މިވާހަކައަކީ އަނެއް ދިވެހިރާއްޖޭގައި ދިވެހިން ތިން އަހަރު ހޭދަކުރުމަށް ފަހު އެނބުރި ދިވެހި ރާއްޖެޭއަށް އައިގޮތުގެ ވާހަކައެވެ. ބައެއްމީހުން ބުނާގޮތުގައި އެއޮތީވާ އަނެއް ދިވެހި ރާއްޖެއެކެވެ! އަނެއް ދިވެހިރާއްޖޭގައި މިނިވަންކަމަކީ ސާލަކުން އޮހޮރިގެން އަންނަ ފެން ކޯރެއްފަދަ އެއްޗެކެވެ. އެއިން ބޯނެމީހަކު ބޯންވީއެވެ. ނުބޯނެމީހަކު ނުބޮއި ހުންނާންވީއެވެ. ފެންވަރާނެ މީހަކު ފެންވަރަންވީއެވެ. ފެންނުވަރާނެ މީހަކު “ފެންނުވަރާ” ހުންނަންވީއެވެ!
އަނެއް ދިވެހި ރާއްޖޭގެ ނައުކޮޅުގެ މާލިމީކަމާ ހަވާލުވެ ހުންނެވި މާލިމީގެ ހެޔޮފުޅުކަމުގެ ވާހަކަދެއްކުމަށްވުރެ ނުދެއްކުންމާ ރަނގަޅުކަމުގައި ބައެއްމީހުން ބުނެއެވެ. މާލިމީ ނައުކޮޅު ދުއްވަވާއިރު ކުރިމަތިންއަންނަ ރާޅަކަށް އޮއިވަރަކަށް ނުބައްލަވައެވެ. އެހާވެސް މާލިމީގެ ބިރުފުޅުކުޑަޔޯލައެވެ!.. ބުނެވޭ ގޮތުގައި ބައެއްފަހަރު ފަޅުވެރިކުދިންގެ ހިތްތަކަށް ނުކުޅަދާނަވެގެން ގަންނާކުރައްވާބިރުން މާލިމީގެ އަރިހުގައި އެއްޗެއް ހަމަ ދަންނަވާއިރަށް ހިނިފުޅުވަޑުވާލައްވާފައި ވިދާޅުވާކަމަށްވަނީ އަހަރެމެން މިތިބީ އެކެއްގެ ކިބައިން އަނެކަކު ހިތްވަރުލިބި ބިރު ފަހަނައަޅާގޮސްފައިކަމުގައެވެ.
ކޮންމެއަކަސް މާލިމީ ނައުގެ ހުންގާނުގައި ހުންނަވާ ހަރުއަޑުން ގޮވާލައްވާކަމުގައި ވެއެވެ. ބޮވޭނެއޭ އަދި ބޯންދޭންވެސް ޖެހޭނެއޭ!.. ނަމަވެސް ނައުގެ ކޮޅުފަސްކޮޅުގަ ތިބޭ ބަޔަކަށް އެގޮވާލައްވަނީ ކޮންފަދައެއްޗެއް ބޮވޭނެއޭ އަދި ބޯންދޭންވެސްޖެހޭނޭކަމެއް ސާފުނުވާކަމުގައިވެއެވެ. ބައެއްމީހުން ބުނެއޭ އެގޮވާލައްވަނީ ނައުކޮޅުގައި މިއުޅޭ ޒުވާން ސިޔާސަކުދިންކޮޅު ލޮއްސާލުމަށް ވިދާޅުވާ އެއްކެއްކަމުގައިވެއެވެ. އެހެންޔާފަހެ އެކުދިންވެސް 24 ގަޑިއިރު ހަމާގައި ތިބެން ބޭނުންނުވާނެކަމުގައި މާލިމީ ދެކެވަޑައިގަންނަވާކަމުގައިވެއެވެ.
