ރިޕޯޓް

ދީނީ އަދި ދުނިޔަވީ ޙުކުމްތަކަށް ޢަމަލުކުރުމުގައި ދެފުށް ދެގޮތްވުން

 

ދޯންޏެއްގެ ކައްޕިއެއްގެ ގޮތުގައި ހުރެ ކުރިން ގޮސްފައިނުވާ ރަށެއްގެ ފަޅަށް ރޭނގަޑު ކަނު އަނދިރީގައި ވަންނަންޖެހިއްޖެއެވެ. ރަށަށް ވަންނާނެ ދެނެރު އެބައޮތެވެ. އުތުރުފަރާތު ނެރާއި ހުޅަނގުކޮޅު ނެރެވެ. އެނެރުތަކުގެ ޙާލަތު ދަންނަ ކަމަށް ބެލެވޭ ވިއްސަކަށްމީހަކާއި ސުވާލުކުރެވުނެވެ. ޖަވާބުގައި އެއެންމެންވެސް ބުނީ އުތުރުފަރާތުނެރުން ވަނުމުގައި އެއްވެސް މައްސަލައެއް ދިމާނުވާނެކަމުގައެވެ. ހުޅަނގުކޮޅު ނެރުން ވަނުމާއިމެދު ސުވާލުކުރެވުނު 20މީހުންގެތެރެއިން 18މީހުން ބުނީ މައްސަލައެއްދިމާނުވާނެކަމުގައެވެ. އެހެންނަމަވެސް އަނެއްދެމީހުން ބުނީ އަލަށް ވަންނަމީހަކަށް ކެއްސެއްދޭފަދަ ގަލެއް އެތާ ވާކަމަށާއި ކަނުއަނދިރީގައި އެނެރުން ވަނުން ބުއްދިވެރިނޫންކަމުގައެވެ. އެފަޅަށް ވަނުމުގައި އިތުރު އެއްވެސް އެހީއެއްލިބޭކަށް ނެތެވެ. އުތުރުފަރާތު ނެރުން ވަންނަންބޭނުންނަމަ އިތުރު 10ވަރަކަށް މިނިޓް ދުއްވަންވެސް އެބަޖެހެއެވެ. ސުވާލަކީ ކައްޕިއަކީ ތިބާނަމަ އެރަށުގެ ފަޅަށް ވަންނާނީ ކޮން ނެރަކުން ހެއްޔެވެ؟

މިސުވާލު އަޅުގަނޑު ވަރަށް ގިނަމީހުނާ ކުރީމެވެ. އެއެންމެންވެސް (ހަމައެކަކުވެސް އިސްތިސްނާ ނުވެ) ބުނީ ޚިޔާރުކުރާނީ އުތުރުފަރާތު ނެރުކަމުގައެވެ. އެއްވެސް މީހަކު ހުޅަނގުކޮޅު ނެރު އިޚުތިޔާރުކުރާނެކަމަކަށް ނުބުންޏެވެ. އަޅުގަނޑު ވަރަށް ގިނަ ކަންތައްތައް ހަނދާންކޮށްދިނީމެވެ. އުތުރުފަރާތު ނެރު މާދުރުކަމާއި ދިހަވަރަކަށް މިނިޓް އިތުރަށް ދުއްވަންޖެހޭކަމެވެ. ހުޅަނގުކޮޅު ނެރުންވަނުމުގައި މައްސަލައެއް ދިމާވެދާނެކަމަށްބުނީ އެންމެ ދިހައިންސައްތަ މީހުންކަމެވެ. އަނެއް 90އިންސައްތަމީހުންނަށް އެނެރުގައި މައްސަލައެއް ނެތްކަމެވެ. އަދި ހުޅަނގުކޮޅު ނެރުން އެތެރެވިކަމުގައި ވިޔަސް އެބުނާ ގަލެއްގައި ނުޖެހި ވަދެވުމުގެ ފުރުޞަތުއޮތްކަމެވެ. އަދި އެބުނާގަލެއްގައިޖެހުނުކަމުގައިވިޔަސް މާބޮޑުގެއްލުމެއްނެތި ސަލާމަތްވުމުގެ ފުރުޞަތުވެސް އޮތްކަމެވެ. އަދި އަނިޔާއެއްވިޔަސް ފުރާނަ ސަލާމަތުން ހުރިނަމަ ބޭސްފަރުވާކޮށްގެން (އަދިއެވެސް ހިލޭ) ކުރިން ހުރިޙާލަށް ރުޖޫޢަވުމުގެ ފުރުޞަތުވެސް އޮތްކަމެވެ. މިހުރިހާ ކަމެއް ހަނދާންކޮށްދިނުމުންވެސް އެއްވެސް މީހެއްގެ ޚިޔާލެއް ބަދަލެއްނުވިއެވެ. އެންމެންގެވެސް ހޮވުމަކަށްވީ އުތުރުފަރާތު ނެރެވެ. އަޅެ ތިބާގެ ވިސްނުންހުރީ ކިހިނެއްބާވައެވެ؟؟

