ވާހަކަ

ޓޯނީ ބްލޭޔާގެ އަންހެން ކޮއްކޮ އިސްލާމްވީ ޙާދިޘާ

ދުނިޔޭގެ އެތަންމިތާގައި ވާ އެތައް މުސްލިމުންތަކަކަށް ބޮޑެތި ހިތްދަތިކަންތަކެއް ވެރިކުރުވި އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ޓޯނީ ބްލޭޔާ ގެ އަންހެން ކޮއްކޮ ސާރާ ޖޭން އަކީ ހީވާގި ނޫސްވެރިއެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދިޔަ ޤަތުލް ޢާންމު ތަކާއި އަނިޔާވެރި ހަނގުރާމަ ތަކާއި ދެކޮޅަށް ފާޅުގައި މަސައްކަތްކުރަމުން ދިޔަ އެކްޓިވިސްޓެކެވެ. އެކަމަނާގެ ބޭބެގެ ސަރުކާރުން ވެސް ބައިވެރިވުންވާ އިރާޤު ހަނގުރާމަ ފަދަ އަނިޔާވެރި ޢަމަލުތައް ހުއްޓުވުމަށްޓަކައި ވަކާލާތުކުރި ކެރޭ ޒުވާނެކެވެ.

ނަމަވެސް މިހުރިހާ ކަމަކާއެކުވެސް، ކްރިސްޓިއަން ދީނުގެ އާއިލާއަކަށް އުފަން ސާރާއަށް ދިރިއުޅުމުގައި ހިތްހަމަޖެހުމެއް ނުލިބެއެވެ. އިންސާނިއްޔަތަށްޓަކައި ކުރަމުންދިޔަ އެކި އެކި ޙަރަކާތްތަކުގެ ސަބަބުން ދުނިޔޭގެ އެތަންމިތާނގައިވާ އެތައް ބަޔަކަށް އުންމީދު ތަކެއް އާވަމުން ދިޔަނަމަވެސް ސާރާގެ ޙަޔާތުގައި ކަމެއް މަދުވެއެވެ. ސިނގިރޭޓު ބުއިމާއި ރާބޮއެ މަސްތުވުމަކީ މި ނުތަނަވަސްކަމުން ދުރުވެގަތުމަށް ސާރާ ބޭނުންކުރި ވަސީލަތެވެ. މި ނުތަނަވަސްކަމަށް ޙައްލެއް ލިއްބައިދީ، ސާރާގެ ޙަޔާތުގައިވީ އަނދިރިކަމަށް އަލިކަމެއް ގެނުވައިދިނީ އިސްލާމް ދީނެވެ. ސާރާ އިސްލާމް ވުމަށް މެދުވެރި ކުރުވީ ކޮން ކަމެއް ތޯއެވެ؟

އިންސާނީ ޚިދުމަތުގައި އުޅެމުންދިޔައިރު އެކި އެކި ޤައުމުތަކުގައި ހަނގުރާމަތަކުގެ ހިޔަނީގައި ހަލާކުވަމުން ދިޔަ އާއިލާތަކުގެ ޙާލު ބަލައި ހެދުމަށް އެކި ޤައުމުތަކަށް ސާރަ ދަތުރު ކުރިއެވެ. އެގޮތުން މުސްލިމުންގެ ފަޚުރުވެރި ތާރީޚެއް އޮތް، އަދި އެބިމަކުން އެތައް ނަބިއްޔުންނަކާއި އެތައް ޢިލްމުވެރިންނެއް ފާޅުވި މުސްލިމުންގެ ފުރަތަމަ ޤިބުލަ އަދި ތިން ވަނަ ޙަރަމް ކަމަށް ވާ މަސްޖިދުލް އަޤްޞާ އެބިމެއްގައި ވާ ފަލަސްޠީނަށް ވެސް ސާރާ ދަތުރު ކުރިއެވެ. ފަލަސްޠީނުގައި އިޒްރޭލުގެ ލާއިންސާނީ، އަނިޔާވެރިކަމުގައި ބިކަވެ ހަލާކުވަމުންދާ އާއިލާތަކުގެ ޙާލަތު ބެލުމަށް އެތަށް ތަނަކަށް ސާރާ ދަތުރު ކުރިއެވެ.

