ރިޕޯޓް

ޙައްޖު ދަތުރުގެ ތަޖުރިބާ (4)

މައްކާގެ ޙަރަމުގައި ނަމާދުކޮށް އަޅުކަންތައްކުރުން

ޢުމުރާގެ އަޅުކަމަށްފަހު މައްކާގައި ހޭދަކުރާދުވަސްތަކުގައި މަސްޖިދުލް ޙަރާމަށްގޮސް ނަމާދުކުރުމަކީ ހަމަހުރިހާ ޙާޖީންވެސް ބޭނުންވާ އަދި ޢަމަލުކުރާގޮތެވެ. އެހެންކަމަށްވުމާއެކު ހުރިހާ ނަމާދެއްގައިވެސް ޙަރަމްގެ އެތެރެއާއި އަދި ވަށައިގެން ބޭރުވެސް އޮންނަނީ ހަމަފުރިފައެވެ. މިސަބަބާހުރެ ޙަރަމުގެ ސަރަޙައްދުގައި އުޅޭއިރު ސަމާލުކަންދޭންޖެހޭނޭ ވަރަށް ގިނަކަންތައްތަކެއްވާނޭކަމީ ޝައްކެއްއޮތްކަމެއްނޫނެވެ. ފުރަތަމަކަމަކަށް ޙަރަމަށް ގޮސް އައިސް އުޅުމުގައި މަގުމަތީގެ އަމާންކަމަށާއި ރައްކާތެރިކަމަށް ވަރަށްބޮޑަށް ސަމާލުވާންޖެހޭނެއެވެ. ހަމައެއާއެކު މީހުންގެ އަދަދު އިންތިހާއަށް ގިނަކަމާއެކު މިސްކިތަށް ދިޔުމުގަޔާއި މިސްކިތުން އެނބުރި އައުމުގައިވެސް އެކަށޭނަވަގުތެއް އިޚުތިޔާރުކުރުން ވަރަށް މުހިއްމެވެ. މިސާލަކަށް ފަރުޟުނަމާދުގެ ޖަމާޢަތް ހަމަނިމުމާއެކު މިސްކިތުން ފޭބުމަށް ދިމާކޮށްފިނަމަ މީސްތަކުންގެތެރޭގައި ތާށިވެފައި އެތައްއިރަކު ހުންނަންޖެހިދާނެއެވެ.

ކަޢުބަތުﷲ އަށް ދޭންޖެހޭ އިޙުތިރާމާއި ޤަދަރުދިނުމުގައި ޙައްދުފަހަނައަޅައި ދިޔުން

ޝައްކެއްވެސް ނެތްގޮތުގައި ކަޢުބަތުﷲ ގެފުޅަކީ މިބިންމަތީގައިވާ އެންމެ މުޤައްދަސް އެންމެ މަތިވެރި ބިނާއެވެ. އެހެންކަމަށްވުމާއެކު މައްކާއަށް ޒިޔާރަތްކުރާ ކޮންމެމީހަކުވެސް އެ ބިނާއަށް ދޭންވާ ފުރިހަމަ ޢިއްޒަތާއި ޤަދަރު ދޭންޖެހޭނެއެވެ. އެކަމުގައި ފަސްޖެހިގެންނުވާނެއެވެ. ހަމައެހެންމެ އެކަމުގައި ހައްދު ފަހަނައަޅަ ގޮސްގެން ނުވާނެއެވެ. މުސްލިމުންގެ ޢަދުއްވުންނާއި އިސްލާމްދީން ނުދަންނަމީހުން މުސްލިމުންނާއި މެދު ބޭނުންކުރާ ޢިބާރާތެއްގައި އޮވެއެވެ. "މުސްލިމުންނަކީ ސަހަރާގައި ހުންނަކަޅުފޮށްޓަކަށް އަޅުކަން ކުރާބައެކެވެ." މާނައަކީ މުސްލިމުން އަޅުކަން ކުރަނީ މައްކާގައި ހުންނަ ކަޢުބަތުﷲ ގެފުޅަށެވެ. ޣައިރުމުސްލިމުން މިހެން އެބުނަނީ މުސްލިމުން ނަމާދުކުރާއިރު އެބިނާއަށް ކުރިމަތިލައި އަދި ޠަވާފުކުރުމުގެ ގޮތުން އެބިނާ ވަށާ އެނބުރޭތީ ކަމަށްވެދާނެއެވެ. އެކަމަކު ކޮންމެ މުސްލިމަކަށްވެސް އަދި އިސްލާމްދީން ދަންނަ ކޮންމެ މީހަކަށްވެސް މުސްލިމުން އެކަންތައްތައް އެގޮތަށް ކުރަނީ ގެފުޅަށް އަޅުކަންކުރަންނޫންކަމަށާއި އަދި އެއީ އެގެފުޅުގެ ވެރިއިލާހަށް ކިޔަމަންތެރިކަން އަދާކުރުމުގެ ގޮތުން އެއިލާހަށްކުރެވޭ އަޅުކަންތަކެއްކަން އެނގޭނެއެވެ. އެކަމަކުވެސް ހިތާމަޔަކީ އެމީހުން އެބުނާ ޢިބާރާތް އެއީ ތެދު ބަހެއްހެން ހީވާފަދަގޮތަކަށް އެތަކެއް ބައިވަރު މުސްލިމުންޢަމަލުކުރަމުންދާ ކަމެވެ.