މިއިން އަޅުގަނޑަށް ދޭހަވި އެއްޗަކީ އަޅުގަނޑުމެންގެ މިމާއްދީ ދިރިއުޅުމުގައި 'ރިސްކެއް' ނަގަން އެކަކުވެސް ބޭނުންނުވާކަމެވެ. އަދި އަމުދުން އެ 'ރިސްކު' ނުނަގާ ވާން އޮތްކަމުގައިވަނީނަމަ އޮޅިގެންވެސް އެކަމާ ގާތްވާން ބޭނުންނުވާކަމެވެ. ގެއްލުމެއް ކުރިމަތިވެދާނެމަގަކާއި އަދި ގެއްލުމެއް ނެތި ކުރިޔަށްދެވިދާނެމަގެއް ފެނިއްޖެނަމަ އަބަދުވެސް ގެއްލުމެއްނެތި ކުރިޔަށް ދެވެން އޮންނަ މަގު ޚިޔާރުކުރާކަމެވެ. ބޭނުމެއްނެތް ރިސްކެއް ބޮލުއެޅުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ކޮންމެއަކަސް މިފަލްސަފާއަކީ އަޅުގަނޑުމެންގެ މާއްދީ ދިރިއުޅުމުގައި ވަރަށް މުހިއްމު އަދި ބޭނުންތެރި ފަލްސަފާއަކަށް މިއޮންނަނީ ވެފައެވެ.

އަޅުގަނޑުމެންގެ ކޮންމެ މީހެއްގެވެސް 60 ނުވަތަ 70 އަހަރުގެ މިޙަޔާތުގައި (އެމުއްދަތަށް ބޭނުންވާނޭ ފަދައަކުން) މިދެންނެވުނު އުޞޫލު އެބަ ބޭނުންކުރަމުއެވެ. އެއީ ދުނިޔަވީގޮތުން ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށާއި ހޯދިދާނެ ފައިދާތަކެއް ހޯދާ ޙާޞިލް ކުރުމަށްޓަކައެވެ. ނަމަވެސް ސުވާލަކީ އެ 60 ނުވަތަ 70 އަހަރުގެ ފަހުން މަރުވުމަށްފަހު ދެން އަންނަން އޮތް (ދުވަހަކުވެސް ނިމުމެއްނެތް) ޙަޔާތަށްޓަކައި މިއުޞޫލު ބޭނުން ކުރަނީ ކޮންބައެއް ކިހާވަރަކަށް ބާވައެވެ؟

ޝައްކެއްނެތެވެ. ﷲ ބާވައިލައްވާފައިވާ ޝަރީޢަތުގައި އަންގަވާފައިވާ ޙަލާލާއި ޙަރާމަށް ބެލުމެއްނެތި ހިތަށް އެރިހާ ގޮތަކަށް ހަވާނަފުސް އެދިގޮވާ ގޮތަށް ދިރިއުޅޭ އެތައް ބަޔަކު މިބިންމަތީގައި އެބަވެއެވެ. ހަމައެއާއެކު ދީނުގެ ކަންތައްތަކުގައި އަމިއްލައަށް ހިތަށް އެރިހާގޮތަކަށް ޙުކުމްތައް މާނަކޮށް އޭގެމައްޗަށް ޢަމަލުތައް ބިނާކޮށް ހަދާމީހުންވެސް އުޅެއެވެ. ހަމައެއާއެކު (ފަތުވާ ޝޮޕިންގއަށް ގޮސް) ތިމާގެ ހިތް އެދޭގޮތަށް ފަތުވާދޭނެމީހަކު ހޯދާ އެފަދަމީހަކު ފެނިއްޖެނަމަ އެމީހެއްގެ ފަތުވާއަށް ބިނާކޮށް ޢަމަލުކުރާމީހުންވެސް މަދެއްނޫނެވެ.

