ރިޕޯޓް

ޒަމާނުއްސުރެ ދިވެހިން ޤަބޫލުކުރަމުންއައި "މެދުމިނޭ" ވިދާޅުވެ މިކިޔުއްވަނީ ކީކޭބާ؟

މިއަދު މިޤައުމުގެ މިސްރާބު ޖަހާފައިވަނީ އަލްމާނިއްޔަތާ ލާދީނިއްޔަތުން ފުރިގެންވާ އަނެއް ދިވެހިރާއްޖޭގެ އައްސޭރިއަށް ވާސިލްވުމަށެވެ. ފަރަންޖީ ދޮންމީހުންގެ ލަފާގެމަތިން އެބައިމީހުން ދަސްކޮށްދޭ "ތާހިރު" ދިރިއުޅުން އުޅުމަށެވެ. މިދެންނެވި "ތާހިރު" ދިރުއުޅުމަށް ދިވެހިން ހޭނުވުމަށްޓަކައި އަދުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްވަނީ މެކުހަށް ޖަހާފައެވެ. އެހެންނަމަވެސް އެބައިމީހުން ފެށި ދަތުރުގެ ދުވެލި މަޑުޖައްސާލާ ތޫފާންތައް އަންނަނީ ދޭތެރެ ދޭތެރެއިން ކުރިމަތިވަމުންނެވެ. މިގޮތުން އެންމެ ފަހުން ކުރިމަތިވި އެންމެ ބޮޑު ތޫފާނަކީ 23 ޑިސެމްބަރ 2011 ވީ ހުކުރު ދުވަހު 8 ގަޑިއިރަށް ދެމިގެންދިޔަ އަޑު އުފުލުމެވެ.

އެތޫފާނުގެ ވިލާތައް ބޯމަތިވަމުންދިޔަ ވަގުތު، އެތޫފާން މައިތިރިކޮށް މަޑުޖެއްސުމަށްޓަކައި ތަފާތު ގޮތްގޮތަށް ތަފާތު ވާހަކަ ދައްކަވަމުން ދިޔައެވެ. ތަފާތު ބަހަނާތައް ދައްކަވަމުން ގެންދެވިއެވެ. މިގޮތުން ތަކުރާރުކޮށް ވިދާޅުވަމުން އައި އެއްވާހަކައަކީ "ދިވެހި ރައްޔިތުން އެދެނީ ޒަމާނުއްސުރެވެސް ދިވެހިންގެމެދުގައި އޮތް "މެދުމިނަށް" ދީނީ ކަންކަން ބާއްވަން" ކަމުގައެވެ. އަދި ތިމަންމަނިކުފާނަކީ އެކަންތައް އެގޮތުގައި ދެމެހެއްޓުމަށްޓަކައި "ފޫގަޅައިގެން" ހުންނެވި ބޭފުޅެއްކަން ސާބިތުކޮށްދެއްވާން ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެންދަވައެވެ. ތަފާތު ޕޯޑިއަމްތަކުގައި ތަފާތު ރާގުގައެވެ. އެހެންކަމުން އެވިދާޅުވުންތަކާމެދު ތަންކޮޅެއް ފުންކޮށް ވިސްނާލަން ވެއްޖެއެވެ. މިވާހަކައިގެ ޙަޤީޤަތަކީ ކޮބައިކަން ކޮންމެ ބޭފުޅަކަށްވެސް އެނގެން އެބަޖެހެއެވެ. ސާފުވާން އެބަޖެހެއެވެ.

އާނއެކެވެ! ޒަމާނުއްސުރެ ދިވެހިން ބުނަމުން މިދަނީ އިސްލާމްދީން ނޫން ދީނެއް ބޭނުން ނޫން ވާހަކައެވެ. ނަމަވެސް މިއަދު އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ ފާޅުކަން ބޮޑުގޮތެއްގައި އަދުގެ ސަރުކާރުން، ޒަމާނުއްސުރެ ދިވެހިން އުޅެމުންއައި އިސްލާމުދީން ފިޔަވައި އެހެން ދީންތައް މިތަނަށް ގެނައުމަށް ބާރުއަޅަމުންދާ މަންޒަރުތަކެވެ. 10 ޑިސެމްބަރ 2011 ވީ ހޮނިހިރު ދުވަހު ހަވީރު ހެދިގޮނޑުދޮށަށް، އަތުގެ އިނގިލިތަކުން ގުނާލެވޭހާ މަދުބަޔަކު އެއްވެ، ދީނީ މިނިވަންކަމަށް ގޮވާލާފައިވާއިރު، އެކަމާ ދެކޮޅަށް އެއްވެސް ބަހެއް ބުނެފައި ނުވާއިރު، އެކަމަށް ހިތްވަރުލިބޭ ގޮތަށް ސަރުކާރުން ވާހަކަ ދައްކާފައިވާކަމީ މިކަމުގެ އަލިގަދަ ހެއްކެކެވެ. ވީމާ ޒަމާނުއްސުރެ ދިވެހިންގެ މެދުގައި އޮތް "މެދުމިނޭ" ވިދާޅުވެ މިކިޔުއްވަނީ ކީކޭ ބާވައެވެ؟

