ޙައްޖަކީ އެއަޅުކަމެއްގައި ބޮޑުވެގެންވާ ދަރުމަޔާއި ޡަވާބު ލައްވާފައިވާ އަޅުކަމެއްކަން އަޅުގަނޑުމެން އެންމެންނަށްވެސް އެނގެއެވެ. އެކަމުގައިވަނީ އެތައްތަކުލީފުތަކެއް ލައްވާފައެވެ. އަދި އެތަކުލީފުތަކަށް ފުރިހަމަޔަށް ކެތްތެރިވުމަކީ އެއަޅުކަން ފުރިހަމަގޮތުގައި އަދާކުރުމަށްޓަކައި ކޮންމެހެން މަޖުބޫރުކަމެކެވެ. އެހެންނަމަވެސް މީގެމާނަޔަކީ އަޅުކަމުގެތެރޭގައި ތަކުލީފުތަކަކަށް އަމިއްލަޔަށް ހުށަހޮޅިގަތުމެއްނޫނެވެ. ޙައްޖުގެދަތުރުރޭވުމުގައި އެކަންތައްތަކަކުން ރައްކާތެރިވެވިދާނެ ދަތި އުނދަގޫތަކުން ރައްކާތެރިވެވޭފަދަ ގޮތަކަށް ރޭވުމަކީ މުހިއްމު ބޭނުންތެރިކަމެކެވެ. ޙައްޖުދަތުރުގެ ތަޖުރިބާ ކޮށްފައިވާ މީހެއްގެ ހައިޡިއްޔަތުން ބުނާނަމަ ބުނެވޭނީ ޙައްޖަށްދާގިނަމީހުން މާލީގޮތުން އެދަތުރަށް ފުރިހަމަޔަށް ތައްޔާރުވާއިރުވެސް ދީނީގޮތުންނާއި އެހެނިހެން ގޮތްގޮތުން އެދަތުރަށް އެކަށީގެންވާ މިންވަރާއި ގާތަށްވެސް ތައްޔާރުނުވާކަމުގައެވެ. ޙައްޖާޖީންނާއި ޙައްޖަށް މީހުންގެންދާ ޖަމާޢަތްތަކުންވެސް މިކަމުގައި ސަމާލުކަންދޭންޖެހޭ އެންމެފުރިހަމައަށް ސަމާލުކަން ނުދޭކަން ފާހަގަކުރެވެއެވެ.
ޝައްކެއްނެތްގޮތުގައި ޙައްޖުގައި އެކުލެވިފައިވާ ގިނަ ކަންތައްތަކަކީ ދަތި އުނދަގޫ ކަންތައްތަކެވެ. އަދި އެކަންތައްތަކުގެ ދަތިއުނދަގޫކަން އެތައް ގުނައަކަށް ބޮޑުވެގެންދަނީ ޙައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި ޖަމާވާ މީސްތަކުންގެ ގިނަކަމަށްޓަކައެވެ. އެސަބަބަށްޓަކައި ހިނގާފައި ދިޔުމަށްޓަކައި ފިޔަވަޅެއް އެޅުމަކީވެސް ބޮޑުބުރައަކަށް ބައެއްފަހަރު ވެދެއެވެ.
ވިސްނާލަން ޖެހޭ ކަމަކީ ކިތަންމެ ބޮޑަށް ތައްޔާރުވެގެން ހުރިކަމުގައިވިޔަސް އެހެންމީހުންގެ ފުށުން ކުރިމަތިވާ އުނދަގޫތަކުން ރައްކާތެރިވުމުގައި ހުރި ދަތިކަމެވެ. ޙަޤީޤަތުގައި މީހާގެ ހުރިކެތްތެރިކަން އެންމެރަނގަޅަށް އިމްތިޙާނުވެގެންދަނީ އެފަދަ އުނދަގޫތަކާއި ކުރިމަތިވާ ހިނދުގައެވެ.