އެގޮތުން ކުރެވުނު ދަތުރެއްގައި ފިނިމޫސުމުމުގެ ފިނިގަދަ ދުވަހެއްގެ ހަވީރުގެ ވަޤުތެއްގައި ފަލަސްޠީނުގެ އަވަށެއްގައި ސާރާ ހިނގަމުން ދިޔައެވެ. ފިނިން ސަލާމަތް ވުމަށްޓަކައި ގެންގުޅުނު ފިނި-ކޯޓު ގެއްލިފައި ވުމުން ސާރާ ދިޔައީ އިންތިހާއަށް ފިނީގެ އުނދަގޫ ތަޙައްމަލު ކުރަމުންނެވެ. އެހެން ހުއްޓާ މުސްކުޅި އަންހެނެއް ސާރާ ގާތަށް އައިސް އޭނާގެ ގެއަށް ވަނުމަށް އެދުނެވެ. އެއީ ގޭތެރޭގެ ހޫނުކަމާއި އަރާމުކަން ސާރާއަށް އިޙުސާސް ވިޔަ ދިނުމަށެވެ. އަދި ދެވެން އޮތް މެހުމާންދާރީއެއް ވެ ދިނުމަށެވެ. ދީނަކަށް ކުލައަކަށް ނަސްލަކަށް ބެލުމެއްނެތި، އެއަންހެން މީހާ ސާރާ ގެ އަތުގައި ހިފައިގެން ގޮސް އޭނާގެ ގެއަށް ވަނެވެ. މިފަދަ ކަމެއް ސާރާގެ ޙަޔާތުގައި ދުވަހަކުވެސް ދިމާވެފައެއް ނުވެއެވެ. މުސްލިމުންގެ އަޅާލުމާއި، މެހުމާންދާރީއާއި ރީތި އާދަ ތަކުން ސާރާއަށް އެތައް ގިނަގުނަ ފިލާވަޅުތަކެއް ލިބުނެވެ.

ދެހާސް އަށްވަނަ އަހަރު ސާރާ އަނެއްކާވެސް ފަލަސްޠީނަށް ދަތުރެއް ކުރިއެވެ. އަދި މިދަތުރުގައިވެސް ކުރީދަތުރުގައި ދިމާވި ފަދަ ކަމެއް ސާރާ އަށް ކުރިމަތި ވިއެވެ. ނަމަވެސް މި ދަތުރުގައި ދިމާވި ޙާދިޘާގެ ނަތީޖާ ފޮނިވެފައި ސާރާގެ މުޅި ދިރިއުޅުން ބަދަލު ކޮށްލިއެވެ. މި ދަތުރުގައި ސާރާ، ފަލަސްޠީނުގެ އަވަށެއެއްގައި ވީ ކުޑަ ގެއެއްގެ ދޮރުގައި ޓަކި ޖެހި އެވެ. އިކޮޅަކުން އެގޭގެ މަންމަ ދޮރު ހުޅުވާލާފައި ވަރަށް ބޮޑު ހިނިތުން ވުމަކާއެކު އިސްލާމީ ރިވެތި ސަލާމުން ސަލާމް ގޮވާލިއެވެ. "السلام عليكم ورحمة الله وبركاته" އަދި ގެއަށް ވަނުމަށް ސާރާއަށް ދަޢުވަތު ދިނެވެ. ސާރާ ކިޔައިދިން ގޮތުގައި އެއަންހެންމީހާ، އޭނާ އެގެއަށް ވެއްދީ ތާޖް މަހަލަށް މީހަކު ވައްދާ ފަދަ ފުރިހަމަ އިސްތިޤްބާލަކާ އެކުއެވެ. ހީވި ކަހަލައެވެ. އެމަންމަ ދިރިއުޅުމެން ދިޔައީ މުޅި ދުނިޔޭގައިވެސް ވީ އެންމެ ރީތި އެންމެ ފުރިހަމަ ގޭގައެވެ. ނަމަވެސް އެގެއަށް ވަންތަކުން ސާރާއަށް ލިބުނީ ބޮޑު ޙައިރާން ކަމެކެވެ. އެގޭތެރޭގައި އެއްވެސް އެއްޗެއް ނެތެވެ. ތަޅުންގަނޑާއި، ފާރާއި ސީލިން އެވެ. ދެން އެ ގެއިން ފެންނަން އޮތީ ބިންމަތީގައި އަޅާފައި އޮތް ދޫލައެކެވެ. އެދޫލަމަތީގައި ދިހަމީހުންނަށް ރޯދަވީއްލުމަށް ތައްޔާރުކޮށްފައި ހުއްޓެވެ. ރޯދަވީއްލަން ހުރީ ކޮންއެއްޗެއްތޯއެވެ؟ މަޑުކުރި ސަނާމުގު އަޅާފަ ހުރި ތަށްޓަކާއި، ރޮށި އަޅާފަ ހުރި ތަށްޓަކާއި ސަޓަނި އަޅާފަ ހުރި ތަށްޓެކެވެ. މުޅި ދުވަހު ބަނޑަށް ތިބުމަށްފަހު ބަނޑުފުރާނަ މުއްތިކޮށްލަން މިމަންމަ އާއި އޭނާގެ އާއިލާއަށް ލިބިފައިވާ ކާއެތިކޮޅަކީ މިއީއެވެ.