ޒަމާނުއްސުރެ ދިވެހީން ބުނަމުން މިދަނީ، އެހެން އެއްވެސް ދީނެއްގެ އަޅުކަންކުރާ ތަނެއް މިފަސްގަނޑުގައި އަޅަން ބޭނުން ނޫން ވާހަކައެވެ. އެހެންނަމަވެސް އަދުގެ ސަރުކާރުން، ފާޅުކަން ބޮޑުގޮތެއްގައި އެކަމަށް ހިތްވަރުލިބޭނޭ ގޮތަށް ވާހަކަ ދައްކައި އަމަލުތައް ބައްޓަން ކުރަމުންގެންދާކަމީ ހަމަބުއްދުހުރި ކޮންމެ ދިވެއްސަކުވެސް ދަންނަކަމެކެވެ. މިގޮތުން ރައީސް މުޙައްމަދު ނަޝީދުގެ 24 ވަނަ ރޭޑިއޯ ޚިތާބުގައި މިމައްސަލާގައި އިލްވުރީންނާއި ކުރައްވާފައިވާ ސުވާލުތަކާއި، ރައްޔިތުންގެ ނުރުހުމުގައި އައްޑޫ ސިޓީގައި ބަހައްޓާފައިވާ ބުދުތަކަކީ މިކަމުގެ އަލިގަދަ ހެކިތަކެވެ. ވީމާ ޒަމާނުއްސުރެ ދިވެހިންގެ މެދުގައި އޮތް "މެދުމިނޭ" ވިދާޅުވެ މިކިޔުއްވަނީ ކީކޭ ބާވައެވެ؟

ޒަމާނުއްސުރެ ދިވެހީން ބުނަމުން މިދަނީ އިޒްރޭލޭ ކިޔުނު ޣައިރު ޤާނޫނީ ދައުލަތާ އެއްވެސް ގުޅުމެއް ބާއާވަން ދިވެހީން ބޭނުން ނުވާ ވާހަކައެވެ. އެހެންނަމަވެސް އަދުގެ ސަރުކާރުން ވަނީ، ސިޔާސީ ގޮތުންނާއި، ވިޔަފާރީގެ ގޮތުން އިޒްރޭލާއި ގުޅުން ޤާއިމްކޮށްފައެވެ. އަދި ތަޢުލީމީ ދާއިރާއާއި، ދަނޑުވެރިކަމާއި އެހެނިހެން މުހިންމު ސިނާއަތްތަކުން އިޒްރޭލާއި ގުޅުން ޤާއިމްކޮށްފައެވެ. އަދި އިޒްރޭލްގެ ފްލައިޓްތައް އެއްވެސް ޤާނޫނީ ހުރަހެއްނެތި މިއިސްލާމީ ދީބުގައި ބޭނުންވަގުތަކު ޖެއްސުމުގެ ފުރުސަތު ދިނުމަށް ވިސްނާފައެވެ. މިއީ މިޤައުމުގެ ސަލާމަތަށް އޮތް ވަރަށްބޮޑު ނުރައްކަލެއްކަން ޤައުމުދެކެ ލޯބިވާ ކޮންމެ ދިވެއްސަކު ދަނެއެވެ. ވީމާ ޒަމާނުއްސުރެ ދިވެހިންގެ މެދުގައި އޮތް "މެދުމިނޭ" ވިދާޅުވެ މިކިޔުއްވަނީ ކީކޭ ބާވައެވެ؟

