ވާހަކަ

ނަޞާރާދީނުގެ ފާދިރީއަކު އިސްލާމްވީ ގޮތުގެ ވާހަކަ

ފާދިރީއެއްގެ ގޮތުގައި އަހަރެން އުޅެމުން އައީ ވަރަށް އުފަލުގައެވެ. މީސްތަކުންނަށް އެހީވުމަކީ އަހަރެން އަބަދުވެސް ކުރާ ހިތްވާ ކަމެކެވެ. ނަމަވެސް ޙަޤީގަތުގައި އަހަރެން ގެ ޟަމީރު ހިތާމަކުރާ ކަމެއް އޮވެއެވެ. ކޮންމެވެސް ކަމެއް ނުބައިކޮށް ހިނަގާ ކަމަށް އަހަންނަށް އިޙުސާސްވާކަހަލައެވެ. ނަމަވެސް މިއަދު ﷲ ގެ އިރާދަފުޅާއި މިންވަރުފުޅުން އަދި ޙަޔާތުގައި ތަޖުރިބާ ކުރެވުނު ބައެއް ކަންތައްތަކަކާއެކު، އަހަންނަށް މިވަނީ އިސްލާމްދީނުގެ ހިދާޔަތް ލިބިފައެވެ.

އަހަންނަށް ހީވެފައި އޮންނަނީ މިޞްރަކީ އަހުރާމާއި، ޖަމަލާއި ކަދުރު ރުކަށް މަޝްހޫރު ޤައުކެއްކަމެވެ. މިޤައުމާ ބެހޭ މާގިނައެއްޗެއް އަހަންނަކަށް ނޭގެއެވެ. އަދި މިޞްރަށް ދިޔައިރު މުސްލިމުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާ ބެހޭ މާގިނައެއްޗެއް އަހަންނަކަށް ނޭގެއެވެ. އިނގިރޭސި ވިލާތުގަ ދިރިއުޅޭ އެހެން މީހެކޭވެސް އެއްފަދައިން، އިސްލާމް ދީނަކީ ޓެރަރިސްޓް ދީނެއްކަމަށް އަހަންނަށް އަބަދުމެ ޓީވީ އާއި އެހެނިހެންވެސް މީޑިޔާގެ ވަޞީލަތްތުން އަންގަމުންދިޔައެވެ. އެޔާއެކު، އަހަންނަސް އިޙުސާސް ވެފައޮތް ގޮތުންނަމަ، އިސްލާމްދީނަކީ ވަރަށް ނުރައްކާތެރި ދީނެކެވެ.

މިޞްރުގެ ޤާހިރާ އަށް ކުރި ދަތުރަކީ އަހަންނަށް މުސްލިމުންނާ ފުރަތަމަ ބައްދަލުވި ފަހަރެވެ. މުސްލިމުންގެ އާދަތަކާއި އުޅުމާއި ގުޅުންތަށް ފުރަތަމަ ތަޖުރިބާ ކުރެވުނު ފަހަރެވެ. އަޑު އިވިފައިވާ ގޮތާ ޚިލާފަށް އަހަންނަށް މުސްލިމުންގެ ކިބައިން ފެނުނީ ހިތްހެޔޮކަމާއި މަޑުމައިތިރިކަމާއި ލޯތްބާއި އަޅާލުމެވެ. ޤަބޫލުކުރާ ދީނީ އިޢުތިޤާދުގައި ހިފާފައިވާ ވަރުގަދަކަމެވެ. އިސްލާމް ދީނަކީ ކިހާ ރިވެތި ދީނެއްކަން އަހަންނަށް މި ދަތުރުން ހާމަވެގެން ދިޔައެވެ.

ޤާހިރާގެ މަގުމަތިން އަހަންނަށް ފެނުނު އެންމެ ޙައިރާން ކުރަނިވި މަންޡަރަކީ، އާދައިގެ ވިޔަފާރިވެރިންވެސް ނަމާދު ވަޤުތު ޖެހުމުން އެބައިމީހުންގެ ވިޔަފާރި ދޫކޮށް މިސްކިތަށް ނަމާދަށް ދާތަނެވެ. އެބައިމީހުން އަޅުކަންކުރާފަރާތަށް އެއޮންނަ އީމާންތެރިކަމާ މެދު އަހަރެން ޢާޖާއިބުވެއެވެ. އެމީހުން ނަމާދުކޮށް، ރޯދަހިފާހަދައެވެ. އަދި ކޮންމެމީހެއްގެ ވެސް ހުވަފެނެއް ކަމަށް ވެފައި ވަނީ ކޮންމެވެސް ދުވަހަކުން މައްކާގެ މާތް ބިމަށް ދިއުމެވެ. އަދި ޢާޚިރަތުގައި ސުވަރުގެ ޙާޞިލު ކުރުމަކީ އެބައިމީހުންގެ ދިރިއެޅުމުގެ ލަނޑުދަނޑިއެވެ.