ޠަވާފުގެއަޅުކަމުގައި އަތްބީއްސަންޖެހޭ އަދި ބޮސްދޭންޖެހޭ ތަންތަނުގައި އަތްބީއްސާ ބޮސްދީ ހެދުމަށްޓަކައި ގަދަކަންދައްކާ މީސްތަކުންގެ ސަބަބުން އެމީހުންނަށާއި އެހެންމީހުންނަށް އެކިވަރުގެ އަނިޔާވާތަން ފެނެއެވެ. އެފަދަމީސްމީހުން ދެކޭގޮތުގައި ޙަޖަރުލްއަސްވަދުގައި އަތްބީއްސާ ބޮސްދިނުމަކީ އަދި ރުކުނުލްޔަމާނީގައި އަތްބީއްސުމަކީ ކޮންމެހެން ހަދާފައިވެސް ކުރަންޖެހޭނޭކަމެކެވެ. އަދި ކޮންމެފަދަޙާލެއްގައިވެސް ޙިޖުރުޢިސްމާޢީލްގެތެރެއަށްވަދެ އެތާގައި ސުންނަތްދެރަކުޢަތް ކުރަންޖެހޭނެއެވެ. އެކަމުގައި ކިތަންމެބޮޑު އަނިޔާއެއްލިބުނަސް ނުވަތަދޭންޖެހުނަސް ހެވެ. އެހެންނަމަވެސް ޙައްޖުގެ އަޅުކަމުގައި މީހުންނަށް އަނިޔާވެރިވެ ޖަދަލުކޮށް އުޅުން ނަހީވެގެންވާއިރު ސުންނަތެއް ޙާޞިލްކުރުމަށްޓަކައި ޙަރާމްކަމަކަށް އަރައިގަތުން ހެޔޮވާނީ ކޮންފަދައަކުންތޯއެވެ؟ ގިނަބަޔަކު ކޮންމެފަދަޙާލެއްގައިވެސް އެތަންތަނުގައި އަތްލާ ބޮސްދީ ހަދަނީ އަދި ޙިޖުރުއިސްމާޢީލްގެތެރެއަށް ވަދެވޭތޯއުޅެނީ އެނބުރި އަހުލުވެރިންކައިރިއަށް ދިއުމަށްފަހު ފަޚުރުވެރިވެފަ އެކަން ހާމަކުރުމުގެ ބޭނުމުގައެވެ. އަދި އެފަދައިން ކަންތައްނުކޮށް އެނބުރި ހިނގައްޖެނަމަ އެހެންމީހުންގެ މަލާމާތް ލިބިދާނޭ ކަމަށްޓަކައެވެ. މިފަދައިން ޢަމަލުކުރާނަމަ އެއަޅުކަމަކީ ހެއްދެވިފަރާތަށް ޚާލިޞްކޮށް ކުރެވޭ އަޅުކަމެއްކަމާމެދު ޝައްކުކުރުމުގެ ޖާގައެބައޮތެވެ. މިދެންނެވުނީ ސުންނަތް ޙާޞިލްކުރުމަށް ބައެއްމީހުން އުޅޭގޮތުގެ ވާހަކައެވެ. ދެންއޮތީ ސުންނަތުގެ ތެރޭގައިވެސް ނުހިމެނޭ ބިދުޢަތަކަށް އަރައިގަތުމުގައި މީހުން މަރުދީ އުޅޭވާހަކައެވެ. އޭގެތެރެއިން އެއްކަމަކީ ގެފުޅުގެ ފާރުކޮޅުގަޔާއި ދޮރުކޮޅުގައި އަދި އުރަކޮޅުގައި އަތްކާތްތާ، އެލި އުޅޭއުޅުމެވެ. ޖަމާޢަތުގައި ފަރުޟުނަމާދުކުރެވޭވަގުތުތަށް ފިޔަވައި ދެންހުރިހާ ވަގުތުތަކެއްގައި ގެފުޅުވަށައިގެން މީސްތަކުން ގެފުޅުގެ ފާރުކޮޅުދޮށަށްބޮނޑިވެ ފާރުކޮޅުގައި 'ތަތްވެގަނެގެން' ތިބެއެވެ. އަދި ފާރުކޮޅުގައި އަތްކާތްތާ ގައިކާތްތާ، އަތުގައި އޮންނަފޮށަޔާއި މުސައްލަފަދަތަކެތި ކާއްތާ އެއިން 'ބަރަކާތް' ހޯދާހަދައެވެ. ގެފުޅުގެއުރަކޮޅުގައި އެލިހަދާތީ ކަންނޭނގެއެވެ. އުރަކޮޅު ހުންނަނީ މީސްތަކުންގެ އަތްނުފޯރާހިސާބަށް މައްޗަށް ހިއްލާފައެވެ. އެވަރުންވެސް ފޮށަޔާއި މުސައްލަފަދަތަކެތި މައްޗަށް އުކައި އުރަކޮޅުގައި ޖައްސައިގެން އެއިން 'ބަރަކާތް' ހޯދާ ގައިގައި އުނގުޅާހަދައެވެ. އަދި އެހިފައިގެންގޮސް އެހެންމީހުންގެ ގައިގައި އުނގުޅާ އެއިން 'ބަރަކާތް' ފޯރުކޮށްދީ އުޅެއެވެ. ހަމައެއާއެކު މަޤާމު އިބުރާހިމްގެ ބިނާގައި އަތްކާއްތާ ބޮސްދީ ހެދުމަކީވެސް ޢާއްމުކަމެކެވެ. އަދި ޠަވާފުނުކުރާޙާލުގައިވެސް ޙަޖަރުލްއަސްވަދުގައި ބޮސްދީ އަދި ރުކުނުލްޔަމާނީގައި އަތްބީއްސުމަށްޓަކައި ޠަވާފުކުރާމީސްތަކުންގެތެރެއަށް ވަދެގަނެގެން އުޅޭމީހުން އަޅުގަނޑުދުށީމެވެ. ކޮންމެއަކަސް މިފަދަޢަމަލުތައް ކުރުމުގައި މައިގަނޑުހިފަހައްޓާބައެއްގެގޮތުގައި އަޅުގަނޑަށް ފާހަގަކުރެވިފައިވަނީ އިންޑިޔާ ޕާކިސްތާންހިސާބުގެ ޙާޖީންނެވެ.

