ޝައިޚް ހަވާޖް ތަރީން ދަރުހެއްގައި ވިދާޅުވެދެއްވި ވާހަކައެކެވެ. ޝައިޚް ވިދާޅުވިއެވެ: "އެމީހެއްގެ ކިބައިގައި ﷲ އަށް ތަޤުވަވެރިކަން ވާކަމުގައި ވާނަމަ ﷲ އޭނާގެ ކަންތައްތައް ފަސޭހަ ކޮށްދެއްވާ ހުއްޓެވެ." އެހެނީ ﷲ ސުބުޙާނަހޫ ވަތަޢާލާ ކީރިތި ޤުރުއާނުގެ މޫރިތި އާޔަތެއްގައި ވަޙީ ކުރަށްވާފައި ވެއެވެ. وَمَن يَتَّقِ اللَّـهَ يَجْعَل لَّهُ مَخْرَجًا ﴿سورة الطلاق-٢﴾ މާނަ: "އަދި اللَّه އަށް تقوى ވެރިވާމީހާ (ދަންނާށެވެ!) އެއިލާހު، އޭނާއަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ." ވާހަކަޔާއިގެން ކުރިއަށް ދަމާ ތޯއެވެ!
ތަންކޮޅެއް ކުރީގެ ޒަމާނެއްގައި ޙާތިމް އަލް އަސަމޭ ކިޔުނު މީހެއް އުޅުނެވެ. އޭނާ އޭނާގެ އާއިލާގެ މެމްބަރުންގެ ގާތުގައި އެއްދުވަހަކު ބުންޏެވެ. އަހަރެން ހައްޖަށް ދާން ބޭނުމެވެ. އެޒަމާނަކީ މިއަދު ފަދައިން ފަސޭހަ ކަމާއެކު ހައްޖުގެ އަޅުކަން ކުރެވޭ ޒަމާނެއް ނޫނެވެ. ޙައްޖަށް ދިއުމަށްޓަކައި އެތައް ދުވަހެއް ގެ ދިގު އަދި ބިރުވެރި ދަތުރެއް ކުރަން ޖެހެއެވެ. ޙައްޖުން އެނބުރި އައުން ވެސް ހަމަ އެހެންނެވެ. އަދި ޙައްޖުގެ އުނދަގޫ ކަމާއި އާއިލާއާއި ވަކިވެގެންދާ މުއްދަތު ދިގުވުމުގެ އިތުރުން، ޙައްޖުގެ ތެރޭގައި ހިނގާފާނެ ޙާދިޘާއެއްގެ ސަބަބުން، އެޒަމާނުގައި ޙައްޖަށް ފުރާ މީހަކަށް އަލްވަދާޢު ކިޔަނީ އަނބުރާ ނުފެނިދާނެ ކަމަށްވެސް ދެކިގެންނެވެ.
ކޮންމެއަކަސް މި ބޮޑު ދަތުރަށް ދިއުމަށް ގަސްދު ކުރާ ކަމުގެ ޚަބަރު އާއިލާއަށް ދެމުން ޙާތިމް ބުންޏެވެ: "އަހަރެން މިއަހަރު ޙައްޖަށް ދާން ގަސްދު ކުރަމެވެ. ނަމަވެސް އަހަރެން ނެތި ދާ މުއްދަތަށް، އާއިލާގެ މެމްބަރުން ދިރިއުޅުމަށްޓަކައި ޚަރަދުކުރާނެ ހައި ތަނަވަސްކަމެއް އަހަރެންގެ އަތަކު ނެތެވެ." އެހިނދު ޙާތިމްގެ އަނބިމީހާ ބުންޏެވެ: "ތިބާ އަށް އެވަރުގެ ތަނަވަސްކަމެއް ލިބެންދެން ޙައްޖު ދަތުރު ފަސްކޮށްލަން ވީ ނޫންހެއްޔެވެ." އަނބިމީހާ މިހެން ބުނި ނަމަވެސް ޙާތިމްގެ އަންހެން ދަރިފުޅު، އޭނާގެ ބައްޕަ އަށް ގޮވާލާފައި ބުންޏެވެ. "ބައްޕާއެވެ! إِنَّ اللَّـهَ هُوَ الرَّزَّاقُ ذُو الْقُوَّةِ الْمَتِينُ ﴿ سورة الذاريات-٥٨﴾ މާނަ: " ހަމަކަށަވަރުން، اللَّه އީ ރިދުޤު ދެއްވާ، ބާރުވެރިވަންތަ ގަދަފަދަވަންތަ އިލާހެވެ." ﷲއަހަރެމެންނަށް ރިޒުޤު ދެއްވާނެތެވެ. ބައްޕަ ޙައްޖަށް ދުރުވާށެވެ."
ދަރިފުޅުގެ މި ހިތްވަރުގަދަ ބަސްކޮޅުން ހިތްވަރު ލިބިގަނެ ޙާތިމް އެއަހަރު ޙައްޖަށް ފުރިއެވެ. ޙާތިމް ފުރިތާ ހަފްތާތަކެއް ފާއިތުވި ފަހުން އެއާއިލާގެ މެމްބަރުންނަށްޓަކައި ޙާތިމް ދޫކޮށްފަ ދިޔަ ތަކެތި ހުސްވެ، އާއިލާއަށް ހައިހޫނުކަން ޖެހެން ފަށައިފިއެވެ. އެހިސާބުން އާއިލާގެ އެހެން މެމްބަރުން ޙާތިމްގެ ތަޤުވާވެރި ދަރިފުޅަށް ނުރުހުމުގެ ބަސްތައް ރައްދު ކުރަންފެށިއެވެ.
