ވާހަކަ

ﷲ ރުއްސުންލެއްވި ޒައިދުގެފާނު

 

ހިޖުރައިން ދެވަނަ އަހަރު ބަދުރުގެ މައިދާނަށް ދިޔުމަށްޓަކައި މުއްދަތު ގާތްވަމުން ދެއެވެ. އެއިރު ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ މުސްލިމުންނަށް ޖިހާދު ފަރުޟުކުރައްވާފައެވެ. މައްކާގެ މުޝްރިކުންވަނީ މުސްލިމުންތައް ޖެހުނު އެއްޗަކުން ތަޅާމަރަމުން އެބައިމީހުންގެ ގެދޮރުން ބޭރުކޮށްލާފައެވެ. އެވަރުންވެސް އެބައިމީހުން ވަނީ މަދީނާގައިވެސް މުސްލިމުންނަށް ހަމަޖެހިގެން ތިބިޔަ ނުދޭން ފޫގަޅާފައެވެ. މުޝްރިކުންގެ ޤާފިލާ މަދީނާ ރަށް ބޭރުންލާފައި މައްކާއަށްދާން އަންނަ ޚަބަރު ކީރިތި މާތް ރަސޫލާ صلّى الله عليه وسلّم އަށް އިވިވަޑައިގަތުމުން އެކަލޭގެފާނުގެ ވެރިކަމުގެ ދަށުގައި ކުޑަވަރެއްގެ ލަޝްކަރެއްވަނީ ނިކުންނަން ތައްޔާރުވެފައެވެ.

އުމުރުފުޅުން ތޭރަ އަހަރު ނުފުރޭ ޅަޒުވާނެއް އެބެއިފުޅެއްގެ އިސްކޮޅަށް ނުވަތަ އެއަށްވުރެވެސް ތަންކޮޅެއްދިގު ކަނޑިއެއް ހިއްޕަވައިގެން ފޯރިއާއި ހުށިޔާރުކަމާއިއެކު ރަސޫލުﷲ ގެފާނުންގެ އަރިއަހަށް އައިސް ހުއްޓި ވިދާޅުވިއެވެ. "ތިމަންކަލޭގެފާނުންގެ ނަފްސް ކަލޭގެފާނުންނައްޓަކައި ޤުރުބާންކުރަމެވެ އޭ ﷲގެ ރަސޫލާއެވެ. ކަލޭގެފާނުންގެ ދިދައިގެ ދަށުގައިވެ ހުރެ މުޝްރިކުންނާއި ދެކޮޅަށް ހަނގުރާމަކުރުމުގެ ހުއްދަ ދެއްވާށެވެ." (ސުބުޙާނަﷲ އެވެ! އަޅުގަނޑުމެންނަށް މީހުންނަށްވުރެ ދިގު ކަނޑި ހިފައިގެން އުޅޭތަންވެސް މިފެންނަނީ "ފައިނަލް ފެންޓަސީ" ކަހަލަ ކާޓޫނުންނެވެ. އަޅުގަނޑުމެންގެ ތެރެއިގައި އިސްލާމީ ތާރީޚަށް ހޭލުންތެރި ނުވުމުގެ ބައްޔަކީ ވާހާދަހާ ބޮޑު ބައްޔެކެވެ.)

ރަސޫލާ صلّى الله عليه وسلّم ލޯބިފުޅާއެކު އެކުއްޖާގެ ކޮނޑުގައި ހިތްވަރުދިނުމުގެ ގޮތުން އަތްޖައްސަވައިލެއްވިއެވެ. ނަމަވެސް އުމުރުގެ ޅަކަމާއިހުރެ ނުގެންދެވިއެވެ. ކުޑަކުޑަ ޒައިދުގެފާނުން ހިތާމައާއި މޮޅިވެރިކަމުގައި ރަސޫލުﷲ ގެފާނުންގެ ފުރަތަމަ ހަނގުރާމައިގައި ބައިވެރިވުމުގެ މާތް ޝަރަފު އެގެއްލުނު ކަމައްޓަކައި އެނބުރި ވަޑައިގެން ވަޑައިގެންނެވިއެވެ.