އަދި ބުނެވެއޭ ބަޔަކު މީހުން އަރާރުންވެ ހަޑިހުތުރުއެއްޗެހި ގޮވަންފެށުމުން އެކަމުގެ ޝަކުވާ މާލިމީ ގާތުގައި ދެންނެވީމާ ހިނިފުޅުވަޑުވާލައްވާފައި ބަލަބަލަ ކުދީންނޭ ތިގޮވާއެއްޗެއް ފުރަތަމަ ތިމަން މަނިކުފާނާދިމާލަށް ގޮވާބަލާށޭ ވިދާޅުވާކަމުގައިވެސްވެއެވެ. ތިމަންމަނިކުފާނު މި ނައުކޮޅުގެ މާލިމީއަކަށްހުއްޓާ ހަމަހިލާ މީހަކު އެމީހެއްގެ ދުލުންގޮވާލާ ގޮވެލިފައްޗަކުން އެމިހާގެންގޮސް ނައުގެ އެންމެ އަޑީވަތަށްލާ މައްޗެއްނުޖެހޭނެއެވެ. އަދި ހަމައެހެންމެ މިނައުކޮޅުން ހިފާ އެއްވެސް މަހެއް މަރާކަށް މި ނައުކޮޅުގެ އެއްވެސް މީހަކު ބޭނުމެއްނުވެއޭ ވިދާޅުވާކަމުގައިވެއެވެ.
ދެންފެނުނީ ފަރަންޖީ ވިލާތަކުން ފާޑެއްގެ ދޮންކަނބުލޭގެއެއް ނައުކޮޅަށް ގެންނެވިތަނެވެ. އޭނާލައްވާ ވިދާޅުވިކަމަށްވެއޭ މި ނައުގައި މަސްބަހަން މި ގެންގުޅޭ އުޞޫލަކީ މާ ބޯދާއުޞޫލެކޭ!.. މި ކަމާ އެންމެން ބަހުސްކުރަންވެއްޖެކަމުގައިވެސް މި ފަރަންޖީ ދޮން ކަނބުލޭގެ ވިދާޅުވިކަމަށްވެއެވެ. މީނާ ވިދާޅުވިޔޯލައޭ ވަކި އޮޑިވެރިމީހާކަމުގައި ވީތީ އޭނާއަށް މަސްބައިން ދެބައިދީފައި އޭނާގެ އަންހެނުންނަށް ބައިފަޅިއެއްދީގެން މިފަދަ ޒަމާނެއްގައި ހެޔޮވާނީ ކިހިނަކުންހޭ!.. އޭރުން އެކަނބުލޭގެ އިންސާނި ޙައްޤުކޮބާހޭ!.. އޮޑިވެރިޔާއަށް ދެބައި ދެއްޔާ އެނކަބުލޭގެއަށްވެސް ހަމަ އެވަރުގެ ދެބައިދޭންޖެހޭނެކަމަށްމި ކަނބުލޭގެ ވަކާލާތުކުރައްވާކަމުގައިވެއެވެ. ކޮންމެއަކަސް މާލިމީއަށް މި ދޮންކަނބުލޭގެ ދެއްކެވި ވާހަކަފުޅުތަކަށް މާގަޔާވެވި ރުހިއްޖެއެވެ. އަދި ހަރުއަޑުން ގޮވާލެއްވިކަމުގައިވިއެވެ. އެކަނބުލޭގެ އެކުރެއްވެވި ފިކުރަކީވެސް ހަމަ އެންމެ ރަނގަޅު ފިކުރެކެވެ. ވީމާ މި ނައުގައިތިބި ބޭކަލުންގެކިބައިން އެކަނބުލޭގެ އެވިދާޅުވާ އަނެއްފިކުރަށް މިނައުކޮޅުގައި ޖާގައެއް ދެވެން އޮތްތޯ ތިމަންމަނިކުފާޅު އައްސަވާ އޮޅުންފިލުއްވާނޭކަމުގައި ވިދާޅުވިއެވެ. ކޮންމެއަކަސް މާލިމީ މިވިދާޅުވާ އަނެއްފިކުރަކީ ކޮބައިކަން ކޮންމެވެސް ގޮތަކުން ބޭކަލުންނަށް ވިސްނި، ހޯހޯއޭ ތިވިދާޅުވާ އަނެއްފިކުރަކަށް މިނައުކޮޅުގައި ޖާގައެއްނެތޭ ގޮވާލުމުން މާލިމީ ކޯފާއިސްކުރައްވާފައި ވިދާޅުވިކަމުގައިވެއޭ، ބަލަ ބޭކަލުންނަށް ހޯހޯއޭވެސް ތިޔަގޮވެނީ ތިމަންމަނިކުފާނުގެ ހެޔޮފުޅުކަމުންނޭ ނިކަންހުރެބަލާށޭ މިފަހަރު ތިމަންމަނިކުފާނުގެ ހުރި ނުބައިކަން ދައްކަވާލައްވާނަމޭ ވިދާޅުވެ ބޭކަލުންކުރެ އަރާހުންނެވި ބޭކަލަކު އަވަހާރަފުޅަށް