އެހިނދު މި އަޅުވެރި އަންހެން ކުއްޖާ އެގޭގެ އެތެރޭ ކޮޓަރިއަށް ވަދެ ދެއަތް އުފުލާ ﷲއަށް ދުޢާ ކުރަން ފެށިއެވެ. اللهم أنت قلت و قولك الحق މާނަ: "ޔާ ﷲ، އިބައިލާހު ވަނީ މިފަދައިން ވަޙީ ކުރަށްވާފައެވެ. އަދި އިބަ އިލާހުގެ ވަޙީބަސްފުޅަކީ ޙައްޤު ބަސްފުޅެވެ." وَمَن يَتَّقِ اللَّـهَ يَجْعَل لَّهُ مَخْرَجًا ﴿سورة الطلاق-٢﴾ މާނަ: "އަދި اللَّه އަށް تقوى ވެރިވާމީހާ (ދަންނާށެވެ!) އެއިލާހު، އޭނާޔަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ." وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ ۚ ﴿ سورة الطلاق-٣﴾ މާނަ: " އަދި ހީވެސްނުކުރާފަދަ ގޮތްގޮތުން އެއިލާހު އޭނާޔަށް رزق ދެއްވާނެތެވެ."
އެކުއްޖާ މިފަދައިން ދުޢާ ކޮށް ކޮށް އިންދާ އެގޭގެ ދޮރުގައި މީހަކު ޓަކި ޖެހި އަޑު އިވިއްޖެއެވެ. އެހިނދު އެ ކުއްޖާ އަވަހަށް ގޮސް ގޭގެ ދޮރު ހުޅުވާލިހިނދު ފެނުނީ އެއަވަށުގެ ޤަވަރުނަރުގެ ފާރަވެރިއެއް ދޮރު ކައިރީގައި ހުއްޓައެވެ. ފާރަވެރިޔާ އެކުއްޖާއަށް ބުންޏެވެ: "މި އަވަށުގެ ޤަވަރުނަރު މިމަގުން ލާފައި ދަތުރުފުޅު ކުރައްވަނީއެވެ. ޤަވަރުނަރު ވަނީ ވަރަށް ބޮޑަށް ބެންބޮވައިގަނެ ކަރު ހިއްކައިގެންފައެވެ. މިގެއިން ފެންފޮދެއް ލިބިދާނެ ހެއްޔެވެ." އެހިނދު އެކުއްޖާ ގޭތެރެއަށްވަދެ ރީތި ކަންވާރެއްގައި ޤަވަރުނަރަށް ދިނުމަށްޓަކައި ފެންގެނެސް، ފާރަވެރިޔާ އާ ޙަވާލު ކުރިއެވެ. ފާރަވެރިޔާ އެ ފެން ކަންވާރު ޤަވަރުނަރާ ޙަވާލު ކުރުމާއެކު އެއިން ބުއިމުން، ކަރު ހިއްކުން ފިލައި ޤަވަރުނަރަށް ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބުނެވެ. އަދި ޤަވަރުނަރު ފާރަވެރިޔާއާ ސުވާލު ކޮށްލިއެވެ: "މި ފެންކަންވާރު އަހަންނަށް މި ދިނީ ކޮން ގެއަކުން ހެއްޔެވެ؟" އެހިނދު ފާރަވެރިޔާ ބުންޏެވެ: "އެއީ ޙާތިމްގެ ގެއިން ލިބުނު ފެން ފޮދެކެވެ." އެވަގުތު ޤަވަރުނަރު އަހާލިއެވެ: "މަޝްހޫރު ޙަތީމް ހެއްޔެވެ؟ އެހެންކަމުގައި ވާނަމަ އަހަރެމެން އޭނާއަށް ސަލާމް ގޮވާލަން ވާނެއެވެ". އެހިނދު ފާރަވެރިޔާ ބުންޏެވެ: "ނޫނެކެވެ. ނޭނާއަށް ސަލާމެއް ނުބުނެވޭނެއެވެ. އޭނާ ވަނީ ޙައްޖު ވުމަށްޓަކައި ފުރައިފައެވެ." ފާރަވެރިޔާ މިހެން ބުނުމާއެކު ޤަވަރުނަރު ބުންޏެވެ: "އެހެންވިއްޔާ ޙާތިމްގެ އާއިލާގެ ކަންކަން ބެލެހެއްޓުމަކީ އަހަރެމެން ކުރަންޖެހޭނޭ ކަމެކެވެ." މިހެން ބުނުމަށްފަހު ޤަވަރުނަރު އޭނާގެ ޖީބުން ފައިސާ ކޮތަޅެއް ނެގުމަށްފަހު ޙާތިމްގެ ގެއަށް އެފައިސާ ކޮތަޅު އެއްލާލި އެވެ. އަދި ޤަވަރުނަރުގެ ވަފުދުގައި ތިބި އެހެން މީހުންނާ މުޚާޠަބުކޮށް ބުންޏެވެ: "އަހަރެން ދެކެ ލޯބިވާ މީހެއް މިތާގައި ވާނަމަ އަހަރެން މި ކަންތައް ކުރި ފަދައިން ކަންތައް ކުރާށެވެ." ޤަވަރުނަރު މިހެން ބުނުމާއެކު އެވަފުދުގައި ތިބި އެންމެން އެމީހުންގެ އަތުގައި ވީ ފައިސާ ކޮތަޅުތައް ޙާތިމްގެ ގެއަށް އުކަން ފަށައިފިއެވެ.
އާދެ މިއީ އަންހެން ކުއްޖެއްގެ ތަޤުވާވެރި ކަމުގެ ސަބަބުން ﷲ އެކުއްޖާގެ އާއިލާ، ފަޤީރު ކަމާއި ހައި ހޫނު ކަމުން ސަލާމަތް ކޮށްދެއްވި ވާހަކައެވެ.















ޚިޔާލު