ރިޕޯޓް

މަގޭ ފިތްބައިން: އިންޑިޔާ

ދިވެހިން އެ ޤައުމަކަށް އެންމެ ގިނައިން ޒިޔާރަތްކުރާ ޤައުމަކީ ކޮބައިތޯ ސުވާލުކުރެވިއްޖެނަމަ ބުނެވެނީ އެއީ އިންޑިޔާއެވެ. ދިވެހިން އިންޑިޔާއަށް ޒިޔާތރަތްކުރާ އެންމެ ބޮޑު ސަބަބަކީ އިންޑިޔާގެ ކުރިއަރާފައިވާ ބޭސްވެރިކަމެވެ. މީގެ އިތުރުން ޒަމާނުންސުރެ ދީނީ ޢިލްމު ޢުގެނުމަށް ދިވެހިން އިންޑިޔާއަށް ގޮސްފައިވެއެވެ. އަދި މިއަދުވެސް އެކިއެކި ރޮނގުން ޢިލްމު އުނގެނުމުގެ ބެނުމުގައި ދިވެހިން އިންޑިޔާގެ އެކި ކަންކޮޅުތަކަށް ގޮސްއުޅެއެވެ. އެހެންނަމަވެސް މި ޤައުމާ ބެހޭގޮތުން މާގިނަ މައުލޫމާތެއް އަޅުގަނޑުމެން ދިވެހިންނަކަށް އިނގޭހެނެއް ހިޔެއްނުވެއެވެ. އަދި އެނގެން ބޭނުންވާހެނެއްވެސް ހިޔެއްނުވެއެވެ. ކަންމިހެންއޮތްކަމުގައިވިޔަސް، މަދުބަޔަކުނަމަވެސް އަވައްޓެރި މި ޤައުމާ ބެހޭގޮތުން ކޮންމެސް އެއްޗެއް އެނގެން ބޭނުންވެދާނެކަމަށް ފެނިގެން މި ސިލްސިލާ މަޒުމޫނު ލިޔަން ގަސްތުކުރީމެވެ.

އިންޑިޔާގައި މީހުން ވަޒަންވެރިވެ އުޅެންފެށި ވަކި ތާރީޚެއް އެނގެން ނެތްނަމަވެސް، ދުނިޔޭގައި އެންމެ ކުރިން މީހުން އުޅުނު ދުވަސްވަރުވެސް މި ކަރާގައި މީހުން ވަޒަންވެރިވެ އުޅެފައިވެއެވެ. ތާރީޚީ ހެކިތަކުން އެނގޭގޮތުގައި މީގެ 300 ހާސް އަހަރުކުރިންވެސް އިންޑިޔާގެ މިހުންއުޅެފައިވާކަން އެނގެއެވެ. މި ސަރަހައްދުގައި ކުރިއަރައިގެންއައި މަޝްހޫރު ޙަޟާރަތް "އިންޑަސްވެލީ ސިވިލައިޒޭޝަން"  [Indus Valley Civilization] ރައްދުވަނީ 3300 އިން 1300 ބީސީއީ އަށެވެ.

 އިންޑިޔާއަކީ ދުނިޔެގެ ނިސްބަތުން ބިމުގެ ގޮތުން 7ވަނަ އަށް އެންމެ ބޮޑު ޤައުމެވެ. އަދި އާބަދީގެ ނިސްބަތުން 2 ވަނަޔަށް އެންމެ ބައިގިނަ ޤައުމުވެސްމެއެވެ. 28 "ސުޓޭޓް" [State] ގެ އިތުރުން 7 "ޔޫނިޔަން ޓެރިޓަރީ" [Union territory]  ގެ މައްޗަށް އެކުލެވިގެންވާ މި ބިޔަ ދަޢުލަތަކީ ދުނިޔޭގައި 7ވަނަ އަށް އެންމެ ބޮޑު އިޤްތިޞާދެވެ. އަދި ދުނިޔޭގައި އޮތް އެންމެ ބޮޑު "ޑިމޮކްރަސީ" އަކީވެސް ހަމަ އިންޑިޔާއެވެ.