ކެއުމުގައި އެމީހުންނާ ބައިވެރިވުމަށް އެގޭގެ މަންމަ ދިޔައީ ސާރާ ގާތު އެދެމުންނެވެ. ނަމަވެސް އެކެއުމާއި އެގޭގެ އަހުލުވެރިންގެ ޙާލަތަށް ބަލާފައި ސާރާއަށް އެކެއުމުގައި ބައިވެރިވާކަށް ނުކެރުނެވެ. އެހެންކަމުން ކެއުމުގައި ބައިވެރި ނުވާން ސާރާ ހިފަންފެށިއެވެ. ނަމަވެސް ގޭގެ މަންމަ މެދުކެނޑުމެއްނެތި އާދޭސް ކުރަމުން ދިޔައީ އެ ކެއުމުގައި ސާރާ ބައިވެރިވޭތޯއެވެ. އެމީހުންގެ މެހެމާނަކަށް ވީކަމަށްޓަކައި ވީހާވެސް ރަނގަޅަށް މެހުމާންދާރީ އަދާކުރެވޭތޯ އެގޭގެ އަހުލުވެރިން ބެލިއެވެ. ދެވެން އޮތް އެންމެ ގިނައަކަށް އޭނާ ސާރާއަށް ކާން ދިނެވެ. އަދި މިކަމުގެ ސަބަބުން ސާރާގެ ހިތުގައި އިސްލާމްދީނާއި ޤުރްއާނަށް ނަފްރަތަކާއި ރުޅިވެރިކަމުގެ ހުޅުގަނޑެއް ރޯވާން ފެށިއެވެ. އެއީ މިދީނާއި މިދީނުގެ ފޮތް ކަމަށް ވާ ޤުރްއާނުން، މިގޭގެ އަހުލުވެރިން ފަދަ ފަޤީރު، ބަނޑުހައި ހޫނުކަން ތަޙައްމަލު ކުރަމުން ދާ ބަޔަކަށް ތިރީސް ދުވަހު ރޯދައަށް ތިބުމަށް މަޖުބޫރު ކުރާތީއެވެ. އެޤުރްއާނުން މި ފަޤީރު އަންހެންމީހާއަށް ފެންބުއިން މަނާކޮށްފައި ވާ އިރު، އޭނާ އަބަދު ވެސް ބޮމުން ދިޔައީ ނުސާފު ފެނެވެ. މިފަދަ ދަތި ޙާލުގައި ވީ ބަޔަކަށް އެމީހުންގެ ދަތިކަން އިތުރުވާފަދަ ކަމެއް ކުރިމަތި ކުރުވާފައި ވީތީ ސާރާ، އިސްލާމް ދީން ދެކެ ރުޅިއައެވެ.

އެހިނދު ސާރާ އެމަންމަ ގާތު ބުނެލިއެވެ: " 'ތިބާ' ރަމަޟާން މަހު ރޯދަ ހިފަނީ ކީއްކުރަންތޯއެވެ؟ އޭގެ މަޤްސަދަކީ ކޮބައިތޯއެވެ؟ އޭގައި ތާކުންތާކު ޖެހޭ ސަބަބެއް ވާނަމަ ބަޔާން ކޮށްދެއްވަބަލާށެވެ." އެމަންމަ ޖެހިލުމެއްނެތި ސާރާއަށް ޖަވާބު ދިނެވެ: "އަހަރެން ރޯދަހިފަނީ އަހަންނަށް ވުރެ ފަޤީރުމީހުންގެ މަތިން ހަނދާން ކުރާށެވެ." މި ޖަވާބުން ސާރާއަށް ޝޮކެއް ލިބުނު ކަހަލައެވެ. މި މަންމަ، ދުނިޔެއިން އޭނާއަށް އެއްވެސް އެއްޗެއް ލިބިފައި ނުވާ ޙާލު، އޭނާގެ ހިތް ތިރިކުރަމުން ދިޔައީ އޭނާއަށްވުރެ ފަޤީރުކަމުގައި، އޭނާއަށްވުރެ ދަތި ޙާލުގައި އުޅެމުންދާ މިހުންގެ މަތިން ހަނދާން ކުރުމަށެވެ. ހަމައެކަނި ވޭނާއި ހިތްދަތިކަން މިދުނިޔޭގައި ތަޙައްމަލު ކުރަމުން ދާ މީހެއް އޭނާގެ ވެރި އިލާހަށް ޙަމްދާއި ޝުކުރުކޮށް އޭނާއަށް ވުރެ ދަތި ޙާލުގައި އުޅޭ މީހުންގެ މަތިން ހަނދާން ކުރުމަށްޓަކައި މުޅި ދުވާލު އެއްކޮށް ބަނޑަށް އެއްވެސް އެއްޗެއް ނާޅައި ހުންނަ ހުރުން ވެގެންދިޔައީ، ސާރާ އަށް ދުވަހަކު ޚިޔާލަށް ވެސް ގެނެވިފައި ނުވާފަދަ ކަމަކަށެވެ. އެވަޤުތު ސާރާ ހިތަށް އެރިއެވެ. މިއީ އިސްލާމް ދީން ކަމަށްވާނަމަ އަހަރެން މުސްލިމަކަށް ވާން ބޭނުމެވެ.

އަޘަރުންފުރިފައިވާ މި ޙާދިޘާޢަށް ފަހު ސާރާ އިސްލާމް ދީން ޤަބޫލުކޮށް، އޭނާގެ އިންސާނީ ޚިދުމަތުގައި ކުރިއަށް ދިޔައެވެ. އަދި އަލަށް އިސްލާމްވާ އަންހެނުންނަށް ހިޔާވަހިކަމާއި އެކިއެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ގަދައަޅާ މަސައްކަތް ކުރަން ފެށިއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ވާހަކަ