ފަރުޟުނަމާދުގެ ވަގުތުތަކުގައި މަސްޖިދުލް ޙަރާމަށް ނަމާދަށް ގޮސް އުޅުމުގައި އެހެންމީހުންނަށް އުނދަގޫނުވާނޭގޮތަށް އުޅުމަށް ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެއެވެ. އެމިސްކިތަކީ ކިތަންމެ ބޮޑު އަދި ތަނަވަސް މިސްކިތަކަށްވިޔަސް ޙައްޖުމޫސުމުގައި ޖަމާވާ އެތައްލައްކަ ބައެއްގެ ސަބަބުން މިސްކިތް އޮންނަނީ ކުޑަވެފައެވެ. އެހެންކަމަށްވުމާއެކު ޙައްޖުގެ އަޅުކަމާއިމެދު މާތްﷲ އަންގަވާފައިވާ ފަދައިން އެހެންމީހުންނަށް އުނދަގޫ ނުވާނޭގޮތްގޮތަށް ޢަމަލުތައް ބެހެއްޓުން މުހިއްމެވެ. މިގޮތުން ބަލާއިރު މިސްކިތަށް ކުރިން ދާމީހުން މިސްކިތުގެ ކުރި ފުރަމުން ދިއުންމުހިއްމެވެ. ވަރަށްގިނަފަހަރަށް މިސްކިތް 'ފުރި' މިސްކިތުން ބޭރުގައި އެތައްހާސްބަޔަކު ނަމާދުކުރާއިރު މިސްކިތްތެރޭގައި އެތަންމިތާގައި އެތައްސަތޭކަބަޔަކަށް ނަމާދުކުރެވޭނެ ހުސްޖާގައޮވެއެވެ. މިހެން ވާންޖެހޭ އެއްސަބަބަކީ ކުރިން މިސްކިތައް އަރާމީހުން ކުރީސަފުތަކަށް ނުގޮސް ފަހަތުގައި ތިބޭ ތިބުމެވެ. އަދި މިސްކިތްވަރަށްބޮޑަށް ފުރފައި އޮންނައިރު ފަހުން އަރާމީހުން ކުރީސަފުތަކަށް ދިއުމަށްޓަކައި ސަފުތައް ފަޅަމުން މީސްތަކުންގެ 'ކޮނޑުމަތިން' ފައިނަގަމުންދިޔުމަކީ މީސްތަކުންނަށް އުނދަގޫ ލިބޭނޭކަމެކެވެ. އަދި ވަރަށް ގިނަފަހަރަށް އެގޮތަށް ކުރިން ތަންކޮޅެއް ލިބޭނޭކަމަށް ހީކޮށް ފަހަތުން ލިބުނު ހުސްތަން ދޫކޮށްލާފައި ދިއުމުން ކުރިންތަންކޮޅެއްނުލިބި އަދި ޠަވާފުކުރުމަށްޓަކަޔާއި ޠަވާފުކޮށްނިމިގެން ހިނގާބިނގާވާ މީސްތަކުންގެ ގިނަކަމާހުރެ ކޮޅަކުން ކޮޅަކަށް ގުޑާނުލެވި ހުރިތަނުގައި ތާށިވެ ހުސްތަންކޮޅެއް ހޯދުމަށްޓަކައި އެތައް އުދަނގޫތަކެއް އުފުލަންޖެހެއެވެ.