އޮންނަވަނިކޮށް މާލިމީ ހެއްދެވި ޖާދޫއަކުން އޭނާ ޣަޢިބުވެއްޖެކަމުގެ ޚަބަރުތައް ރަށުތެރެއިން އިވެންފަށައިފިއެވެ. އެއްބަޔަކު މިކަމާބިރުން އުޅެންފަށައިފިއެވެ. އަނެއްބަޔަކު ހަައިރާންވެގެންތިބެ ބުނެއުޅޭކަމުގައިވެއޭ އެކަމަކު މާލިމީވާ ކުޅަދާނައޭ ހުރިގޮތަށްހުރި އާދަމުގެ ދަރިޔަކު ދޮޅެއްކަޅެއްކީއްކުރަންހޭ ފާތިހާދުވަސްވެސް އަންގާނުލާ ޤާނޫނީގޮތުން ދިރުވާލިއްޔޯލައެވެ. ނުބައިކަންދައްކަވާލައްވަނަމޭ ވިދާޅުވިއެއްކަމަކު މާލިމީއަކީ މިހާނުބައި މީހެއްކަމެއް މީގެކުރިއަކުން ނޭގޭވިއްޔާއެވެ!.. ދެންތިބި ބަޔަކު މިކަމާ އައިގަދަރުޅިން މާލިމީއަތުން މާލިމީކަން ނެގުމަށް ވަޢުދުވެ ނައުކޮޅުގެ ކެޔޮޅުކަލޭގެ ގެޔަށް ދަންވަރުގައި މިބައިމީހުން ވަދެ މާލިމީއަތުން މާލިމީކަން ނެގުމަށް ކެޔޮޅުކަލޭގެއާ އަހުދުކަށަވަރުހިފައިފިއެވެ. އަދި ކެޔޮޅުކަލޭގެ ގާތުގައި ބުނިކަމުގައިވެއޭ ރަސްކަމެއް ދީފިއްޔަ ކުރަންކެރިދާނެހޭ!… ކެޔޮޅުކަލޭގެ ފާޑަކަށް ނޫންކަމަށްހެދިފައި ބުނިކަމަށްވެއޭ، އާއެކޭ ކުރާނެ ކަމެއްނެތި މިހެން ގޮނޑުދޮށުގައި ޤަޟާހާޖަތެއްކުރަން އިންދާ މާވަހަރެއް އައިސް ފައިބުޑަށް ލެއްކީމާ އެ ނުހޮވާހުންނާނީ ފަހެ މޮޔައެއްނޫނީ ދެންކާކުހެއްޔެވެ!..
ދުވަސްތަކަށްފަހު މި ޒުވާބު ގަދަވުމުން މާލިމީގޮވާލައްވައިފިއޭ ބަލަގަ ކުދިންނޭވޭ މިހެން ޒުވާބުކުރަން ތިބުމަށްވުރެ މިކަމުގައި ކޮޅެއްމެދެއްފެނޭތޯ ބަލަމާއަންނާށެވެ. މިހެންވިދާޅުވެ މާލިމީ މެދުމިނުގައި ހިއްޕަވައިފިއެވެ. ނައުގެ އެއްބަޔަކަށް މިގޮތްމާކަމުގޮސް ތިމަންނާމެންވެސް މެދުމިނަށް ތާޢީދޭ ގޮވާގަންފިއެވެ. މާލިމީ ވެލެއްވި އުފާފުޅެއްގެ ބޮޑުކަމުން ވިދާޅުވިއެވެ. ކޮބާ ކޮބާ މިފަހަރު ބޮޑުމަންޒަރު ދައްކާލާނަމޭ، ތިޔަހެން ނައުކޮޅުންބޭރަށް އަތްބާނާ ލޮނުފެނުން އަތްފާދޮވެ ޖިހާދީރޫހެއްގައި އައިސްގެން ތިމަންމަނިކުފާނު މާލިމީކަމުން ދުރުކުރާކަށް ލާހިކެއްނޫނޭ ވިދާޅުވެ ގޮންޖައްސަވަންފައްޓަވައިފިއެވެ. ތިމަން މަނިކުފާނު މާލިމީކަމާ ހަވާލުވީ ލައްކަދުވަހު އެންއުކަން އެންވަތުގައި އޮތުމަށްފަހުގައޭ، ތިމަންނަ އެންވަތަށް ލާފާނެތީ ކުޑަކޮންވެސް ބިރުފުޅުނުގަންނަވާނޭ ވިދާޅުވާންފެއްޓެވިއެވެ. ދެން ކޯފާއިސްކުރައްވާ ވިދާޅުވިއެވެ. އަހަރުމެން ދެބައިމީހުން ދެން ބައްދަލުކުރާނީ އަންނަމަހު މިދުވަހު މާލޭ ރައްބޭރުންނެވެ. އޭރުން މޮޅުވާބައެއްވެސް އެނގިދާނެތާއެވެ!.. މިފަހަރު ދުނިޔެގައި ތިބި ބަޔަކަށް ބޮޑުމަންޒަރު ދައްކާލާނަމެވެ!….