"އިންޑިޔާ" މި ނަމަކީ އިނގިރޭސި ބަހުގައި އިންޑިޔާއަށް ކިޔާނަމެވެ. މިނަން ނެގިފައިވަނީ ފާރިސީ [Old Persian] ލަފްޒެއްކަމަށްވާ "އިންޑަސް"  [Indus] މި ލަފުޒުންނެވެ. "އިންޑަސް' މި ނަން ބުހާޠަބްކުރެވެނީ "އިންޑަސްރިވާ" [Indus         River] ނުވަތަ ސިންދުކޯރަށެވެ. މި ކޯރު މަޝްހޫރުވެގެންގޮސްފައިވަނީ އޭރު ދުނިޔޭގައި ކުރިއަރާގެންދިޔަ އެންމެ ބޮޑު އަދި އެންމެ ދުވަސްވީ އެއް ޙަޟާރަތްކަމަށްވާ "އިންޑަސް ސިވިލައިޒޭޝަން" މި ކޯރަށް ނިސްބަތްވާތީއެވެ. މި ޙަޟާރަތަށް ނިސްބަތްވާ މީހުންނަކީ ފާރިޝްކަރައިން  [Persia](މިހާރުގެ އިރާނުން) [Iran]  ހިޖުރަކޮށް "އިންޑަސްރިވާ"ގެ އައްސޭރިގައި ވަޒަންވެރިވި މީހުންނެވެ. ކުރިން ދެންނެވި ކޯރަށް މިބައިމީހުން ކިޔާއުޅެނީ "ސިންދު ކޯރެވެ".  [Sindhu River]

ވީއިރު މި ކޯރުގެ ނަމާއި އަދި އެބައިމީހުންގެ ޙަޟާރަތާއި ގުޅުވައިގެން އިނގިރޭސި ބަހުގައި މި ޤައުމަށް "އިންޑިޔާ" [India]މިނަން ދެވުނެވެ. އަދި ފާރިސީ ބަހުގައި "ސިންދު"  [Sindhu]މިނަންދެވުނެވެ. ޢަރަބިން އިންޑިޔާއަށް ކިޔާއުޅެނީ "އަލް-ހިންދު" [Al-Hindu]މިނަމުންނެވެ. އިންޑިޔާގެ މީހުން މި ޤައުމަށް މުހާޠަބުކުރަނީ "ބާރަތު" [Bharat]މި ނަމުންނެވެ. ހިންދޫން އެބައިމީހުންގެ ޤައުމަށް ކިޔައިއުޅެނީ 'ހިންދުސްތާން" [Hindustan]އެވެ. އަސްލުގައި "ހިންދުސްތާން" މި ބަހަކީ ފާރިސީ ބަހެކެވެ. މާނަޔަކީ "ހިންދޫންގެ ބިމެވެ". "ބާރަތު" މިނަމަކީ އިންޑިޔާގެ ޤާނުނު އަސާސީގައި "ރަސްމީގޮތުން" [Officially]އިންޑިޔާއަށް ދީފައިވާ ނަމެވެ. މި ނަން ދެވުނު ސަބަބަކީ، ހިންދޫންގެ ފަތްފުއްތަށް ބުނާގޮތުން އިންޑިޔާގައި އެންމެ ފުރަތަމަ ރަސްކަންކުރެއްވި ރަސްކަލަކީ  [King Bharat]"ބާރަތު" ރަސްގެފާނެވެ. މިސަބަބަށްޓަކައި މި ރަސްގެފަނުގެ ނަންފުޅަށް ނިސްބަތްކޮށް "ބާރަތު" މި ނަންދިނީއެވެ. މީގެ އިތުރުން ފާހަގަކޮށްލަންޖެހޭކަމަކީ އެންމެ އެވޭލާޒަމާނުންސުރެ ގަދިމީ ފަތްފުއްތަކުގައި "ބާރަތު" މި ނަމުން އިންޑިޔާއަށް ނިސްބަތްކުރެވިފައިހުންނަކަމެވެ. ދިވެހި ބަހުގައި އިންޑިޔާއަށް ދީފައިވާނަމަކީ "ހިންދުކަރަ" މި ނަމެވެ.

މި ޤައުމަކީ މައިގަނޑު ދެ ނަސްލެއްގެ މައްޗަށް އެކުލެވިގެންވާ ޤައުމެކެވެ. އިންޑިޔާގެ "އަސްލު" ވަޒަންވެރިންނަކީ 'ޑުރެވިޑިއަން" [Dravidian]ނަސްލުގެ މީހުންނެވެ. މިބައިމީހުން އުޅެމުންދިއައީ ދެކުނު އިންޑިޔާގެ ހިސާބުތަކުގައެވެ. މިބައިމީހުންގެ ސިފަތަކަށް ބަލާއިރު އެމީހުންނަކީ ގައިހަން ކަޅު ނުވަތަ އިނގިރޭސިބަހުން މިކިޔާ "ޑާކަރ ސުކިންޑު" ކުލައިގެ ބައެކެވެ. އިސްކޮޅުން ކުރުވެފައި ނޭފަތް ފަތާކޮށް ނުވަތަ އިނގިރެސި ބަހުން މިކިޔާ "ފުލެޓްނޯސް" ލިބިފައިވާ އަދި އިސްތަށިގަނޑުގެ ކުލަ ކަޅުބައެވެ. މިބައިމިހުންގެ ދިރިއުޅުން ބިނާކޮށްފައިވަނީ ދަނޑުވެރިކަމުގެ މައްޗަށެވެ.