އޭގެފަހުން ޒައިދުގެފާނު ހަނގުރާމައަށް ވަޑައިގަންނަވާ ހިތްޕުޅުން ހުންނަވާ، ނަމަވެސް ހުއްދަނުލިބި އުޙުދުގެ ދުވަހުގައިވެސް މަދީނާގައި މަޑުކުރެއްވިއެވެ. އެކަލޭގެފާނުންނަށް ހުއްދަ ލިބިވަޑައިގެންނެވީ ޚަންދަގު ހަނގުރާމައިގައި އުމުރުފުޅުން ސޯޅަ އަހަރުގައެވެ.
ޒައިދުގެފާނަކީ މުސްލިމުންގެ ހަނގުރާމަތަކުގައި އުޅުއްވި ބޮޑެތި ހަނގުރާމަވެރިން ފަދައިން ފާހަގަ ކޮއްލެވޭ ބެއިކަލެއްނޫނެވެ. އެހެނީ ބަދުރުން އެކަލޭގެފާނުން ވަކިވެވަޑައިގަތުމާއިއެކު އެކަލޭގެފާނު، ރަސޫލުﷲ ޞައްލަﷲ އަލައިހިވަސައްލަމް ދުލެއް ނުކުރައްވައެވެ. އެއްގޮތް ނެތިއްޔާއި އަނެއްގޮތުންވެސް އެކަލޭގެފާނާއި ގާތްގުޅުމެއް ބޭއްވޭތޯ އުޅުއްވިއެވެ. އެހެންކަމުން ޒައިދުގެފާނު ޢިލްމު އުނގެނުމައްޓަކައި މަސަތްކަތްޕުޅު ކުރެއްވިއެވެ. އަދި އެވާހަކަ މަންމާފުޅު އައްނުވަރު ބިންތު މާލިކްގެ އަރިހުގައި ދަންނަވާ ސަތާރަ ސޫރަތް ހިތްޕުޅުން ދަސްކޮށް ރަސޫލުﷲ ޞައްލަﷲ އަލައިހިވަސައްލަމްގެ އަރިއަހަށް ވަޑައިގަތެވެ. އިތުރު އެކަލޭގެފާނުން ޒައިދުގެފާނު ހިތްޕުޅުން ދަސްކުރެއްވި ބައެއް ސޫރަތްތައް ކިޔަވާ އަޑުއެއްސެވިއެވެ. ޒައިދުގެފާނުގެ ކިޔެވުމުގެ ރިވެތިކަމާއި ހުއްޓުންތަކާއި މަޑުކޮށްލުންތަކުން ޒައިދުގެފާނަށް އެސޫރަތްތައް ރަނގަޅަށް އެނގިލައްވާ ކަމަށްޓަކައި ރަސޫލުﷲ ޞައްލަﷲ އަލައިހިވަސައްލަމް ވަރަށް ހިތްޕުޅާހަމަކުރެއްވިއެވެ.

ޒައިދުގެފާނު ވެވަޑައިގަތީ ރަސޫލުﷲ ޞައްލަﷲ އަލައިހިވަސައްލަމްއާއި އެހެން ބަސްބަހުން ވާހަކަދައްކައި އުޅޭ ޤައުމުތަކުގެ މީހުންނާމެދު މުޢާމަލާތުކޮށްދޭނޭ މަގަކަށެވެ. ﷲގެ ރަސޫލާ ޞައްލަﷲ އަލައިހިވަސައްލަމްގެ އެދިވަޑައިގަތުމަށް އެކަލޭގެފާނު އެހެން ބަސްބަސް އުނގެނިވަޑައިގަތެވެ. އެކަލޭގެފާނު ވެވަޑައިގަތީ ޤުރުއާން ލިޔުއްވާ ބޭކަލުންގެ ލިސްޓުގައެވެ. ކޮންމެ ބާއްވައިލުމަކާއި އޭގެ ޙާދިސާތަކާއި ތަފްސީލު ދެނެވަޑައިގަންނަވާ ޢިލްމުވެރިއެއްގެ ގޮތުގައެވެ.