ކޮންމެއަކަސް ޙައްޖުދަތުރުގައި ޙައްޖާޖީންނަށް ކުރިމަތިލާންޖެހުނު ބައެއް ތަކުލީފުތަކަކީ ރަނގަޅު ރޭވުންތެރިކަމާއި ހިންގުންތެރިކަމުގެ އެހީގައި ނައްތާލެވިދާނެފަދަ ކަންތައްތަކެއްކަން ފާހަގަކުރެވުނެވެ.
ކުރިންވެސް ދެންނެވުނު ފަދައިން ޙައްޖުދަތުރަށް މާލީގޮތުން ތައްޔާރުވާ ބީދައިން އެހެނިހެން ގޮތްގޮތުންވެސް މީހާ ތައްޔާރުވާންޖެހެއެވެ. އެގޮތުން ދަތުރުގައި ދިމާވެދާނެ އެންމެހާ ކަންތައްތަކާއި މެދު ވިސްނާ އަދި ކުރިން ޙައްޖުވެފައިވާ މީހުންގެ ތަޖުރިބާތައް ހިއްސާކޮށް އަޅުކަމުގެ އެންމެހައި ކަންތައްތައް ކުރަންވީ ޞައްޙަގޮތް އުނގެނި ދަސްކުރަންޖެހެއެވެ. އަދި ޙައްޖާޖީން ނާއި ޙަވާލުވެގެންދާ ގުރޫޕުތަކުންވެސް ޙައްޖާޖީންގެ ވިސްނުންހުރިނެތްގޮތެއްބަލާ އެމީހުންގެ ޚިޔާލުހޯދަންޖެހޭނެއެވެ. އެހެންކަމަށްވުމާއެކު އަޅުގަނޑުގެ ބޭނުމަކީ އަޅުގަނޑުގެ ތަޖުރިބާ އެންމެހާ ފަރާތްތަކާއެކު ޙިއްޞާކުރުމެވެ. ކުރިމަގުގައި ޙައްޖުގެ ފަރުޟު އަދާކުރަން ގަސްދުކުރާ އެންމެހާ ފަރާތްތަކަށް އަދި އެފަރުޟު އަދާކުރުމުގައި އެހީތެރިވެދޭން ތިއްބެވި ފަރާތްތަކަށް ކޮންމެވެސް ވަރެއްގެ އެޙިތެރިކަމަކަށް ވާނެކަމަށް އުއްމީދުކުރަމުން އަޅުގަނޑުގެ ތަޖުރިބާ ހުށައަޅާލަމެވެ.
ފުރަތަމަވެސް ފާހަގަކުރެވުނު ފަދައިން މިއަޅުކަމަކީ ތަކުލީފުތަކުން ފުރިފައިވާ އަޅުކަމެކެވެ. އެހެންނަމަވެސް ކުރިއަށް ދުރާލާ ރާވާ ހަދާ އަދި ރަނގަޅަށް ތައްޔާރުވާނަމަ މީގެތެރެއިން ބައެއްތަކުލީފުތަކަކީ އެކަންކަމުން ސަލާމަތްވެވިދާނެ ކަންތައްތަކެވެ. އަދި އަނެއްބައި ކަންތައްތަކަކީ އެކަމުގައި ހުރި އުނދަގޫތައް ލުއި ކުރެވިދާނޭކަންތައްތަކެވެ.