ޒަމާނުއްސުރެ ދިވެހީންގެ އިސްލާމުކަން އެދިގޮވަނީ ބަނގުރަލުގެ ވިޔަފާރިކުރުން ހުއްޓާލުމަށެވެ. އަދި ދިވެހީން ބާރުލައި ބުނަމުން މިދަނީ މީހުންދިރިއުޅޭ ރަށްރަށުގައި ބަނގުރަލުގެ މުއާމަލާތް އެއްގޮތަކަށްވެސް ކޮށްގެން ނުވާނެ ކަމުގައެވެ. އެހެންނަމަވެސް، ބަނގުރަލުގެ ވިޔަފާރިއަށް ހައްލެއް ހޯދިފައިނުވާއިރު، އަދުގެ ސަރުކާރުން މިސްރާބުޖެހީ މިކަމުގައި އިތުރު އަނދަވަޅަކަށް ދިވެހިން ވައްޓާލުމަށެވެ. އެއީ ޤާނޫނަކުން ހުއްދަ ލިބިގެން މީހުން ދިރިއުޅޭ ރަށްރަށުގައިވެސް ބަނގުރާ ވިއްކުމުގެ ހުއްދަދޭން މަސައްކަތްކުރުމުވެ. އަދި އެގޮތަށް އެކަން ނުވުމުން ދެން ކުރަން ފެށިކަމަކީ މީހުން ދިރިއުޅޭ ރަށްރަށުގެ ސަރަހައްދުތައް ފަޅުރަށް ކަމުގައި ހަދައި، އެތަންތަނުގައި ބަނގުރަލުގެ މުއާމަލާތް ކުރަން މަސައްކަތްކުރުމެވެ. ސަބަބު އެންމެންނަށްވެސް އެނގެއެވެ. ބައެއް ބޭފުޅުން އަބަދުގައި ހަމައިގައި ތިބެން ބޭނުންނުވަތީއެވެ. ވީމާ، ޒަމާނުއްސުރެ ދިވެހިން ޤަބޫލުކުރަމުން އަންނަ "މެދުމިނޭ" ވިދާޅުވާއިރު، ފަރުދާގެ އަނެއްފަރާތުން އަސްލު މަންޒަރު ފެންނަނީ އެހެން ގޮތަކަށެވެ.

ޒަމާނުއްސުރެ ދިވެހީން ބުނަމުން މިދަނީ އިނގިރޭސި ތަޢުލީމެކޭ އެއްފަދައިން އަރަބި ތަޢުލީމު ހާޞިލްކުރުމުގެ ފުރުޞަތު އިސްލާމީ މިފަސްގަނޑުގައި އޮންނާންޖެހޭނެ ވާހަކައެވެ. އެހެންނަމަވެސް، މިސަރުކާރު ވުޖޫދަށް އައުމަށްފަހު، ފަރުދާގެ އަނެއްފަރާތުން އެޖެންޑާކުރެވިފައިވާ ފުރަތަމަ ކަމެއްގެ ގޮތުގައި އަރަބި ތަޢުލީމު ހީނަރުކޮށްލުން ނުވަތަ މިބިމުން ފުހެލުން ވެއެވެ. މިގޮތުން ޢަރަބިއްޔާ ސްކޫލަށް އެކަށީގެންވާ ބިމެއް ނުދީ، އެކިގޮތްގޮތުން ދަތިކުރުމުންދާކަމީ މިކަމުގެ އަލިގަދަ ހެކިތަކެވެ. ވީމާ ޒަމާނުއްސުރެ ދިވެހިންގެ މެދުގައި އޮތް "މެދުމިނޭ" ވިދާޅުވެ މިކިޔުއްވަނީ ކީކޭބާވައެވެ؟

ޒަމާނުއްސުރެ ދިވެހީން އެދެމުން މިދަނީ ސްކޫލުތަކުގައި ކިޔަވާދޭ އިސްލާމް މާއްދާގެ މުޤައްރަރު ޒަމާނަށްފެތޭގޮތަށް އިޞްލާހުކޮށް މިހާރަށްވުރެ ފެންވަރު ރަނގަޅު ގޮތަކަށް އުނގަންނައި ދިނުމަށެވެ. އެހެންނަމަވެސް މިސަރުކާރު ވުޖޫދަށް އައުމަށްފަހު، އިސްލާމް މާއްދާ އިޞްލާހުކުރަން އެއްވެސް މަސައްކަތެއް ނުކުރެއެވެ. އަދި ކިއެއް މަސައްކަތްކުރީ އިސްލާމް މާއްދާއަކީ "އޮޕްޝަނަލް" މާއްދާއަކަށް ހެދުމަށެވެ. ނަތީޖާއަކަށް ވެގެންދާނީ ބޮޑެތިވަމުން އަންނަ ކުދީންގެ އަޤީދާ އިތުރަށް ބަލިކަށިވެގެން ދިއުމެވެ. ވީމާ ޒަމާނުއްސުރެ ދިވެހިންގެ މެދުގައި އޮތް "މެދުމިނޭ" ވިދާޅުވެ މިކިޔުއްވަނީ ކީކޭބާވައެވެ؟

