ބިލާލް ބިން އަބީބުރްދާ ޖަލުން ފިލުމަށްޓަކައި ޙީލަތްތެރި ރޭވުމެއް ރޭވިއެވެ. އޭނާ ޖަލުބަލަހައްޓަން ހުރި މިހާއަށް ބުންޏެވެ. އަހަރެން، ކަލެއަށް ދިހަހާސް ދިރުހަމު (ރިޝްވަތުގެ ގޮތުގައި) ދޭނަމެވެ. ކަލޭގޮސް އަހަރެން މަރުވެއްޖެކަމަށް ޙައްޖާޖު ކައިރީގައި ބުނާށެވެ.
ކޮންމެއަކަސް ދެމީހުން މިގޮތަށް އެއްބަސްވުމަށްފަހު ޖަލުބަލަހައްޓާ މީހާ، މައްޔިތުންގެ ލިސްޓުގައި ބިލާލްގެ ނަން ހިމަނައިގެން ގޮސް ހައްޖާޖަށް ހުށައެޅިއެވެ. ޙައްޖާޖަށް އެލިސްޓުން ބިލާލްގެ ނަން ފެނުމުން ބުންޏެވެ. މިފަދަ މީހަކު ތިމަން ރަގަޅަށް ބަލައި ޗެކްކުރުމަށްފަހު ނޫނީ ދުލެއްނުކުރެވޭނެއެވެ. ގޮސް އޭނާގެ ހަށިގަނޑު ގެންނާށެވެ.
ޖަލުބަލަހައްޓާ މީހާ، ބިލާލްގެ ކައިރިއަށް އެނބުރިގޮސް ބުންނެވެ. ކަލޭ ވަޞިއްޔަތެއް ކުރަން ބޭނުންނަމަ އަވަހަށް ކުރާށެވެ.
ބިލާލް ސުވާލުކުރިއެވެ. ޚަބަރަކީ ކޮބައިހެއްޔެވެ؟
ޖަލުބަލަހައްޓާ މީހާ ޖަވާބުދިނެވެ. ކަލޭގެ ނަން މައްޔިތުންގެ ލިސްޓުގައި ހިމަނައިގެން ގޮސް ޙައްޖާޖުގެ އަތަށް ދިނުމުން އޭނާ ބުނީ މިހެން މިހެންނެވެ. އެހެންކަމުން ކަލޭ މައްޔިތެއްގެ ގޮތުގައި އޭނާގެ ކުރިމައްޗަށް ޙާޟިރުނުކޮފިނަމަ، އަހަރެން ހެދީ މަކަރެއްކަން ޙައްޖާޖަށް އެނގޭނެއެވެ. އަދި އެކަމުގެ އަދަބެއްގެ ގޮތުގައި އަހަރެން ޤަަތުލުކޮށްލާނެއެވެ. އެހެންކަމުން ކަލޭ މަރައިލުން ނޫން އެހެން ގޮތެއް އަހުރެންނަކަށް ނެތެވެ.
ބިލާލް އެހެން ނެހެދުމަށް އެދި ވަރަށް ރޮއި އާދޭސްކުރިއެވެ. ނަމަވެސް އެނޫންގޮތެއް ޖަލު ބަލަހައްޓާ މީހާއަކަށްވެސް ނެތެވެ. އެހެންކަމުން ، ބިލާލްގެ ކަރުގައި ހިފައި ނޭވާ ހާސްކޮށްލައިގެން އޭނާ މަރައިލިއެވެ. ދެން އެއަށްފަހު ޙައްޖާޖުގެ ކައިރިއަށް އޭނާގެ މަސްގަނޑު ގެންދިޔައެވެ. ޙައްޖާޖަށް ޤައިދީ މަރުވެފައިވާތަން ފެނުމުން މައްޔިތާ، އޭނާގެ ޢާއިލާ އާއި ޙަވާލުކުރިއެވެ. އެއަށްފަހު މީސްތަކުންގެ ދޫމަތީ މިބަސް ޢާންމުވިއެވެ. "ހަމަކަށަވަރުން ބިލާލް ބިން އަބީބުރްދާ، ދިހަހާސް ދިރުހަމަށް އޭނާގެ މަރު ގަތެވެ. އަދި އޭނާގެ މަކަރު އެނބުރި ރުޖޫޢަވީ އޭނާގެ މައްްޗަށެވެ." (نوادر من التاريخ: 1/105 ، تأليف: صالح محمد الزمّام)
_________________________________________________-
މަޞްދަރު : ސުންހެރޭ ޙުރޫފް / ޢަބްދުލްމާލިކް މުޖާހިދް















ޚިޔާލު