އެނބުރި އިނގިރޭސި ވިލާތަށް އައުމަށްފަހު އަހަރެންގެ ވަޒީފާ ކަމަށްވާ "ދީން" ކިޔަވައިދޭން ފެށީމެވެ. މިމާއްދާއަކީ އިނގިރޭސިވިލާތުގެ ތަޢުލީމީ ނިޡާމުގައި އޮންނަ ހަމައެކަނި މަޖުބޫރު މާއްދާއެވެ. ނަޞާރާދީނާއި، ޔަހޫދީ ދީނާއި އިސްލާމް ދީނާއި ބުދު ދީނުގެ އިތުރުން އެހެން ދީންތަކާ ބެހޭ ގޮތުންވެސް އަހަރެން ކިޔަވައިދޭން ޖެހެއެވެ. ވީމާ ފިލާވަޅައް ތައްޔާރުވުމުގެ ގޮތުން ކޮންމެދުވަހަކުވެސް އަހަރެން މި ދީންތަކާ ބެހޭ އެކި އެކި މަޢުލޫމާތު ހޯދަން ޖެހެއެވެ. އަހަރެންގެ ދަރިވަރުންގެ ތެރޭގައި އަރަބި ރެފިއުޖީ ކުދިން ވަރަށް ގިނައެވެ. މިކުދިންނަށް ކިޔަވައިދިނުމުގެ ތެރެއިން އަހަންނަށް އިސްލާމްދީނާ ބެހޭ ވަރަށް ގިނަ މަޢުލޫމާތު ލިބެން ފެށިއެވެ.

އަހަންނަށް ފެނުނުތާނގައި ދޭސީ ނުސިޔާނު ކުދިންނާ ޚިލާފަށް މުސްލިމު ދަރިވަރުންނަކީ ވަރަށް ރިވެތި އަޚުލާޤެއްގެ ވެރި ބައެކެވެ. ވަރަށް ހިތްހެޔޮ ކިޔަމަންތެރި ދަރިވަރުން ތަކެކެވެ. ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް މުސްލިމު ދަރިވަރުންނާއި އަހަންނާ ދެމެދު އެކުވެރިކަމެއް އުފެދެންފެށިއެވެ. ބަސްއަހާ ކިޔަމަންތެރި އެންމެނާވެސް ގުޅޭ ދަރިވަރުން ތަކެއް ނަމަ، އެކުދިންނާ ގާތްގުޅުމެއް އުފެދެން ކޮންމެ މުދައްރިސަކުވެސް އެދޭނެތާއެވެ.

ރަމަޟާން މަސް އަހަރެންގެ މުސްލިމު ދަރިވަރުންނާ މަރުޙަބާ ކިޔައިފިއެވެ. އެއާއެކު އެކުދިން އަޅުކަމުގައި ކުރިއަށްވުރެ ބޮޑަށް ސީރިޔަސް ވާންފެށިއެވެ. އަދި ޖަމާޢަތުގައި ނަމާދުކުރުމަށް އަހަރެންގެ ކްލާސްރޫމް އެކުދިންނަށް ދިނުމަށް އަހަރެން ގާތު އެކުރިން އެދުނެވެ. ކާޕެޓް އެޅި ހަމައެކަނި ކުލާހަކީ އަހަރެންގެ ހުލާހެވެ، އެހެންވެ އަހަރެން އެކުދިންގެ އެއެދުމަށް ޢިޖާބަދީ، ކްލާސްރޫމުގައި ޖަމާޢަތުގައި ނަމާދުކުރުމަށް އެކުދިންނަށް ހުއްދަދިނީމެވެ. އެކުދިން ނަމާދުކުރާއިރު އަހަރެން ފަހަތުގައި ބަލަން އިނށީނދެ އިންނަމެވެ. އެއީ ވަރަށް ފުރިހަމަ އަދި އެހާމެ ރީތި މަންޡަރެކެވެ. އެކުދިންނަށް ރޯދަ ހިފާއިރު ކުރިމަތިވާނެ ދަތިތަކުން އަރައިގަތުމަށް ހިތްވަރު ދިނުމުގެ ނިޔަތުގައި އަހަރެން ވެސް އެކުދިންނާ އެކު ރޯދަހިފަން ފެށީމެވެ. ނަމަވެސް އޭރު އަހަންނަކީ އަދި މުސްލިމެއް ނޫނެވެ. އެހެން އުޅޭއިރު އަހަރެން ބައެއްފަހަރު ޤުރްއާނުގެ ތަރުޖަމާ ބަލާލަމެވެ. އެހެން ބަލަމުން ދަނިކޮށް އާޔަތެއް އަހަރެންގެ ލޮލުގައި އަޅައިގަތެވެ. އެއީ