ކޮންމެ އަކަސް އެވިދާޅުވި ދުވަހެއް ކައިރިވިކައިރިވީހެން ބެރުދުންމާރިތަކުގެ އަޑުތަށް ގަދަވަމުންދިއައެވެ. ހީވަނީ ބޮޑުވެގެންވާ ހަނގުރާމައަކަށް ދެލަސްކަރު ތައްޔާރުވާހެންނެވެ. ދެފަރާތުންވެސް އެބަޔަކަށް ބައިވެރިވެ ވާގިދިނުމަށް އެކިއެކިހިސާބުތަކުން މީސްތަކުން މޭލޭއަށް ޖަމާކުރަމުން ގެންދާކަމުގައިވިއެވެ. މާލިމީ ވިދާޅުވަމުންގެންދަވަނީ ތިމަން މަނިކުފާނަށް ތާޢީދުކުރާ އެންމެން މެދުމިނަށް ނަޞްރުދިނުމަށް މާލޭގެ ރަށްބާރަށް އެއްވުމަށެވެ. ރައްދުގައި އަނެއްކޮޅުން ގޮވާލާކަމުގައިވަނީ ދިވެހިންގެ ނައުކޮޅު ފަރަށް އަރާ މާސިންގާކަނޑުގެތެރެއަށް އަޑިޔަށްނުދަނީސް ނައުކޮޅު ސަލާމަށްކުރުމަށް އަވަސްވެގަތުމަށެވެ. ކޮންމެއަކަސް ފޯރިގަދަ ތައްޔާރިއަކަށްފަހު ދެ ބައިމީހުން މާލޭގެ ރަށްބޭރަށް ޖަމާވިއިރު މާލިމީގެ އަރިހުގައި ވަޑައިގެންކަމަށްވަނީ ފަޅުވެރިކުދިންކުރެ މަދު އަދަދެއްގެ ކުދިންކޮޅެކެވެ. އަނެއްކޮޅުގައި އެއްވެތިބި ބައިގަނޑުގެ މީހުން އެއްއަޑުންގޮވާލިކަމުގައިވެއެވެ. ބަލަ މާލިމީއޭ! މިހާރު ބޮޑުމަންޒަރު ފެނިއްޖެތޯއެވެ.!