އިންޑިޔާއަށް ބޭރުންއަރާ ވަޒަންވެރިވި މީހުންނަކީ "އާރިޔަން" [Aryan]ނަސްލުގެ މީހުންނެވެ. "އާރިޔަން" މި ބަހުގެ މާނަޔަކީ 'މާތް" ނުވަތަ "މަތިވެރި" މިއެވެ. ނުވަތަ އިނގިރޭސިބަހުން މިކިޔާ  [noble]"ނޮބަލް"އެވެ. މިބައިމީހުންނަށް 'އިންޑޯ-އާރިޔަން" [Indo-Aryan]އޭވެސްކިޔައެވެ. ތާރީޚު ބުނާގޮތުން މިބައިމީހުންނަކީ ފާރިސްކަރައިން އައިސް އުތުރު އިންޑިޔާގައި ވަޒަންވެރިވިބައެކެވެ. މިބައިމީހުން ވަޒަންވެރިވީ "ހިންދުކޯރު"ގެ އައްސޭރީގައެވެ. އާރިޔަނުންގެ ސިފަތަކަށް ބަލާއިރު އެމީހުންނަކީ ހަމުގެކުލަ ދޮންބައެކެވެ. ނޭފަތް ދިގުކޮށް ނުވަތަ އިނގިރެސިބަހުން މިކިޔާ 'ޕޮއިންޓެޑް ނޯސް" އަދި އިސްކޮޅުން ދިގު ބައެކެވެ.  ކޮންމެއަކަށް މިބައިމީހުންގެ ހުނަރުވެރިކަމާއި އަދި ޙާއްޞަކޮށް މިބައިމިހުންގެ ޙަޟާރަތުގެ މަތިވެރިކަމުން އިންޑިޔާގެ އަސްލު ވަޒަންވެރިންކަމަށްވާ ޑުރެވީޑިއަނުންގެ މައްޗަށް އިސްވެ މަތިވެރިވެގެންދިއައެވެ. މިއަށްފަހު އިންޑިޔާގައި ވަޒަންވެރިވި ނަސްލުތަކުގެ ތެރޭގައި "މޮންގޯލިއަނުން"  [Mongolian]އަދި 'ނީގުރޮއިޑުން"[Negroid]  ނަސްލުގެ މީހުންހިމެނެއެވެ.

ދުނިޔޭގައި 2ވަނައަށް އެންމެ އާބާދީ ގިނަ ޤައުމަކީ އިންޑިޔާއެވެ. 2011ވަނަ އަހަރުގެ ބޯހިމެނުން ދައްކާގޮތުން އިންޑިޔާގެ އާބާދީއަކީ 1.2 ބިލަޔަން މީހުންނެވެ. ނަމަވެސް މިއީ ސަރުކާރުގެ ރަސްމީ ތަފާސްހިސާބުތަކުން ދައްކާ ޢަދަދެވެ. މިއަށްވުރެ އާބާދީ ބޮޑުވުމަކީ އެންމެ އެކަށީގެންވާގޮތެވެ.

"ސަންސުކުރިޓް' [Sanskrit]ބަހަކީ އިންޑިޔާގައި އެންމެ ދުވަސްވީ ބަހެވެ. އަދި ދުނިޔޭގައިވެސް އެންމެ "މުސްކުޅި" ދުވަސްވީ އެއްބަހެވެ. މި ޤައުމުގެ މީހުން ވާހަކަދަށްކާ ބަސްތަކަށް ބަލާލާއިރު، ދުނިޔޭގެ އެންމެ ގިނަ ބަހުން ވާހަކަދައްކާ އުޅޭ ޤައުމަކީވެސް މިއެވެ. 1961ގައި އިންޑިޔާގައި ބަހާގުޅޭގޮތުން ކުރެވުނު ދިރާސާއެއް ދައްކާގޮތުން [six volumes of the People's  [Linguistic Survey of India (PLSI)އިންޑިޔާގައި 'މާދަރީ ބަހުގެ" ގޮތުގައި 1652 (ސޯޅަހާސް ފަންސާސްދެއެއް) ބަސް ބޭނުންކުރެވެމުން ދިޔައެވެ. ނަމަވެސް 1971ގައި ކުރެވުނު މިފަދަ އެހެން ދިރާސާއެއް ބުނާގޮތުން މިއަދަދު  އެންމެ 109 އަކަށް ދަށްވެގެންދިޔައެވެ. މިއަދުވެސް 310 މަދަރީބަސްވަނީި "ނެތިގެން" [extinction] ހިނގާދާނެކަމުގެ ބިރާކުރިމަތިވެފައެވެ. 1991 ގެ ދިރާާސާއިން ދައްކާގޮތުގައި އިންޑިޔާގައި ވާހަކަދައްކާ އުޅޭ ޖުމްލަ 114 ބަސްއޮވެއެވެ. މީގެ ތެރެއިން 18 ބަހަކީ 'ރަސްމީ'ކޮށް ސަރުކާރުން ޤަބޫލުކުރާ ބަސްތަކެވެ. ނުވަތަ "ޝެޑިއުލް ލޭންގުވޭޖަސް”އެވެ.