وَإِذَا سَمِعُوا مَا أُنزِلَ إِلَى الرَّسُولِ تَرَىٰ أَعْيُنَهُمْ تَفِيضُ مِنَ الدَّمْعِ مِمَّا عَرَفُوا مِنَ الْحَقِّ ۖ يَقُولُونَ رَبَّنَا آمَنَّا فَاكْتُبْنَا مَعَ الشَّاهِدِينَ  ﴿سورة المائدة 83﴾

މާނަ: "އަދި رسول އާއަށް ބާވައިލެއްވި آية ތައް، އެއުރެން އަޑުއެހި ހިނދު، އެއުރެންނަށް حق ގޮތް އެނގުމުގެ ސަބަބުން، އެއުރެންގެ ލޯތައް ކަރުނައިންފުރި އޮހޭތަން، ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ. އެއުރެން ބުނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އަޅަމެން إيمان ވެއްޖައީމުއެވެ. ފަހެ، ހެކިވާ މީހުންގެ ތެރޭގައި އަޅަމެން ލިޔުއްވާނދޭވެ!"

މިއާޔަތް ކިޔާލެވުމާއެކު ނޭގުމުގެ ތެރެއިން އަހަރެންގެ ލޯ، ކަރުނައިން ތެމި ރޮވެން ފަށައިފިއެވެ. އެއާއެކު، މިކަރުނަތަށް ދަރިވަރުންނަށް ފޮރުވަން އަހަރެން މަސައްކަތް ކުރީމެވެ. ދެން އަހަރެންގެ ހިތުގައި އުފެދެންފެށި ސުވާލަކީ، ޓެރަރިސްޓުންގެ ޢަމަލުތަކަށް މުސްލިމުން ޒިންމާ ވާންވީ ކީއްވެގެންހެއްޔެވެ؟ މުސްލިމުންގެ ނަމުގައި އުޅޭ ޓެރަރިސްޓުންނެކޭ އެއްފަދައިން ޓެރަރިސްޓް ޢަމަލުތައް ހިންގާ ކްރިސްޓިއަނުންވެސް މަދެއްނޫނެވެ. އެހެންވިއްޔާ ކްރިސްޓިއަން ދީން ޓެރަރިސްޓް ދީނެއްގެ ގޮތުގައި ލޭބަލް ނުވަނީ ކީއްވެބާއެވެ؟ މިފަދަ އެތައް ސުވާލެއް އަހަރެންގެ ހިތަށް އަރަމުން ދެއެވެ.