ފުރުމުގެކުރިން ޙައްޖާޖީންނަށް ޓަކައި ހިންގޭ މައުލޫމާތު ދިނުމުގެ ޕްރޮގްރާމަކީ ވަރަށްމުހިއްމު ބޭނުންތެރި ޕްރޮގްރާމެކެވެ. ވަރަށްގިނަފަހަރަށް މިޕްރޮގްރާމް ވެގެންގޮސްފައި އޮންނަނީ ދެތިން ގަޑިއިރުގެ ޕްރޮގްރާމަކަށެވެ. ޙަޤީޤަތުގައި އެފަދަދަތުރަކަށް ބޭނުންވާނޭ އެކަށީގެންވާ މަޢުލޫމާތު ޙިއްސާކުރުމަށް މަދުވެގެން 10 ވަރަކަށް ގަޑިއިރު ބޭނުންވާނޭކަމަށް އަޅުގަނޑަށް ޤަބޫލުކުރެވެއެވެ. އަދި ޢާއްމުގޮތެއްގައި ޙައްޖަށް ފުރަނީ ޙައްޖުދުވަހުގެ މާކުރިން ކަމުގައިވާތީ މަޢުލޫމާތުދިނުމުގެ މިބައްދަލުވުންތަކުގައި ދަތުރަށް ތައްޔާރުވާނޭ ގޮތާއި ދަތުރުމަތީގައި ދިމާވާނެކަންތައްތަކާއި އަދި މައްކާއަށްގޮސް ފުރަތަމަ ވާ ޢުމުރާއާއި ބެހޭ މަޢުލޫމާތު ފުރިހަމައަށްދިނުމަށް އިސްކަންދިނުން މުހިއްމުކަމުގައި ދެކެމެވެ. އެއީ މައްކާއަށް ގޮސް އެތިބޭތިބުމުގައިވެސް ޙައްޖުގެ މަޝާޢިރުތަކާއި ބެހޭ މަޢުލޫމާތު ފުރިހަމައަށް ދޭނެވަގުތު ޙައްޖުވުމުގެ ކުރިން ކިތަންމެ ރަނގަޅަކަށްވެސް ލިބޭނެތީއެވެ.
ޙައްޖުގެ އަޅުކަމަށް ފުރުމަށް ތައްޔާރުވުުމުގައި ޗެކްލިސްޓެއް (ގެންދަންޖެހޭތަކެތީގެ ލިސްޓެއް) ގެންގުޅުން މުހިއްމެވެ. އަދި ފުރަން ހަމަޖެހިފައިވާ ދުވަސް އައުމުގެ ކުރިން މިތަކެތި ހޯދާ ދަތުރަށް ތައްޔާރުވުން މުހިއްމެވެ. އަޅުގަނޑަށް ޤަބޫލުކުރެވޭގޮތުގައި އިޙުރާމްގެ ގޮތުގައި ފިރިހެނުން ގިނަފޮށާތަކެއް ގެންދިއުމަކީ ބޭނުންހުރިކަމެއްނޫނެވެ. އެއްޗެހިދޮވެވޭކަހަލައިންތިޒާމެއް ހަމަޖެހިފައިވާނަމަ ބޯޓަށްއަރާއިރު އަނދެގެން އެހުންނަފޮށަޔާއި ކޮނޑުގައި އެއޮންނަފޮށައިގެ އިތުރުން އެހެންފޮށައެއްބޭނުމެއްނޫނެވެ. އެދެފޮށައިން ޙައްޖާއި ޢުމުރާގެ ހުރިހާކަމަކަށް ފުދި އިތުރުވެސްވާނެއެވެ. ފަހަރެއްގައި އިތުރު އިޙުރާމެއްހޯދަންޖެހުނަސް މައްކާއިން ނުވަތަމަދީނާއިން އިޙުރާމްފޮށައެއް ގަތުމަކީ ދާދި ފަސޭހަކަމެކެވެ.