އިންޑިޔާގެ ޤާނޫނު އަސާސީ [Indian constitution]ބުނާގޮތުން އިންޑިޔާގެ "ރަސްމީ" ބަހަކީ  [Official Langauge]ހިންދީ ބަހެވެ. ދެވަނައަށް ރަސްމީކޮށް ބެނުންކޮށް އުޅޭ ބަހަކީ އިނގިރޭސި ބަހެވެ. ނަމަވެސް  ޤާނޫނު އަސާސީގައިވެސް އަދި އެހެންވެސް ރަސްމީި ލިޔެކިޔުމެއްގައިވެސް އިންޑިޔާގެ "ޤައުމީ ބަހެއް"  [National Language]އޮންނަކަމަށް ބުނެފައެއްނުވެއެވެ. 2010ވަނަ އަހަރު ގުޖުރާތުގެ ހައިކޯޓުން ކޮށްފައިވައި ޙުކުމެއްގައި ބުނަނީ "އިންޑިޔާގައި ޤައުމީ ބަހެއްގެ ގޮތުގައި އެއްވެސް ބަހެއް ނެތް" ކަމުގައެވެ.

ދީނީ ރޮނގުން ބަލާލާއިރު ދުނިޔޭގައި އެންމެ ގިނަ ދީންތަށް އޮންނަނީވެސް މި ޤައުމުގައެވެ. މިގޮތުން ފާހަގަކޮށްލަންޖެހޭ އެއްކަމަކީ ހިންދީ ދީނާއި، ބުދު ދީނާއި، ސިކުންގެދީނާ، އަދިވެސް އެތަށްއެތަށް ދީންތަކެއް "އުފެދިގެން"އައީ ހުދު އިންޑިޔާގައެވެ. ބޭރުން އިންޑިޔާއަށް ތަޢާރަފުވި ދީންތަކަކީ އިސްލާމްދީނާއި، ނަޞާރާދީނެވެ. މިއަދު އިންޑިޔާއަކީ ހިންދީންނާއި، ބުޑިސްޓުންނާއި، ސިކުންނާއި، މުސްލިމުންނާއި އަދި ނަޞާރާއިންގެ މައްޗަށް އެކުލެވިގެންވާ "ސެކިއުލާ" [secular]ޤައުމެކެެވެ. އިންޑިޔާގެ "މެޖޯރިޓީ" އަކީ ނުވަތަ އެންމެ ބައިގިނަ ދީނަކީ ހިންދީ ދީނެވެ. 'މައިނޯރިޓީ" އަކީ އެހެން ދީންތަކުގެ މީހުންނެވެ. އަދި 2ވަނައަށް އެންމެ ބައިގިނަ ދީނަކީ އިސްލާމްދިނެވެ. އިންޑިޔާގައި ތަފާތު ނަންނަމުގައި، 'އަޅުކަންކުރެވޭ" 3 ކުރޯޑު ބުދު ހުންނަކަމަށް ތާރީޚި ފޮތްތަކުގައި ލިޔެވިގެންވެއެވެ.

މިއަދުވެސް އަދި މިގެ އެތަށް ސަތޭކަ އަހަރެއްގެ ކުރިންވެސް އިންޑިޔާއަށް ދިމާވެފައިވާ އެންމެ ބޮޑު މުޞީބާތަކީ "ކާސްޓުސިސްޓަމް"އެވެ. ކާސްޓު ސިސްޓަމަކީ ކޮބައިކަން އަންނަ މަޒުމޫނުގައި ބަޔާންކޮށްދެވޭތޯބަލާނަމެވެ.

ގުޅުންހުރި

5 ޚިޔާލު

  1. މާޝާ ﷲ.. ވަރަށްފުރިހަމަ ލޔުމެއް.

  2. މި ލިޔުމުގެ ބޭނުމަޚި ކޮބައިތޯ؟؟؟؟؟

  3. ދުނިޔޭގެ އެންމެ ގިނަދުވަސްވީ ބަހަކީ ޢަރަބި ބަހެއްނޫންތަ!!!!!

  4. ވަރަހއް ފުރިހަމަ.

  5. ވަރަށް ޝައުޤުވެރި ލިޔުމެއް، އަނެއްބަޔަށް އިންތިޒާރުކުރަން.

Your email address will not be published. Required fields are marked *

More in ރިޕޯޓް