަސްލަކީ ޑާވިންގެ ނަޒަރިއްޔާއެއް ނޫނެވެ އެހެނީ ‘ޑާވިންގެ’ ދިރާސާތައް ފުރިހަމަކޮށް، ޖުމުލަ ގޮތެއްގައި އޭނާގެ ތިޔަރީތައް އާއްމު ކުރިހިސާބުން ވެސް މުޅި އިނގިރޭސި ވިލާތުގެ ހަރުމީހުންނާއި ނުވަތަ ބުއްދީގެ އަހުލުވެރިން އެންމެ ފުރަތަމަ ވެސް އޭނާގެ ތިޔަރީގެ ބޮޑު ބައެއްގެ މައްޗަށް ދެކޮޅު ހަދައިފިއެވެ އެއްކަމަކީ އޭނާގެ ތިޔަރީތައް ބުނާގޮތުން އިންސާނުންގެ އަސްލަކީ ރާމާމަކުނުގެ ނަސްލެވެ އޭނާގެ ނަޒަރިއްޔާ ބުނާގޮތުގައި އެތައް މިލިއަން އަހަރެއްގެ ރެވެލިއުޝަނެއްގެ ތެރެއިން ރާމާމަކުނުތައް އޭގެ ސިފަ ބަދަލުވެ ނަގޫ ވެއްޓުނީއެވެ ހަގީގަތުގައި ޑާވިންގެ ތިޔަރީގެ މިނުކުތާ އެއްވެސް ހާލެއްގައި އެއިރުވެސް އަދި މިއަދުވެސް ތަހުޒީބު ބަޔަކު ޔޫރަޕްގައި ގަބޫލު ނުކުރެއެވެ ވީހިނދު، ފުރަތަމަ ބޮޑު ހަނގުރާމައިގެ އަސްލަކީ ‘ޑާވިން ‘ތިޔަރީކަމުގައި ބުނުމަކީ ރަނގަޅު ގޮތެއްނޫނެވެ. ފުރަތަމަ ބޮޑު ހަނގުރާމައިގެ އަސްލަކީ އެޒަމާނުގެ ޔޫރަޕްގެ މުޅި މުޖުތަމަޢުގެ ނާތަހުޒީބު ކަމުގެ އަސްލެވެ އިންސާނުންނަކީ އެއްނަސްލެއް ކަމާއި ތަފާތު ގަބީލާތަކުގައި ދިރިއުޅުނަސް ނުވަތަ އިންސާނުންގެ ކުލަ ތަފާތު ވިޔަސް އިންސާނުންގެ އަސްލަކީ އެއް ކްރޮމޮޒޯން ސެލްތަކެއްކަން ނޭގުމުގެ ނަތީޖާއެވެ ބޮޑެތި ދިރާސާ އިލްމުވެރިންގެ ދިރާސާތަކުން އެނގޭގޮތުގައި ހަނގުރާމައާއި ބައިބައި ވުންތައް އިންސާނުންގެ ކިބައިން ގިނަ ފަހަރު ފެނިގެން ދަނީ ޖަނަވާރުންގެ ވިސްނުމާއި އެއްގިންތީ އެއްގައި “ބްރެއިން ނިއުރޯން” މަސައްކަތް ކުރި އެންމެ ބޯދާ ޒަމާން ތަކުގައެވެ އިލްމުވެރިން ވިދާޅުވާ ގޮތުގައި މިޒަމާނުގައި ވެސް ފިނި ހަނގުރާމައިގެ ވިސްނުން ގެންގުޅެނީ އެފަދަ ވިސްނުން ދޯހަޅި މީހުންނެވެ ހަގީގަތުގައި ދުނިޔެ އެއްބަށްރެއްގެ ގޮތުގައި ނެތަސް ޢިލްމީ މުއާސަލާތުގެ ނަޒަރިއްޔާ ވިސްނާއިރު، ދުނިޔެއަކީ އެއްބައްރެވެ މިއަދުވެސް ވޯރާ ވިޔަފާރި ވެރިންގެ ވާހަކަ ދައްކާ ފަރަންޖީން ފަހާ ދުވުމުގެ ވާހަކައިން މުޅި ރާއްޖެ ނަޢަރާ ކުރަމުން ދަނީ “ބްރެއިން ނިއުރޯން އެނިމަލް ގިންތީގައި ތިބި މީހުންނެވެ.

Your email address will not be published. Required fields are marked *

More in ރިޕޯޓް