އެހިނދުގައި މާލިމީ އިސްދަށަށްޖައްސަވައިގެން ހުންނަވާ ވިދާޅުވިކަމުގައިވިއެވެ. ތިމަންމަނިކުފާނަށް ފެންނަގޮތުގައި ދެން އިތުރަށް މިނައުގެ މާލިމީކަންކުރުން ބުއްދިވެރިކަމެއްކަމުގައިނުވާނެއެވެ. ދިވެހިންވެސް މިހާރު ތިމަންމަނިކުފާނު މި ނައުކޮޅު ދުއްވާކަށް މާކަޤަބޫލެއްނޫނިއްޔާއޭ، އަމުދުން ދިވެހިންގެ ނުރުހުމުގައި މި ނައުކޮޅު ދުއްވުމަކީ ތިމަންމަނިކުފާނު ކުރައްވާހިތްޕުޅުވާކަމެއްނޫނޭ ވިދާޅުވިއެވެ. ގިނަ ބަޔަކު މިހާރު ބޭނުންވަނީ މާލިމީކަމުން ތިމަންމަނިކުފާނު ފެޔަށްޖެހިވަޑައިގަތުމެވެ. ވީމާ ތިމަންމަނިކުފާނާހެދި ނައުކޮޅުގަ އަރާރުންއުފެދި އޭގެ ސަބަބުން ނައުކޮޅަށް އެއްވެސް ގެއްލުމެއްވާކަށް ތިމަންމަނިކުފާނު ބޭނުންފުޅެއްނުވެއޭ ވިދާޅުވިކަމުގައިވެއެވެ. އަދި ވިދާޅުވެއޭ މުސްކުޅިންބުނާ ހަރުބަހެއްގައިވެސް އޮވެޔޭ، ބަސްނުވިކޭ އޮޑީގެ ދިރުބާކޮޅަށް ނާރާށެ!… މިހެން ވިދާޅުވެ މާލިމީކަން ދޫކުރައްވާ ނައުކޮޅުންފައިބާވަޑައިގެންފިއެވެ. މިދުވަހުގައި މާލިމީ އެދެއްކެވި ރިވެތި “ދުރޫސުލް އަޚްލާޤަކީ” ލޯތަކަށް ފެނުނު ބިލާހެއްބާވެއޭވެސް ބައެއްމީހުން ހިތަށްއަރާކަމުގައިވެއެވެ.
މާލިމީ އަމިއްލަފުޅަށް ބަލިގަބޫލުކުރައްވާ މާލިމީކަން ދޫކޮށްލައްވާފަައި ނައުކޮޅުން ފައިބާވަޑައިގެން ފައްތަވަމުންވަޑައިގަންނަވަނިކޮށް އުސްފަސްގަނޑަކަށް އަރާވަޑައިގެންނެވުނުތަނާ ކުރައްވަންފެއްޓެވި ދަޢުވާއަކީ އަސަރުންފުރިގެންވާ އަހާބަޔަކަށް ހައިރާންކަންވެރިކުރުވާ އެތިބަ ބޮޑެތި ފިސާރިކެރޭ އަންހެންވެރިންގެ ލޯތަކުން ކަރުނަ އޮހޮރުވާލި ވާހަކައެކެވެ. ތިމަންމަނިކުފާނުގެ އަތްޕުޅުން މާލިމީކަންއަތުލެއްވީ އިސްތަށިފުޅުގެ ފުއްކިބާގައި ބަޑި ޖައްސާ ބިރުދައްކައިގެންކަމަށް ވަރަށް އަސަރާއެކު ވިދާޅުވަމުން ގެންދެވިއެވެ. މީހުންކިއެއްކަމަކު މިރާއްޖޭގައި ބަޑިއެދުރު އުޅޭކަން ކުރިއަކުން ޤަބޫލުފުޅުނުކުރައްވާކަމަށާއި އެކަމަކު މިހާރު ބަޑިއެދުރުވެސް އެއީ އުޅޭ އެއްޗެއްކަމަށް ޤަބޫލުފުޅުކުރައްވާކަމަށް ގާތް މީސްމީހުންގެ އަރިހުގައި ސިއްރުސިއްރުން ވިދާޅުވާކަމުގައި ވެއެވެ.

















ހެހެ…. ހީހީ ހަލާކު، ކުދިކުދި އިމްލާ މިސްޓޭކްސް ހުރިކަމުގައި ވިޔަސް ހަމަ ވަރަށް ‘އޮބި’ މީތި
އެހެން ނުންތޯ ވާނީ، މާލިމީ މާލިމީކަން ދަސްކުރި ކަރައިގައި ހުންނަ ދިޔާތަކެތިބޯން ދަސްވެފައި ހުރެމެ، މިކަރައިގެ މީހުން ނުދަންނަ ބާވަތުގެ ވާހަކަ ދައްކައި ޖާދޫ ކުޅެ، އޮޑި ފަރަށް އެރީމައިދެން އޮޑި ސަލާމަތް މިކަރައިގައި ކުރެވެނީ އެބުނާ ބަޑިގެންގުޅޭ އެމެންޑީއެފް ކިޔާ މީހުނަށް ނުންތޯ، އެމީހުންގެ ޑައިވަރުން އަޑިޔަގޮސް ބެލިއިރު ބޯޑުގެ ފޫގޮސްފައި ވަނީ، ބޯޑު އެހެލެވެސްވެސް އޮތީ ހަމަ މާލިމީ ވަގުތުން ދުރުކޮށްގެން، ކޮންމެޔަކަށް އެބުނާ ބަޑިއެދުރު ބޯޑު ފުންކޮށް މިހާރު ހަމަޔަކަށް އެޅުމުގެ މަސަތްކަތް ވެސްފެށިގެން ކުރިޔަށް ދާއިރު މުސްކުޅި މާލިމީން ކުޑަވަރެގެ ދެ އޮޑިބަންދެގެން ރޯދަމަސް އިހުޔާވެސް އެބަކުރޭ،އެކަކު މަގުމަތީގައި، އަނެކަކު މިސްކިތުގައި މީހުން މަގުފުރެއްދުން މި ދެމާލިމީންވެސް ކުރަނީ!