ޒަމާނުއްސުރެ ދިވެހީން އެދެމުން މިދަނީ ރާއްޖޭގައި ހަށިވިއްކުމުގެ ވިޔަފާރިކުރާ ތަންތަން ބަންދުކޮށްދިނުމަށެވެ. އެހެންނަމަވެސް މިސަރުކާރު ވުޖޫދަށް އައުމަށްފަހު ހަށިވިއްކުމުގެ ބާޒާރު އިތުރަށްފުޅާވެ، ހަށިވިއްކާ ނާސިގެތައް ވަނީ އިތުރުވެފައެވެ. ޒިންމާވާނެ ވުޒާރާއެއް، މުއައްސަސާއެއް ހުރިކަމަކަށް ނުވެއެވެ. ވިމާ ޒަމާނުއްސުރެ ދިވެހީން އެދެމުން އަންނަ މިއެދުން ފުއްދައިނުދެއްވައި، ޒަމާނުއްސުރެ ދިވެހިން އެދޭ "މެދުމިނޭ" ވިދާޅުވުމީ އިތުރުފުޅަކަށް ނުވޭތޯއެވެ؟

ޒަމާނުއްސުރެ ދިވެހީން އެދެމުންދަނީ އިސްލާމްދީނުގައި ޙަރާމް ކުރައްވާފައިވާ އެއްޖިންސުން ގުޅުންހިންގުންފަދަ ފާހިޝް ޢަމަލުތައް މިބިމުގައި ކޮށްގެން ނުވާނެ ވާހަކައެވެ. އެފަދަ ޢަމަލުތައްކުރާ ފަރާތްތަކާމެދު ޒަމާނުއްސުރެ ދިވެހީން ނަފުރަތު ކުރެއެވެ. އެހެންނަމަވެސް، މިސަރުކާރު ވުޖޫދަށް އައުމަށްފަހު، މިސަރުކާރުގެ އިސްބޭފުޅުންނާއި ގުޅުންހުރި ފަރާތްތަކުން، އެފަދަ ފާހިޝް އަމަލުތައް ކުރުމަށް ފާޅުގައިދަނީ ގޮވާލަމުންނެވެ. އިންސާނީ ޙައްޤުތަކުގެ ނަމުގައެވެ. މިނިވަންކަމުގެ ނަމުގައެވެ. ޒަމާނުއްސުރެ ދިވެހީން ޤަބޫލުކުރާ "މެދުމިނަށް" ތާއީދު ކުރައްވާނަމަ، އެފަދަ އަމަލުތަކަށް ފާޅުގައި ހިތްވަރުދީ ވާހަކަދައްކާ ފަރާތްތަކާމެދު ފިޔަވަޅުނާޅަނީ ކީއްވެ ބާވައެވެ؟