އެއަރޕޯޓުގައި
ދަތުރަށް ފުރުމަށްޓަކައި އެއަރޕޯޓަށްގޮސް އެތަނުގައި ތިބިއިރު ޙައްޖާޖީންނަށް އެންމެ އުނދަގޫވީ ޓާމިނަލް ތެރެއަށްވަނުމަށް ކިޔުހެދުމާއި އެކުގައެވެ. ކިޔުހެދޭނެ ރަނގަޅު ގޮތެއް އެތާ ޤާއިމް ވެފައެއްނުވެއެވެ. ސްޓޭންޑް ބަހައްޓާ އެ ސްޓޭންޑްތައް ވަލުން ގުޅުވައިގެން ސްޓޭންޑްތައް އަތުރާލިނަމަ ކުޑަ ސަރަހައްދެއްގައި ހުރިހާ ޙައްޖާޖީންނަށް ކިޔު ހަދާކަށް އެއްވެސް ދައްޗެއްނުވީހެވެ. އެންމެ ބޮޑު އުނދަގުލެއް ކުރިމަތިވީ ޙައްޖާޖީން ފުރުވަން އައި އެމީހުންގެ ޢާއިލާމީހުންނާއި ރައްޓެހިންގެފަރާތުންނެވެ. އެމީހުން އެޅުގަތްގޮތުން ހީވީ ޙައްޖާޖީން މަތިންދާބޯޓަށް އަރަންދެންވެސް އެމީހުންގެ އަތުގައި ހިފައިގެން ތިބެންބޭނުންވި ފަދައަކުންނެވެ. އަޅުގަނޑު އެކިޔުއަށް އެރީ އަޅުގަނޑުގެ އަހުލުވެރިންނާއި ސަލާންކޮށް ވަދާޢުކުރުމަށްފަހުގައެވެ. އަޅުގަނޑާއެކު އައި މީހުން އެކިޔުކައިރިއަށް ބޮނޑިއެއްނުވެއެވެ. އެހެންނަމަވެސް ވަރަށްގިނަ މީހުން އެތަނަށް ބޮނޑިވުމުގެ ސަބަބުން ޙައްޖާޖީން ފިތި ވަރަށް ބޮޑެތި އުނދަގޫތައް ތަހައްމަލު ކުރަންޖެހުނެވެ. މިކަން މިހެންވިޔަ ނުދިނުމަށްޓަކައި އެކިޔުއަށް އެރުމުގެ ކުރިން ފުރުވަން އައިމީހުންނާއި ވަދާޢުކޮށް ވަކިވުން މުހިއްމެވެ. އަދި ޙައްޖާޖިން ކިޔޫހަދާސަރަޙައްދަށް އެހެންމީހުންނަށް ނާދެވޭގޮތަށް އިންތިޒާމުކުރުން ކޮންމެހެން ބޭނުމެވެ. އެއަރޕޯޓްގައި އެތައްއިރަކު ތިބޭއިރު ސަލާންގަލާންކޮށް ވަދާޢުކުރާނެ ވަގުތު ކިތަންމެރަނގަޅަކަށްވެސް ލިބޭނެއެވެ.
މަތިންދާބޯޓްގައި
ވަރަށްގިނަފަހަރަށް ޙައްޖުދަތުރުވެފައި އޮންނަނީ މަތިންދާބޯޓެއްގައި ކުރާ ފުރަތަމަ ދަތުރަށެވެ. އެހެންކަމަށްނުވިޔަސް މިދަތުރުވެގެންދަނީ ގިނަފަހަރަށް ވަރަށް އާ ތަޖުރިބާއަކަށެވެ. އެހެންކަމަށްވުމާއެކު ބޯޓުގައި ދިމާވާ ކަންތައްތަކާއިމެދު ޢަމަލުކުރަންވީގޮތް ރަނގަޅަށް ނޭނގޭ ޙާލަތްތަކުގައި އުފުލަންޖެހޭ އުނދަގޫވަރަށްބޮޑުކަން ފާހަގަކުރެވެއެވެ. މިސާލަކަށް ބުނާނަމަ ފާޚާނާގެ ދޮރުހުޅުވަންނޭނގިގެން އެތައްއިރަކު އުޅުނު ޙައްޖާޖީން އަޅުގަނޑު ދުށީމެވެ. އަދި