ޝައްކެއްނެތެވެ. ދީނީ ޙުކުމްތަކަށް ބަލާއިރު ޢިލްމުވެރިންގެ މެދުގައި އިޚްތިލާފް އުފެދިފައިވާ ބައެއްކަހަލަ ކަންތައްތައް އެބަހުއްޓެވެ. އެކަމަކު އަޅުގަނޑަށް ފާހަގަކުރެވޭގޮތުގައި ޢިލްމުވެރިން ސުވާލުތަކަށް ޖަވާބުދެއްވާ އަދި ނަޞީޙަތް ދެއްވާ ހައްދަވާއިރު ޖުމްހޫރު ޢިލްމުވެރިންގެ ރަޢުޔު ބަޔާންކޮށްދެއްވާ ހައްދަވަތެވެ. ޢިލްމުވެރިންގެ ތެރެއިން ގިނަބޭފުޅުންގެ ރަޢުޔު ހުރީ މިގޮތަށޭ ވިދާޅުވެ ހައްދަވަތެވެ.

ދީނުގައި ކަމުގެ ޙުކުމް އޮތީ ވަކިމިވެނިގޮތަކަށޭ ވިދާޅުވެ އެތަނެއްގައި ތިއްބެވި ހުރިހާ ޢިލްމުވެރިންކަހަލަ ގޮތަކަށް ދަލީލު ދައްކަވާއިރު އެޙުކުމާދިމާ އިދިކޮޅަށް ދެތިން ޢިލްމުވެރިއަކު ބަސްފުޅުވިދާޅުވާނަމަ އޭގެ ބޭނުން ހިފާމީހުންނަކީ މުޖުތަމަޢުގައި ގިނަބައެކެވެ. އެޙުކުމާއި މެދު އެވެރިންގެ ހިތުގައި ޝައްކެއްވެސް އުފެދޭނެ ޖާގައެއް ނޯވެއެވެ. އެޙުކުމާއި އެއްގޮތަށް ޢަމަލުކުރުމަކީ 'ރިސްކެއް' ކަމަކަށް ނުދެކެއެވެ. މިސާލަކަށް މިއުޒިކު ނަގަމާ ހިނގާށެވެ. މިއުޒިކަކީ އިސްލާމްދީނުގައި ހުއްދައެއްޗެއް ނޫންކަމުގައި ހުރިހާ ޢިލްމުވެރިން ކަހަލަ ގޮތަކަށް ދެކެލައްވައެވެ. އެހެންނަމަވެސް އަޅުގަނޑުމެންގެތެރޭގައިވެސް އެއީ ހުއްދަ އެއްޗެއްކަމުގައި ވިދާޅުވާ މަދުޢިލްމުވެރިން ކޮޅެއް ތިއްބަވާތީ އެބޭފުޅުންގެ އެބަސްފުޅުގައި ހިފައިގެން ތިބި އެތައްހާސް ބަޔަކު އެބަތިއްބެވެ.

އަޅުގަނޑުގެ މަޤުޞަދަކީ މިއުޒިކުގެ ޙުކުމާއި މެދު ބަހުޘެއް ކުރުމެއްނޫނެވެ. އަދި މިއުޒިކުގެ ޙަލާލް ނުވަތަ ޙަރާމްކަމާއިމެދު ޢިލްމުވެރިޔަކު ދެއްވާފަތުވާއަކަށް ރައްދު ދިނުމެއް ނޫނެވެ. އަޅުގަނޑަކީ އެފަދަކަމަކަށް އެކަށީގެންވާ މީހަކީމެއްނޫނެވެ. އަޅުގަނޑުގެ މަޤުޞަދަކީ މިލިޔުމުގެ ފެށުމުގައި ދެންނެވިފައިވާ މިސާލާއި، މިއުޒިކާއި މިފަދަ އެހެނިހެން ކަންކަމާއި ގުޅޭ ޙުކުމްތަކާއި ގުޅިގެން މީހުންކުރާ ޢަމަލުތަކާއި އަޅާކިޔާލުމެވެ. މިފަދަކަންކަމުގައި އަޅުގަނޑުމެންގެ ޢަމަލުތަކުގައި ހުންނަ ދެފުށްދެގޮތްކަން ހާމަކޮށްލުމެވެ.