ޒަމާނުއްސުރެ ދިވެހީން އެދެނީ ދިވެހި ދައުލަތުގެ އިސްވެރިޔާގެ މަޤާމުގައި ހުންނަވާ ބޭފުޅާގެ ޢަމަލުފުޅުތައް އިސްލާމީ ގިއުގަނޑުގެ ތެރޭގައި ރިވެތި އަޚްލާޤްގައި ސާބިތުވެ ހުރުމަށެވެ. އެހެންނަމަވެސް މިއަދު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، ދައުލަތުގެ ވެރިޔާ އާއި ދައުލަތުގެ އިސްބޭފުޅުން ޑީޖޭ ޝޯތަކުގަ އާއި ބޮޑުބެރު ޝޯތަކުގައި ނައްޓަވައި ހުތުރު ވައްތަރު ޖައްސަވާ ނާޗަރަންގީ ކުޅުއްވާ މަންޒަރުތަކެވެ. ޤައުމާ މުޚާތަބުކޮށް ވާހަކަ ދައްކަވާއިރު ހަމްދު ޞަލަވާތް ކިޔެވުމެއް ނޯވެއެވެ. އަދި ކިޔެއް ފެނިގެންދަނީ ބޮޑާކަމާއެކު ދީނަށް މަލާމާތްކޮށް ފުރައްސާރަކުރާ މަންޒަރުތަކެވެ. ބިރުވެތިކަމެއްނެތި ﷲ ގެ ޙުކުމްފުޅުތަކަށް ގޮންޖައްސަވާ ތަނެވެ. ވީމާ ޒަމާނުއްސުރެ ދިވެހިންގެ މެދުގައި އޮތް "މެދުމިނުން" ކައްސާލައިގެން ދިޔައީ ކޮންބޭފުޅެއް ބާވައެވެ؟

މިހެންގޮސް ޒަމާނުއްސުރެ ދިވެހީން ޤަބޫލުކުރަމުންއައި ދީނުގެ "މެދުމިނުގެ" ލިސްޓް ކިތަންމެހާވެސް ދިގުކުރެވިދާނެއެވެ. ދިގުކުރިވަރަކަށް ފެންނާނީ ދިވެހީން ޤަބޫލުކުރަމުންއައި ދީނުގެ އުސޫލުތަކާއި އަސްލުތައް ދެމެހެއްޓިޔަ ނުދިނުމަށް ސަރުކާރުން ބާރުއަޅައި މަސައްކަތް ކުރާތަނެވެ. ދީނުގެ އަސްލުތަކަށް މަލާމާތްކޮށް ފުރައްސާރު ކުރާތަނެވެ. އިސްލާމުދީން ފުހެލުމަށް މަސައްކަތް ކުރާތަނެވެ.

ވީމާ މިދައްކަނީކީ ޒަމާނުއްސުރެ ދިވެހީން ބޭނުންވެގެން އުޅޭ "މެދުމިނެއް" ގެ ވާހަކައެއް ނޫނެވެ. މިއީ ބޮޑު އޮޅުވާލުމެކެވެ. ބުހުތާނެކެވެ. ޙަޤީޤަތުގައި ފަރުދާގެ އަނެއްފަރާތުން ކުރެވޭ މަސައްކަތަކީ އެހެން މަސައްކަތްތަކެކެވެ.

"މެދުމިނޭ" މިވިދާޅުވަނީ އެހެންދީންތައް މިތަނަށް ގެނައުމަށް ކުރެވޭ މަސައްކަތަށް ނޫންބާވައެވެ؟ މުރުތައްދުވާން ބޭނުންވާ މަދުބަޔަކަށް އަޅާނެ ފައްޅިއެއްގެ ވާހަކަ ނޫންބާވައެވެ؟ އަބަދު ހަމައިގައި ތިބެގެން ވެރިކަން ކުރަން ބޭނުންނުވާ ބަޔަކުގެ މަސްލަހަތައްޓަކައި ބަނގުރާ ހުއްދަކުރާން އުޅޭ އުޅުމުގެ ވާހަކަ ނޫންބާވައެވެ؟ "މެދުމިނޭ" މިވިދާޅުވަނީ ތިމަންނަމެންގެ ޖީބަށް ވަންނަ ފައިސާ ކޮޅަކަށްޓަކައި ޒަޔަނިސްޓް ޔަހޫދީންގެ އަތްދަށަށް ޤައުމުގެ ހުންގާނު ދީލާލާ ވާހަކަ ނޫންބާވައެވެ؟ އިސްލާމްދީނުގެ އަސްލު އުސޫލުތަކަށް ދިވެހީން ތަބާވެއްޖެނަމަ، ލާދީނީ ވެރިކަން ދިފާއުކުރުމަށް ދަތިވާނެތީވެ، އިސްލާމީ ތަޢުލީމް ހީނަރުކުރުމަށް ކުރާ މަސައްކަތްތަކުގެ ވާހަކަ ނޫންބާވައެވެ؟

ގުޅުންހުރި

2 ޚިޔާލު

  1. ވަރަށް ފުރިހަމަ!….

  2. 100% ތާޢީދު ހަމަ ހަބޭސް

Your email address will not be published. Required fields are marked *

More in ރިޕޯޓް