ވަނުމަށްފަހު ނުކުންނާނެގޮތެއްނޭނގިގެންވެސް އެތައްބަޔަކު އުޅުނެވެ. އަދި މިއަށްވުރެވެސް ބޮޑުމައްސަލައަކަށް އަޅުގަނޑަށް ފާހަގަކުރެވުނީ ފާޚާނާ ތަޅުނުލާ އެތެރޭގައި އުޅެނިކޮށް އެހެންމީހުން ދޮރުހުޅުވާހެދުމެވެ. ގުރޫޕުތަކުން ޙާޖީން މިފަދަ ކަންތައްތަކަށް ހޭލުންތެރިކުރުވުމަށް މަސައްކަތްނުކުރާކަން އަޅުގަނޑަށް ފާހަގަކުރެވުނެވެ. އިޙުރާމް ހެދުމުގައި މީރުދުވަސްދުވާ ތަކެތި ބޭނުންކުރުން ހުއްދަނުވާނެކަން އެންމެންނަށްވެސް އެނގެއެވެ. އެހެންނަމަވެސް ބޯޓަށް އެރުމަށްފަހު ފަސިންޖަރުންނަށް ދެވޭ ވެޓްޓިޝޫ ބައެއް ޙައްޖާޖީން ބޭނުންކުރެއްވިއިރު އިޙުރާމުން އެޓިޝޫ ދުރުކުރުމަށް މަސައްކަތެއް ނުކުރައްވައެވެ. މާނައަކީ އެބޭފުޅުންގެ އިޙުރާމްހެދުމުގައި އޭގެ އަސަރު ހުންނާނޭކަމެވެ. އަދި މީޤާތުން އިޙުރާމްބެންނެވުމަށްފަހު ހަށިގަނޑުގެ އެއްވެސް ތަނެއްގައިވެސް އެޓިޝޫ ޖެހިދާނެތީ އެކަމަށް ސަމާލުކަން ދެއްވީ ކިތައް ޙާޖީންބާވައޭ މިއީ އުފެދޭ ސެވާލެކެވެ. ހަމަޔަޤީނުންވެސް އެޓިޝޫގައި މީޜުދުވަސްދުވާ ތަކެތި އެކުލެވިފައި ވެއެވެ. ވީމާ އެންމެ ރައްކާތެރިގޮތަކީ އޭގެ ބޭނުންއެއްގޮތަކަށްވެސް ނުކުރެއްވުމެވެ. އެ ނުކަނޑުއްވައި އޮތްގޮތަށް ބޭއްވެވުމެވެ.
ޖިއްދާ އެއަރޕޯޓްގައި
ކިތަންމެ ވަރަކަށް ތައްޔާރުވެތިބިކަމުގައިވިޔަސް އެއަރޕޯޓްފަދަ އެތަނުގައި ތިމާގެ މާބޮޑު އަމިއްލަބާރެއް ނޯންނަތަންތާގައި ކަންތައްތައް ދާގޮތުން ކޮންމެފަދަކަމަކާވެސް ކުރިމަތިލާންޖެހިދާނެއެވެ. ކިތަންމެ އިރަކު މަޑުކޮށްގެން ތިބެންވެސް ޖެހިދާނެއެވެ. މިކަމަކީ އެކަމެއްގެ ތެރޭގައިމީހާގެ ކެތްތެރިކަން ވަރަށަބޮޑަށް އިމްތިޙާނުވެގެންދާ ކަމެއްމެއެވެ. ޖިއްދާއެއަރޕޯޓުން އަޅުގަނޑަށް ފާހަގަކުރެވުނު އެއްމައްސަލައަކީ އެއަރޕޯޓުން ނިކުންނައިރު (ޗެކްއައުޓް ކުރާއިރު) އެންމެކުރިން ނިކުންނަމީހުންނާއެކު ގުރޫޕުގެ މީހަކު ނުނިކުންނަކަމެވެ. މިހެން ދިމާވުމުގެ ސަބަބުން ކުރިން ނިކުތް މީހުން ދެން ހަދާނެގޮތެއް، ދާނެ ތަނެއްނޭނގިގެން އެނބުރިއެނބުރި ތިބެންޖެހުނުކަން ފާހަގަކުރެވުނެވެ. އަދި އެއަރޕޯޓްގައި