އިސްލާމް ދީނަށް އަހަރެންގެ ހިތުގައި އުފެދެމުން އައި ޝަޢުޤުވެރިކަން ދިޔައީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އަދި އެދީނާ ބެހެ މަޢުލޫމާތު ހޯދަން އަހަރެން އަބަދުވެސް ވަނީ ފެންބޮވައިގަނެފައެވެ. އެގޮތުން އެއްދުވަހަކު ލަންޑަނުގަ ހުރި އެންމެ ބޮޑު މިސްކިތައް އަހަރެން ދިޔައީމެވެ. މުސްލިމުން އަޅުކަންކުރާ ގޮތް ބަލައިލާ، މިދީނާ ބެހޭ މަޢުލޫމާތު ހޯދާލުމަށެވެ. އެތަނުން އަހަންނަށް ޔޫސުފް އިސްލާމާ ބައްދަލުވިއެވެ. ޔޫސުފް އިސްލާމަކީ އިސްލާމީ ހިދާޔަތް ލިބުމުގެ ކުރިން މަޝްހޫރު ޕޮޕް ސްޓާރެކެވެ. އަހަރެން އޭނާޔާ ސުވާލުކޮށްލީމެވެ. މުސްލިމަކަށްވުމަށްފަހު ކުރަންޖެހޭ ކަންތައްތަކަކީ ކޮބައިތޯއެވެ؟ އޭނާ ޖަވާބުގައި ބުންޏެވެ. " މުސްލިމަކަށް ވުމަށް ވުމަށްޓަކައި ﷲ އަށް ފުރިހަމައަށް އީމާންވާން ޖެހެއެވެ. 5 ވަޤުތު ނަމާދު ކުރަން ޖެހެއެވެ. ރަމަޟާން މަހު ރޯދަހިފަން ޖެހެއެވެ...." އޭނާގެ ވާހަކަ މެދުކަނޑާލުމަށްފަހު އަހަރެންބުނީމެވެ. ތިހުރިހާ ކަމަކީ ވެސް އަހަރެން ޤަބޫލުކުރާ ކަންކަމެވެ. އަހަރެން ފާއިތުވި ރަމަޟާން މަހު ރޯދަވެސް ހިފީމެވެ.

އެހިނދު ޔޫސުފް ބުންޏެވެ. "އެހެންވިއްޔާ ތިބާ މުސްލިމަކަށް ވުމުން މަނާ ކުރަނީ ކޮން ކަމެއްތޯ؟"

އެހިނދު އަހަރެން ބުނެލީމެވެ. " ނޫނެކެވެ. އަހަރެން މުސްލިމަކަށް ވާކަށް ވާން ބޭނުމެއް ނޫނެވެ." އެވަޤުތު ދިމާވީ މީސްތަކުން ނަމާދުކުރަން ސަފުހަދަމުން ދިޔަ ވަޤުތާއެވެ. ޔޫސުފް ވެސް ނަމާދުގެ ޖަމާޢަތުގައި ބައިވެރިވުމަށް ހިނގައްޖެއެވެ. ޖަމާޢަތުގައި ނަމާދު ކުރެވެމުން ދިޔައިރު އަހަރެން ފަހަތުގައި ބަލަން އިނީމެވެ. އެރީތި އަޅުކަން ފެނި، އަހަންނަށް ގިސްލާފައި ރޮވެން ފެށިއެވެ. އަހަރެންގެ ހިތަށްއެރިއެވެ. އަހަރެން އޮޅުވާލަން މިއުޅެނީ ކާކަށް ހެއްޔެވެ؟ އެހެނީ އަހަރެން ޙަޤީޤަތުގައިވެސް މުސްލިމަކަށް ވާންބޭނުމެވެ. އިސްލާމްދީނާބެހޭގޮތުން އެނގޭ ކޮންމެއެއްޗަކަށް އަހަރެންގެ ހިތް ތަޢުރީފުކުރަމުން ދިޔައެވެ. އެދީން ދެކެ އަހަރެން ލޯބިވެއެވެ. މުސްލިމުންގެ ރީތި އުޅުމަށް އަހަރެން ވަރަށް ގަޔާވެއެވެ. ވީއިރު، އަހަރެން މުސްލިމަކަށް ނުވާންވީ ކީއްވެހެއްޔެވެ؟

ޖަމާޢަތުގެ ނަމާދު ނިމުމުން އަހަރެން ޔޫސުފް އިސްލާމް ގާތަށް ގޮސް މުސްލިމަކަށް ވުމަށްޓަކައި ހަދަންވީ ގޮތް އޮޅުންފިލުވީމެވެ. އަދި އަހަރެން މުސްލިމަކަށް ވާން ބޭނުންވާކަމާއި އެކަން އިޢުލާން ކުރަންވެސް ބޭނުންވާ ވާހަކަ ބުނީމެވެ. އަދި ޔޫސުފް އިސްލާމް، ޝަހާދަތުގެ ދެކަލިމައިގެ މާނަ ކިޔައިދިނުމަށް ފަހު އަހަންނަށް ޝަހާދަތް ލައިދިނެވެ. އެއާއެކު އަހަރެން ޝަހާދަތް ކިޔައި މުސްލިމަކަށް ވީމެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ވާހަކަ