ހެހެހެހެ. ތިޔައީ ހަަމަ ހަޤީޤަތުގައިވެސް މާލިމީއަށް ވީގޮތް.
ކަރަކަރައިގެ ކަންޑުގެ ފުންމިނާއި ދިޔަވަރާއި އޮއިވަރާއި ހާހަލާއި ފަރު ނޭގި މާލިމީކަން ދަސްނުވަނީސް އެދުރުންނާއި ދެކޮޅަށް ތިމަން މާލިމީކަމަށް ފައްކާ ވެއްޖެކަމަށް ދެކެގެން، ނަވެއްގެ މާލިމީކަމަށް އައިން ނަވުގެ ހަރުކުލައިގެ މީހުންގެ ބަހެއް ނުހޯދާ، ފަޅުވެރި ކުދިން ލައިގެން އެކުދިން އަތަށް ކައްޓެއްނެތް ސަމުގާއެއްދީގެން ހުންގާނިވެސް ކުދިވެރިން އަންމައްޗަށް މުޅިން ދީގެން މާލިމީ މާދެން ކޫލްވެ ގަނެގެން، އެއްކަލަ ކަރައިން ގެންނަ ޒާއްޒާތުގެ ދިޔާތަކެތި ބޮއިގެން ހިދިކޮޅު އައިސްގެން އުޅެނިކޮށް ނާގޮސް ފަރަށް އެރީމަ ނާ ފުންކުރަން ނިކުށް ބަޑި އެދުރުން ފުރަތަމަ ޑައިވަރުންގެ ޤުރޫޕުން ފީނާ ބަލާލިއިރުވެސް ކަމުދާކަށެއްނެތް، މާލިމީގެ ގޯސްކަން ފެނުނީ ޑައިވަރުން ފުރަތަމާނުން ވެސް ލަފާ ދިނީވެސް ނައުފުން ކުރެވެން އޮތީވެސް ނައުގެ މާލިމީ ބަދަލުކޮށް އާމާލިމީއެއް ހޯދައިގެން ކަމަށް! ކޮންމެޔަކަސް ބަޑިއެދުރުންގެ ލަފާގެ މަތިން ނައުފުން ކުރެވުނު އިރު ނަވުން ދިޔަވެސްވޭ، އާމާލިމީގެ ހުރިހާވެސް ބޮޑުކަމަކީ ނައު ދިޔަޖަހާ ހުޅަގު މޫސުން 2013 ގައި އަންނަންވާއިރަ ނައުފައްކާކުރުން!
މާލިމީ އަކީ ނުކިޔަވާ މާލިމީކަން ކުރަން އުޅުނު މީހެއްވީމާ ވާނީ އެހެންތާދޯ.
ތެދެކެވެ. މީހާގެ އަޚުލާޤަކީ އެއީ ދިރިއުޅުމުގެ މައިތަނބެވެ. ރިވެތި އަޙުލާޤަކީ އެއީ މީހާ ހެޔޮކަންކަމަށް މަގުފަހިކުރުވާކަމެކެވެ. ދުރޫސުލްއަޙުލާޤާއި ގުޅޭ ލިޔުންތައް މިސައިޓުން ގެނެސްދެއްވުން އެދެމެވެ.
ހަހަހ.. ވަރަށް ފައްކާ ވާހަކަ އެއް!!. މިމާލިމީ އިސްލާހު ނުވާހާ ހިނދަކު ދެން މި ނަވަށް އެރިޔަދީގެން ނުވާނެ..