މިސާލުގައި ދެންނެވިފައިވާ ޙާލަތުގައި ދެގޮތް އެބައޮތެވެ. އެއީ ތަފާތު ދެނެރަކުން ފަޅަށް ވަނުމެވެ. މިއުޒިކުގެ މައްސަލާގައިވެސް ދެގޮތް އެބައޮތެވެ. އެއީ މިއުޒިކު އަޑުއެހުމާއި އަޑުނުއެހުމެވެ. (މިއުޒިކު އަޑުނާހާނަމަ އެމީހެއްގެ ހަތަރު އުދަރެސް ފެނުޖެހުނީއަކީ ނޫނެވެ. އެމީހެއްގެ ދިރިއުޅުމަކީ ފޫހިދިރިއުޅުމަކަށް ވާކަށްވެސް ނުޖެހެއެވެ.) މިތަނުން ކޮންމެމީހަކަށްވެސް އެމީހަކު ބޭނުންގޮތެއް އިޚުތިޔާރު ކުރެވިދާނެއެވެ. ކުރިންގޮސްފައި ނުވާ ރަށެއްގެ ފަޅާއި ބެހޭގޮތުން މަޢުލޫމާތު ލިބިފައި ނެތީތީވެ، އެކަމުގެ މަޢުލޫމާތު ލިބިފައިވާ ފަރާތްތަކާއި ވާހަކަދައްކާ މަޢުލޫމާތު ހޯދީއެވެ. އަދި ޔަޤީންކުރުމަށްޓަކައި ވީހާވެސްގިނަ ފަރާތްތަކެއްގެކިބައިން މަޢުލޫމާތު އެއްކުރީއެވެ. ދީނުގެ ޙުކުމްތައް ދެނެގަނެ ދަސްކުރުމުގައި އަޅުގަނޑުމެން މަޢުލޫމާތު ހޯދުމަށް މަސައްކަތްކުރަނީކިހާވަރަކަށްތޯއެވެ؟ ޝައްކެއްނެތްގޮތުގައި ޙައްޤާއި ބާޠިލް ވަކިކޮށް ދެނެގަތުމަށްޓަކައި ދީނުގެ ޙުކުމްތައް ދަސްކޮށް އޮޅުންފިލުވުމަށްޓަކައި މަސައްކަތްކުރުމަކީ ހަމަކޮންމެމީހަކުވެސް ކުރަން ޖެހޭނެކަމެކެވެ. ޓެކްނޮލޮޖީއާއި އެހެނިހެން ގޮތްގޮތުން ކުރިއަރާފައިވާ މިޒަމާނުގައި މަޢުލޫމާތު ހޯދުމާއި އެމަޢުލޫމާތުގެ ޞައްޙަކަން ޔަޤީންކުރުމަކީ ދަތިކަމެއްނޫނެވެ. އެހެންކަމުން އެޒިންމާއަކީ ކޮންމެ މީހެއްގެ ބޮލުގައިވެސް އެޅިފައިވާ ޒިންމާއެކެވެ.

ދެންއޮތީ ރަޢުޔު ތަފާތުވުމެވެ. އެޙާލަތުގައި ކަންތައް ކުރާނެގޮތެވެ. ނެރުގެ މައްސަލާގައި ކައިރީގައިވާ ނެރުން ނުވަނުމަށް ނަޞީޙަތްތެރިވީ އެންމެ ދިހައިންސައްތަމީހުންނެވެ. އެކަމަކުވެސް މިސުވާލުކުރެވުނު އެންމެންނަށްވެސް އެ ދިހައިންސައްތަ އަނެއް ނުވަތަ އިންސައްތައަށްވުރެ މުހިއްމުވިއެވެ. އެއީ ގެއްލުމެއް ބޮލު އަޅަންޖެހުމުގެ ފުރުޞަތު އޮތީތީއެވެ. މިއުޒިކުގެ މައްސަލައަށް ބަލާނަމަ މިއުޒިކު އަޑުއެހުމުން ގެއްލުން ނުލިބޭނަކަމަށް ބުނާ ޢިލްމުވެރިންގެ އިންސައްތަ ދިހަޔަކަށްވުރެވެސް ދައްވާނެކަމަށް ބެލެވެއެވެ. ނުވަދިހައިންސައްތަ ނުވަތަ އެއަށްވުރެ ގިނަ ޢިލްމުވެރިން، މިއުޒިކްގެ އަޑުއަހާނަމަ އޭގެ ގެއްލުމާއި އާޚިރަތުގައި ކުރިމަތިލާން ޖެހޭނެކަމަށް ވިދާޅުވެއެވެ. (ތައުބާނުވެމަރުވެއްޖެނަމައެވެ.) ގެއްލުން ލިބޭނެކަމަށް މިހާގިނަ ޢިލްމުވެރިން ވިދާޅުވާއިރުވެސް މިފަހަރު މުހިއްމު މިވަނީ ފައިދާގެ ކޮޅަށް ބުރަވާ މަދު ޢިލްމުވެރިން ކޮޅެކެވެ. އަޅެ މިޙާލަތުގައި އަދި އެއީ ހުއްދަނޫންކަމެއްކަމުގައި ކަނޑައެޅިގެން ނުނިންމިޔަސް ކޮންމެވެސް ވަރެއްގެ ޝައްކެއް ހިތުގައި އުފެދެންވާނެ ނޫންހެއްޔެވެ؟ އަޅެ މިއުޒިކް ހަމަ ހުއްދަވާނެބާވައޭ، މިސުވާލު ހިތުގައި ނުއުފެދޭތީވެސް އަޖައިބު ވާހާވެއެވެ.