އިސްލާމީ އުންމަތައް ޒައިދުގެފާނު ކޮށްދެއްވާފައިވާ ޚިދުމަތްތަކަށް އަޅުގަނޑުމެން ދަރަނިވެރިވެފައިވާވަރު އިންތިހާއަށް ބޮޑެވެ. ޔަމާމާ ހަނގުރާމައިގައި ވަރަށް ގިނަޢަދަދެއްގެ ޤުރުއާން ހިތުދަސް އަޞްޙާބު ބޭކަލުންތަކެއް ޝަހީދުވުމާއި ގުޅިގެން ޢުމަރުގެފާނުގެ އެދިލެއްވުމަށް ޚަލީފާ އަބޫބަކުރު އައް ޞިއްދީޤު ޒައިދުގެފާނު އެކަމަށް އިސްކުރައްވައި ވިދާޅުވިއެވެ. "ކަލޭގެފާނަކީ ވިސްނުންފުޅު ތޫނު ތިމަން ކަލޭގެފާނުމެނަށް އިތުބާރުކުރެވޭ (ދޮގު ނުހައްދަވާނެ، އަދި ހަނދުމަނެތިވެ ނުދާނެކަމަށް) ބޭކަލެކެވެ........."
ޒައިދުގެފާނު އެކަމުގެ ބޮޑުކަމަށްޓަކައި ފަހުން ވިދާޅުވިއެވެ. "ތިމަންކަލޭގެފާނުގެ އަރިހުގައި ފަރުބަދައިގެ އެއްކޮޅުގައި ހިފަން ބުނިކަމުގައިވީނަމަވެސް މިކަމަށްވުރެން ތިމަންކަލޭގެފާނަށް އެކަން ފަސޭހަފުޅުވީހެވެ." އެކަލޭގެފާނުގެ ފަރުވާތެރިކަމާއި ކެތްތެރި ވިސްނުންތެރި މަސަތްކަތްޕުޅުން ޤުރުއާނުން އޮޅިގެން، ނޫނީ ނޭންގިގެން ނޫނީ އެނޫންވެސް އެހެން ސަބަބަކާއިހުރެ ނުކުތާއެއްގެ މިންވަރުވެސް މަދުވިޔަނުދީ އެއްކޮށް ﷲއެ ބާއްވައިލެއްވި ގޮތަށް ލިޔެދެއްވިއެވެ. އުޘްމާންގެފާނުގެ ޚަލީފާކަމުގައި އުއްމުލް މުއުމިނީން ޙަފްސަތު ގެފާނުންގެ އަތްޕުޅުން ކުރިން ލިޔެވުން ޤުރުއާން ހޯއްދަވައި އަލުން ޒައިދުގެފާނުގެ ބެއްލެވުމުގެ ދަށުން އިތުރު ކޮޕީތަކެއް ލިޔެވުނެވެ.

ޒައިދުގެފާނާއި ބެހޭގޮތުން ޢުމަރުގެފާނު ވިދާޅުވިއެވެ. "ތިޔަބައިމީހުންކުރެ މީހަކުގެ ހިތުގައި ޤުރުއާނާއިމެދު ސުވާލެއް އޮވެއްޖެނަމަ، ޒައިދު ބިން ޘާބިތު ކުރެން އޮޅުންފިލުވާށެވެ". ޒައިދުގެފާނު އަވަހާރަވީދުވަހު އަބޫހުރައިރާ ވިދާޅުވިއެވެ. "މިއަދު، މިއުންމަތުގެ ޢިލްމުވެރިޔާ އަވަހާރަވެއްޖެއެވެ."

މުޅިވާހަކައިން ދޭހަވީ ކޮންއެއްޗެއްތޯއެވެ؟ ތިމާ އެއްކަމަކުން ވިދާލާފަދަ ޤާބިލިއްޔަތުކަމެއް ނެތަސް އަނެއްކަމަކުންވެސް އެފަދަ ދެވަނައެއްނުވާ ޤާބިލްކަމެއްވެސް ލިބިދާނެކަމެވެ. އޮތްހާވެސް ކަމަކީ ހިތްވަރުކޮށްލުމެވެ.

ގުޅުންހުރި

2 ޚިޔާލު

  1. އެއްވެސް ރިފަރެންސެއްނެތް. ވަރަށް ދެރަ. މިފަދަ ދީނީ ޙާދިޘާތައް ވެސް ލިޔާއިރު އޭގެ ރިފަރެންސް ޖަހަންޖެހޭނެ. ސޯ ނެކްސަޓްޓައިމް.

  2. ވ.އިބްރަތްތެރި

Your email address will not be published. Required fields are marked *

More in ވާހަކަ