 މިސްކިތްތެރޭގައި އެންމެ އުނދަގޫވާ އެއްކަމަކީ އަންހެނުންނާއި ފިރިހެނުންގެ މަސްހުނިކަން ބޮޑުވުމެވެ. މިސްކިތުގައި އަންހެނުންތިބޭ ސަރަޙައްދު ވަކިން ފާހަގަކޮށްފައި ހުރެއެވެ. އެކަމަކު މިސްކިތަށް ދާ ގިނަމީހުން އެކަމަކަށް ހޭލުންތެރިއެއްނޫނެވެ. ނޫނީވިއްޔާ މަސްހުނިވެގެންތިބުން އެމީހުންނަށްމައްސަލައަކަށް ނުވަނީއެވެ. ގިނައަންހެނުން ބޭނުންވަނީ އެމީހުންނާއެކު އަންނަ ފިރިހެނުންނާއެކު އެއްތަނެއްގައި ތިބެންކަމުގައި ހީވެއެވެ. އެއީ މިސްކިތްތެރެއަށް ގެއްލިދާނެކަމުގެ ބިރަށް ޓަކައެވެ. ވަރަށްގިނަފިރިހެނުން އެމީހުންނާއެކު މިސްކިތަށް އަންނަ އަންހެނުން ފިރިހެނުންތައް ތެރޭގައި ބައިތިއްބައެވެ. މިކަން ބޮޑަށް ފާހަގަވީ އިރުމަތީ އޭޝިޔާގެ މީހުންގެ ފަރާތުންނެވެ. އަންހެނުންނަށް ޚާއްޞަކުރެވިފައިވާ ޖަގަހަތައް ފިޔަވައި އެހެނިހެންތަންތާގައި ތިބޭމީހުން އެތަންތަނުން ފޮނުވާލުމަށް މިސްކިތް ބަލަހައްޓާމީހުން ވަރަށްބޮޑަށް މަސައްކަތްކުރެއެވެ. އެހެންނަމަވެސް މީސްތަކުންގެ ގިނަކަމާހުރެ މިމަސައްކަތުން އެދެވޭ ނަތީޖާއެއް ވަރަށް ނުފެނެއެވެ.

ގުޅުންހުރި

1 ޚިޔާލު

  1. ޙައްޖުގައި ބޯބޭލުމެގެ ކަންތައް މުރާޖާ ކޮށްލެއްވުމަށް ލިޔުންތެރިޔާއަށް ދަންނަވަން

Your email address will not be published. Required fields are marked *

More in ރިޕޯޓް