ދެން އޮތީ ލިބިދާނެގެއްލުމުގެ ވާހަކައެވެ. ނެރުން ވަންނައިރު ގެއްލުންދީފާނެ ގަލެއްހުއްޓަސް އެގަލުގައި ނުޖެހިވެސް ވަދެވިދާނެއެވެ. އަދި ޖެހުނަސް މާބޮޑުގެއްލުމެއްނުލިބިހިނގައިދާނެއެވެ. އަދި ޞިއްޙަތަށް ނުވަތަ މުދަލަކަށް ގެއްލުމެއްލިބުނަސް އެ އަނބުރާ ހޯދުމުގެ ފުރުޞަތު މިދުނިޔޭގައި އެބައޮތެވެ. ނަމަވެސް ޢިލްމުވެރިން އެއީ ޙަރާމްކަމެކޭ ބުނާއިރުވެސް މިއީ އިޚްތިލާފީ މައްސަލައެކޭ ބުނެ އެކަމެއްކުރުމަށްފަހު ﷲގެ ޙަޟުރަތަށް ދިއުމަށްފަހު އެއީ ފާފައެއްކަން އެނގި އެފާފަ ބޮލުއަޅަންޖެހުމުން ދެން ހަދާނެ ހަމަ އެއްގޮތެއްވެސް އޮންނާނެބާވައެވެ؟ ދުނިޔޭގައިނަމަ ދެވަނަ، ތިންވަނަ، ހަތަރުވަނަ ނޫނީ ސަތޭކަވަނަ ފުރުޞަތުވެސް ލިބިދާނެއެވެ. ނަމަވެސް އާޚިރަތުގައި ދެވަނަފުރުޞަތެއް ހަމަހިލާ ނުލިބޭނެއެވެ. އެދުވަހުން ފާފަތަކުން ފޯވެފައިތިބި މީހުން އަނބުރާ ދުނިޔެއަށް ފޮނުއްވައި ދިނުން އެދި އާދޭސްކޮށް ރޮއިހަދާނޭމެއެވެ.

އަޅުގަނޑުމެންގެ މޮޔަކަމާއެވެ. މާއްދީ މިޙަޔާތުގައި، ފަނާވެދަނިވި އަގެއްނެތް މިޙަޔާތުގައި އަމިއްލަނަފުސަށް، މުދަލަށް އަދި އަހުލުވެރިންނަށް ގެއްލުމެއް ލިބިދާނެކަމަށް ކުޑަކޮށްވެސް ޝައްކެތްވެއްޖެނަމަ އަވަސްއަވަހަށް ރައްކާތެރިކަން ހޯދައިގަނެއެވެ. އެއީ ކިތަންމެ އުނދަގުލަކުންވިޔަސްމެއެވެ. އެކަމަކު ފަނާވުމެއްނެތް ދާއިމަށް ދެމިގެންވާ ދުނިޔޭގައި ލިބިދާނެގެއްލުމަކަށް ވިސްނައިގެން މިދުނިޔޭގައި މަސައްކަތްކުރަނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް ކިތައް މީހުންބާވައެވެ؟

ގުޅުންހުރި

2 ޚިޔާލު

  1. ވަރަށް ވެސް ބޮޑު ތެދެއް

  2. ވަރަށް ޙިކުމަތްތެރި މިސާލެއްގެ އަލީގައި ލިޔުއްވާފައިވާ ލިޔުމެއް މިއީ…

Your email address will not be published. Required fields are marked *

More in ރިޕޯޓް