އެހާކާރޫބާރޫ ބޮޑުއިރު އެންމެންނަށް އެތަނުން ނިކުމެވެން ވަރަށްގިނަވަގުތު ނަގާއިރު މިގޮތަށް ފުރަތަމައަށް ނިކުމެވޭމީހުންނަށް ވާނުވާއެއްނޭނގި ގިނައިރުތަކެއްވެގެން ދިޔަކަން ފާހަގަކުރެވުނެވެ. ތަފާތު ތަންތަނުން ތަފާތު ބައިވަރު ގުރޫޕުތައް އަންނަމުންދާއިރު އެތަނުން ގުރޫޕެއްގެތެރެއަށްވެދެވި އެހެން ދިމާލަކަށްދެވި މީހާގެއްލުމުގެ ހާދިސާއެއްވެސް މިކަމުގެސަބަބުން ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެން ޤައުމެއްގެ މުޅިން އެހެންގުރޫޕެއްގެ ކަންތައްތަކާއި ޙަވާލުވާން އައިސްތިބިބައެއްގެ މޭޒުދޮށަށް ދިވެހި ޙައްޖާޖީންތަކެއްގޮސް ޕާސްޕޯޓްދައްކާ ބަސްދަތުރަށް ފައިސާދައްކަން އުޅެނިކޮށް އަޅުގަނޑުދުށީމެވެ. އެމީހުންނަށް ވާނުވާ އޮޅުންފިލީ އިނގިރޭސިބަސް ކޮންމެވެސްވަރަކަށް ދަންނަމީހަކަށް އެތަނަށް އާދެވުމުގެ ސަބަބަންނެވެ.
(އިނގިރޭސިބަސް އެނގުނަސް ޙިޖާޒުގައި މާބޮޑުފަސޭހަތަކެއްނުވާކަން އަޅުގަނޑަށް އެނގުނެވެ. އަރަބިބަސް ، އުރުދޫ ނުވަތަ ހިންދީ ބަސް ދަންނަނަމަ މުޢާމަލާތުކުރުމަށް ވަރަށްބޮޑުތަން ފަސޭހަވީހެވެ.)
-ނުނިމޭ-

















މީގެ އެއްދުވަސްކުރިން ހަމަ މިމަޢުޒޫގައި އާރޓިކަލެއް ލިޔެޔެ މިސައިޓުގައި ޝާއިރުކުރެވިފައި ވެއެވެ. މައިގަނޑު ގޮތެއްގައި ދެކެވިފައިވަނީ އެއްވާހަކައެކެވެ. ޖަމާޢަތްތަކަށް ފައިސާ ދައްކަނީ ޙާޖީންގެ ވާޖިބުތައް ފުރިހަމަޔަށް އަދާކުރުމުގައި އެހީތެރިވުމިަށްޓަކައެވެ. އެތަނުގައި ހަދާނެ ނަހަދާނެ ގޮތެއްނޭނގި އުޅެއުޅެފައި މާލޭ އަންނަނީ ކިތަށް ހާސްމީހުންތޯއެވެ. މިކަންތަކުގެ ޒިއްމާ ގުރޫޕުތަކާއި އިސްލާމިކް މިނިސްޓްރީއިން އުފުލަންޖެހެއެވެ. މިލިއުމުގައި އެންމެ މުހިއްމުކަމެއްދީފައިވަނީ ޙައްޖަށްދާ މީހާގެ ބޮލުގައި ޒިއްމާތަކެއް އެޅުވުމަށެވެ. ޝައްކެއްނެތެވެ. ގުރޫޕުތަލަށް ލައްކައަކާއި ކައިރިޢަދަދަކުން ފައިސާ ދައކާއިރު ޙާޖީގެވެސް ޒިއްމާއެއްވާނެއެވެ. އެންނަމަވެސް މިކަންކުރުމުގައި މީހުން ހޭލުންތެރި ކުރުވުމެއްނެތި ގެންގޮސް ސަޢުދީ ޢަރަބިޔާއަށް ދޫކޮށްލީމާ ދެންފެންނާނީ ޙާޖީން ތަކުލީފު އުފުލާމަންޒަރެވެ.